އަންބަލަންގެ އަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ހަމައެކަނި އަންހެނުން ތިލޭރުކަން ކޮށްގެން ގަހަނާ އުފައްދާ ވިޔަފާރިއެއް (ފޮޓޯ/އަންބަލަންގެ)

ގަހަނާ

ފަސް އަންހެނެއްގެ އަންބަލަންގެ އިން މި ދަސްކޮށްދެނީ ތިލޭރުކަން

ދިވެހި ގަހަނާ ބްރޭންޑްތަކުގެ ތެރެއިން ވަކިން ހާއްސަކޮށް ފާހަގަކޮށްލެވޭ އަންބަލަންގެ އިން ވަނީ އިހުގެ މަސައްކަތަކާއި ސަގާފަތެއް ދިރުވައި އާ ފެށުމެއް ގެނެސްދީފައި. މި ތިލޭރުންގެ ފުރަތަމަ ވޯކްޝޮޕަކީ އާއްމުންނަށް އެކަން ތަޖުރިބާކޮށްލަން ލިބޭ ފުރުސަތެއް

ރާއްޖޭގައި އަމިއްލަ ބްރޭންޑުތައް އަންނަނީ އިތުރުވަމުންނެވެ. އަދި ކޮންމެ ބްރޭންޑެއް ވެސް އެހާމެ ތަފާތުވެފައި އުފެއްދުންތެރި އެވެ. އެކަމަކު އޭގެ ތެރެއިން ފާހަގަ ކޮށްލެވޭ ހާއްސަ އެއް ބްރޭންޑެއް ވެ އެވެ. އެއީ ފަސް ރަހުމަތްތެރިއަކު ގުޅިގެން މީގެ ދެ އަހަރު ކުރިން ވުޖޫދަށް ގެނައި އަންބަލަންގެ އެވެ.

ޝަދްޔާ އަދީލް ޖަލީލް، މަރިޔަމް އިބްރާހިމް، ހަދީޖާ ނަޒްވާ، އާމިނަތު ޖުލައިލާ އަދި އައިޝަތު ރިފްގާ އާޒިމް ފުރަތަމަ ބައްދަލުވީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ)ގެ ގަހަނާ ކޯހަކުންނެވެ. ތިލޭރުކަން ދަސްކުރުމުގެ ތެރެއިން މި ފަސް އަންހެނުން ރަހުމަތްތެރިންނަށް ބަދަލުވެ، އެމީހުންގެ ހުނަރުން ފުރިފައިވާ ހުވަފެންތައް ހަގީގަތަކަށް ހަދަން ލަސްތަކެއް ނުވެ މަސައްކަތް ފެށި އެވެ. 

އަންބަލަންގެ އަކީ ފަސް ރަހުމަތްތެރިއަކު ގުޅިގެން އުފެއްދި ބްރޭންޑެއް (ފޮޓޯ/އަންބަލަންގެ)

ބްރޭންޑްގެ ތަފާތުކަން އިތުރުކޮށްދޭ އަނެއް ކަމަކީ ދީފައި އެވާ ތާރީހީ އަދި މާނަ ފުން ނަމެވެ. އަންބަލަންގެ އަކީ އިހުޒަމާނުގައި އަންހެނުންނަށް ހާއްސަ ތަނެކެވެ. އަންހެނުން އެއްވެ ވާހަކަދައްކާ، ކައްކާ، އަތްތެރި މަސައްކަތް ކުރަން ގޭގެ ދެކުނު ފަރާތުގައި ވަކިން ހަދާފައި ހުންނަ ބަޔަކަށް ކިޔާ ނަމެކެވެ. 

އަންބަލަންގެ އަކީ މިހާރު ރާއްޖޭގެ ސަގާފަތުން ނެތިފައިވާ، ހަމައެކަނި ސުކޫލު ފޮތްތަކުން ކިޔައިދޭ ދުރު ހަނދާނަކަށް ވެފައިވީ ނަމަވެސް މި ފަސް ތިލޭރުވެރިން ވަނީ އަނެއްކާވެސް އަންބަލަންގެ އޭގެ ހަގީގީ ރޫހުގައި އަނބުރާ ގެނެސްދީފަ އެވެ.

އަންބަލަންގެ އުފެއްދީ މީގެ ދެ އަހަރު ކުރިން (ފޮޓޯ/އަންބަލަންގެ)
އަންބަލަންގެ އިން ކޮންމެ ގަހަނާއެއް ވެސް އުފައްދަނީ ފަރުވާތެރިކަމާއި ބޮޑު ޝައިގުވެރިކަމަކާ އެކު (ފޮޓޯ/އަންބަލަންގެ)

މިހާތަނަށް އެ ބްރޭންޑުން އުފައްދާފައިވާ ގަހަނާއަކީ ވަރަށް ޗާލު، އަބަދު އަޅައިގެން އުޅެވޭނެ ޑިޒައިންތަކެކެވެ. ކޮންމެ އުފެއްދުމަކަށް ވެސް ހިޔާލު ހޯދަނީ ރާއްޖޭގެ މުއްސަނދި ސަގާފަތުންނެވެ. އެގޮތުން 'މެކްރަ މަހި' ކަލެކްޝަންގައި ހިމެނެނީ ދިވެހި ފައްޓަރުބައިން ނަމޫނާ ނަގައިގެން ޒަމާނީ ގޮތަކަށް އުފައްދާފައިވާ ގަހަނާ އެވެ. އަދި 'ތަކަފަތި'  އަކީ ކުޅިތަކުން ފެންނަ މާމެލާމެއްޔާއި ގަސްގަހުން ހިޔާލު ހޯދައިގެން ނެރެފައިވާ އުފެއްދުމެކެވެ. 

އަންބަލަންގެ އަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އަންހެނުންގެ ގްރޫޕަކުން ތިލޭރުކަން ކޮށްގެން ގަހަނާ އުފައްދާ ވިޔަފާރިއެއް (ފޮޓޯ/އަންބަލަންގެ)

"އަތުން ގަހަނާ ފަރުމާ ކުރުމަކީ ފަސޭހަ ކަމެއް ނޫން. ކޮންމެ އެއްޗެއް ތައްޔާރު ކުރަން ވަރަށް ބޮޑަށް ޕްރެކްޓިސްކޮށް ކެތްތެރިވާން ޖެހޭ. އަދި ގިނަ އިރު އިށީނދެ އިނދެ، ކުދިކުދި ޑީޓެއިލްތަކަށް މަސައްކަތްކުރުމުގެ ކެތްތެރިކަން ހުންނަންޖެހޭ. އެހެންވެ ކެތްތެރިވުމަކީ މިހާތަނަށް އަޅުގަނޑުމެންނަށް ދަސްވި އެންމެ އަގުބޮޑު އެއް ކަންތައް،" ޝަދްޔާ ކިޔައިދިނެވެ. 

އަންބަލަންގެ އިން ކޮންމެ ގަހަނާއެއް ވެސް އުފައްދަނީ އަތުން (ފޮޓޯ/އަންބަލަންގެ)

އަމިއްލަ އަތުން އުފައްދާ ގަހަނާއޭ ބުނުމުން އަދި އެއީ ކިހާ ވަރެއްގެ މަސައްކަތަކާއި ވަގުތެއް ހޭދަވާ ކަމެއްކަން މީހަކަށް ފުންކޮށް ނަގައިގަންނަން ދަތި ވެދާނެ އެވެ. އަޅުގަނޑަށް ވެސް ފުރަތަމަ އަންބަލަންގޭގެ އުފެއްދުންތައް ފެނިފައި ކުރެވުނު އިހުސާސްތަކާއި އެމީހުންގެ ތިލޭރުކަމުގެ ކްލާހުގައި ބައިވެރިވެ އެ މަސައްކަތް ތަޖުރިބާ ކޮށްލުމަށް ފަހު ދެން ކުރެވުނު އިހުސާސްތައް އުޑާއި ބިމާހާ ތަފާތެވެ. ކޮންމެ ގަހަނާއެއް ތައްޔާރު ކުރަން އެތައް ވަގުތެއް ހޭދަ ވެ އެވެ. އެތައް މަރުހަލާތަކެއް ކަޑައްތު ކުރަންޖެހެ އެވެ. އެއިން އެއްވެސް ކަމެއް އޮޅިގެން ގޯސްކޮށް ކުރެވިއްޖެ ނަމަ އަނެއްކާވެސް ޖެހޭނީ ފަށާށެވެ. ނުވަތަ އެތަނެއް ރަނގަޅު ކުރަން ހަމަ އެހާ ވަގުތު ދެ އެވެ. 

އަންބަލަންގެ އިން އަންނަނީ ތިލޭރުކަމުގެ ވޯކްޝޮޕެއް ހިންގަމުން (ފޮޓޯ/އަންބަލަންގެ)

އަންބަލަންގެއިން ފުރަތަމަ ފަހަރަށް ހިންގާ ތިލޭރުކަމުގެ ވޯކްޝޮޕްގައި ބައިވެރިވެގެން ވަރަށް ގިނަ ކަންކަން އަޅުގަނޑަށް ދަސްވުމުގެ އިތުރުން އެމީހުން ކޮންމެ ގަހަނާއެއް ވެސް އުފެއްދުމުގައި ގެންގުޅޭ ފަރުވާތެރިކަމާއި ޝައުގުވެރިކަމަށް އިތުރު އިހުތިރާމެއް ކުރެވުނެވެ. ކޮންމެ އެއްޗެއް ވެސް ތައްޔާރު ކޮށްފައިވަނީ ވަރަށް ލޯބިންކަން ކަށަވަރުވި އެވެ.

އަންބަލަންގެ އިން އުފައްދާ ގަހަނާތަކަށް ހިޔާލު ހޯދަނީ ރާއްޖޭގެ ސަގާފަތުންނާއި ގުދުރަތުން (ފޮޓޯ/އަންބަލަންގެ)

އަންބަލަންގެ އިން މިދިޔަ މަހު 3 ގައި ފެށި 'ކްރާފްޓް އަ ރިންގް' ވޯކްޝޮޕްގައި ބައިވެރިވާ މީހުންނަށް ރިހި އަނގޮޓިއެއް ފަރުމާ ކުރާނެ ގޮތް ދަސްކޮށްދެ އެވެ. އަދި ބޭނުންވާ މެޓީރިއަލް ދިނުމުގެ އިތުރުން އުފައްދާ އަނގޮޓި އެ މީހަކު ގެންދަން ލިބެ އެވެ.

އަންބަލަންގޭގެ ސްޓޫޑިއޯގައި ކުރިއަށްދާ މި ވޯކްޝޮޕަށް ތަން ތައްޔާރު ކޮށްފައިވަނީ ވަރަށް ތަރުތީބުކޮށް ކޮންމެ މީހަކަށް ވެސް އިށީނދެ އިނދެގެން ހުރިހާ ވަސީލަތެއް ވެސް ފަސޭހައިން ބޭނުންކުރެވޭ ރައްކާތެރި ގޮތަކަށެވެ. އަދި ކޮންމެ މަރުހަލާއެއް ގާތުން ކިޔައިދޭން އަންބަލަންގޭގެ ތިލޭރުން ތިބޭނެ އެވެ.

އަންބަލަންގެ އަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އަންހެނުންގެ ގްރޫޕަކުން ތިލޭރުކަން ކޮށްގެން ގަހަނާ އުފައްދަމުން އަންނަ ބްރޭންޑެއް (ފޮޓޯ/އަންބަލަންގެ)

"މި ވޯކްޝޮޕްގެ ޒަރިއްޔާއިން އަޅުގަނޑުމެންގެ މުޖުތަމައު ދެނެގަނެ، ގަހަނާއެއް އުފައްދަން ކުރަންޖެހޭ މަސައްކަތް މީހުންނަށް ދައްކައިދޭން ބޭނުންވި. ހޭންޑްމޭޑް ގަހަނާ އަގުބޮޑުވަނީ ކީއްވެގެން ކަމާއި މިކަހަލަ ފަންނެއް އުފާވެރި މާހައުލެއްގައި ތަޖުރިބާކޮށްލަން ބައިވެރިންނަށް ފުރުސަތު ދޭން ބޭނުންވި،" ޝަދްޔާ ބުންޏެވެ.

އަންބަލަންގެ އިން އެކި ވައްތަރުގެ ގަހަނާ އުފައްދާ (ފޮޓޯ/އަންބަލަންގެ)
އަންބަލަންގެ އިން ކޮންމެ ގަހަނާއެއް ވެސް އުފައްދަނީ ނުހަނު ފަރުވާތެރިކަމާއި ޝައިގުވެރިކަމާ އެކު (ފޮޓޯ/އަންބަލަންގެ)

ރާއްޖޭގެ އެންމެ 'އޯތެންޓިކް' ބްރޭންޑުގެ ޝަރަފަކީ އަންބަލަންގެ އިން އެންމެ ބޮޑަށް ހާސިލު ކުރަން ބޭނުންވާ އެއް ލަނޑުދަނޑި އެވެ. ފަންނުވެރިންގެ ގޮތުގައި އަބަދުވެސް އާ ޑިޒައިންތަކެއް އުފައްދަން ޖެހެ އެވެ. އަދި ނެރެފައިވާ ޑިޒައިންތަކަށް އޯޑަރު ތައްޔާރު ކުރުމަކީ އެއިން ކޮންމެ އެއްޗެއް ފަށައިން ނިމެންދެން ތައްޔާރު ކުރުމެވެ. އޭގެ އިތުރުން، ބްރޭންޑުގެ ފަހަތުގައި ތިބި ގިނަ މީހުންނަކީ މައިންނަށް ވާތީ، އޯޑަރުތައް ގަޑިއަށް ނިންމަން ވަގުތު ހޯދަން ޖެހެނީ ގޭތެރޭގެ މަސައްކަތްތައް ވެސް ކުރަމުންނެވެ.

"ވަގުތު މެނޭޖު ކުރުމަކީ އަޅުގަނޑުމެން ކުރިމަތިލާންޖެހޭ އެންމެ ބޮޑު ގޮންޖެހުން. އަނެއް ކަމަކީ ބޭނުންވާ ހުރިހާ ސާމާނެއް ރާއްޖެ އިން ހޯދަން ނުވަތަ ގަންނަން ނުލިބުން،" ޝަދްޔާ ކިޔާދިނެވެ.

މި ގޮންޖެހުންތަކާ އެކު ވެސް އަންބަލަންގެ އިން ވަނީ ދިވެހިންގެ އިހުތިރާމާއި ތައުރީފު ހޯދާފަ އެވެ.

ތިލޭރުކަން ފަދަ މަސައްކަތަކުން އަމިއްލަ އުފެއްދުންތަކެއް ނެރެން މި އަންހެނުން އެ ކުރާ ހިތްވަރަކީ ވަރަށް ތަފާތު އަދި ފަހުރުވެރި ކަމެކެވެ. ސަބަބަކީ ތިލޭރުކަމަކީ ރާއްޖޭގައި ޒަމާނުއްސުރެ ފިރިހެނުން ކޮށް އުޅުނު މަސައްކަތެކެވެ.

އަންބަލަންގެ އަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އަންހެނުންގެ ގްރޫޕަކުން ތިލޭރުކަން ކޮށްގެން ގަހަނާ އުފައްދާ ވިޔަފާރި (ފޮޓޯ/އަންބަލަންގެ)
އަންބަލަންގެ އިން ހިންގާ ތިލޭރުކަމުގެ ވޯކްޝޮޕް 10 މާޗުގެ ނިޔަލަށް ކުރިއަށް ދާނެ (ފޮޓޯ/އަންބަލަންގެ)

އަންބަލަންގެ އިން ވަނީ އިހުގެ މަސައްކަތަކާއި ސަގާފަތެއް ޒަމާނީ ބަދަލަކާ އެކު ދިރުވައި، އާ ފެށުމެއް ގެނެސްދީފަ އެވެ. އެކަން ތަޖުރިބާކޮށްލަން ބޭނުންވާ މީހުންނަށް، އެ ބްރޭންޑުގެ 'ކްރާފްޓް އަ ރިންގް' ވޯކްޝޮޕް މި މަހުގެ 10ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

ކޮމެންޓް (4)

އައިޝާ

3 މާރިޗު 2024
ތި ކުދިން ހާދަ ހިތްވަރު ގަދަ އޭ. ބިރަ މަސައްކަތެއް އިނގޭ ތިކުރާ
3 0

އިނާ

3 މާރިޗު 2024
ފިސާރިނކަނބަލުން ތަކެއް
3 0

ޏަމްނަމް

3 މާރިޗު 2024
ނައިސް ވޯކް ލޭޑީސް
5 0

އޭނަ

3 މާރިޗު 2024
ތީ ޝަދިޔާގެ އަމިއްލަ ބިޒްނަސް އެއް ހެން ހީވަނީ 5 އަންހެނުންގެ ނަން ބޭނުންކޮށްގެން. ތިބިޒްނަސްގަ ތެންތިބި އަންހެނުންގެ އެއްވެސް ބާރެއް އޮތެ ހެން ހިއެއް ނުވޭ..
2 4

އިތުރު އާޓިކަލް

އިތުރު އާޓިކަލް