އެކްޓްރެސް އިސާ ރޭ މިދިޔަ ހޯމަ ދުވަހު 75 ވަނަ އެމީ އެވޯޑްސް ހަފްލާގެ ރެޑް ކާޕެޓްގައި

ފެޝަން

އެމީ އެވޯޑްސްގެ ރަތް ދޫލަ މަތިން

ހޯމަ ދުވަހު ބޭއްވި 75 ވަނަ އެމީ އެވޯޑްސް ހަފްލާގައި، ދުނިޔޭގެ މަގުބޫލު ތަރިން އެ މީހުންގެ ޒަމާނީ އަދި ކްލެސިކް ހެދުންތައް ދައްކާލި
18 ޖެނުއަރީ 2024

އެންމެ ފުރަތަމަ 18 ސެޕްޓެމްބަރު 2023ގައި ބާއްވަން ހަމަޖެހިފައި އޮތް އެމީ އެވޯޑްސް ހަފްލާ، ހޮލީވުޑްގެ ލިޔުންތެރިންނާއި އެކްޓަރުން ހަޅުތާލު ކުރަން ފެށުމުގެ ސަބަބުން، ޖެހުނީ ފަސްކުރާށެވެ. ހަތަރު މަހަށް ފަހު ހަޅުތާލު ނިމި، 75 ވަނަ އެމީ އެވޯޑްސް ހަފްލާ މިދިޔަ ހޯމަ ދުވަހުގެ ރޭ ކުލަ ގަދަކޮށް ކެލިފޯނިއާގެ ލޮސް އެންޖެލިސްގައި ވަނީ ބާއްވައިފަ އެވެ.

ހޮލީވުޑްގެ ތަރިން އެ މީހުންނަށް ލެވުނު އެންމެ ހިތްގައިމު ހެދުންތައް އެ ހަފްލާގެ ރަތް ދޫލަ މަތިން ދައްކާލި އެވެ.

އާއްމުގޮތެއްގައި މިކަހަލަ ބޮޑެތި ހަފްލާތަކުން ފެންނަނީ ގާތްގަނޑަކަށް އެއް ވައްތަރެއްގެ ހެދުންތަކެކެވެ. އެމީ އެވޯޑްސް އަކީ ބްލެކް ޓައި އިވެންޓަކަށް ވުމުން ވަކި ކުލަތަކެއް އަދި ވަކި ވައްތަރެއްގެ ސޫޓެއް ލާން ހަފްލާގެ ބައިވެރިންނަށް މަޖުބޫރު ވެ އެވެ. 

މި އަހަރު ފާހަގަ ކޮށްލެވޭ ތަފާތު އަދި އެންމެ ރީތި ލުކްތަކުގެ ދިގު ލިސްޓެއް ނެތް ކަމުގައިވިއަސް ތަރިން ވަނީ މުނާސަބަތާ ގުޅޭ ގިނަ ހެދުންތަކެއް ދައްކާލައިފަ އެވެ. އަދި މި އަހަރުގެ އެމީ އެވޯޑްސްގެ ރަތް ދޫލަ މަތިން ފާހަގަވި މައިގަނޑު ޓްރެންޑުތަކަށް ވެސް އަލިއަޅުވާލާނަމެވެ.

އެންމެ ހިތްގައިމު ލުކްތަކުގެ ތެރޭގައި، ޑިއޯ ބްރޭންޑުގެ މާޖެހި ހެދުމެއް ލައިގެން ހުރި 'ވެންސްޑޭ'ގެ ތަރި ޖެނާ އޯޓޭގާ، 'ދަ ބެއާ'ގެ އަޔޯ އެޑެބިރި ލައިގެން ހުރި ކަޅު ލެދާ ލުއީ ވުޓަން ހެދުން، 'ދަ ބެއާ' ސީރީސްގެ އަނެއް މަގުބޫލު ތަރި ޖެރެމީ އެލެން ވައިޓްގެ ހުދު ކުލައިގެ ޖިއޯޖިއޯ އަރްމާނީ ސޫޓު އަދި ކްލެއާ ޑޭންސްގެ ފިޔާތޮށި ދިގު ބަލްމާން ހެދުން ހިމެނެ އެވެ.

ކްލެއާ ޑޭންސް 75 ވަނަ އެމީ އެވޯޑްސް ހަފްލާގައި ލައިގެން ހުރި ބަލްމާން ހެދުން
'ދަ ބެއާ' ސީރީސްގެ ތަރި ޖެެރެމީ އެލަން ވައިޓް ލައިގެން ހުރީ ޖޯޖިއޯ އަރްމާނީ ސޫޓެއް
އެކްޓްރެސް އަޔޯ އެޑިބިރިގެ ލުއީ ވުޓަން ލެދާ ކަޅު ހެދުން
'ވެންސްޑޭ'ގެ ތަރި ޖެނާ އޯޓޭގާ ލައިގެން ހުރީ ޑިއޯ ހެދުމެއް

ހަފްލާގެ ރަތް ދޫލަ މަތިން ފެނުނު ގިނަ ފިރިހެން ތަރިން ލައިގެން ތިބީ ކަޅު ސޫޓާއި ޓައި އެވެ. އެކަމަކު އޭގެ ތެރެއިން ތަފާތު ސްޓައިލުތަކެއް ދައްކާލި ފެޝަނަބަލް ތަރިން ފާހަގަ ކޮށްލާނަމެވެ.

'ދަ ބެއާ' ސީރީސްގެ ތަރި އަދި ކެލްވިން ކްލެއިން ބްރޭންޑުގެ އެންމެ ފަހުގެ މޮޑެލް ޖެރެމީ އެލަން ވައިޓް އަކީ މި އަހަރު އެމީ އެވޯޑް ޝޯގައި އެންމެ ރީތިކޮށް ހެދުން އެޅި ތަރިންގެ ލިސްޓުގައި ހިމެނޭ އެކަކެވެ. އޭނާގެ ހުދު ޖޯޖިއޯ އަރްމާނީ ސޫޓު ހަފްލާއާ ގުޅެ އެވެ. އަދި އޭނާގެ ގަޔަށް ވަރަށް ފުރިހަމަކޮށް ފިޓުކޮށްފައި ހުއްޓެވެ.

އެއް ގޮތަކަށް ހެދުން އަޅައިގެން ތިބި ތަރިން މަދެއް ނޫނެވެ. ޓައިލާ ޖޭމްސް ވިލިއަމްސް މި އެވޯޑް ހަފްލާއަށް ލައިގެން ހުރީ ކަޅު ލެދާ ސޫޓެކެވެ. އޭނާ މި ލުކް ދައްކާލީ ސާދާ އަދި ޒަމާނީ ސްޓައިލަކަށެވެ. 

އެކްޓަރު އަދި ލަވަކިއުންތެރިއާ ޑޮނަލްޑް ގްލޯވާގެ ހެދުން ވެސް އެހާމެ ތަފާތުވެފައި ހިތްގައިމެވެ. އޭނާގެ މަހުމާ ސޫޓު ފަރުމާކޮށްފައި ވަނީ ބޯޑް އިންނެވެ. ސޫޓާއި ފަޓުލޫނުގެ ފަސްބައި ޖަރީކޮށްފައި ހުއްޓެވެ.

ގިނަ ފިރިހެން ތަރިން ތިބީ ކަޅު ސޫޓުގަ އެވެ. އެކަމަކު އޭގެ ތެރެއިން އެކްޓަރު ކޮލްމަން ޑޮމިންގޯގެ ލުކް ވަރަށް ހިތްގައިމެވެ. އޭނާގެ ސޫޓު ފަރުމާކޮށްފައިވަނީ ލުއީ ވުޓަން އިންނެވެ.

އެމީ އެވޯޑްސްގައި އެކްޓަރު ޓައިލާ ޖޭމްސް ވިލިއަމްސް ލައިގެން ހުރީ ޑޮލްޗޭ އެންޑް ގައްބާނާ ސޫޓެއް
ޑޮނަލްޑް ގްލޯވާ ބޯޑް ބްރޭންޑުގެ ސޫޓެއް ލައިގެން
އެކްޓަރު ކޮލްމަން ޑޮމިންގޯ ލުއީ ވުޓަން ސޫޓެއްގައި 

ކަޅު ކުލަ އަކީ އާއްމުގޮތެއްގައި އެމީ އެވޯޑްސް ފަދަ ބްލެކް ޓައި އިވެންޓުތަކުން ފެންނަ ކުލަ އެކެވެ. މިކަހަލަ ހަފްލާއަކަށް ފިރިހެން އަދި އަންހެން ތަރިން ވެސް ކަޅު ގައުން އާއި ސޫޓު ލަ އެވެ. ނަމަވެސް ކޮންމެ ފަހަރަކު ވެސް ތަފާތު ސްޓައިލެއް ދައްކާލާ ތަރިން މަދެއް ނޫނެވެ.

މި އަހަރުގެ ހިތްގައިމު ކަޅު ސޫޓާއި ހެދުންތަކުގެ ތެރެއިން ތަފާތު ކުލަކުލައިގެ ގައުންތައް ވެސް ފެނިގެންދިއަ އެވެ. އެގޮތުން ފާހަގަކޮށްލެވުނު ކުލަތަކުގެ ތެރޭގައި ރަތް، ބާގަންޑީ، ދަނބު، ބެއިޖް، ހުދު އަދި ފެހި ކުލަ ހިމެނެ އެވެ.

އެކްޓްރެސް ޖެސިކާ ޗެސްޓެއިން ލައިގެން ހުރި ނިއޮން ފެހި ކުލައިގެ ގައުން ހަފްލާގައި ވިދާލި އެވެ.

އެކްޓްރެސް ޖޯއި ސަންޑޭގެ ހުދު ފަޓުލޫނު ހެދުން ހަފްލާ އިން ފެނުނު ގިނަ ހެދުންތަކާ ތަފާތެވެ. 

އެކްޓްރެސް ޓާރާޖީ ހެންސަންގެ ހަށިގަނޑުގެ ބައްޓަމަށް އެކަށީގެންވާ ދަނބު ހެދުމުގެ ޑިޒައިން އެހާމެ ހިތްގައިމެވެ.

މި އަހަރުގެ ހަފްލާގައި ރަތް ކުލައިގެ ހެދުން ގިނަކަން ފާހަގަވި އެވެ. ބޮޑަށް ރަތް ކުލަ ހުރި އެންމެ ތަފާތު ޑިޒައިނެއްގެ ހެދުމެއް ލައިގެން ހުރީ ސިމޯނާ ޓަބަސްކޯ އެވެ. އޭނާގެ މާނީ ހެދުން ވަނީ އެކި ކުލައިގެ ކުދިބޮޑު މާމަލުގެ ސްޓިކާތަކެއް ފަދަ ކުރެހުންތަކަކުން ޒީނަތްތެރި ކޮށްފަ އެވެ.

އެކްޓްރެސް ކަމިލާ މޮރޯންގެ އެޓެލިއާ ވަސަޗޭ ހެދުމާއި މޭގަން ފަހީގެ އަރްމާނީ ހެދުން ވެސް ހިތްގައިމުވެފައި ޒަމާނީ އެވެ.

އެކްޓްރެސް ޖެސިކާ ޗަސްޓެއިން ގުޗީ ހެދުމެއްގައި
މަގުބޫލު އެކްޓްރެސް ޓާރާޖީ ހެންސަންގެ ދަނބު އެޓަލިއާ ވަސަޗޭ ހެދުން
އެކްޓްރެސް ޖޯއީ ސަންޑޭގެ ތަފާތު ހުދު ސްޓައިލު
ސިމޯނާ ޓަބަސްކޯގެ މާނީ ހެދުން
މޭގަން ފާހީގެ ޒަމާނީ އަރްމާނީ ޕްރިވޭ ހެދުން
ކަމިލާ މޮރޯންގެ ރަތް އެޓަލިއާ ވަސަޗޭ ހެދުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް