ކޭކްއަހޯލިކް ކެފޭ ހިންގާ އައިމިނަތު ޖަމީލް އެ ކެފޭ ތެރޭގައި ފޮޓޯއަކަށް ހުއްޓިލައިގެން (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ފުޑް

ކޭކްއަހޯލިކް: އައިންތު ފިޔާތޮށިކުލައިން ޖަރީކޮށްލި ހުވަފެނެއް

ކޭކާއި ކޮފީ އަދި ތަފާތު ޑްރިންކްސް ބުއިމަށް ނަލަހެދިލައިގެން މި ކެފޭއަށް އެތައް ބަޔަކު މިހާރު ޒިޔާރަތް ކުރޭ
15 ޖެނުއަރީ 2024
1

ބުރުޒުމަގުން މާފަންނުގެ މެދެއްހާ ހިސާބުން ދުއްވާފައި ދާ އިރު އެންމެ ބޮޑަށް ލޮލުގައި އަޅައިގަންނާނީ އާދަޔާހިލާފަށް ފިޔާތޮށި ކެފޭ އެކެވެ. އެ މަގުން ހުޅަނގަށް ދުއްވާ އިރު ވާތްފަރާތުގައި ހުންނަ 'ކޭކްއަހޯލިކް' ކެފޭއިން މަގަށް ހުރަހަށް ނިކުންނަން ތައްޔާރަށް ފިޔާތޮށި ސުކޫޓަރެއް ހުންނާނެ އެވެ. މިއީ ނުބައި ކޮޅަކަށް ދުއްވާ ސައިކަލެއް ނޫނެވެ. މިއީ ކެފޭގެ ޑެކެރޭޝަންގެ ބައެކެވެ. ސްކޫޓަރާ ޖެހިގެން ފިޔާތޮށި ފޯނު ބޫތެކެވެ. މި ޑިސްޕްލޭއާ އެކު، އެ މަގުން ދުއްވާ އެންމެންގެ ލޯ ހުއްޓޭނީ 'ކޭކްއަހޯލިކް' ކެފޭ އަށެވެ.

ކޭކްއަހޯލިކްގެ ވެރިޔާ އައިމިނަތު ޖަމީލް އެ ކެފޭގެ ބޭރުގައި ފޮޓޯއަކަށް ހުއްޓިލައިގެން (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ކެފޭގެ އެތެރޭގައި މުޅިންހެން ފިޔާތޮށި ކުލަ އެވެ. އިށީންނަން ޖަހާފައި ހުރި ބެންޗުތަކަކީ އުނދޯއްޔެވެ. އަތް ދޮންނަން ބަހައްޓާފައި ހުރި ސިންކްއަކީ ކޭކް މިކްސް ކުރަން ބޭނުން ކުރާ ކަހަލަ ކިޗަންއެއިޑް މިކްސަރެކެވެ. އެއަށް އިސްކުރެއް ގުޅައި ފެން އަންނަ ގޮތް އަދި ފެން ދާ ގޮތަށް ތަފާތު ކްރިއޭޓިވް ގޮތަކަށް ހަދާފައިވާ އެއްޗެކެވެ.

ކެފޭއަށް ޒިޔާރަތް ކުރާ މީހުން ފޮޓޯ ނަގަން ފާރުގައި ބޮޑު ވަރައެއް ހުއްޓެވެ. ބަލާބެލުމަށް އެސްތެޓިކް އެވެ. ކެފޭތަކަށް ނަލަހެދިލައިގެން ދާ މީހުން އެންމެ ގަޔާވާ ގޮތަށެވެ.

ކޭކްއަހޯލިކްގެ ވެރިޔާ އައިމިނަތު ޖަމީލް އެ ކެފޭ ތެރޭގައި ފޮޓޯއަކަށް ހުއްޓިލައިގެން (ދައުރު ފޮޓޯ/ހުސައިން ސުނޭން)

މި ކޮންސެޕްޓަށް ކެފޭއެއް ހިންގުމަށް ޝައުުގުވެރިވެގެން މި ކެފޭ ހުޅުވީ އައިމިނަތު ޖަމީލް އެވެ. އައިންތު، 36، އަކީ ދެ ކުދިންގެ މަންމަ އެކެވެ. ފިޓްނަސް އިންސްޓްރަކްޓަރެކެވެ. 'ވެލްނަސް ބައި ނާޒީ'ގައި އޭނާ ޕާސަނަލް ޓްރެއިނިން އާއި ކްލާސްތައް ނަގައިދެ އެވެ.

ދެވަނަ ދަރިފުޅު ލިބުމުގެ ކުރިން، އައިންތު އަކީ ކެންގަރޫ ކިޑްސްގެ ޕްރީސްކޫލް ޓީޗަރެކެވެ. ދެވަނަ ދަރިފުޅު ލިބުމާ އެކު އޭނާ ޓީޗަރެއްގެ ބިޒީ ވަޒީފާ ދޫކޮށްލައި އަމިއްލަ މަސައްކަތެއް ފެށުމަށް ނިންމި އެވެ.

އައިންތުގެ ބޮޑު ޝައުގުވެރިކަމެއް އޮތީ ކެއްކުމާއި ބޭކް ކުރުމަށެވެ. އޭނާ ބުނިގޮތުގައި އޭނާ އަކީ އަބަދުވެސް މީރުކޮށް ކައްކާހިތްވާ މީހެކެވެ. 

އައިންތު 2019 ގައި އޯޑަރަށް ކޭކް އަޅަން ފެށި އެވެ. އަމިއްލައަށް ދަސްކޮށްގެން އޭނާ އަަޅަން ފެށި ކޭކުތައް އިންސްޓަގްރާމްގައި ވިއްކަން ފެށީ 'ކޭކްއަހޯލިކް'ގެ ނަމުގަ އެވެ.

"ހުރިހާ ވައްތަރެއްގެ ކޭކެއް ވެސް އަޅަން. ބާތުޑޭ، ވެޑިން ކޭކް އަދި އެކި ފްލޭވާތަކުގެ ކޭކް އަޅަމުން އައީ،" އަމިއްލަ ގިނަ ޑިޒައިންތަކަކަށް ކޭކު އަޅާފައިވާ އައިންތު ބުންޏެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ހުޅުވި މި ކެފޭ އަކީ އައިންތު އިންސްޓަގްރާމްގައި ކާމިޔާބުކަމާ އެކު ހިންގަމުން އައި މި ވިޔަފާރި ފުޅާކޮށް އިތުރު ހަރުފަތަކަށް ގެންދިއުމަށް އޭނާ ކުރަން ފެށި މަސައްކަތެކެވެ. 

މުނާސަބަތަކާ ނުލައި ވެސް މީރު ކޭކު ފޮއްޗަކާ އެކު ސައި ތައްޓެއް ނުވަތަ ކޮފީއެއް ބޯލުމަށް ވަރަށް ގިނަ ބަޔަކު ބޭނުންވެ އެވެ. ކެފޭއާ އެކު އައިންތު އޭނާގެ ކަސްޓަމަރުންނަށް ދެނީ އެ ފުރުސަތެވެ.

ޓްރެސްލެޗެސް، ޗީޒް ކޭކް، ބާންޓް ޗީޒް ކޭކް، ޕެޝަން ފުރުޓް ޗީޒް ކޭކް އަދި މި ނޫން ވެސް އެކި ރަހަތަކުގެ ކޭކު މީރުކޮށް އޭނާ އަޅަ އެވެ. އޯޑަރު ނުކޮށް، ކެފޭއަށް ގޮސްގެން މި ރަހަތައް ކާލަން ލިބެނެ އެެވެ.

އޭނާ ސަޔަށް ތައްޔާރުކުރާ ކޭކުތަކުގެ ތެރެއިން، އެންމެ ފާހަގަކޮށްލެވޭ އެއް ބާވަތަކީ ޓްރެސްލެޗެސް ކޭކެވެ. ބައެއް ކަސްޓަމަރުން ބުނާ ގޮތުގައި، އަނގަޔަށް ވިރިގެންދާ މީރު މި ކޭކަކީ މާލޭގެ އެއްވަނަ އެވެ. ކޭކާއި ކޮފީ އަދި ތަފާތު ޑްރިންކްސް ބުއިމަށް ނަލަހެދިލައިގެން މި ކެފޭއަށް އެތައް ބަޔަކު މިހާރު ޒިޔާރަތް ކުރެ އެވެ.

ކެފޭ ހިންގަމުން، ދަރިން ބަލަމުން، ޖިމް އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރުން ވެގެންދާނީ ބުރަ ބޮޑު މަސައްކަތަކަށެވެ. އައިންތު އޭނާގެ ޝެޑިއުލް ކޮންމެވެސް ވަރަކަށް ކިޔައިދިނެވެ. ހެނދުނު ފަތިހާ ހޭލައިގެން އޭނާގެ ދުވަސް ފަށަނީ ޖިމުންނެވެ. އެއަށް ފަހު ދަރިން ސްކޫލަށް ގެންދިއުމުގައި އޭނާ އުޅެ އެވެ. ކެފޭގެ މަސައްކަތްކޮށް ބޭކް ކުރުމަށް ދުވާލަކު ތިން ގަޑި އިރަށް ވުރެ ގިނަ ވަގުތު އައިންތު ހޭދަ ކުރެ އެވެ.

ކެފޭގެ ކޭކުތަކާ އެއްވަރަށް، އެތަނުގެ މެނޫގައި ހިމަނާފައިވާ ބުއިންތައް ވެސް ޒުވާނުން މެދުގައި މަގުބޫލެވެ. ފާހަގަކޮށްލެވޭ އެއް ބުއިމަކީ 'ބިއުޓީ އެންޑް ދަ ބީސްޓް' އެވެ. މައްޗެއް ޖަހައިގެން ފިނިފެންމަލަކާ އެކު ގެންނަ މި ބުއިމުގެ މަތި ހުޅުވާލުމާ އެކު ދުން އަރަ އެވެ. މި ބުއިންތަކަކީ ޒުވާން ކަސްޓަމަރުންގެ މެދުގައި ހިޓެކެވެ.

އައިންތު ބުނިގޮތުގައި މި ކެފޭ މިގޮތަށް ހެދުމުގެ ހިޔާލު އޭނާއަށް ލިބުނީ އިނގިރޭސިވިލާތުގެ ކެފޭއަކުންނެވެ.

ކޭކްއަހޯލިކްގައި ދުން އަރާ ގޮތަށް ސާވް ކުރާ ޑްރިންކެއް (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ކެފޭގެ މި ކޮންސެޕްޓް އައިންތުއަށް ހަގީގަތަކަށް ހަދައިދިނީ އޭނާގެ ބައިވެރިޔާ އަލީ ނަވީޝް އެވެ. ޕައިލެޓެއްގެ ގޮތުގައި މަސައްކަތް ކުރާ ނަވީޝް ކެފޭގެ މަސައްކަތް ނިންމާލީ އޭނާގެ އޯފް ދުވަސްތަކުގައި މަސައްކަތްކޮށްގެންނެވެ.

"ސިންކް ގޮތަށް ބަހައްޓާފައި އެހެރީ އައިންތު އެންމެ ފުރަތަމަ ކޭކް މިކްސް ކުރަން ބޭނުންކުރި މިކްސަރު،" ހީނގެންފައި ނަވީޝް ބުންޏެވެ.

"އަަހަރު ދުވަސް ހޭދަވި. ހަމައެކަނި ލިބޭ އޯފް ދުވަހު މަސައްކަތްކޮށްގެން ކެފޭ މިވަރަށް ނިންމާލީ."

ކޭކްއަހޯލިކްގެ ވެރިޔާ އައިމިނަތު ޖަމީލް އެ ކެފޭގެ ބޭރުގައި އޭނާގެ ބައިވެރިޔާ އަލީ ނަވީޝްއާ އެކު ފޮޓޯއަކަށް ހުއްޓިލައިގެން (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ކެފޭގެ ފުރަތަމަ ފަންގިފިލާގައި ފުރިހަމަ ކަރޯކޭ ރޫމެއް ހުރެ އެވެ. މިއީ މިހާރު މާލޭގައި ކެފޭއެއް ހަދާ އިރު ކޮންމެހެން ވެސް ހުންނަންވާ ތަނެކެވެ. ކޮފީއަކާ ކޭކުކޮޅަކާ އެކު ލަވައެއް ކިޔާލުން އެއީ ގިނަ މީހުން ހިތްހަމަޖެހުން ހޯދާ ގޮތެވެ.

ކޭކްއަހޯލިކް ކެފޭގެ މަތީ ބައިގައި ހަދާފައިވާ ކަރޯކޭ ރޫމް(ދައުރު ފޮޓޯ/ހުސައިން ސުނޭން)
ކޭކްއަހޯލިކްގެ ކަރޯކޭ ރޫމްގައި ބަހައްޓާފައިވާ ނިއޯން އާޓްގެ އުފެއްދުމެއް (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

އެ އިމާރާތުގެ ތިންވަަނަ ފަންގިފިލާ ބަދިގެއެއް ގޮތަށް މިހާރު އަންނަނީ ތައްޔާރު ކުރަމުންނެވެ. އެތަނުގައި ކޭކު ފިހެ ހެދޭނެ ގޮތަށެވެ.

ކޭކްއަހޯލިކްގައި ބަހައްޓާފައިވާ ސިންކު (ދައުރު ފޮޓޯ/ހުސައިން ސުނޭން)

މިވަގުތު ކެފޭގައި ހަތަރު މުވައްޒަފުން މަސައްކަތް ކުރެ އެވެ. މިހާރު ވިއްކަން ލިބޭ ލުއި ކާނާގެ އިތުރުން ޕާސްތާ ކަހަލަ ކެއުންތަކެއް މެނޫއަށް ތައާރަފް ކުރުމަކީ އައިންތުގެ އަމާޒެކެވެ.

ކޭކްއަހޯލިކްގެ އެތެރެ: ފިޔާތޮށި ކުލައިން ޖަރީކޮށްފައިވާ މި ކެފޭ ވަނީ މާލޭގައި ގިނަ ބައެއް ސަމާލުކަން ހޯދާފައި (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އުއްމީދަކީ ކެފޭ އަދި މިއަށް ވުރެ ފުޅާކުުރުން ކަމުގައި އޭނާ ބުންޏެވެ. ރަނގަޅު ހިދުމަތާއި މީރު ރަހަތަކެއް ކަސްޓަމަރުންނަށް ގެނެސްދިނުމަކީ އޭނާގެ އެންމެ ބޮޑު އުއްމީދެވެ.

ކޭކްއަހޯލިކް ކެފޭ ހިންގާ އައިމިނަތު ޖަމީލް: އޭނާގެ އުއްމީދަކީ އެ ކެފޭގެ ވިޔަފާރި ވީހާވެސް ބޮޑަށް ފުޅާކުރުން (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ނިންމާލަމުން މުހިއްމު ސުވާލެކެވެ. އައިންތުއަށް އެންމެ ރީތީ ހަމަ ފިޔާތޮށި ކުލަ ހެއްޔެވެ؟ އޭނާ ބުނިގޮތުގައި މިއީ އޭނާއަށް އެންމެ ރީތި ކުލައެއް ނޫނެވެ. މަގުސަދަކީ ކަސްޓަމަރުންނަށް ކަމުދާނެ، ނަލަހެދިލައިގެން ފޮޓޯ ނަގާލައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލާނެ ހިތްގައިމު މާހައުލެއް ހޯދައިދީ މީރު ކޭކު ފޮއްޗެއް ލޯބިވާ ބަޔަކާ އެކު ހިއްސާކޮށްލާނެ ފުރުސަތެއް ދިނުން ކަމުގައި އައިންތު ބުންޏެވެ.

'ކޭކްއަހޯލިކް' ބްރޭންޑާ އެކު އޭނާގެ އުއްމީދަކީ ފިޔާތޮށިކުލައިން ޖަރީކޮށްލި މި ހުވަފެން އެންމެ އުހަށް ގެންދިއުމެވެ.

ކޮމެންޓް (1)

ލުބްނާ

15 ޖެނުއަރީ 2024
ތަން ސަޅީ ...
3 -1

އިތުރު އާޓިކަލް

އިތުރު އާޓިކަލް