މޭކަޕް އާޓިސްޓު އާމިނަތު ހިޝާން (ޗޫޓީ) މޯލްޑިވިއަން އައިޑޮލް އައިޝަތު އަޒަލްގެ ކައިވެނީގެ މޭކަޕް ކޮށްދެނީ (ފޮޓޯ/އާމިނަތު ހިޝާން)

ބިއުޓީ

މި މޭކަޕް އާޓިސްޓުގެ ހުނަރުވެރިކަމުގައި އަމިއްލަވަންތަކަން

މޭކަޕް އާޓިސްޓު އާމިނަތު ހިޝާން (ޗޫޓީ) ވަނީ ޕްރޮފެޝަނަލް މޭކަޕް އާޓިސްޓެއް އަދި ހެއާ ސްޓައިލިސްޓެއްގެ ގޮތުގައި ފްރީލާންސްކޮށް މަސައްކަތް ކޮށް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައި
28 ޑިސެމްބަރު 2023

އާމިނަތު ހިޝާން ނުވަތަ އެންމެން ދަންނަ ނަމުން ނަމަ ޗޫޓީ އަކީ ރާއްޖޭގައި ފުޅާވަމުން އަންނަ މޭކަޕް ދާއިރާއަށް އާ ނަމެއް ނޫނެވެ. އޭނާގެ ހުނަރާއި ތަފާތު މޭކަޕް ސްޓައިލު އަބަދުވެސް ވިދަ އެވެ. 

"އާޓްއަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް އަބަދުވެސް އޮވޭ. އަދި އާޓްގެ އެކި ފޯމްތަކަށް ބޮޑު އިހުތިރާމެއް އޮވޭ. ކްރިއޭޓިވް ނަޒަރަކުން ބަލާ ނަމަ ކޮންމެ ކަމެއް ވެސް އާޓްގެ ގޮތުގައި ބެލެވިދާނެ. އެކަމަކު އަޅުގަނޑަށް އާޓްއަކީ މޭކަޕް. މޭކަޕް ކޮށްދިނީމަ އެ މީހަކު އަމިއްލަ ނަފްސަށް ހިތްހަމަޖެހުން ލިބި، އަމިއްލަ ސިފައާ މެދު ކޮންފިޑެންޓުވާން އެހީތެރިވުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އާޓް،" އާމިނަތު ހިޝާން ބުންޏެވެ.

އާމިނަތު ހިޝާންއަކީ ބްރައިޑަލް މޭކަޕް އަދި ހެއާ ސްޓައިލްއަށް ސްޕެޝަލައިޒް ވެފައި ހުރި އާޓިސްޓެއް (ފޮޓޯ/އާމިނަތު ހިޝާން)

އާމިނަތު ހިޝާން ތައްޔާރުކޮށްފައިވާ މޮޑެލުންގެ އިސްތަށިގަނޑާއި މޭކަޕަށް ރަނގަޅަށް ބަލައިލުމުން އޭނާ ގެންގުޅޭ ހާއްސަ 'ސިގްނެޗާ' ވައްޓަފާޅި ފެންނާނެ އެވެ. މޮޑެލުންގެ ހަންގަނޑުގައި ކުލަ ޖައްސާފައި ހުއްޓަސް އަސްލު ހަންގަނޑުހެން ހީވެ އެވެ. ލޭޔަރު ލޭޔަރަށް ޕުޓީ ޖަހާފައި ހުރި ބުދުތަކެއް ހެނެއް ނޫނެވެ. އަދި މި 'ނެޗުރަލް' ލުކްއާ އެކު މުޅިން އާދަޔާހިލާފު މޭކަޕެއް ލޮލުގައި ކޮށްފައި ހުރެދާނެ އެވެ. ނޫނީ އިސްތަށިގަނޑު މޮޅު ގޮތަކަށް ތައްޔާރުކޮށްލައިފައި ހުރެދާނެ އެވެ. އެކަމަކު އެއިން އެއްވެސް ލުކްއެއް ހުތުރެއް ނޫނެވެ. ހީވަނީ ހަމަ ފުރިހަމަ އާޓްވޯކްއެއް ހެނެވެ.

"އަޅުގަނޑުމެންގެ މުޖުތަމައުގައި އާންމު ގޮތެއްގައި 'ރަނގަޅު ވަޒީފާ' ކަމަށް ގަބޫލު ކުރާ ކަހަލަ މަސައްކަތް އަޅުގަނޑު ވެސް ކުރިން. އެކަމަކު އެއިން އެއްވެސް ކަމަކުން އަޅުގަނޑުގެ ހަޔާތަށް އެއްވެސް އުފާވެރިކަމެއް އަދި މަގްސަދެއް ހާސިލްވާކަމުގެ އިހުސާސެއް ނުކުރެވުނު،" އާމިނަތު ހިޝާން ކިޔާދިނެވެ.

"ދެން އަޅުގަނޑު ޝައުގުވެރިވާ ކަމެއް ކޮށްގެން އަމިއްލައަށް ވިޔަފާރިއެއް ކުރެވިދާނެކަން އެނގުނީމަ ވަގުތުން މަންމަ ގާތު އެދުނީ ޕްރޮފެޝަނަލަކަށް ވާން ދަސްކޮށްދޭ އެކަޑަމީއަކަށް އަޅުގަނޑު ފޮނުވާދޭން. އަޅުގަނޑުގެ އެންމެ ބޮޑު ސަޕޯޓަރަކީ މަންމަ އަދި އަޅުގަނޑުގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް މަންމަ އަބަދުވެސް ހިތްވަރުދޭ."

އާމިނަތު ހިޝާން ސާޓިފައިޑް ޕްރޮފެޝަނަލް މޭކަޕް އާޓިސްޓެއް އަދި ހެއާ ސްޓައިލިސްޓެއްގެ ގޮތުގައި ފްރީލާންސްކޮށް މަސައްކަތް ކުރަން ފެށީ 2016ގައި (ފޮޓޯ/އާމިނަތު ހިޝާން)

އާމިނަތު ހިޝާން ސްރީ ލަންކާގެ ރޫޓްސް ހެއާ އެންޑް ބިއުޓީ އެކަޑަމީއިން މޭކަޕްގެ އިތުރުން 'ސްކިން' ދަސްކުރި އެވެ. ހަންގަނޑު ދުޅަހެޔޮކޮށް ބެލެހެއްޓުމަކީ މޭކަޕް އަދި އިސްތަށިގަނޑު ސްޓައިލު ކުރާއިރު ވެސް މުހިއްމު ރޯލެއް އަދާ ކުރާ ބައެކެވެ. ދަސްވެނިވުމަށް ފަހު އޭނާ ދެން ފެށީ އޭނާ ކިޔެވި ކަންކަން އަމަލީ ގޮތުން ކުރާށެވެ. އޭނާގެ ރަހުމަތްތެރިންނާއި ދަންނަ މީހުންގެ މޭކަޕް ކޮށްދީ އިސްތަށިގަނޑު ސްޓައިލު ކޮށްދީގެން ހަމުގެ އެކި ކުލަތަކާއި ވައްތަރުތަކުގެ އިތުރުން މޫނުގެ ބައްޓަންތައް ދަސްކުރި އެވެ. 

އޭނާ ސާޓިފައިޑް ޕްރޮފެޝަނަލް މޭކަޕް އާޓިސްޓެއް އަދި ހެއާ ސްޓައިލިސްޓެއްގެ ގޮތުގައި ފްރީލާންސްކޮށް މަސައްކަތް ކުރަން ފެށީ 2016ގަ އެވެ.

ކައިވެނި ހަފްލާއަށް މޭކަޕް އާޓިސްޓެއް ނެގުމުގެ ކުރިން ވިސްނާލަންޖެހޭ ކަންތައްތަކެއް އާމިނަތު ހިޝާން ކިޔައިދިން. (ފޮޓޯ/އާމިނަތު ހިޝާން)


"މިހާތަނަށް އަޅުގަނޑަށް ގިނަ ކަންތައްތަކެއް ދަސްވީ ޓްރަޔަލް އެންޑް އެރާ އިން. ފުރަތަމަ ފެށި އިރު އަޅުގަނޑު ބޭނުންވީ ކްލަޔަންޓު ހިތްހަމަޖެހޭ، އެމީހުންގެ ސިފަ ނުގެއްލޭ ގްލެމް ލުކްއެއް ގެނެސްދޭން. މިހާރު އަޅުގަނޑުގެ އަމިއްލަ 'ސިގްނެޗާ' ލުކްއެއް ތައްޔާރު ކުރެވިއްޖެ. އެ ލުކް އަކީ ގިނަ މީހުންނާ ގުޅޭ ލުކްއެއް. އެކަމަކު އޭގެ މާނައަކީ ހުރިހާ އެންމެނަށް އެއް މޭކަޕް ތައްގަނޑެއް ގެންގުޅުމެއް ވެސް ނޫން. ކޮންމެ މީހެއްގެ ހަމުގެ ވައްތަރާއި މޫނުގެ ބައްޓަން ތަފާތު ވާނެ. އެހެންވީމަ އެ ސިގްނެޗާ ލުކްއަށް ކުދި ބަދަލުތަކެއް ގެނެސްގެން ކްލަޔަންޓަށް އެންމެ އެކަށީގެންވާ ގޮތަކަށް އަދި އޭނާ ހިތްހަމަޖެހޭ ގޮތަކަށް ކުރަނީ،" އާމިނަތު ހިޝާން ކިޔައިދނެވެ.


އޭނާ ގަބޫލު ކުރާ ގޮތުގައި "ޕްރެކްޓިސް މޭކްސް ޕާފެކްޓް" އެވެ. އޭނާ ކުރާ މަސައްކަތާއި ދަސްވި އެއްޗަކާ މެދު އަދިވެސް މުޅިން ހިތްހަމައެއްނުޖެހެ އެވެ. އެއީ މޭކަޕް ޓެކްނޮލޮޖީއަކީ އަބަދުވެސް ބަދަލުވަމުން އަންނަ އެއްޗަކަށް ވާތީ އެވެ. މުޅިން އާ ކަންތައްތައް އަބަދުވެސް ދަސްކުރަން ޖެހެ އެވެ. މީގެ އިތުރުން ކޮންމެ މަސައްކަތެއްގައި ވެސް މީހަކު ކުރިއަރާނީ އެ މީހަކު އެ މަސައްކަތެއް ދަސްކުރަން ޝައުގު ހުރެގެންނެވެ.

އާމިނަތު ހިޝާން ވަނީ ސްރީ ލަންކާގެ ރޫޓްސް ހެއާ އެންޑް ބިއުޓީ އެކަޑަމީއިން މޭކަޕްގެ އިތުރުން 'ސްކިން' ދަސްކޮށްފައި (ފޮޓޯ/އާމިނަތު ހިޝާން)

ހުރިހާ ބާވަތެއްގެ މޭކަޕް އަދި ހެއާ ސްޓައިލު ކުރަން އެނގޭ ހުނަރުވެރިއަކަށް ވިއަސް، ބްރައިޑަލް މޭކަޕް އަދި ހެއާ ސްޓައިލިންނަށް އޭނާ ވަނީ މިހާރު ސްޕެޝަލައިޒްވެފަ އެވެ.

ކައިވެނީގެ ރަސްމިއްޔާތަށް މޭކަޕް ކޮށްދޭނެ މޭކަޕް އާޓިސްޓެއް ހޯދާ އިރު އެ މީހަކު ބޭނުންވާ ސްޓައިލެއް ހޯދައި ދުރާލާ ވިސްނާފައި ބެހެއްޓުމަށް އޭނާ ލަފާދެ އެވެ. އެއަށް ފަހު، ހިތްހަމަޖެހޭ މޭކަޕް އާޓިސްޓުންގެ ލިސްޓެއް ތައްޔާރުކޮށް، އެމީހުން ކޮށްފައި ހުރި މަސައްކަތަށް ބަލައި ތިމާ ބޭނުންވާ ލުކްއެއް ނެރެވޭނެ ޒާތުގެ އާޓިސްޓެއް ލިބޭތޯ ބެލުން މުހިއްމުކަން އޭނާ ފާހަގަ ކުރި އެވެ. އެއީ ކޮންމެ އާޓިސްޓެއްގެ މަސައްކަތް ވެސް ތަފާތުވެފައި މަސައްކަތް ކުރާ އުސޫލުތައް ވެސް ތަފާތުވާނެތީ އެވެ.

އާމިނަތު ހިޝާން ބުނިގޮތުގައި ކައިވެނި ހަފްލާއަށް މޭކަޕް ކުރާ އިރު، ކޮންމެ ޒަމާނަކާ ވެސް ގުޅޭ ސްޓައިލެއް ހިޔާރު ކުރުން މުހިއްމު (ފޮޓޯ/އާމިނަތު ހިޝާން)

މިފަހުގެ މޭކަޕް ލުކްތައް އިންތިހާއަށް ގިނަ އެވެ. އަދި އިހުތިޔާރު ކުރާނެ ލުކްއެއް ނޭނގުން އެކަށީގެންވެ އެވެ. ބްރައިޑަލް މޭކަޕްއަށް ޓްރެންޑީ އަދި ޒަމާނީ ލުކްތަކަށް ވުރެ ބޮޑަށް އެކަށީގެންވަނީ ކޮންމެ ޒަމާނަކާ ވެސް ގުޅޭ 'ކްލެސިކް' ލުކްއެކެވެ. އޭރުން، އަހަރުތަކެއް ފަހުން ވެސް ކައިވެނި ދުވަހުގެ ފޮޓޯތަކަށް ބަލައިލުމުން، ކޮށްފައި ހުރި މޭކަޕްއަކީ އަބަދަށް ފެހި، ހިތްގައިމު ލުކްއަކަށް ވާނެ އެވެ.

"ފިއުޗާ ބްރައިޑްސް މޭކަޕް އާޓިސްޓާ އެކު ޓްރަޔަލްއެއް ބުކް ކުރުން ވަރަށް މުހިއްމު. އެއީ އޭގެ ސަބަބުން އެ ބްރައިޑެއް ބޭނުންވާ ލުކް ރަނގަޅަށް ޓެސްޓުކޮށް، ގެންނަން ޖެހޭ އެއްވެސް ބަދަލެއް ގެނައުމަށް ވަގުތު ލިބޭނެ. އަދި ކައިވެނި ރަސްމިއްޔާތު އޮންނަ ދުވަހު މޭކަޕް އާޓިސްޓަށް ފުރިހަމަ އިތުބާރު ދެވޭނެ،" އާމިނަތު ހިޝާން ބުންޏެވެ.

އާމިނަތު ހިޝާން ކޮށްފައިވާ މޭކަޕެއް: އޭނާއަކީ ބްރައިޑަަލް މޭކަޕް އަދި ހެއާ ސްޓައިލިންގެ މާހިރަކަށް ވިއަސް އެކި މުނާސަބަތުތަކަށް އެކަށީގެންވާ މޭކަޕް ވެސް ކޮށްދޭ (ފޮޓޯ/އާމިނަތު ހިޝާން)

އާމިނަތު ހިޝާންގެ މަސައްކަތްތެރިކަމާއި ހުނަރާ މެދު އެއްވެސް ޝައްކެއް ނެތެވެ. މޭކަޕް އެޕޮއިންޓުމަންޓުތަކަށް ގަޑިއަށް ދިއުމުގެ އިތުރުން، އޭނާ ތައްޔާރު ކުރާ ކޮންމެ ލުކްއަކާ މެދު އިންތިހާއަށް ފަރުވާތެރިވެފައި، ސާފުތާހިރުކަމާ އެކު އެ ލުކްއެއް ކްލަޔަންޓު ބޭނުންވާ ގޮތަށް ފުރިހަމަ ކުރެވޭތޯ ބަލަ އެވެ. މިއީ އާއްމުގޮތެއްގައި އެއް އާޓިސްޓެއްގެ ކިބައިން ފެންނަ ކަންތައްތަކެއް ނޫނެވެ.

"މި ދާއިރާއަށް ނުކުންނަން ބޭނުންވާ ކުއްޖަކަށް އަޅުގަނޑު ދޭނެ ނަސޭހަތަކީ ކަލާ ތިއަރީ އާއި ސްކިން ދަސްކުރަން އިސްކަންދޭށޭ. ކުރިން ވެސް ބުނި ފަދައިން ހަންގަނޑު ދަސްކުރީމަ، މޭކަޕް ކުރާއިރު ފަސޭހަވާނެ. އަދި ކަލާ ތިއަރީ ދަސްކުރީމަ ހަމުގެ އެކި ކުލަތަކާ ގުޅުވާނެ ގޮތް، ޖީބަށް ވެސް ލުއި ގޮތަކަށް އަދި ބުއްދިވެރިކޮށް ކުލަ ބޭނުން ކުރަން އެނގޭނެ،" އާމިނަތު ހިޝާން ކިޔައިދިނެވެ.

"ފައުންޑޭޝަނާއި ކޮންސީލާގެ ވިއްސަކަށް ފުޅި ގަންނާކަށް ނުޖެހޭނެ. އޭގެ ބަދަލުގައި ހަތަރު ވަރަކަށް ފައުންޑޭޝަން ނުވަތަ ކޮންސީލާއާ އެކު ޕްރައިމަރީ ކުލަތައް ބޭނުންކޮށްގެން ހަންގަނޑުގެ ކުލަ ނެރެވިދާނެ. މޭކަޕް ޕްރޮޑަކްޓުތަކަކީ އާއްމުކޮށް ވަރަށް އަގުބޮޑު ތަކެތި. އެހެންވީމަ މޭކަޕް އާޓިސްޓަކަށް ވުމަކީ އިންވެސްޓުމެންޓެކޭ ބުނެވިދާނެ. އެހެންވީމަ ޕްރޮޑަކްޓު ގަންނަ އިރު ވިސްނައިގެން، އިސްރާފު ކުޑަ އުސޫލެއް ގެންގުޅުން ބުއްދިވެރި. ދެން ޕްރެކްޓިސް، ޕްރެކްޓިސް އަދި ޕްރެކްޓިސް."

"ފެއިލްވިޔަސް ނުވަތަ ނުރުހުނު ކްލަޔަންޓަކާ ކުރިމަތިލާން ޖެހުނަސް އޭގެ މާނައަކީ ތިމާ ކުރާ ކަންކަން ގޯސްވުމެއް ނޫން. އެ ތަޖުރިބާއެއްގެ ސަބަބުން އުނގެނި އަދި ބޮޑަށް ރަނގަޅުވުމަށް ޖާގަ ލިބޭ. އަބަދުވެސް ކަންކަން ރަނގަޅު ނަޒަރަކުން ބަލައި، ޕެޝަންއާ އެކު ކުރަން މަސައްކަތް ކުރަންވާނެ." 

އާމިނަތު ހިޝާން މީހަކަށް މޭކަޕް ކޮށްދެނީ: އޭނާގެ އުއްމީދަކީ އަމިއްލަ ސްޓޫޑިއޯއެއް ހުޅުވުން (ފޮޓޯ/އާމިނަތު ހިޝާން)

އާމިނަތު ހިޝާން ބުނިގޮތުގައި ފްރީލާންސް މޭކަޕް އާޓިސްޓެއްގެ ގޮތުގައި މަސައްކަތް ކުރާ އިރު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ކްލަޔަންޓެއް ގާތަށް ދާ ކޮންމެ ފަހަރަކު އުފުލަންޖެހޭ ސާމާނު ބަރުވެ، ބުރަކައްޓަށް އޭގެ އަސަރު ކުރުމެވެ.

"އެހެންވީމަ އަޅުގަނޑުގެ އުއްމީދަކީ ކައިރި މުސްތަގުބަލެއްގައި އަޅުގަނޑުގެ އަމިއްލަ ބިއުޓީ ސްޓޫޑިއޯއެއް ހުޅުވުން. އަޅުގަނޑުގެ ކްލަޔަންޓުން ހިތްހަމަޖެހޭ ގޮތަކަށް، ފަސޭހައިން އެއް ތަނަކުން އެމީހުންގެ ހުރިހާ ބިއުޓީ ސާވިސްއެއް ލިބޭ ތަނެއް ތައްޔާރު ކުރުން،" އޭނާ ބުންޏެވެ.

"މިހާތަނަށް އަޅުގަނޑަށް ލިބުނު ކްލަޔަންޓުންގެ އެއްބާރުލުމާއި ލޯތްބާ އެކު އަޅުގަނޑުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބުމަކީ ހަގީގަތުގައި ވެސް އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ނަސީބެއް. އަޅުގަނޑުގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އެހީތެރިވެދޭ ހުރިހާ އެންމެންނަށް ވެސް ޝުކުރު އަދާކުރަން."

އިތުރު އާޓިކަލް

އިތުރު އާޓިކަލް