ޒައިން: އޭނާ އަކީ ރާއްޖޭގެ ފުރަތަމަ އޯޓިސްޓިކް ޚަތީބު

ހުކުރު ނަމާދު

ޒައިންގެ އެ ނުކުޅެދުން އޭނާގެ ހުވަފެނުގެ ހުރަހަކަށް ނުވި، މާދަން އިމާމުވެ ހުކުރުކުރާނެ

އޯޓިސްޓިކް ކުއްޖެއް ނަމަވެސް ޒައިން ވަރަށް ކުޑައިރުއްސުރެ ބުނަމުން އައީ އޭނާ ވާން ބޭނުންވަނީ ހަތީބަކަށޭ. ކޮންމެ ހުކުރުދުވަހެއްގެ ހުކުރު ހުތުބާ ދަސްކޮށް ގޭގައި ވެސް ކިޔާ އުޅުނު

ދަރިފުޅު ވަރަށް ކުޑައިރުއްސުރެ، މަންމަ ޝާނިޔާ އިބްރާހިމް ކައިރީގައި ބުނެ އެވެ؛ އަހަރެން ވާނީ އިމާމަކަށެވެ. މިސްކިތުގައި ހުތުބާ ކިޔާނަމެވެ. ތަރާވީސް ކުރާނަމެވެ.

އެކަމަކު އޯޓިސްޓިކް ދަރިފުޅުގެ އެ އުއްމީދުތައް، އޭރު ޝާނިޔާއަށް ސިފަވެފައިވަނީ ކުލަ ނެތް ހުވަފެނެއްގެ ގޮތަށެވެ. ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ވެފައި، މިސްކިތެއްގެ އިމާމަކަށް ވުމުގެ ފުރުސަތު ލިބުމަކީ، ވުމަށް ވުރެ ނުވުން ގާތް ކަމެއް ކަމަށް ބެލެވިފައި އޮތީ އެވެ.

އެކަމަކު ދަރިފުޅު، ހުސެން ޒައިން އަލީގެ ނުގުޑާ އަޒުމާއި ކެތްތެރިކަމުގެ މޭވާ ފޮންޏެވެ. ޒުވާން ޚަތީބުން އުފެއްދުމަށް މި ސަރުކާރުން ފެށި ޕްރޮގްރާމްގެ ދަށުން، މާދަމާ ހުޅުމާލޭގެ މަސްޖިދުލް އަމާނީގައި އިމާމުވެ ހުކުރު ކުރާނީ 17 އަހަރުގެ ޒައިންނެވެ. މިއީ އޯޓިސްޓިކް ކުއްޖެއް، ރާއްޖޭގައި ހުކުރު ކުރާ ފުރަތަމަ ފަހަރެވެ.

"ވަރަށް، ވަރަށް އުފާވެފައި މިހިރީ. ހިޔެއް ނުކުރަން މި ދުވަސް ފެންނާނެ ކަމަކަށް ވެސް،" ދެ ކުދިންގެ މަންމަ ބުންޏެވެ.

ޒުވާން ޚަތީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ފުރިހަމަ ކުރުމުން، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު (ވ) ޒައިންއަށް ސެޓްފިކެޓް ހަވާލު ކުރައްވަނީ

ޝާނިޔާ ކިޔައިދިން ގޮތުގައި ހަގަށް ދެ ވަނައަށް ހުންނަ އޭނާގެ ދަރިފުޅަކީ އެންމެ ކުޑައިރުއްސުރެ 'ޚަތީބެކެވެ.' އޯޓިސްޓިކް ކުއްޖަކަށް ވުމުން ވާހަކަ ނުދެއްކުނަސް، އުމުރުން ހަތަރު އަހަރުގައި ގޭގައި ބަންގި ގޮވަން ފަށައިފި އެވެ. ގަމަތްދީ ނަމާދުކޮށް، ހުކުރު ހުތުބާ ވެސް ކިޔަން ފަށައިފި އެވެ. ހުކުރު ދުވަހުގެ އެ ވަގުތަށް އޭނާ ދިގު އިންތިޒާރެއް ކުރެ އެވެ. ބައްޕައާ އެކު މިސްކިތަށް ދިޔަޔަސް އެހެން ހުރިހާ ކަމަކަށް ވުރެ، އޭނާގެ ލޯ ހުއްޓިފައި ހުންނާނީ އިމާމަށެވެ.

ދަރިފުޅުގެ ނުކުޅެދުންތެރިކަމާ އެކު ދިރިއުޅުން ވީ، މިހާރު މާލޭގައި ރަޖިސްޓްރީވެފައިވާ އެ އާއިލާއަށް ކުރިން ފަސޭހަ ކަމެއް ނޫނެވެ. ކޮންމެ ދުވަހަކު ވެސް އާ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހެ އެވެ. ބަލީގެ ގޮތުން، ބޭރަށް ނުކުމެ އުޅުމާއި މީހުންގެ ތެރޭގައި އުޅުމާއި މުއާމަލާތުކުރަން ޒައިންއަށް އުނދަގުލެވެ. އެކަމަކު ކޮންމެ ދުވަހަކު ދޭ ތެރަޕީތަކާ އެކު، ދަރިފުޅުގެ އުޅުމާއި ދިރިއުޅުމަށް ބޮޑެތި ކުރިއެރުންތަކެއް އައިއިރު، ހަތީބަކަށް ވުމަށް އޭނާ ދެކެމުން އައި ހުވަފެނާ މެދު އާއިލާއިން އުއްމީދު ވެސް ކަނޑައެއް ނުލަ އެވެ.

ޒުވާން ހަތީބުން ތައްޔާރުކުރުމުގެ ޕްރޮގްރާމްގައި ޒައިން ބައިވެރި ކުރުވީ ވެސް، އެކަން ހާސިލްކޮށްދިނުމުގެ ގޮތުންނެވެ.

ޒައިން (ވ) އިތުރު މީހަކާ އެކު ފޮޓޯއަކަށް ހުއްޓިގެން
ޒައިން ސްކޫލުގައި ޓީޗަރަކާ އެކުގައި

ހުތުބާ ކިޔުމަށް ދަރިފުޅު އޮންނަ ޝައުގުވެރިކަން ކިޔައިދެމުން ޝާނިޔާ ބުނީ، ބުރާސްފަތި ދުވަހު، އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓަށް ހުކުރު ހުތުބާ ލުމާ އެކު ޒައިން އެ ޑައުންލޯޑްކޮށްގެން، ކިޔަން ފަށާ ކަމަށެވެ. ހުކުރަށް ދިޔުމުގެ ކުރިން އެ ހިތުދަސްކުރެ އެވެ. ފަހަރެއްގައި މިސްކިތަށް ނުދެވުނު ކަމުގައި ވިޔަސް، ވަގުތު ޖެހުމާ އެކު އޭނާ ޚަތީބަކަށްވެ، އެ ހުތުބާ ކިޔައި ނަމާދު ކުރެ އެވެ. އެއީ އޭނާގެ އުމުރުން 12 އަހަރުން ފެށިިގެން އާދައެކެވެ.

"އެ ހެޔޮ ކޮންމެ ތަނެއްގައި ހުއްޓަސް. ރާއްޖޭން ބޭރުގައި ހުރި ކަމުގައި ވިޔަސް. ހުކުރު ދުވަހުގެ ވަގުތު ޖެހުމާ އެކު އޭނާ ހުތުބާ ކިޔައި ނަމާދު ކުރާނެ،" ޝާނިޔާ ބުންޏެވެ.

"މިސްކިތަށް ނުދެވިއްޖެ ނަމަ އޭނާގެ ހަގަށް ހުންނަ ކޮއްކޮއާ އެކު އިމާމުވެ ހުކުރު ކުރާނީ."

ނަމާދު ވޯކްޝޮޕެއް ފުރިހަމަ ކުރުމުން ޒައިންއަށް ސެޓްފިކެޓް ހަވާލުކުރަނީ

އިމާމަކަށް ވުމުގެ ފުރުސަތުު އޭނާއަށް އެންމެ ރަނގަޅަށް ލިބުނީ ކޮވިޑް-19ގެ ބަލިމަޑުކަމުގައި، ގޭގައި ބަންދުވެގެން ތިބެން ޖެހުނު އިރު އެވެ. އޭރު ގޭގެ އެންމެން ވެސް ނަމާދު ކުރީ ޒައިންގެ ފަހަތުގަ އެވެ. އެއީ، އުމުރުން ހަތް އަހަރުން ފެށިގެން އެންމެ ނަމާދެއް ވެސް ވައްޓާނުލައި ކުރަމުން އައި އެ ޒުވާނާއަށް އުފާވެރި ވަގުތެކެވެ.

ޝާނިޔާ ކިޔައިދިން ގޮތުގައި ނަމާދު ވަގުތަށް ދަރިފުޅު އިންތިޒާރު ކުރެ އެވެ. ބަންގި ގޮވުމުގެ 15 މިނިޓް ކުރިން، އޭނާ އިންނާނީ ފެންވަރައި ރީތިވެލައިގެން، ނަމާދަށް ދާން ތައްޔާރުވެގެންނެވެ. ބޮލުގައި ތާކިހާ އަޅައި، ނަމާދު ކުރުމަށް ހާއްސަކޮށްފައިވާ ކުރުތާ ލައި ޖަރީވެގެންނެވެ. ފަތިސް ނަމާދަކަސް އިޝާ ނަމާދަކަސް އޭނާގެ އެ އާދައަކަށް ބަދަލެއް ނާދެ އެވެ.

ތާޖުއްދީން ސްކޫލުގެ ގްރޭޑް 10ގައި ކިޔަވަމުން އަންނަ މި ދަރިވަރު، ކިޔެވުމުގައި ވެސް ތޫނުފިއްޔެވެ. އޭނާ ކަންކަން ދަސްކުރާލެއް އަވަހެވެ. ގުރުއާނުގެ 11 ފޮތް މިހާރު ހިތުދަސްކޮށްފައިވަނީ އޭގެ މާނައާ އެކުގަ އެވެ. ގުރުއާނުގެ ތަރުޖަމާއަކީ ވެސް އޭނާ ހާއްސަ ސަމާލުކަމެއް ދީގެން ދަސްކުރަމުން އަންނަ ބައެކެވެ.

ޒައިން އާއި އޭނާގެ އާއިލާ މިހާރު އިންތިޒާރު ކުރަމުން އަންނަނީ މާދަމާގެ ހުކުރު ވަގުތަށެވެ. ލޯޔަރެއްގެ ގޮތުގައި މަސައްކަތް ކުރާ ބައްޕަ އަލީ ރިޒާ އާއި ދެން ތިބި ބޭބެމެން ވެސް އެ ދުވަހު ހުކުރަށް ދާނީ ފަހުރުވެރިކަމާ އެކު އެވެ. ނުކުޅެދުންތެރިކަން ހުރި ކަމުގައި ވިޔަސް، ކުރިއަށް ދިޔުމަށް ދަރިފުޅަށް މަގު ދައްކައިދީ އަދި ލިބުނު ފުރުސަތުގެ ބޭނުން ހިފަން ދަސްކޮށްދެވުނީތީ އެވެ.

އެންމެ ކުޑައިރުއްސުރެ ޒައިން ކުރަމުން އައި އިންތިޒާރުގެ ނިމުން ދެކިލުމަށް އެމީހުން ތިބީ ކެތްމަދުވެފަ އެވެ.

ކޮމެންޓް (10)

ސާބަސް

15 މާރިޗު 2024
ހަގީގަތުގައި ނުކުޅުދުންތެރިންނަކީ އަހަރެމެން. އަހަރެމެން ކަހަލަ އަތާފަޔާ ބުއްދި ފުރިހަމަ އަށް ދެއްވާފައިވާ މީހުން ދީނީ ކަންކަމަށް މާ ފަރުވާ ކުޑަ. އަބަދު ދުވަނީ ދުނިޔެ ފަހަތުން. ނަމަވެސް ޒައިން އެހާލުގައި ނަމާދާއި ދީނީ ކަންތައްތަކަށް އެކުރާ ލޯބި ﷲގެ ހަޟުރަތުގަ ވަރަށް ބޮޑުވާނެ. މިއީ އެންނުންތޯ ހަގީގީ ކުޅެދޭ މިހުންނަކީ.. އޭނަގެ ރައްބު އޭނާ އެހާލުގައި ވެސް ހަނދާންކުރޭ.. މާޝާﷲ.
8 0

ހަސަން

15 މާރިޗު 2024
ސަބަހޭ!ތިޔައީ ހިތްވަރުގަދަ ދަރިއެއް އަށްސަރިބަހުން ސާބަސް ވަރަށްފުވާވެއްޖެ އަދި އުފަލު ލޮލުން ކަރުނައައިސްފި
2 0

ޙަސަން

15 މާރިޗު 2024
ލައިވް އެއް ނުކުރޭތަ ބަލާލަން ވަރައް ބޭނުން
7 0

އިއްބޭ

14 މާރިޗު 2024
ماشاءالله
8 0

އަސީ

14 މާރިޗު 2024
ހަމަ އައްސަރިބަހާއި ސާބަސް ހައްގު. ހިއްވަރާއި ގަދަފަދަ ނުގުޑާފަދަ އަޒުމެއްއޮތިއްޔާ ދެން މާތްﷲ އެމީހެއްގެ ކުރިމަގު އުޖާލާކޮށްދެއްވާނެ. އިންޝާﷲ އަދިވެސް ކާމިޔާބީއަށް އެދެން
9 0

ނަޖާޙް

14 މާރިޗު 2024
ما شاء الله تبارك الله 👌
8 0

ނަސީ

14 މާރިޗު 2024
ހާދައުފާވެއްޖެ ކުރަން އަޒުމްކުރި ކަންތައް ާﷲ ރަހުމަތުން ފުރިހަމަވުމުން މަރްހަބާ ޒައިން
19 0

ެ منعم

14 މާރިޗު 2024
ماشاءالله
17 0

ހިއްވަރު

14 މާރިޗު 2024
ހަމަ އައްސަރިބަހާއި ސާބަސް ހައްގު. ހިއްވަރާއި ގަދަފަދަ ނުގުޑާފަދަ އަޒުމެއްއޮތިއްޔާ ދެން މާތްﷲ އެމީހެއްގެ ކުރިމަގު އުޖާލާކޮށްދެއްވާނެ. އިންޝާﷲ އަދިވެސް ކާމިޔާބީއަށް އެދެން
25 0

ހަލީމު.

14 މާރިޗު 2024
@ހިއްވަރު ސާބަހޭ ހިއްވަރުގަދަ ދަރިޔެއްތީ . ﷲ ތިދަރިޔަށް ހިޔޮރަހުމަތް ލައްވާށިއެވެ. ޢާމީން
15 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް