ގުޅުން ދަމަހައްޓަން އެންމެ މުހިއްމު އެއް ކަމަކީ މުއާމަލާތް ކުރުން ހަރުދަނާ ކުރުން

ލޯބި

ގިނަ ދުވަސްވީ ބައިވެރިޔާއާ އެކު ލޯބިން އުޅޭނީ މިހެން

ގުޅުން ހީނަރުނުވެ ކުރިއަށް ދެވޭނީ ދެ މީހުން ވެސް އެ ގުޅުން ދަމަހައްޓަން މަސައްކަތްކޮށްގެން
13 ޖެނުއަރީ 2024

ކޮންމެ ކަމެއްގެ ވެސް އާކޮޅުގައި އެކަމަކަށް އޮންނަ ފޯރި ބޮޑުވެ އެވެ. އާކަން ނުކެނޑޭ އިރު އުޅޭނީ ވަރަށް ބަލައިގެން ވަރަށް ލޯބިންނެވެ. ދޭދޭ މީހުންގެ ދެމެދުގައި އޮންނަ ގުޅުންތަކުގައި މިކަން ބައެއް މީހުންނަށް ތަޖުރިބާ ކުރެވިދާނެ އެވެ. ދިވެހިން މިކަމަަށް އިޝާރަތްކޮށް "މާފޮޅުވުން" އަދި "އުޑުން ތަރި ބޭލުން" ވެސް ކިޔަ އެވެ.

ދެ މީހެއްގެ ދެމެދުގައި އޮންނަ ގުޅުމަކަށް ގިނަ ދުވަސްވެ، ބައިވެރިޔާ ދެކެ ލޯބިވާކަން އޭނާއަށް އެންމެ ފުރިހަމައަށް ބުނެނުދެވި ދެ އެވެ. ބޭނުންވާ އަޅާލުމާއި ލޯބި އަދި ސަމާލުކަން ނުދެވި ހިނގައިދެ އެވެ. ބައިވެރިޔާގެ ކިބައިން ކުރިން ފެނުނު އުނި ސިފަތަކަކީ އޭރު "ކިއުޓް" ކަންކަން ކަމުގައި ދުށްޓަސް، މިހާރު އެކަންކަމާ ހެދި ފޫހިވެ އެވެ. 

ދެމިގެންދާ ގުޅުމެއް ބޭއްވުމަށް ތިމާ އާއި ބައިވެރިޔާ އެކުގައި މަސައްކަތް ކުރުން މުހިއްމު

ނަމަވެސް، ހަނދާނުގައި ބަހައްޓަންވީ އެއް ކަމެއް އެބަ އޮތެވެ. ތިމާގެ ދިރިއުޅުމުގެ އެއްބައި ކަމުގައި ދެކި މުޅި ހަޔާތް އެކީގައި ހޭދަ ކުރުމަށް ނިންމައިގެން އިހްތިޔާރު ކުރާ ބައިވެރިޔާ އަކީ ކިހާ މުހިއްމު މީހެއް ކަމެވެ. ސަބަބަކީ ތިމާ ކަންކަމާ މެދު ދެކޭގޮތާއި ހަޔާތުގައި ތިމާ ކަނޑައަޅާ ލަނޑުދަނޑިތައް އަދި ތިމާގެ މިޒާޖާ ގުޅޭ މީހެއް ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ. އަދި އެފަދަ މީހަކާ ދިމާވެ، ދިގު މުއްދަތަކަށް އެ ގުޅުން ބަދަހިކުރަން ބޭނުން ނަމަ، އެ ގުޅުން ދަމަހައްޓަން މަސައްކަތް ކުރަން ޖެހެ އެވެ. ބައެއް ގުޅުންތަކުގެ ބިންގާ އަދި ވަކިން ވަރުގަދަ އެވެ. ނަމަވެސް އެ ގުޅުންތައް ދެމިގެންދާން ހަރުދަނާ މަސައްކަތްތަކެއް ބޭނުންވެ އެވެ.

ތިރީގައި މިވަނީ ގުޅުން ދަމަހައްޓައި ވަރުގަދަ ކުރުމަށް ކުރެވިދާނެ ހަ ކަމެކެވެ.

1. މުއާމަލާތް ކުރުން ހަރުދަނާ ކުރުން

ގުޅުމެއްގައި އެންމެ މުހިއްމު ކަމަކީ ރަނގަޅަށް މުއާމަލާތް ކުރުމޭ ބުނާ އަޑު ވަރަށް ގިނަ ފަހަރު އިވޭނެ އެވެ. މިއީ ހަމަ ހަގީގަތެކެވެ. ރޮމޭންޓިކް، ޕާސަނަލް އަދި ޕްރޮފެޝަނަލް ލައިފުގައި ވެސް ކަން އޮތީ މިހެންނެވެ.

މުއާމަލާތް ކުރުން އެއީ ހަމައެކަނި ބައިވެރިޔާއާ ވާހަކަ ދެއްކުމެއް ނޫނެވެ. ކޮންމެ މީހެއްގެ ވެސް ވާހަކަ ދެއްކުމުގައި ވަކި ސްޓައިލެއް ހުރެ އެވެ. ރުންކުރުވެ، އޯގާތެރިކަމެއް ނެތި ބައިވެރިޔާއާ މުހާތަބު ކުރުުމަކީ ދެ މީހުންގެ ގުޅުމަށް ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ. ހިތްމަރުވެ، އެކަކު އަނެކަކަށް ކުރާ އިހްތިރާމް ގެއްލެން މެދުވެރިވެ އެވެ. މީގެ އިތުރުން ގާތްކަން ގެއްލި ދުރުކަމެއް ވެސް އުފެދުމަށް މެދުވެރިވެ އެވެ.

ދެ މީހުން އިހްސާސްތައް ބަދަލުކޮށް ވާހަކަ ދައްކާ ނަމަ ގުޅުން ހީނަރެއް ނުވާނެ

ވާހަކަ ދެއްކުމުގައި އަބަދު "ކަލޭ" ނުވަތަ ބައިވެރިޔާއަށް ނިސްބަތްކޮށް އޭނާގެ ނަން ބޭނުންކޮށްގެން ވާހަކަ ދައްކާ ނަމަ، މިސާލަކަށް "ކަލޭ އަބަދު މިހެން..." ނުވަތަ "ކަލޭ ދުވަހަކުވެސް އެކަމެއް..." މިފަދަ އިބާރާތްތައް ބޭނުން ކުރާ ނަމަ، އަބަދު ކުށް ދައްކާ ކަމުގެ އިހްސާސް އަނެކާއަށް ކުރެވެ އެވެ. މީގެ ބަދަލުގައި "އަހަރެން" އަށް ބަދަލުކޮށްގެން އެކަމެއްގެ ވާހަކަ ދައްކާ ނަމަ ބައިވެރިޔާއަށް ޓާގެޓްކޮށްގެން ދައްކާ ވާހަަކަ އިހްސާސް ކުރެވޭ ގޮތް ކުޑަ އެވެ.

އެހެންކަމުން ބައިވެރިޔާއާ މައްސަލައެއް ޖެހިގެން ވާހަކަ ދައްކާ އިރު، ކުށްވެރި ކުރާ ރާގު ދޫކޮށްލާފައި ވާހަކަ ދައްކަންވީ މިހެންނެވެ؛ "ތިކަން ތިގޮތަށް ކުރުމުން އަހަންނަށް އިހްސާސް ވަނީ" ނުވަތަ "ތިހެން ހެދީމަ" މި ގޮތަށެވެ.

2. އެކީގައި ކަންކަން ކުރުން

ދެ ވައްތަރެއް ނުވަތަ "އޮޕޮސިޓް" ދެ ކަމެއްގެ ދެމެދުގައި ދަމާބާރެއް އޮންނަ ވާހަކަ އަޑުއިވޭނެ އެވެ. ސައިންސްގެ ބައެއް ކަންކަމުގައި މިއީ ހަގީގަތަކަށް ވެދާނެ އެވެ. ތަފާތު ދެ މިޒާޖެއްގެ ދެ މީހަކަށް ވުރެ ބޮޑަށް ގުޅޭނީ އެއްކަހަލަ މިޒާޖު ހުންނަ މީހުންނެވެ. 

ތެދެކެވެ. ދިގު މުއްދަތަކަށް ދެމިގެންދާ ގުޅުމެއްގައި ތިމާ އުޅުނަސް ތިމާގެ އަމިއްލަވަންތަކަން މުހިއްމެވެ. ސަބަބަކީ މީހަކާ އެކު ގުޅުމެއް ފެށެން މެދުވެރިވީ ވެސް އަމިއްލަ މިޒާޖުގެ ސަބަބުންނެވެ. އެހެންކަމުން އަމިއްލަ ކުދިކުދި ތަފާތުތަކެއް ހުއްޓަސް ބައިވެރިޔާއާ ގުޅުން ބަދަހި ކުރުމަށް ދެ މީހުން އެއްބަސްކިޔާ އާނ ބަސް ބުނާ ކަންކަން ނުވަތަ އެއްކަހަލަ ހިޔާލުތަކެއް ހުރުން މުހިއްމެވެ.

ދެ މިޒާޖެއްގެ ދެ މީހުންނަށް ވުރެ ބޮޑަށް އެއްކަހަލަ މިޒާާޖުގެ މީހުން ގުޅޭ

ދެ މީހުން ޝައުގުވެރިވާ ކަންކަން ކުރުމަށް ވަގުތު ހުސްކުރެވިދާނެ އެވެ. މިއީ ދެ މީހުންގެ ގުޅުމުގައި އެކަކު އަނެކަކާ އެކުވެރިކަން އާލަވުމަށް މެދުވެރިވާ ސަބަބެކެވެ. އުމުރުން ދުވަސްވީ ބައިވެރިންގެ ތެރޭގައި ހެދި ދިރާސާއެއްގައި ބުނާގޮތުގައި ބައިވެރިޔާއާ އެކު އޮންނަ އެކުވެރިކަމާއި ހުނުންތަކަކީ ގުޅުމެއްގައި އެންމެ އަގުބޮޑު ދެ ކަމެވެ.

އެހެންކަމުން ބައިވެރިޔާއާ އެކު ވަގުތު ހޭދަ ކުރުމަށް، ދެ މީހުން ޝައުގުވެރިވާ ސަބަބެއް ހޯދާފައި އޮތުން މުހިއްމެވެ. އެހެން ނޫން ނަމަ ތިމާ ހަޔާތުގައި ގަޔާވެގެން ކުރާ ގިނަ ކަންކަމަކީ އެކަނި ކުރާ ކަންކަމުގައި އޮންނާނީ ވެފަ އެވެ.

ބައިވެރިޔާއާ އެކީގައި ކަންކަން ކުރުމަށް އަބަދު ކުރިން ކަންކަން ރާވާކަަށް ނުޖެހޭ. ގޭތެރޭގެ ކަންކަން ވެސް ދެ މީހުން އެކީގައި ކުރެވިދާނެ

އެކީގައި ކަންކަން ކުރުމަށް ކުރެވިދާނެ ކަންކަން ތިރީގައި މިވަނީ އެވެ.

  • އެކީގައި ކުރާ ކަންކަމަކީ އަބަދުވެސް ދުރާލާ ކަނޑައަޅާފައިވާ ކަންކަން ނުވަތަ "ޑޭޓް ނައިޓް" ކަމުގައި ވުން ލާޒިމެއް ނޫނެވެ.

  • އެކީގައި ކަސްރަތުކުރުން، ކެއްކުން، ނުވަތަ ބޭރުގައި ވަގުތު ހޭދަ ކުރުމަކީ ކުރެވިދާނެ ކަމެކެވެ. ގޭތެރޭގައި މިސާލަކަށް އެއް ޓީވީ ޝޯތަކެއް ބެލުން ފަދަ ކަންކަން ކުރެވިދާނެ އެވެ.

  • ދެ މީހުން އެއްކަހަލަ ކަންކަމަށް ޝައުގުވެރި ނުވާ ނަމަ އެކަކު އަނެކަކު ޝައުގުވެރިވާ ކަންކަމަށް "އޯޕަން މައިންޑް"އެއް ބަހައްޓައިގެން އާ ކަންކަން ކުރެވިދާނެ އެވެ.

3. އަމިއްލަ ކުށް ގަބޫލު ކުރަން ޖެހޭ

ކޮންމެ މީހެއް ވެސް ގުޅުމަކަށް އެމީހެއްގެ ކިބައިގައި ހުންނަ ކަންކަން ގެނެ އެވެ. ބައެއް ފަހަރަށް އަހަރެމެންގެ އުޅުން ބައްޓަންވެފައި ހުންނަނީ ކުރީގެ ތަޖުރިބާތަކުގެ މައްޗަށެވެ. މި އުޅުންތައް ދިގު މުއްދަތަކަށް މީހަަކާ ގުޅިގެން އުޅުމަށް ބައެއް ފަހަރަށް ހުރަހަކަށްވެގެން ދެ އެވެ.

ކުރީގެ ގުޅުމެއްގެ ސަބަބުން، ބައިވެރިޔާއާ ދެމެދު އޮންނަ ގުޅުމަށް އަސަރު ކޮށްފާނެކަން ދަންނަންވޭ

މިސާލަކަށް ކުރިން ގުޅިގެން އުޅުުނު މީހަކު ބޭވަފާތެރިވުން ނުވަތަ އޭނާގެ ފުށުން އަނިޔާއެއް ކުރިމަތިވެފައިވާ ނަމަ އަލަށް ގުޅޭ ބައިވެރިޔާއަށް އިތުބާރު ކުރުމަށް ފަސްޖެހުމެއް ހުރެދާނެ އެވެ.

އެހެންކަމުން، ތިމާ އަކީ ކާކުކަން ދެނެގަނެ، ގުޅުމެއް ހެޔޮގޮތުގައި ކުރިއަށް ގެންދިއުމަށް އަމިއްލަ މީހާގެ ފުށުން ބަދަލުކުރަންޖެހެނީ ކޮން ކަންކަމެއްތޯ ދެނެގަންނާށެވެ.

އަމިއްލައަށް ހެދޭ ގޯސްތައް ގަބޫލުކުރުން މުހިއްމު

އަބަދުވެސް ދަންނަންވަނީ ތިމާއަށް ތިމާ ބަދަލުކުރެވިދާނެ ކަމެވެ. އެހެން މީހަކު ބަދަލު ނުކުރެވިދާނެ އެވެ. އީކުއޭޝަންގެ ދެބައިކުޅަ އެއް ބަޔަކީ ތިމާ ކަމުގައިވާ އިރު، އެއީ %50 ކުރިއެރުމެކެވެ.

އަމިއްލަ ނަފްސު އިސްލާހު ކުރުމަށް މަސައްކަތް ކުރާކަން ބައިވެރިޔާ ގާތު ބުނުމަކީ ވެސް، އޭނާގެ ފަރާތުން ހިތްވަރު ލިބޭ ކަމަކަށް ވެދާނެ އެވެ. އަދި އޭނާ ވެސް އޭނާގެ ކިބައިގައިވާ އުނި ކަންކަން އިސްލާހު ކުރުމަށް ލިބޭ ހިތްވަރަކަށް ވެދާނެ އެވެ.

4. ޝުކުރުވެރިވުން މުހިއްމު

ދިގު މުއްދަތަށް ދެމިގެންދާ ގުޅުންތައް ދިރާސާކުރުމުން ފާހަގަވީ، ޝުކުރުވެރިވުމާއި އަގުވަޒަން ކުރުމަކީ ކާމިޔާބު އަދި ދިގު މުއްދަތަކަށް ދެމިގެންދާ ގުޅުމެއްގެ މުހިއްމު ބައިތަކެއް ކަމެވެ.

ބައިވެރިޔާއަށް ޝުކުރު އަދާ ކުރުމަކީ ކޮންމެ ފަސް މިނެޓަކުން އެއް ފަހަރު ޝުކުރިއްޔާއޭ ބުނުމެއް ނޫނެވެ. މިކަމުގައި އިހްލާސްތެރިކަމެއް ނެތް ކަމަށް ހީވެދާނެ އެވެ. މީގެ ބަދަލުގައި ބައިވެރިޔާއަށް ޝުކުރު އަދާ ކުރުމަށް އެހެން ގޮތްތަކެއް އިހްތިޔާރު ކުރެވިދާނެ އެވެ. އަމަލުން އެކަން ދެއްކިދާނެ އެވެ.

ބައިވެރިޔާއަށް ޝުކުރު އަދާ ކުރުން ދިގު މުއްދައްތެއްގެ ގުޅުމެއްގެ މުހިއްމު ކަމެއް

އަނގަބަހުން ނުބުނެ ވެސް ބައިވެރިޔާއަށް ޝުކުރު އަދާ ކުރެވިދާނެ އެވެ. މިސާލަަކަށް ކޮޓަރި ތެރެ ސާފުކޮށް އޮއްވާ ދާ އެއްޗެހި ބިންމައްޗަށް އެއްލާލުމުގެ ބަދަލުގައި ވަށިގަނޑަށް ލެވިދާނެ އެވެ.

މިކަމުން ބުނެދެނީ އޭނާ ސާފު ކުރުމަށް ކުރި މަސައްކަތް ބަލައިގަނެ ޝުކުރުވެރިވާ ކަމެވެ. އަދި އޭނާގެ މަސައްކަތް ބޭކާރު ވިޔަ ނުދީ، އެ ގޮތުގައި ބޭއްވުމަށް ތިމާ މަސައްކަތް ކުރާ ކަމެވެ.

5. ބައިވެރިޔާއާ އަޅާލުން

ބައިވެރިޔާއަށް އޭނާ ބޭނުންވާ އަޅާލުމާއި ސަމާލުކަން ދޭށެވެ. އޭނާއަށް އެއްވެސް ވަރަކަށް އޭނާއާ އަޅާނުލާކަމުގެ އިހްސާސް ކުރެވިގެނެއް ނުވާނެ އެވެ.

ގުޅުމެއް ދެމިގެންދަނީ ބައިވެރިޔާއަށް އޭނާ ބޭނުންވާ ސަމާލުކަން ދޭ ނަމަ އެވެ. މިއީ ދިގު މުއްދަތަށް ދެމިގެންދާ ކާމިޔާބު ގުޅުންތަކުގެ މުހިއްމު އެއް ޝަރުތެވެ.

މިސާލަކަށް ފިލްމެއް ބަލަން ހުއްޓާ ބައިވެރިޔާ މުހިއްމު ވާހަކައެއް ތިމާއާ ދައްކަން ބޭނުން ނަމަަ ފިލްމް ޕޯޒް ކޮށްލާފައި އެ ސަމާލުކަން އޭނާއަށް ދޭށެވެ.

6. ގާތްކަން ބޭއްވުން

ބައިވެރިޔާއާ ގާތްކަން ނުވަތަ "އިންޓިމެސީ" ބޭއްވުމަކީ ތިމާއަށް ބައިވެރިޔާ މުހިއްމުވާ ވަރު ބުނެދޭ ކަމެކެވެ.

އިންޓިމެސީގައި އިމޯޝަނަލް އަދި ފިޒިކަލް އިންޓިމެސީ ހިމެނެ އެވެ.

އިމޯޝަނަލް އިންޓިމެސީގައި ހިމެނެނީ ތިމާގެ އަމިއްލަ ހިޔާލުތަކާއި، ގަބޫލުކުރާ ކަންކަން އަދި ހުވަފެންތައް ބައިވެރިޔާއާ ހިއްސާ ކުރުމެވެ. ފިޒިކަލް އިންޓިމެސީގައި ހިމެނެނީ ބައިވެރިޔާއާ އެކު އޮންނަ ޖިންސީ ގުޅުމާއި ލޯބިން ބާއްވާ ގާތްކަމެވެ.

ދިގު މުއްދަތެއްގެ ގުުޅުމެއްގައި އިންޓިމެސީ މުހިއްމު ދައުރެއް އަދާ ކުރޭ

ދިރާސާ އިން ބުނާގޮތުގައި ދިގު މުއްދަތެއްގެ ގުޅުމުން ލިބޭ ހިތްހަމަޖެހުން އޮންނަނީ އިންޓިމެސީ ބާއްވާ މިންވަރާ ވަރަށް ބޮޑަށް ގުޅިފަ އެވެ.

ފިޒިކަލް އަދި އިމޯޝަނަލް އިންޓިމެސީއަށް ވެސް ޖާގަ ހޯދުން ވަރަށް މުހިއްމެވެ.

ގުޅުންތައް ކާމިޔާބުވުމުގައި ވަކި ހާއްސަ ފޯމިއުލާއެއް ނޯވޭ

ގުޅުންތައް ކާމިޔާބުކަމާ އެކު ދެމިގެން ދިއުމަށް ވަކި ހާއްސަ ފޯމިއުލާއެއް ނެތެވެ. ނަމަވެސް އުފާވެރިކަން ގެނެސްދޭ އަދި ދިގު ދެމިގެންދާ ގުޅުންތަކަށް މަގުފަހިވަނީ އެކަމަށް މަސައްކަތެއް ކޮށްގެންނެވެ.

ކޮންމެ ގުޅުމެއްގައި ވެސް އަސާސީ ކަންކަން، މިސާލަކަށް ލޯބި، ރައްކާތެރިކަން އަދި ބަލައިގަތުން ފަދަ ކަންކަން އެއްގޮތް ވިޔަސް މި ބޭނުންތައް ފުއްދާ ގޮތް ވަރަށް ތަފާތުވެދާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް