ކޮސްމެޓިކް އުފެއްދުންތަކުގައި "ނައްތާނުލެވޭ ކެމިކަލް" ބޭނުންކުރުން މަނާކުރާ ފުރަތަމަ ގައުމަކަށް ނިއު ޒީލެންޑް ވެގެންދާނެ

ބިއުޓީ

ޕީއެފްއޭއެސް ކެމިކަލްތައް ހިމެނޭ ކޮސްމެޓިކްސް މަނާ ކުރަން ނިއު ޒީލެންޑުން ނިންމައިފި

ކުންފުނިތަކުން ކޮސްމެޓިކްސްގެ ބާވަތްތަކަށް ޕީއެފްއޭއެސް އެއްކުރަނީ އެ ޕްރޮޑަކްޓެއް ހަންގަނޑުގައި އޮމާންކޮށް އުނގުޅާލަން ފަސޭހަ ކުރުމަށް
4 ފެބްރުއަރީ 2024

 "ފޮރެވާ ކެމިކަލްސް"ގެ ގޮތުގައި ސިފަކުރެވޭ ޕަފްލޫރޯއަލްކައިލް އާއި ޕޮލިފްލޫރޯއަލްކައިލް (ޕީއެފްއޭއެސް) މާއްދާތައް މަނާކުރަން ނިއު ޒީލެންޑުން ނިންމައިފި އެވެ. އެ ގައުމުގެ އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޮތޯރިޓީ (އީޕީއޭ) އިން ބުނިގޮތުގައި، ދިގު މުއްދަތަކަށް ދެމިހުންނަ މި މާއްދާތައް މަނާކުރުމުގެ ފިޔަވަޅު 2026 ވަނަ އަހަރުގެ ނިޔަލަށް ތަންފީޒުކުރާނެ އެވެ.

އެއާއެކު ނިއު ޒީލެންޑް ވެގެންދާނީ ކޮސްމެޓިކް އުފެއްދުންތަކުން "ނައްތާނުލެވޭ ކެމިކަލް"ގެ މާއްދާތައް މަނާކުރާ ފުރަތަމަ ގައުމަށެވެ.

ޕީއެފްއޭއެސްގައި ގާތްގަނޑަކަށް 14،000 ކެމިކަލް އެކުލެވިގެންވެ އެވެ. އަދި މި ކެމިކަލްތަކުގެ ސަބަބުން ހޫނަށާއި ފެނަށް 'ރެސިސްޓަންޓު' ޕްރޮޑަކްޓެއް އުފެއްދުމަށް އެހީތެރިވެ އެވެ. އެހެންކަމުން މިއީ ނައްތާލަން އުނދަގޫ އަދި ތިމާވެއްޓަށާއި އިންސާނުންގެ ސިއްހަތަށް ގެއްލުން ހުރި ކެމިކަލްތަކެކެވެ. 

ޕީއެފްއޭއެސް ނުވަތަ 'ނައްތާނުލެވޭ ކެމިކަލް' އާއްމުކޮށް ފެންނަނީ ނެއިލް ޕޮލިޝް، ޝޭވިން ކްރީމް، ފައުންޑޭޝަން، ލިޕްސްޓިކް އަދި މަސްކާރާ ފަދަ ތަކެތިން

ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި އެެއްގޮތަކަށް ވެސް ހަލާކުނުވާ ޕީއެފްއޭއެސްގެ މޮލިކިއުލްތައް ގިނަ ދުވަސްވާ ވަރަކަށް ހަށިގަނޑުގައި އިތުރުވެ އެވެ. އަދި ދިރާސާތަކުން ވަނީ ކެންސަރާއި ދަރިމައިނުވުމާއި ތިމާވެއްޓަށް ލިބޭ ގެއްލުންތަކާ މި ކެމިކަލްއާ ގުޅިފައިވާކަން ހޯދިފަ އެވެ.

ކޮސްމެޓިކް އުފެއްދުންތަކުގައި ޕީއެފްއޭއެސް އަކީ އާންމުކޮށް އެކުލެވޭ މާއްދާތަކެއް ނޫން ނަމަވެސް ނެއިލް ޕޮލިޝް، ޝޭވިން ކްރީމް، ފައުންޑޭޝަން، ލިޕްސްޓިކް އަދި މަސްކާރާ ފަދަ ތަކެތިން މި ބާވަތްތައް ފެނިފައިވެ އެވެ.

ކޮސްމެޓިކްސް ކުންފުނިތަކުން ކޮސްމެޓިކްސްގެ ބާވަތްތަކަށް ޕީއެފްއޭއެސް އެއްކުރަނީ އެ ޕްރޮޑަކްޓެއް ހަންގަނޑުގައި އޮމާންކޮށް އުނގުޅާލަން ފަސޭހަ ކުރުމަށެވެ. އަދި ގިނަ ދުވަހު ބޭނުންކުރެވޭ ޕްރޮޑަކްޓަކަށް ހެދުމަށާއި 'ވޯޓާ ރެސިސްޓެންޓް' އުފެއްދުންތަކަކަށް ހެދުމަށެވެ.

"ބައިނަލްއަގުވާމީ ދިރާސާތަކުން ދައްކާ ގޮތުގައި ޕީއެފްއޭއެސް ފެންނަނީ މަދު އުފެއްދުންތަކަކުން ކަމަށްވީ ނަމަވެސް ޕީއެފްއޭއެސްގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު ރައްކާތެރިކަމުގެ ވިސްނުމެއް ގެންގުޅެން. ކޮސްމެޓިކްސްގައި މި ކެމިކަލްތައް މަނާކުރުމަކީ އަޅުގަނޑުމެން މިހާރު ކުރަމުންދާ މަސައްކަތުގެ ތެރޭގައި، ޕީއެފްއޭއެސް-އަލިފާން ނިއްވާ ފޯމްތައް ވެސް މަދުކުރުމުގެ މަސައްކަތުގައި ހިމެނޭ ބައެއް،" ނިއު ޒީލެންޑުގެ އީޕީއޭގެ ނުރައްކާތެރި ސަބްސްޓެންސަސް ރީއެސެސްމެންޓްސް މެނޭޖަރު ޑރ. ޝޯން ޕްރެސޯ ވިދާޅުވި އެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވިގޮތުގައި މިއީ ފަސޭހައިން ހަލާކުވާ ކެމިކަލްތަކަކަށް ނުވެފައި އިންސާނުންގެ ހަށިގަނޑުގައި މި ކެމިކަލްތައް އިތުރުވެ މަތީ ދަރަޖައަކަށް ވިހަވުމުގެ ނުރައްކާ އޮވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް