ސުމާގެ ދަތުރު ސުމަކުން ފަށައިގެން ސަތޭކައަށް
ފާތުމަތު ސުމާ ފެށީ ސުމަކުންނެވެ. އަދި އެންމެ ފުރަތަމަ މި ދާއިރާއަށް ވަނުމުގެ ވިސްނުމެއް ވެސް އޭނާގެ ނެތެވެ. ކުޑައިރު އޭނާ ބޭނުންވީ 'ވެޓްރިނޭރިއަން' އަކަށް ވާށެވެ. އެކަމަކު އެންމެ ފަހުން އޭނާގެ ހިތް ބަންޑުންވީ ކެއްކުމުގެ ރަހަތަފާތު ދުނިޔެއަކަށެވެ. ވަކިން ހާއްސަކޮށް ޖަޕާނުގެ މުއްސަނދި ރަހަތަކާއި ކުލަތަކުގެެ ތެރެއަށެވެ.
ދައުރު ނޫހާ ގުޅިގެން 'ދިރާގު' އިން މި ރޯދަ މަހަށް ހާއްސަކޮށްގެން ގެނެސްދޭ ފުރަތަމަ ވީޑިއޯ ޕްރޮފައިލްގައި މި ގެނެސްދެނީ މާލޭގެ "ސޫޝީޒޫ"ގައި ޓެޕަންޔާކީ ޝެފެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ޒުވާން ޝެފް ސުމާ އެވެ.
މެލޭޝިއާގެ ޓެއިލާސް ޔުނިވާސިޓީން ކަލިނަރީ މެނޭޖުމަންޓް ޑިގްރީއެއް ހާސިލުކޮށްފައިވާ ސުމާގެ މި ދަތުރު އޭނާ ފެށީ އަސްލަށް ވެސް ސުމަކުންނެވެ. އޭނާ ބުނީ ޖަޕަނީސް ބަދިގެއަށް ތަމްރީނުގެ ރަހަތަކަށް ހިތްބަންޑުންވީ ކިޔަވަން އުޅުނުއިރު އިންޓާންޝިޕް ޕްރޮގްރާމް ފުރިހަމަކުރަން ކުއާލަލަމްޕޫރުގެ ބަންޔަންޓްރީ ހޮޓެލްގައި ލިބުނު ތަޖުރިބާގެ ތެރެއިން ކަމަށެވެ.
"އެއީ ޖަޕަނީސް ކިޗަންއެއްގައި މަސައްކަތްކޮށްލަން އަލަށް ވެސް ލިބުނު ފުރަތަމަ ޗާންސަކީ. އަދި ޖަޕަނީސްގެ ރަހަތަކަށް އެހިސާބުން ފެށިގެން ހިތް ޖެހިއްޖެ،" ސުމާ ކިޔައިދިނެވެ.
"އެއަށް ފަހު ކިޔަވައި ނިމިގެން މާލެއަށް އެނބުރި އައިސް އަޅުގަނޑު ފުރަތަމަ މަސައްކަތްކުރީ އޮއީޝީ ރެސްޓޯރެންޓްގައި. އެއަށް ފަހު މިތަނުން ފުރުސަތު ލިބުނީ ޝެފް އާދިލް މިތަނުގައި މަސައްކަތްކުރި އިރު."
ސުމާ ބުނީ ޓެޕަންޔާކީ ޝެފެެއްގެ ކަމަރު އޭނާ ރަސްމީކޮށް ބަނީ ވެސް އާދިލްގެ ބެލުމުގެ ދަށުން ސޫޝީޒޫގައި ކަމަށެވެ. އަދި ލައިވްކޮށް ކަސްޓަމަރުންގެ ކުރިމަތީގައި އެމީހުންނަށް ކައްކައި ސާވްކުރުން އެންމެ ފުރަތަމަ ވީ ހީވެސް ނުކުރާވަރުގެ ބޮޑު ޗެލެންޖަކަށެެވެ.
ނަމަވެސް އެ އުސްގަނޑު އޭނާ ކަޑައްތުކޮށްފި އެވެ. އަދި އޭނާގެ އަމާޒަކީ މިހާރު ސަތޭކަ އެވެ.
"މި ދާއިރާއިން އަޅުގަނޑުގެ އެންމެ ބޮޑު އަމާޒަކީ އަދި ހުވަފެނަކީ ވެސް މިޝެލިން ސްޓާއެއް ހާސިލުވާނެ ދުވަހެއް. އެކަމަކު އެއީ އަދި ވަރަށް ދިގު ރާސްތާއެއް. އަދި ކިރިޔާ މި ފެށުނީ އަޅުގަނޑުގެ މި ދަތުރު،" ސުމާ ބުނެލި އެވެ.
"އެކަމަކު އަންހެން ޝެފަކަށްވެ ހުރެ، ވަރަށް ބޮޑު ގޮންޖެހުމަކަށްވީ ފިރިހެނުން ޑޮމިނޭޓްކުރާ ދާއިރާއެއްގައި މަސައްކަތްކުރުން. ނަމަވެސް މިއީ މި ދާއިރާއިން ކުރިއަށް ދާން ބޭނުންވާ އަންހެން ކުދިންނަށް ހާސިލުނުވާނެ ހުވަފެނެއް ނޫން."
އެއީ ތެދެކެވެ. ސުމާ، އޭނާގެ އެ ހުވަފެން ކައްކައި މީރުކުރަނީ އެވެ.
ކޮމެންޓް (4)
ލޮއި
ހަންބެ
އައިންތު
ހަސަނު