ސަރުކާރުގެ މުވައްޒަފަކު ވެލާނާގެއަށް މަސައްކަތަށް ހާޒިރުވަނީ

ސިއްހަތު

ވީކެންޑް މައިގްރޭން މިއީ އަސްލު ވާ ކަމެއްތަ؟

ހަފްތާ ބަންދުގައި އަންނަ މައިގްރޭންއަކީ ބިޒީކޮށް ސްޓްރެސްގައި އުޅެފައި ކުއްލިއަކަށް މީހާ ރިލޭކްސްވުމުން މެދުވެރިވާ ކަމެއް
4 ފެބްރުއަރީ 2024

މައިގްރޭންއަކީ ވަރަށް އާއްމު ކަމެކެވެ. އޭގެ ވޭނާއި ތުރާ ގިނަ ބަޔަކު ތަޖުރިބާ ކުރާ ވެސް ކަމެކެވެ. މުޅި ހަފްތާގައި ބޮލުގައި ނުރިއްސާ ހުރެފައި ހަފްތާ ބަންދާ ދިމާކޮށް މިކަމާ ކުރިމަތިލަނީ ކޮން ބައެއް ހެެއްޔެވެ؟

ވީކެންޑް މައިގްރޭންއަކީ ހަފްތާ ތެރޭ ބިޒީކޮށް އުޅުމަށް ފަހު ހަފްތާ ބަންދު އައުމުން ކުރިމަތިވާ ބޮލުގެ ރިހުމެކެވެ. މިކަން މެދުވެރިވަނީ މުޅި ހަފްތާގެ ސްޓްރެސް އާއި ޓެންޝަންތައް ދޫކޮށްލުމުންނެވެ. މިކަމަށް ބައެއް ފަހަރު "ލެޓް ޑައުން މައިގްރޭން"އޭ ވެސް ކިޔަ އެވެ. ކުއްލިއަކަށް ސްޓްރެސް ލެެވެލްތަކަށް ބަދަލު އައުމުން މައިގްރޭން އެޕިސޯޑަކާ ކުރިމަތިލާން ޖެހެނީ އެވެ.

ހަފްރާތެރޭގައި ކުރިމަތިވާ ސްޓްރެސްތަކާ ކުއްލިއަކަށް ދުރުވުމުން ވީކެންޑް މައިގްރޭން ކުރިމަތިވޭ

އޮފީހެއްގެ އިސް މަގާމެއްގައި މަސައްކަތް ކުރާ އުމުރުން 40އާ ގާތްކުރާ އަންހެނަކު ބުނިގޮތުގައި ކޮންމެ ހަފްތާ ބަންދަކު އޭނާގެ ބޮލުގައި ރިއްސަ އެވެ. މައިގްރޭންއާ ހެދި ބާލީހުން ބޯ ހިއްލާލަކަށް ބޭނުމެއް ނުވެ އެވެ. އޭނާގެ މައިގްރޭންގެ ސަބަބަކީ އޮފީހަށް ނުގޮސް ގޭގައި ހުންނަން ޖެހުމޭ ބުނެ ގޭގައި އުޅޭ މީހުން ދިމާކުރެ އެވެ. 

އެކަމަކު ބައެއް މީހުންގެ ވީކެންޑް މައިގްރޭންއަކީ ހަގީގަތެކެވެ.

އަހަރެމެންގެ ދިރިއުޅުމުގައި ހާސްކަން ވަރަށް ބޮޑެވެ. ދަރިން ސްކޫލަށް ލުމާއި ބަލާ ދިއުން، ސްކޫލްގެ ކަންކަން ހަމަޖެއްސުން، ގޭތެރެ ތަރުތީބު ކުރުމާއި ކަންކަން ބެލެހެއްޓުން، މިއީ ގޭގައި ހުންނަ މީހަކު ކުރާނެ ކަންކަމެވެ.

އަންހެނަކު ދަރިން ބަލާ ސްކޫލު ދޮށުގައި: ދިރިއުޅުން ހީކުރާ ވަރަށް ވުރެ ސްޓްރެސް ބޮޑު (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

އޮފީހަށް ދާ މީހަކު ނަމަ، މަސައްކަތުގެ މާހައުލުން ކުރިމަތިވާ ސްޓްރެސް ވެސް އެއީ ބޮޑު ބަޔެެކެވެ. ބައިވެރިޔާއާ އޮންނަ ގުޅުމުގައި ކުރިމަތިވާ ސްޓްރެސްތަކާއި މިހެން ގޮސް އެތައް ކަމަކާ ކުރިމަތިލާން ޖެހެ އެވެ. މާލޭގައި މަގަކަށް ނުކުމެ އެއް ތަނުން އަނެއް ތަނަށް ދިއުމަކީ ވެސް ތަކްލީފެކެވެ. މުޅި ހަފްތާ ހޭދަވަނީ މިކަހަލަ ގޮތަކަށެވެ. ފުން ނޭވާއެއް ލައި ހަމަޖެހިލެވެނީ ހަފްތާ ބަންދު އައުމުންނެވެ.

ވީކެންޑް މައިގްރޭންގެ އަލާމާތްތައް

އަންހެނަކު ކުޑަ ދެ ކުއްޖަކާ އެކު މަގުމަތީގައި  (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

ވީކެންޑް މައިގްރޭންގެ އަލާމާތްތައް ވެސް އާއްމު މައިގްރޭންއާ އެއްގޮތެވެ. ނަމަވެސް މި މައިގްރޭން މެދުވެރިވަނީ ހަފްތާ ބަންދުގައި ނުވަތަ ހާސްކަން ބޮޑުކޮށް އުޅުމަށް ފަހު މީހާ ހަމަޖެހިލާ ވަގުތުގަ އެވެ. ތިރީގައި މިވަނީ ވީކެންޑް މައިގްރޭންގެ ބައެއް އަލާމާތްތަކެވެ.

  • ގިނަގިނައިން އާފުރި ބައެއް ކަހަލަ ކާނާ ކާހިތްވުން، މިކަން މެދުވެރިވަނީ މައިގްރޭން އެޕިސޯޑް އައުމުގެ ކުރިން

  • ބޮލުގެ އެއް ފަޅީގައި ގަދައަށް ރިއްސުން

  • މޭނުބައި ކުރުން

  • ހޮޑުލެވުން

  • އައްޔާއި އަޑާ ހެދި އުނދަގޫ ވުން

  • ތަންތަން ބެލުމުގައި އުނދަގޫތަކެއް ހުރުން

ވީކެންޑް މައިގްރޭން ޖެހުމަށް މެދުވެރިވާ ސަބަބު

ލެޓް ޑައުން މައިގްރޭން ނުވަތަ ވީކެންޑް މައިގްރޭންގެ އެންމެ ބޮޑު އެއް ޓްރިގާއަކީ ކުއްލިއަކަށް މީހާގެ ސްޓްރެެސް ލެވެލް ދަށްވުމެވެ. މިއީ ހައިރާން ކުރަނިވި ސަބަބަކަށް ވެދާނެ އެވެ. ނަމަވެސް، ޓެންޝަން މަތީގައި ހުރެފައި ކުއްލިއަކަށް ރިލޭކްސްވުމުން ހަށިގަނޑަށް އަންނަ ބަދަލަށް ހަށިގަނޑުން ރިއެކްޓް ކުރާ ގޮތަކީ މިއީ އެވެ.

ކޯޓިސޯލް ލެވެލް ކުއްލިއަކަށް ދަށްވުމުން ހަށިގަނޑަށް ތަދު އިހްސާސްކުރެވޭ (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

މީހާ ސްޓްރެސްގައި އުޅޭ ވަގުތުގައި ހަށިގަނޑުން ކޯޓިސޯލް ނަމަކަށް ކިޔާ ހޯމޯނެއް ދޫކުރެ އެވެ. މި ހޯމޯން ސްޓްރެސްއާ ކުރިމަތިލާން ފަސޭހަކޮށްދީ ތަދުތަކުން އަރައިގަންނަން އެހީތެރިވެ އެވެ.

އެހެންކަމުން ސްޓްރެސްވުން ދަށްވުމާ އެކު ކޯޓިސޯލް އުފެއްދުން ހަށިގަނޑުން މަޑުޖައްސާލަ ދެ އެވެ. މިކަމުގެ ސަބަބުން މައިގްރޭންގެ ތަދު އިހްސާސް ކުރެވުން ބޮޑުވެ އެވެ. އަދި މައިގްރޭން އެޕިސޯޑް ކުރުމަތިވުން ގާތްވެ އެވެ.

މައިގްރޭން މެދުވެރިވާ އާއްމު ސަަބަބުތައް

އެންޒައިޓީ

އެންޒައިޓީ މާ ބޮޑު ނަމަ، ގިނައިން ބޮލުގައި ރިހުމަށް މެދުވެރިވެ އެވެ.

ނިދުމަށް އަންނަ ބަދަލުތައް

ބޮލުގައި ރިއްސުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ނިދި ހަމަނުވުން ނުވަތަ މާ ގިނައިން ނިދުން ވެސް ހިމެނެ އެވެ.

ތެޔޮ އެއްޗެހި ބޭނުން ކުރުން އިތުރުވުން

ކާނާގެ ސަބަބުން މައިގްރޭން އައުމަށް މެދުވެރިވޭ

ކެއުމުގައި ބޭނުންކުރާ ބައެއް ކަހަލަ ބާވަތްތަކަކީ މައިގްރޭން އައުމަށް މެދުވެރިވާ އެއްޗެއްސެވެ.

އާއްމުކޮށް ކައްކަން ބޭނުންކުރާ ވެޖިޓަބަލް އޮއިލް އަދި ކެނޯލާ އޮއިލް އިން ހަށިގަނޑުގައި އޮމެގާ-6 ހުންނަވަރު މަތިކޮށްދެ އެވެ. މިއީ މައިގްރޭން ރިސްކް %40 ބޮޑުވާ ކަމެކެވެ. އަހަރެމެންގެ ކެއުމުގައި ހިމެނޭ ތެޔޮ ހެދިކާ ފަދަ ބާވަތްތަކާ ދުރުވުން މުހިއްމެވެ.

ޕްރޮޓީން މަދުވުން

ހަފްތާއެއް ތެރޭގައި ހަށިގަނޑަށް ބޭނުންވާ ޕްރޮޓީން މަދުވެ، އޮމެގާ-3 މަދު ނަމަ މައިގްރޭން ކުރިމަތިވުމުގެ ފުރުސަތު ބޮޑުވެ އެވެ.

ކާބޯހައިޑްރޭޓް އަދި ހަކުރު

މައިގްރޭނާއި ޓައިޕް 2 ހަކުރުބަލި އަދި އިންސިއުލިން ރެސިސްޓަންސްއާ ގުޅުމެއް ވެ އެވެ. ޕާން، ހަކުރު އަދި އެހެނިހެން ކާބޯހައިޑްރޭޓް ކެއުމަކީ މައިގްރޭންގެ ރިސްކު އިތުރުވާ ކަމެކެވެ. ހާއްސަކޮށް ކޯޓިސޯލް ދަށްވުމުންނެވެ.

ކޮފީއާ ދުރުވުން

މައިގްރޭން އައުމަށް މެދުވެރިވާ އިތުރު އަނެއް ކަމަކީ ހަށިގަނޑުގައި ކެފެއިން ލެވެލް މަދުވުމެވެ. ހަފްތާ ތެރޭ ބޯ މިންވަަރަށް ވުރެ މަދުން ކުއްލިއަކަށް ކޮފީ ބުއިމުން ލެޓް-ޑައުން މައިގްރޭން އައުމަށް މެދުވެރިވެ އެވެ.

ވީކެންޑް މައިގްރޭނުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން

ތަދު ކަނޑުވާ ބޭސް ކެއުމުން ވީކެންޑް މައިގްރޭނުން ދުރުކޮށްދެ އެވެ. އެކަމަކު ބޮލުގައި ރިއްސުމުން ސަލާމަތްވާން ތަދުކަނޑުވާ ބޭހަށް އަބަދު ބަރޯސާވުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

ބޮލުގެ ރިހުމަށް ފަރުވާ ހޯދަންވާނީ ތިމާއަށް ކުރިމަތިވާ އަލާމާތްތަކާއި ބޮލުގައި ރިއްސާ މިންވަރަށް އަދި ކިހާ އާއްމުކޮށް ބޮލުގައި ރިއްސާތޯ ދެނެގެންފަ އެވެ.

ހުތް ރަހަ ލާ މޭވާ އަކީ މައިގްރޭންއާ ދުރުކޮށްދޭ އެއްޗެއް (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

މައިގްރޭނަށް ބައިވަރު ހޯމް ރެމެޑީސް ހުރެ އެވެ. ބޮލަށް ފެން އަޅައިގެން ފެންވެރުމުން ބޮލަށް ފިނިކޮށްދީ ލުއިކޮށްދެ އެވެ. ހުތް ރަހަ ލާ މޭވާ ކެއުމުން ވެސް މައިގްރޭން ލުއިކޮށްދެ އެވެ. މީގެ އިތުުރުން، ފޯނުގެ ސްކްރީނަށް ބަލާ މިންވަރު މަދުކުރުމަކީ ކުރެވިދާނެ ކަމެކެވެ.

ވީކެންޑް މައިގްރޭނުން ދުރުވުމަށް ކުރެވިދާނެ ބައެއް ކަންކަން 

އަންހެނަކު ފެން ފުޅިއެއް ހިފައިގެން ކިޔޫއެއްގައި މަޑޫކޮށްގެން: ގިނައިން ފެން ބުއިމަކީ މައިގްރޭންއާ ދުރުކޮށްދޭ ކަމެއް (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
  •  ސްްޓްރެސް ލެވެލް ކުއްލިއަކަށް ދަށްވުމުން މައިގްރޭން ކުރިމަތިވާން މެދުވެރިވެ އެވެ. އެހެެންކަމުން މީހާ ކުއްލިއަކަށް ރިލޭކްސް މޯޑަށް ދިއުމުގެ ބަދަލުގައި ހަފްތާ ނިމޭކޮޅަށް އަޅާ ވަރަކަށް ލުއިކުރަމުން ދާންވީ އެވެ. ވަޒީފާގެ އަދި ގޭގެ މާހައުލުން ވެސް ސްޓްރެސް މަދުކުރާށެވެ.

  • ނިދުމުގެ ރަނގަޅު އާދަތަކެއް ގެންގުޅުން މުހިއްމެވެ. ކޮންމެ ދުވަހަކު ވެސް އެއް ގަޑިއެއްގައި ނިދާފައި އެއް ގަޑިޔަކު ހޭލާށެވެ. ހަފްތާ ބަންދުގައި މިގޮތަށް އަމަލު ކުރާށެވެ. ނިދުމުގެ ޝެޑިއުލް ބަދަލުވުމަކީ މައިގްރޭން އައުމަށް މެދުވެރިވާ ސަބަބެކެވެ.

  • ގިނައިން ފެން ބުއިމަކީ މައިގްރޭން ދުރުކޮށްދޭ ކަމެކެވެ. ފެން މަދުވުމުގެ ސަބަބުން މައިގްރޭން އައުމަށް މެދުވެރިވެ އެވެ. ހާއްސަކޮށް ކަސްރަތުކޮށް ނުވަތަ ބޭރުތެރޭގައި އަވީގައި އުޅޭ ނަމަ އެވެ.

  • ހަފްތާ ތެރޭގައި ކޮފީ ބޯ ނަމަ، ކުއްލިއަކަށް ހަފްތާ ބަންދާ ދިމާކޮށް ކޮފީ ބުއިން ހުއްޓާ ނުލާށެވެ. ކެފެއިން މަދުވުމުން މައިގްރޭން އައުމަށް މެދުވެރިވެ އެވެ.

ޑޮކްޓަރަކަށް ދައްކަންވީ ހާލަތު 

މައިގްރޭންގެ ސަބަބުން ޑޮކްޓަރެއްގެ އެހީތެރިކަން ހޯދަންވާ ހާލަތްތައް ހުރޭ

މައިގްރޭން ކުރިމަތިވާ މީހުން ޑޮކްޓަރަށް ދައްކަންވީ ބައެއް ހާލަތްތައް:

  • 1-

    ކުރިއަށްވުރެ ގިނައިން މައިގްރޭން އަންނަ ނަމަ، ނުވަތަ މަހަކު ހަތަރު ދުވަހު މައިގްރޭން އަންނަ ނަމަ 

  • 2-

    ބޮލުގައި ރިއްސާ މިންވަރު އިތުރު ނަމަ 

  • 3-

    ބޭސް ކެޔަސް ބޮލުގައި ރިހުން ފަސޭހަވާހެން ހީނުވާ ނަމަ 

  • 4-

    ބޮލުގައި ރިހުން ދިގުލައިގެން ދާ ނަމަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް