އިންފްލުއެންސަރަކަށްވުމުގެ އެއް ފައިދާ އަކީ އެމީހެއްގެ އަމިއްލަ މަސައްކަތް ކުރަން ލިބޭ މިނިވަންކަން.

ސޯޝަލް މީޑިއާ

އިންފްލުއެންސާ ލައިފްސްޓައިލް: އަސްލުވެސް އެހާ ސަޅި ކަމެއްތަ؟

މި ޒަމާނުގައި ގިނަ ބަޔަކު ސޯޝަލް މީޑިއާއަށް އެކި ކަހަލަ ކޮންޓެންޓް އުފައްދައި ބޮޑު އޯޑިއެންސަކަށް ގެނެސްދެވޭތޯ މަސައްކަތްކުރަނީ ތަފާތު ސަބަބުތަކަށްޓަކައި
22 ނޮވެމްބަރު 2023

'އިންފްލުއެންސާ'އެކޭ ބުނެވޭ، ވަރަށް ތަފާތު ކަންކަން ކުރާ މީހުން މިހާރު އުޅެ އެވެ. އެއީ މީހާގެ ފަންނުގެ ބޭނުންކުރުން، އެ މީހެއް ފޮލޯ ކުރާ މީހުން މުނިފޫހިފިލުވައިދިނުން، އެކިއެކި ކަންކަމާ ބެހޭގޮތުން ވާހަކަ ދައްކައި މައުލޫމާތު ފޯރުކޮށްދީ ހިޔާލު ފާޅުކުރުން، ނުވަތަ ސަމާސާ ވައްތަރުތައް ޖެއްސުން ކަމަށް ވިޔަސް، އިންފްލުއެންސަރަކަށް ވުމަކީ މިހާރު ގިނަ ބައެއްގެ އެދުމެކެވެ. ލިބޭ މަގުބޫލުކަމާއިި މީހުންގެ ރުހުމުގެ އިތުރުން، އާމްދަނީ ލިބޭނެ މަގެއް ފަހިވުމަކީ އެކަން ކުރުމަށް ގިނަ ބަޔަކު އެދޭ ސަބަބުތަކެވެ.

އިންފްލުއެންސާއޭ ބުނުމުން އެކި ކަހަލަ ސޯޝަލް މީޑިއާ ޝަހުސިއްޔަތުތައް ދޭހަވެ އެވެ. މިސާލަކަށް، ކަމާކަންފަށާ ކޮންޓެންޓު ހަދައިގެން ސޯޝަލް މީޑިއާގައި ޕޯސްޓުކުރާ މީހުން، ސެލެބްރިޓީ އިންފްލުއެންސަރުން، އަދި ޕޮޑްކާސްޓަރުން ހިމެނެ އެވެ. ޓްރެވަލް އިންފްލުއެންސަރުން، ލައިފްސްޓައިލް އިންފްލުއެންސަރުން ފަދަ މީހުންނަކީ ގިނައިން އެމީހުންގެ އަމިއްލަ ހަޔާތާ ބެހޭގޮތުން ވީޑިއޯ ހަދާ މީހުންނެވެ. 

 ވިޔަފާރިތަކުން އެބައެއްގެ އުފެއްދުންތައް އިޝްތިހާރުކުރުމަށް މިހާރު ބޮޑު އިސްކަމެއް ދެނީ އިންފްލުއެންސަރުން މެދުވެރިކޮށެވެ. އުފެއްދުމެއް ފުޅާ އޯޑިއަންސަކަށް އިޝްތިހާރުކުރުމުގެ މައިގަނޑު ވަސީލަތަކީ މިހާރު ޓީވީ ކަމަކަށް ނުބެލެވެ އެވެ. މިހާރު އެ ރޯލު އަދާކުރަނީ ސޯޝަލް މީޑިއާ އެވެ. ނަމަވެސް ސޯޝަލް މީޑިއާގައި ވެސް ވިޔަފާރިއެއްގެ ޕޭޖަށް، ވަރަށް މަގުބޫލު ތަނެއް ނޫންވިއްޔާ، އެހާ ގިނަ ފޮލޯވަރުން އެއްކުރަން އުނދަގުލެވެ. މިކަމުގެ ހައްލަކަށް ވަރަށް ގިނަ ތަންތަނުގެ އުކުޅަކީ އެތައް ލައްކަ އަދި އެތައް މިލިއަން ފޮލޮވަރުންނެއް ތިބޭ އިންފްލުއެންސަރުން މެދުވެރިކޮށް އެ ބައެއްގެ އުފެއްދުންތައް، ވަކި އުޖޫރައަކަށް ނުވަތަ ހިލޭ އެކި އުފެއްދުންތައް ދޭ ގޮތަށް، އިޝްތިހާރުކުރުމެވެ. 

އިޝްތިހާރުކޮށްދިނުމަކީ އިންފްލުއެންސަރެއްގެ މުޅި މަސައްކަތެއް ނޫނެވެ. ގިނަ މީހުން އެކަމުގެ ތެރެއަށް ވަންނަ ސަބަބުތަކަކީ ހަމައެކަނި މީހުންގެ މެދުގައި މަގުބޫލުވުމެއް ވެސް ނޫނެވެ. އެކަމުގެ ސަބަބުން އާމްދަނީ ވެސް ލިބެ އެވެ. ތިމާގެ ފަންނު ދުނިޔެއަށް ފަސޭހައިން ދައްކާލެވެ އެވެ. އަދި، އެކަން ކުރަނީ މީހުންގެ ރުހުމާއި ތައުރީފު ހޯދަން ކަމުގައި ވިޔަސް، އެކަން ވެސް ހާސިލުވެ އެވެ. 

ހަގީގަތުގައި ވެސް އިންފްލުއެންސަރެއްގެ ދިރިއުޅުމުގެ ވައްޓަފާޅި ވަރަށް ތަފާތެވެ. އެދެވޭ ނަތީޖާ ނެރެވެނީ ސަޅި، މީހުންނަށް ކަމުދާ އަދި އަބަދުވެސް އާ ކޮންޓެންްޓު ހަދާ މީހަކަށެވެ. އެކަން ކުރަނީ އާމްދަނީ ހޯދަން ވިޔަސް، ނުވަތަ މީހުންގެ ރުހުމާއި މަގުބޫލުކަމާއި ތައުރީފު ހޯދަން ވިޔަސް، ހަފްތާއަކުން ނުވަތަ ދެ ހަފްތާއިން އެންމެ ވީޑިއޯ ލައިގެން އިންފްލުއެންސަރެއްގެ ގޮތުގައި، ފަށައިގަންނަ އިރު، ކާމީޔާބީއެއް ނުލިބެ އެވެ. އެތަކެއް މިލިއަން ކޮންޓެންޓު އިންޓަނެޓުން ލިބެން ހުންނަ އިރު، ވަކި ތިމާ ހަދާ ކޮންޓެންޓު މީހުން ބަލަންވީ ކީއްވެ ހެއްޔެވެ؟ މިއީ ކޮންމެ އިންފްލުއެންސަރެއްގެ ވެސް އެންމެ ބޮޑު ސުވާލެވެ. 

މަޝްހޫރު ބައެއް އިންފްލުއެންސަރުން

އަރުން މައިނީ: އިންޓަނެޓް ނަމުން ނަމަ މިސްޓަ ހޫ އިޒް ދަ ބޮސް އަކީ ޓެކްނޮލޮޖީ ސާމާނު ރިވިއުކުރާ އިންފްލުއެންސަރެއް.

އަރުން މައިނީ - މިސްޓަ ހޫ އިޒް ދަ ބޮސް  (ޔޫޓިއުބްގައި 17 މިލިއަން ސަބްސްކްރައިބަރުން)

ފީލިކްސް ޝެލްބާގް: މަޝްހޫރު ނަމުން ނަމަ ޕިއުޑިޕައިއަކީ ދުނިޔޭގެ އެންމެ މަޝްހޫރު ގޭމިންގް އިންފްލުއެންސަރުންގެ ތެރެއިން ފާހަގަކޮށްލެވޭ މީހެއް.

ފީލިކްސް ޝެލްބާގް - ޕިއުޑިޕައި (ޔޫޓިއުބްގައި 111 މިލިއަން ސަބްސްކްރައިބަރުން)

ޖޭމްސް ސްޓީވެން ޑޮނަލްޑްސަން: މަޝްހޫރު ނަމުން ނަމަ މިސްޓަ ބީސްޓުގެ ޔޫޓިއުބް ޗެނަލްގައި 213 މިލިއަން ސަބްސްކްރައިބަރުން އެބަތިބި

ޖޭމްސް ސްޓީވެން ޑޮނަލްޑްސަން - މިސްޓަ ބީސްޓް (ޔޫޓިއުބްގައި 213 މިލިއަން ސަބްސްކްރައިބަރުން)

އެމިލީ ކޭންހެން: އިންސްޓަގްރާމްގައި ބައި މިލިއަނެއްހާ ފޮލޮވަރުން ތިބި އެމިލީ އަކީ ލައިފްސްޓައިލް އިންފްލުއެންސަރެއް

އެމިލީ ކޭންހެން (އިންސްޓަގްރާމްގައި 619،000 ފޮލޯވަރުން) 

ޕިއުޑިޕައި އާއި މިސްޓަ ބީސްޓަކީ އަހަރުތަކެއްގެ މަތިން ފޮލޯވަރުން އެއްކުރަމުން އައިސް ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބައެކެވެ. އެ މަގުބޫލުކަމާ އެކު އެމީހުންނަށް ލިބޭ އާމްދަނީ ވެސް ބޮޑެވެ. 

މިސްޓަ ބީސްޓު މަޝްހޫރީ، އެކި ކަހަލަ ކަންކަން ކޮށްގެން މީހުންނަށް ބޮޑެތި އަދަދުތަކުގެ ފައިސާ ބަހާ ވީޑިއޯ ހަދާތީ އެވެ. އޭނާގެ ރަނގަޅު އެއް ސިފައަކީ މީހުންނަށް އޭނާ ކޮށްދޭ ބޭނުންތެރި ކަންކަމެވެ. މިސާލަކަށް، މިފަހުން އޭނާ ހެދި އެއް ވީޑިއޯ އިން ފެންނަނީ އެފްރިކާގެ ބައި މިލިއަނެއްހާ މީހުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިން 100 ވަޅު ހެދުމެވެ. ބައެއް މީހުންގެ ފަރާތުން އެކަމަށް ލިބުނީ ހަރުކަށި ފާޑުކިޔުން ކަމަށް ވިޔަސް، އެއީ ވަރަށް ގިނަ މީހުންނަށް ކުރެވޭނެ، ނަމަވެސް ނުކޮށް އޮތް ކަމެކެވެ. 

ފުލް-ޓައިމް އިންފްލުއެންސަރަކަށް ވަނީ ކީއްވެ؟

ދިރިއުޅެން ކުރާ މަސައްކަތެއްގެ ގޮތުގައި އިންފްލުއެންސަރަކަށް ވުމަށް ގިނަ ބަޔަކު އެދެނީ ރަނގަޅު ސަބަބުތަކަކާ ހެދި އެވެ. އޭގެ ތެރޭގައި:

1. އަމިއްލަ ކަމެއް ކުރުން: އާމްދަނީ ހޯދުމަށް އެހެން ކުންފުންޏަކަށް ނުވަތަ ބަޔަކަށް ބަރޯސާނުވެ، އަމިއްލަ ފަންނުވެރިކަމާއި ހިޔާލުތައް ބޭނުންކޮށްގެން ފަރުޖެހެ އެވެ. ތިމާ ހަދާ ވީޑިއޯތައް ހަދާނެ ދުވަސްތަކާއި ގަޑިތައް އަމިއްލައަށް ސެޓުކުރުމުގެ މިނިވަންކަން އޮވެ އެވެ. ތިމާއަކީ ތިމާގެ އަމިއްލަ ބޮސްއަށް ވުމުގެ މިނިވަންކަމަކީ އިންފްލުއެންސަރަކަށް ނުވަތަ ކޮންޓެންޓު އުފައްދާ މީހަކަށްވާ އެންމެ ބޮޑު އެއް ސަބަބެވެ.

2. ވަޒީފާ އާއި އަމިއްލަ ދިރިއުޅުމުގައި ހަމަހަމަކަން: ތިމާ ބޭނުންވާ ގަޑިއެއްގައި މަސައްކަތް ކުރެވުމުގެ މިނިވަންކަމާ އެކު، ކުރަން ބޭނުންވާ އެހެން ކަންކަމަށް ފަސޭހައިން ވަގުތު ހުސްކުރެވެ އެވެ. ހާއްސަކޮށް އިންފްލުއެންސަރުންގެ މައިގަނޑު މަސައްކަތަކީ ކޮންޓެންޓު ހެދުން ކަމަށް ވުމުން، ބޭނުން ގަޑިއަކަށް އެކަން ތާވަލު ކުރެވެ އެވެ. 

3. ބޭނުންވާ ފަންނެއް ހުށަހެޅުމުގެ، ނުވަތަ ހިޔާލެއް ފާޅުކުރުމުގެ މިނިވަންކަން: އެ މިނިވަންކަމުގެ އިތުރުން، ތިމާ ހުށަހަޅައިދޭ ފަންނަކީ، ނުވަތަ އެ ދާއިރާގެ ތެރެއިން ކުރާ ކަމަކީ ބޭނުން އިރަކު ބަދަލު ކޮށްލެވޭނެ ކަމެކެވެ. އެހެންވުމުން، އެއް ކަމެއް ކޮށްކޮށް ފޫހިވުމުގެ ބަދަލުގައި، އަބަދުވެސް އާ ކަންކަން ކުރުމުގެ މިނިވަންކަން އޮވެ އެވެ.

މި ގޮންޖެހުންތަކަކީ ގިނަ މީހުންގެ ކާމިޔާބީގެ ހުރަސް

ކޮންމެ ކަމެއްގައި ވެސް ފާޑުކިޔާ މީހުން އުޅޭނެ އެވެ. އެއީ މައްސަލައަކަށް ނުވުމުގެ އިތުރުން، އަނެކާގެ ހުނަރު ކުރިއަރުވައިދޭ ކަމެކެވެ. ނަމަވެސް، ހަމަ އެ ބީދައިން ކޮންމެ ކަމެއް ކުރާ މީހަކަށް ވެސް ފުރައްސާ ކުރާ މީހުން ވެސް އުޅެ އެވެ. 

ކުޑަކޮށް ވެސް ހިތްހަމަނުޖެހޭ ކަމެއް ހުރިއްޔާ، ނުވަތަ ތިމާ އުޅޭ ގޮތާ ތަފާތު ގޮތަކަށް މީހަކު އުޅެންޏާ އޭނާއަށް ޖެއްސުންކުރާ މީހުން ގިނަ އެވެ. އިންފްލުއެންސަރުންގެ މަސައްކަތަކީ އެންމެންނަށް ފެންނަން ހުންނަ ކަންކަމަށް ވުމުން، އެފަދަ މީހުންގެ ނުފޮރުއްޕާން ވެސް އެމީހުންނަށް ޖެހޭލެއް މަދެއްނޫނެވެ.

އިންފްލުއެންސަރަކު ނާކާމިޔާބުވާ ސަބަބުތަކުގެ ތެރޭގައި:

1. މީހުންގެ މަލާމާތާއި ފުރައްސާރައިިގެ ޝިކާރައަކަށް ވުން: މިބުނިހެން، ފާޑުކިޔުމަކީ ކަމެއް ރަނގަޅު ކުރުމަށް، ނުވަތަ ތަރައްގީ ކުރުމުގެ ނިޔަތުގައި ބުނާ ބަހެވެ. ދޭ ނަސޭހަތާއި އިރުޝާދާއި ހިޔާލެވެ. ނަމަވެސް، ގިނަ އިންފްލުއެންސަރުންނަށް ދިމާވާ ކަމަކީ މީސްމީހުންގެ ފަރާތުން ކުރިމަތިވާ ފުރައްސާރަ އާއި މަލާމާތުގެ ބަސްތަކެވެ. ތެދެކެވެ. އެފަދަ މީހުން އުޅޭނެކަން އެއީ ހިތި ހަގީގަތެވެ. އަދި އެމީހުންނަށް ބީރު ކަންފަތެއް ދީ، ބްލޮކް ކުރުމަކީ އެންމެ ބުއްދިވެރި ގޮތެވެ. ނަމަވެސް، އެ ބުނާ ބަސްތަކުން މީހާގެ ރޫހަށް ކުރާ އަސަރު ބައެއް ފަހަރު މާ ވިހަވުން ވަރަށް ގާތެވެ. އަދި ފުލުފުލުން އެފަދަ ބަސްތައް އިވުމަކީ އެކަންތައް ހުއްޓާލުމުގެ ފަހަތުގައި އޮވެދާނެ އެއް ސަބަބެވެ.

2. ވަޒީފާގެ ކަށަވަރުކަން ނެތުން: އިންފްލުއެންސަރުން އާމްދަނީ ހޯދާ މައިގަނޑު އެއް ގޮތަކީ އެކި ބްރޭންޑްތަކުގެ އުފެއްދުންތައް އިޝްތިހާރު ކުރުމެވެ. ނަމަވެސް، އެ ކުންފުންޏަކުން އެހެން މީހަކު ހޯދައިފިއްޔާ، ނުވަތަ ކުއްލިއަކަށް އެ އުފެއްދުމެއް އިޝްތިހާރު ކުރުން ހުއްޓާލައިފިއްޔާ އެ އާމްދަނީ ލިބޭ ދޮރު ލެއްޕެ އެވެ. މިކަމާ ހެދި، ދެމެހެއްޓެނެވި އާމްދަނީއެއް ހޯދުމަކީ ދަތި ކަމެކެވެ.

3. އެކައުންޓު މަނާކުރުން: ބައެއް ފަހަރު، ތިމާ ޕޯސްޓުކުރާ ބައެއް ކޮންޓެންޓުގައި ހުންނަ ކިތަންމެ ހީނުކުރާ ކަމަކުން ވިޔަސް އެކައުންޓު ބްލޮކްވާން މެދުވެރިވެ އެވެ. ނަތީޖާއަކީ މަނާވާ މުއްދަތުގައި ތިމާގެ މަސައްކަތް ހުއްޓުމަކަށް އައިސް، އާމްދަނީ ލިބުން، ދުވަސްކޮޅަކަށް ނަމަވެސް، ހުއްޓުމެވެ. ގިނަ އިންފްލުއެންސަރުންނަށް އެއީ އެހާ ބޮޑު ކަމަކަށް ނުވިޔަސް، އެ ލިބޭ އާމްދަނީއަށް ވަރަށް ބޮޑަށް ބަރޯސާވާ މީހުންނަށް އެކަން ވަނީ ބޮޑު ގެއްލުމަކަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް