ޑްރާމާ ސިލްސިލާ 'ސަކްސެޝަން'ގެ ތަރިންނާއި ޓީމް އެމީ އެވޯޑް ލިބުމުގެ އުފަލުގައި
އެމީ އެވޯޑްސް: 'ސަކްސެޝަން'އާ އެކު 'ބީފް' އާއި 'ދަ ބެއާ' ވެސް ވިދާލައިފި
އެމީ އެވޯޑްސްގެ އެންމެ ޝަރަފްވެރި އެވޯޑްތައް ކާމިޔާބުކުރި ސިލްސިލާތަކުގެ ތެރޭގައި 'ސަކްސެޝަން'އާ އެކު 'ބީފް' އާއި 'ދަ ބެއާ' ހިމެނިއްޖެ އެވެ.
އެވޯޑު ހޯދި އިތުރު ސިލްސިލާތަކުގެ ތެރޭގައި 'ދަ ވައިޓް ލޮޓަސް' އާއި 'އެބޮޓް އެލިމެންޓަރީ' ހިމެނެ އެވެ.
އޭގެ އިތުރުން އެލްޓަން ޖޯން ވަނީ އޭނާގެ ފުރަތަމަ އެމީ އެވޯޑު ހާސިލްކޮށް 'އީގޮޓް'ގެ ޝަރަފް ހޯދައިފަ އެވެ. އެއީ، ހުރިހާ ބޮޑެތި އެވޯޑުތަކެއް (އެމީ، ގްރެމީ، އޮސްކާ އަދި ޓޯނީ) ކާމިޔާބު ކޮށްފައިވާ މަދު ފަންނާނުންގެ ތެރޭގައި އޭނާ ހިމެނުމެވެ.
ލޮސް އެންޖެލިސްގައި ރޭ ބޭއްވި 75 ވަނަ އެމީ އެވޯޑް ހަފްލާގައި 'ސަކްސެޝަން' ވަނީ ޑްރާމާ ކެޓެގެރީގެ ހަ އެވޯޑެއް ހޯދައިފަ އެވެ. އަދި 'ދަ ބެއާ' ކޮމެޑީ ކެޓެގަރީގެ ހަ އެވޯޑެއް ހޯދި އެވެ. ލިމިޓެޑް ސީރީޒްތަކުގެ ބައިން ޝަރަަފްވެރި އެވޯޑްތައް ގެންދިޔައީ ނެޓްފްލިކްސްގެ 'ބީފް' އެވެ.
އެންމެ މޮޅު ޑްރާމާ ސީރީޒްގެ އެވޯޑާއި ޑްރާމާތަކުގެ ބައިން އެންމެ މޮޅު ސްކްރީންޕްލޭ އަދި އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު 'ސަކްސެޝަން' ހޯދި އިރު ޑްރާމާ ކެޓެގަރީގެ ހުރިހާ އެކްޓިން އެވޯޑުތަކެއް ވެސް ގެންދިޔައީ އެ ސިލްސިލާގެ ތަރިން ކަމަށްވާ ސާރާ ސްނޫކް އާއި ކީރަން ކަލްކިން އަދި މެތިއު މެކްފޭޑެން އެވެ.
ކޮމެޑީ-ޑްރާމާ ސިލްސިލާ 'ދަ ބެއާ' ވެސް އެކްޓިންގެ ތިން އެވޯޑު ހޯދި އެވެ.
އެންމެ މޮޅު ލިމިޓެޑް ސީރީޒްގެ އެވޯޑް ހާސިލްކުރި 'ބީފް'ގެ އަލީ ވޮންގް އާއި ސްޓިވޭން ޔިއުން ވަނީ އެންމެ މޮޅު އެކްޓްރެސް އަދި އެކްޓަރުގެ އެވޯޑު ގެންގޮސްފަ އެވެ.
އެމީ އެވޯޑު ހޯދި މިފަދަ ގިނަ ތަރިން ވަނީ މީގެ ހަފްތާއެއް ކުރިން ގޯލްޑެން ގްލޯބް ވެސް ހާސިލްކޮށްފަ އެވެ.
އެންމެ މޮޅު ކޮމެޑީ އެކްޓްރެސްގެ އެވޯޑު ހޯދީ 'އެބޮޓް އެލިމެންޓްރީ'ގެ ކުއިންޓާ ބްރަންސަން އެވެ.
އަދި 'ދަ ވައިޓް ލޮޓަސް'ގެ ޖެނިފާ ކޫލިޖް ވަނީ އެންމެ މޮޅު ސަޕޯޓިން ޑްރާމާ އެކްޓްރެސްގެ އެވޯޑު ގެންގޮސްފަ އެވެ.
އެލްޓަން ޖޯން އެވޯޑު ހޯދީ އޭނާގެ 'އެލްޓަން ލައިވް: ފެއާވެލް ފްރޮމް ޑޮޖާ ސްޓޭޑިއަމް' ޝޯއިންނެވެ. އޭނާއަށް ލިބުނީ އެންމެ މޮޅު ލައިވް ވެރައިޓީގެ އެމީ އެވެ. މިއީ އެލްޓަން ޖޯން އެމީ އެވޯޑަށް ނޮމިނޭޓްވި ފުރަތަމަ ފަހަރު ވެސް މެ އެވެ.