ޝިގްލަމްގެ ކުރިއެރުމުގެ ފަހަތުގައި ފާސްޓް ފެޝަން ބްރޭންޑު ޝީއިންގެ ދައުރެއް ވޭ

ބިއުޓީ

ޝިގްލަމްގެ އާދަޔާހިލާފު ކުރިއެރުމުގެ ފަހަތުގައި ކޮން ކަމެއް؟

މީގެ ހަތަރު އަހަރު ކުރިން ތައާރަފްކުރި މި ބިއުޓީ ބްރޭންޑުގެ ކުއްލި މަގުބޫލުކަމަކީ ޝީއިން ހައްތަހާ ފުޅާވާން ލިބޭ ބާރެއްތޯ ސުވާލު ކުރެވޭ
14 ފެބްރުއަރީ 2024

ފާއިތުވި އަހަރުތަކުގައި ކޮސްމެޓިކްސް އާއި ބިއުޓީގެ އީ-ކޮމާސް ދާއިރާ ފުޅާވެ، ޑިޖިޓަލް ޕްލެޓްފޯމްތައް އެންމެ ކުރީ ސަފަށް އަރައިފި އެވެ. ބިއުޓީ ސެކްޓަރަށް 2023 ވަނަ އަހަރު 86 ބިލިއަން ޑޮލަރުގެ ބޮޑު ފައިދާއެއް ލިބިފައިވާއިރު، މުސްތަގުބަލުގައި އަދިވެސް ކުރިއަރާނެ ކަމަށް ލަފާ ކުރެވެ އެވެ.

މީގެ ސަބަބުން ވިޔަފާރިތަކުގެ ތެރޭގައި ވާދަވެރިކަން ބޮޑުވެ، ވިޔަފާރީގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދުމަކީ އާ ކޮންމެ ބްރޭންޑަކަށް ވެސް ވަރަށް އުނދަގޫ މަސައްކަތަކަށް ވެއްޖެ އެވެ. ނަމަވެސް ކޮސްމެޓިކްސް ކުންފުނި ޝިގްލަމް އިން ވަނީ ފާއިތުވި އަހަރުތަކުގައި މި ގޮންޖެހުމުން އަރައިގަނެ ދާއިރާގެ އެންމެ ކުރީ ސަފަށް އަރާފަ އެވެ.

ޝިގްލަމް އުފެދުނީ 2019 ވަނަ އަހަރު ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގަ އެވެ. މި ކުންފުނިން ހުރިހާ ވައްތަރެއްގެ ބޭނުންތެރި ކޮސްމެޓިކްސް ޕްރޮޑަކްޓްތައް ވިއްކަ އެވެ.

ޝިގްލަމްގެ މަސްކާރާ، ލިޕްސްޓިކް، ލިޕްގްލޮސް އަދި ފައުންޑޭޝަން ފަދަ އުފެއްދުންތަކަށް މަގުބޫލުކަން ލިބެން ފެށީ އަގުހެޔޮވެގެން އެކަންޏެއް ނޫނެވެ. އެ ބްރޭންޑުން އަތްފޯރާ ފަށުގައި ވިއްކަނީ ފެންވަރު ރަނގަޅު ކޮސްމެޓިކްސް އެވެ.

ޝިގްލަމް އުފެދުނީ 2019 ވަނަ އަހަރު ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި

ކުރު މުއްދަތެއްގެ ތެރޭގައި މުޅި ދުނިޔެއަށް މަގުބޫލުވި ޝިގްލަމްގެ ޑިމާންޑު ރާއްޖެ އިން ވެސް ފެންނަން ފެށި އެވެ. އިންސްޓަގްރާމް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ބިއުޓީ ޕްރޮޑަކްޓު ވިއްކާ ޕޭޖުތަކުން ޝިގްލަމްގެ ކޮސްމެޓިކްސް ވިއްކަ އެވެ. މިދިޔަ އަހަރު ގިނަ އަދަދެއްގެ ވިޔަފާރި ޕޭޖުތަކުން ޝިގްލަމްގެ މޭކަޕް ފުޅާ ދާއިރާއެއްގައި ލިބެން ފެށި އެވެ.

ޓިކްޓޮކް އާއި ޔޫޓިއުބް ފަދަ ޕްލެޓްފޯމްތަކުގައި ޝިގްލަމްއަށް ލިބެމުން އަންނަނީ ހަމައެކަނި ތައުރީފުގެ ބަސްތަކެވެ. ޔޫޓިއުބްގެ ބޮޑެތި 'ބިއުޓީ ކްރިއޭޓާޒް' އިން ފެށިގެން އެންމެ ކުދި ކްރިއޭޓަރުން ވެސް ދައްކަނީ އެއް ވާހަކަ އެކެވެ. އެއީ މި ޕްރޮޑަކްޓު ބޭނުން ކުރަން ފަސޭހަވެފައި ކުލަ ގަދަ ވެފައި ހަމަށް ގެއްލުންނުވާ ކަމާއި އަގުހެޔޮ ކަމެވެ. މިއީ އަލަށް ތައާރަފުވި ބިއުޓީ ބްރޭންޑަކަށް ވަރަށް އާދަޔާހިލާފު ކަމެކެވެ. އެހެންކަމުން ހުދު އަޅުގަނޑު ވެސް ޝިގްލަމްގެ އަޖުމަ ބަލާލަން ބޭނުންވި އެވެ. 

ޝިގްލަމް އިން ލިބެން ހުންނަ ފައުންޑޭޝަން ޕައުޑަރަކާއި ކޮންސީލާއެއް ޓްރައި ކޮށްލީމެވެ. އަޅުގަނޑުގެ ހަމުގެ ކުލައާ އެއް ކުލައެއްގެ ފައުންޑޭޝަނެއް ފަސޭހައިން ލިބެން ހުއްޓެވެ. އަޅުގަނޑަށް ފާހަގަވީ އެ ޕައުޑަރު ހާކާލަން ފަސޭހަކަމާއި ދެތިން ފަހަރަކު އުނގުޅާލުމުން ރަނގަޅު 'ކަވަރޭޖް'އެއް ދޭ ކަމެވެ.

އިންސްޓަގްރާމް ޕޭޖަކުން ކޮމިޝަން ލައިގެން ވިއްކި ކަމުގައި ވިއަސް ބޮޑު ބްރޭންޑެއްގެ ޕްރޮޑަކްޓަކަށް ވުރެން އަގު ހެޔޮ ކަން ފާހަގަވި އެވެ. ބޮޑެތި އެހެން ކޮސްމެޓިކްސް ބްރޭންޑުތަކުގެ މި ފެންވަރުގެ މޭކަޕް ޕްރޮޑަކްޓަކަށް މުޅި މަހުގެ މުސާރަ ހުސްވާނެ އެވެ. އެކަމަކު ޝިގްލަމްގެ ފެންވަރު ރަނގަޅު ވެފައި އަގު ހެޔޮ ވުމަކީ އެ ބްރޭންޑުގެ ވިޔަފާރިއަށް ލިބޭ ބޮޑު 'އެޑްވާންޓޭޖ'ް އެކޭ ބުނެވިދާނެ އެވެ.

ޝިގްލަމްއަށް ލިބުނު ކުއްލި މަގުބޫލުކަމާ އެކު ދެން އުފެދޭ އަނެއް ސުވާލަކީ ޝިގްލަމް އަކީ ޗައިނާގެ މަގުބޫލު ބްރޭންޑު ޝީއިންގެ ބައެއް ބާވަ އެވެ؟ އަންހެނުންނާއި ކުޑަކުދިންނާއި ފިރިހެނުންގެ ބޫޓާއި ގަހަނާ އާއި އަންނައުނު ފަދަ އުފެއްދުންތައް ވިއްކާ ފާސްޓް ފެޝަން އީ-ކޮމާސް ކުންފުނި ޝީއިން ނޭނގޭ މީހަކު މިހާރު މަދުވާނެއޭ ބުނުން ދޮގަކަށް ނުވާނެ އެވެ.

ޝިގްލަމް އަކީ ޝީއިންގެ ބްރޭންޑްތަކުގެ ތެރޭގައި ހިމެނޭ ބްރޭންޑެކެވެ. އެކަމަކު، އެ ބްރޭންޑްގެ އޮޕަރޭޝަންތައް ހިންގަނީ ޝީއިންއާ ވަކިންނެވެ. އެއީ ވިޔަފާރި އިންވެސްޓްމަންޓްގެ ބޭނުމަށް ޝީއިންއާ ގުޅިފައިވާ ބްރޭންޑެކެވެ.

ޝީއިން އަކީ ހަމައެކަނި ޝިގްލަމްއާ ގުޅިފައިވާ މިނިވަން ކުންފުންޏަކަށް ވާތީ، ޝިގްލަމްގެ އުފެއްދުންތައް ގިނަ ފަހަރު ޝީއިންގެ ވެބްސައިޓަކުން ނުފެންނާނެ އެވެ. އެކަމަކު އަބަދުވެސް ޝިގްލަމްގެ ވެބްސައިޓުން އެއްޗެހި ހޯދޭނެ އެވެ. ޝިގްލަމް މޭކަޕް ކޮންމެ ތަނަކުން ގަތް ނަމަވެސް ކޮލިޓީ ތަފާތެއް ނުވެ އެވެ.

މޮޅެތި މާކެޓިން އުކުޅުތަކަކާ އެކު ޝީއިން އިން ވަނީ ދުނިޔޭގެ އެހެން ބްރޭންޑަތަކަށް ވުރެ އަވަހަށް ވިޔަފާރީގައި ކުރިއެރުން ހޯދާފަ އެވެ. އެކަމަކު އޭގެ ތެރެއިން އެ މީހުން ވަނީ ނޭދެވޭ ބައެއް ނުފޫޒުތައް ވެސް ފޯރުވާފަ އެވެ. އަވަސް އަވަހަށް ބަދަލުވާ ޓްރެންޑުތަކަށް ފޯކަސް ކޮށްގެން ޝީއިން އިން އުފައްދާ ތަކެތީގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތައް ލިބެ އެވެ. މީގެ އިތުރުން ކުދި ޑިޒައިނަރުންގެ ޑިޒައިންތައް ނަކަލު ކުރި ކަމުގެ ތުހުމަތު ޝީއިންގެ މައްޗަށް އެތައް ފަހަރެއްގެ މަތިން ކުރެވިފައި ވެ އެވެ. މި ކަންކަމަށް ހައްލެއް ނުގެނައުމުގެ އިތުރުން ޝީއިންގެ ވިޔަފާރި ދަނީ ހައްތަހާ ފުޅާ ވަމުންނެވެ. 

ބިއުޓީ ދާއިރާއިން ވިޔަފާރި ފުޅާ ކުރުމަށް ފަހު ޝީއިން އިން ދެން ނަގާނެ ފިޔަވަޅަކާ މެދު ފިކުރު ބޮޑުވެ އެވެ. ޝީއިން ފަދަ ބޮޑު ކުންފުންޏަކުން ތިމާވެއްޓަށާއި ފަންނުވެރިންނަށް ރައްކާތެރި އުސޫލުތަކެއް ގެންގުޅުން މުހިއްމެވެ. ނަމަވެސް މި ކަންކަން އެއްގޮތަކަށް ވެސް ހަގީގަތަކަށް ވެދާނެ ކަމާ މެދު މިހާރު ޝައްކު އުފެދެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް