މާޔޫސް ބަލިން އަރައިގަތުމަށް ޕްރޮފެޝަނަލެއްގެ އެހީތެރިކަން ހޯދުން މުހިއްމު

ލޯބި

ބައިވެރިޔާގެ ކިބައިގައި މާޔޫސް ބަލި ހުންނަ ނަމަ ހަދާނީ ކިހިނެއް؟

ބައިވެރިޔާގެ މާޔޫސް ބަލީގެ ސަބަބުން ތިމާއަށް އަސަރު ފޯރުން ގާތް، އެހެންކަމުން އަމިއްލަ ނަފްސާ އަޅާލުން މުހިއްމު
24 ނޮވެމްބަރު 2023

މުހިންމު ނުކުތާތައް

އަމިއްލަ ނަފްސާ އަޅާލާ ނަމަ ބައިވެރިޔާގެ މާޔޫސްކަމުން ތިމާއަށް އަސަރު ކުރާ މިންވަރު ކުޑަވޭ

ތިމާއަށް ހިތްވަރުދޭނެ ބަޔަކު މިފަދަ ހާލަތެއްގައި މުހިއްމު

ބައިވެރިޔާއާ އެކު ހޭދަކުރާ ވަގުތު ދެ މީހުން އުފާވާ ކަންކަން ކުރުން މުހިއްމު

ކައިވެންޏަކީ ތިމާ އެކަނި ޝާމިލުވާ ކަމެއް ނޫނެވެ. މި ދަތުރުގައި ނެވިކަން ކުރާ އިރު ދެ މީހުންގެ ތަފާތުތަކާ ކުރިމަތިލާން ޖެހެނީ ވިސްނުންތެރިކަމާ އެކު އެވެ.

ކޮންމެ މީހަކީ ވެސް ތަފާތު މީހެކެވެ. ބައިވެރިޔާ އަކީ ކަންކަމާ މެދު މާޔޫސް ލޮލަކުން ދެކޭ މީހެއް ކަމުގައި ވެެދާނެ އެވެ. އެންމެންނަކީ އެއްވަރަކަށް އުފާވާ ބަަޔެއް ނޫނެވެ. ނަފްސާނީ ގޮތުން ތިމާ އަކީ ބަލިކަށި މީހެއް ނަމަ، ތިމާ އަށް އެކަމުގެ އަސަރު ކުުރުމަކީ އެކަށީގެންވާ ކަމެކެވެ.

ބައިވެރިޔާ އަކީ ކަންކަމާ މެދު މާޔޫސް ލޮލަކުން ދެކޭ މީހެއް ނަމަ ތިމާއަށް އެކަމުގެ އަސަރުކޮށްފާނެ

މީހެއްގެ އިހްސާސްތަކާއި ޖަޒްބާތުތަކަކީ އެކަކުގެ ކިބައިން އަނެކަށް ފަސޭހައިން އޭގެ އަސަރު ކުރާ ކަމެކެވެ. އެހެންކަމުން ބައިވެރިޔާގެ ކިބައިގައި މާޔޫސް ބަލި ހުންނަ ނަމަ އެކަމުގެ ސަބަބުން ތިމާ ވެސް މޮޅިވެ ދެރަވުމާ ކުރިމަތިލާން ޖެހެ އެވެ. އަދި ދިގު މުއްދަތަކަށް މިކަން ދެމިގެންދާ ނަމަ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރެ އެވެ.

އާ ދިރާސާ އަކުން ބުނާ ގޮތުގައި ހިޔާރު ކުރާ ބައިވެރިޔާ އަކީ ދިރިއުޅުމާ މެދު ހިތްހަމަނުޖެހުންތައް ގިނަ މީހެއް ނަމަ، އަދި ކަންކަމުގައި މާޔޫސްވާ މީހެއް ނަމަ، އެކަމުގެ އަސަރު ތިމާގެ ދިރިއުޅުމަށް ވެސް ކުރެ އެވެ. އަދި ދިރިއުޅުމާ މެދު ހިތްހަމަނުޖެހެ އެވެ.

ލޯތްބަކީ ފާޑެއްގެ އެއްޗެކެވެ. ގިނަ ފަހަރަށް ލޯބިވެވެނީ ކާކު ދެކެތޯ އެއީ ތިމާގެ އިހްތިޔާރުގައި އޮންނަ ކަމެއް ނޫނެވެ. މިފަދަ ހާލަތެއް ކުރިމަތިވެއްޖެ ނަަމަ، ތިމާގެ ނަފްސާނީ ހާލާތަށް ނޭދެވޭ އަސަރު ކުރިޔަ ނުދިނުމަށް އަމިއްލަ ނަފްސާ އަޅާލަންޖެހެ އެވެ.

ގިނަ ފަހަރަށް ލޯބިވެވެނީ ކާކު ދެކެތޯ މިއީ ތިމާގެ އިހްތިޔާރުގައި އޮންނަ ކަމެއް ނޫން

ޑިޕްރެޝަން ނުވަތަ މާޔޫސްވާ ބަލި ހުންނަ ބައިވެރިޔަކާ އެކު އުޅުމަކީ ފަސޭހަ ކަމެއް ނޫނެވެ. ބައިވެރިޔާގެ ނުތަނަވަސްކަމުގައި ބައިވެރިވެވި، ސްޕޮންޖުގަނޑަކަށް ފެން ދަމައިގަންނަ އުސޫލުން، އެއީ ތިމާގެ އިހްސާސްތަކުގެ ގޮތުގައި ބެލެވެ އެވެ.

އެހެންކަމުން މުހިއްމީ ބައިވެރިޔާގެ އިހްސާސްތަކާއި ތިމާގެ އިހްސާސްތަކަކީ ވަކި އެއްޗެެއްގެ ގޮތުގައި ދެނެގަތުމެވެ. ބައިވެރިޔާގެ ހިތްދަތިކަމާއި ހިތާމަވެރި އަދި މޮޅި މޫޑު މުޅިންހެން އޮތީ ތިމާގެ އުފަލާ ގުޅިފައި ނޫންކަން ދަންނަން ޖެހެ އެވެ.

މިކަން ކުރުމަށް އެންމެ ބޮޑު އިސްކަމެއް ދޭންވީ ދެ މީހުންގެ މެދުގަައި މުއާމަލާތްކުރުން އިތުރުކޮށް ގުޅުން ވަރުގަދަ ކުރުމަށެވެ. އެކަކު އަނެކަކުގެ އިހްސާސްތައް ދެނެގަތުމަށް މިކަމުން އެހީވެދެ އެވެ. އަދި ދެ މީހުންގެ ގުޅުމުގެ ދުޅަހެޔޮކަން މިކަމުގެ ސަބަބުން އިތުރުކޮށްދީ އެކަކު އަނެކަކަށް ރައްކާތެރިވެވެ އެވެ.

ތިރީގައި މިވަނީ މިފަދަ ގުޅުމެއްގައި އުޅޭ ނަމަ އަމިއްލަ ނަފްސާ އަޅާލުމަށް ކުރެވިދާނެ ހަ ކަމެއްގެ ގޮތުގައި ތަޖުރިބާ ކާރުން ފާހަގަކޮށްފައިވާ ކަންކަމެވެ.

1. އަމިއްލަ ނަފްސު އުފާވާ ކަންކަމަށް ހާއްސަ ސަމާލުކަމެއް

އަމިއްލަ ނަފްސު އުފަވާ ކަންކަމަށް ވަގުތު ހޭދަކުރަން ޖެހޭ

ސެލްފްފުލްނެސް، ނުވަތަ އަމިއްލަ ނަފްސު އުފާވާ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދީގެން އެކަންކަން ފުރިހަމަ ކުރުމުން އެހެން މީހުންނާ އަޅާލުމަށް ފަސޭހަވެ އެވެ.

މިކަމުގެ ސަބަބުން އަމިއްލަ ނަފްސު ރައްކާތެރިކުރުމަށް އެހީވެދެ އެވެ. ކަންކަމުގައި ވަކި ހައްދުތަކެއް ހުރެ އެވެ.

އަދި އެހެން މީހުންގެ ފަރާތުން ރުހުމުގެ ބަސްތަކެއް ހޯދުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި އަމިއްލަ މީހާގެ ހިތްހަމަޖެހުން ގުޅިފައި އޮންނަނީ އެމީހެއްގެ އަމިއްލަ އަމަލުތަކާ އެވެ.

2. ތިމާއަށް އޯގާތެރިވާ މީހުން މުހިއްމު

ގާތްމީހުން ތަކެއް އަބަދުވެސް ތިމާގެ ސަޕޯޓް ސިސްޓަމްގެ ގޮތުގައި ބައިތިއްބަންވޭ

ކޮންމެ މީހަކަށް ވެސް އަމިއްލަ ސަޕޯޓް ސިސްޓަމެއް ބޭނުންވެ އެވެ. ކޮންމެ ވާހަކައެއް ވެސް ދެެއްކޭ ކަހަލަ ބަޔަކު ތިބުން މުހިއްމެވެ. މިއީ ތިމާގެ ރައްކާތެރި ތަނެވެ. މިފަދަ މީހުން ތިމާގެ ކޮންމެ އަމަލެއް ކުށްވެރިކޮށް، ގޮތް ނިންމައެއް ނަހަދަ އެވެ.

ބަދަލުގައި އެފަދަ މީހުން ދައްކަނީ އޯގާތެރިކަމެވެ. މިފަދަ ސަޕޯޓް ގުރޫޕެއް އޮންނަ ނަމަ، ކޮންމެ ވާހަކައެއް އަދި ކޮންމެ ހިޔާލެއް ހިއްސާކޮށްލެވިދާނެ ކަން އަދި އަބަދުވެސް ތިމާ އަށް ހިތްވަރު ދޭން ބަޔަކު ތިބޭނެ ކަމުގެ އިހްސާސް ކުރެވޭނެ އެވެ. އަދި މީހާގެ ޖަޒްބާތުތައް ހަމަ މަގަށް އަޅުވައިދޭނެ އެވެ.

3. އެހެން މީހެއްގެ ދިރިއުޅުމުގެ ހުރިހާ އުފާތަކެއް ތިމާއަށް ހޯދާ ނުދެވިދާނެ

ދިރިއުޅުމުގައި ކޮންމެ މީހެއް ވެސް ކުރަނީ ވަކި ދަތުރެކެވެ. ދިރިއުޅުމުގެ ދަތުރުގައި އެހެން މީހެއްގެ ހަޔާތުގެ ބައިވެރިޔަކަށް ތިމާ ވީ ކަމުގައިވީ ނަމަވެސް، އޭނާގެ ހުރިހާ އުފާތަކެއް ތިމާ އަށް ހޯދާ ނުދެވިދާނެ އެވެ.

އަދި އޭނާގެ މާޔޫސްކަމުން އަރައިގަތުން އެއީ ތިމާގެ ޒިންމާއެއް ކަމުގައި އަދި އަގު ކަމުގައި ނަހަދާށެވެ.

4. ޝުކުރުވެރިވާންވީ ލިބިފައިވާ ކަންކަމަށް

ލޯބީގެ ގޮތުން ގުޅިގެން ތި އުޅޭ މީހާ އަކީ ޑިޕްރެޝަން ނުވަތަ މާޔޫސް ބަލި ހުންނަ މީހެއް ނަމަ، އަމިއްލަ މީހާގެ ނަފްސާނީ ދުޅަހެޔޮކަން ވަރުގަދަ ކުރުމަށް އަމިއްލަ ނަފްސާ އަޅާލުމުގެ ގޮތުން ބައެއް ކަންކަން ކުރުން މުހިއްމެވެ.

ކުދި ކަންކަމާއި ބޮޑެތި ނިއުމަތްތަކަށް ޝުކުރު އަދާ ކުރާ ނަމަ، މީހާ އަށް ހިތްހަމަޖެހުން ގެނެސްދޭނެ އެވެ. އުފާވެރިކަން އިތުރުކޮށްދެ އެވެ.

ނުވެ ހުރި ކަންކަމަށް ފޯކަސް ކުރުމުގެ ބަދަލުގައި، ހަޔާތުގެ ކުދި ކަންކަމަށް ޝުކުރު އަދާ ކުރާ ނަމަ ޖުމްލަކޮށް ހަޔާތާ މެދު ހިތްހަމަޖެހެން މެދުވެރިވެ އެވެ. މިއީ މީހާގެ ޒާތީ އުފާވެރިކަން އިތުރުކޮށްދޭނެ ކަމެކެވެ.

4. ދެ މީހުން އެކީގައި ހޭދަ ކުރާ ވަގުތު ދެ މީހުން ވެސް އުފާވާ ކަމެއްގެ ގޮތުގައި ބޭއްވުން

ދެ މީހުން އެކީގައި ހޭދަ ކުރާ ވަގުތުގައި ދެ މީހުން ގަޔާވާ ކަންކަން ކުރުމުން ގުޅުން ބަދަހިވެގެންދެ އެވެ. މިސާލަކަށް އެކީގައި ބޭރަށް ދާ އިރު ދެ މީހުންނަށް އުފާވެރިކަން ގެންނަ ކަންކަން ކުރެވިދާނެ އެވެ. މިއީ މާ ބޮޑު ކަމެއް ކަމުގައި ހީނުވިޔަސް ބައިވަރު ކުދިކުދި ކަންކަމުން ބޮޑު ބަދަލެއް ގެނެވިދާނެ އެވެ.

6. ޕްރޮފެޝަނަލެއްގެ އެހީތެރިކަން ހޯދަންވީ

ނަފްސާނީ ބަލި ހުންނަ ނަމަ ޕްރޮފެޝެނަލެއްގެ އެހީތެރިކަން ހޯދިދާނެ

ބައިވެރިޔާގެ މާޔޫސްކަމުގެ ސަބަބުން ދެ މީހުންގެ ގުޅުމަށް ނޭދެވޭ އަސަރު ބޮޑަށް ކުރާ ނަމަ، އޭނާ އަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ޕްރޮފެޝަނަލެއްގެ ފަރާތުން ހޯދާށެވެ.

ރަނގަޅު ތެރަޕިސްޓަކު ބައިވެރިޔާ އަށް ދިމާވެގެން އުޅޭ ކަންކަމަށް އޭނާގެ ލޯ ބޮޑަށް ހުޅުވާލަދީ އޭނާގެ އިހްސާސްތައް މެނޭޖް ކުރުމަށް ދަސްކޮށްދޭނެ އެވެ.

ބައިވެރިޔާ ހިތާމަ ނުވަތަ މާޔޫސްކަމާ ކުރިމަތިލާ ނަމަ އަދި މިކަމުން ތިމާގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރަން ބޭނުން ނޫން ނަމަ އަމިއްލަ ބިންގާތައް ހަރުދަނާ ކުރާށެވެ.

އަމިއްލަ ނަފްސާ އަޅާލައިގެން އުފާވެރިކަން ހޯދާށެވެ. އަދި ތިމާ އަށް ހިތްވަރުދޭނެ ބަޔަކު ގާތުގައި ބައިތިއްބާށެވެ. އެއަށް ފަހު ކުދި ކުދި ކަންކަމަށް ވެސް ޝުކުރުވެރިވާން ދަސްކުރާށެވެ. އުފާވެރިކަން އެމީހަކަށް އިހްސާސް ކުރެވެނީ އަމިއްލަ އަށް ގެންގުޅޭ ނަޒަރިއްޔާތެއްގެ ސަބަބުންނެވެ. 

އެއަށް ފަހު، މީހާގެ އިހްސާސްތައް މެނޭޖް ކުރުމަށް ދަސްކުރާށެވެ. ވިލުންވެރިވާށެވެ. އަދި އެހެން މީހުންގެ ހުރިހާ އުފަލަކާއި ޖަޒްބާތުތަކަކީ ތިމާގެ ކޮންޓްރޯލްގައިވާ އެއްޗެއް ނޫން ކަމުގައި ދަންނާށެވެ. ނަމަވެސް، ބައިވެރިޔާ އަށް ހިތްދަތިކަމާއި މާޔޫސްކަން މެދުވެރިވާ ސަބަބުތައް ހުރެދާނެކަން ދަންނާށެވެ. އޭނާގެ އިހްސާސްތައް އެއީ ބޭކާރު އެއްޗެއް ކަމުގައި ނުދެކޭށެވެ.

ބައިވެރިޔާ އަށް ތެރަޕީގެ މުހިއްމުކަން ބުނެދީ ތެރަޕީ ހޯދުމަށް ހިތްވަރު ދޭށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް