ސީއެފްޑީއޭ 2021ގެ ފެޝަން އައިކޮންއަކީ މަގުބޫލު އެކްޓްރެސް ޒެންޑާޔާ

ފެޝަން

ސީއެފްޑީއޭ އެވޯޑްސްގައި ޒެންޑާޔާ ވިދާލައިފި

އެމެރިކާގެ އެންމެ ބޮޑު ފެޝަން އެވޯޑްސް، ސީއެފްޑީއޭގެ ރަތް ދޫލައިގައި ފެޝަން އައިކޮނުންގެ ސްޓައިލްތައް ދައްކާލި
13 ނޮވެމްބަރު 2021

އެމެރިކާގައި ކޮންމެ އަހަރަކު ބާއްވާ ކައުންސިލް އޮފް ފެޝަން ޑިޒައިނާޒް އޮފް އެމެރިކާ (ސީއެފްޑީއޭ) އެވޯޑްސްގައި މަޝްހޫރު ފެޝަން ޑިޒައިނަރުންގެ އިތުރުން ސެލެބްރިޓީ އެކްޓަރުން، މިއުޒިޝަނުން އަދި މޮޑެލްކުރާ މީހުން، ރަތް ދޫލަ މަތިން އެމީހުންގެ އަމިއްލަ ސްޓައިލު ދައްކާލަ އެވެ. ކޮވިޑް-19ގެ ސަބަބުން، އަހަރަކަށް މެދުކެނޑުމަށް ފަހު، މި ބޮޑު އިވެންޓު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އެވެ.

ނިއު ޔޯކް ސިޓީގެ މެންހެޓަންގައި ބޭއްވި މި އަހަރުގެ އެވޯޑް ޝޯ ހޯސްޓް ކުރީ މަޝްހޫރު އެކްޓްރެސް އެމިލީ ބްލަންޓް އެވެ. ފެޝަން އިންޑަސްޓްރީގައި ކޮންމެ އަހަރަކު ވެސް އެންމެ ވިދާލި ހުނަރުވެރި ފަންނުވެރިން ސީއެފްޑީއޭ އިން ފާހަގަ ކުރެ އެވެ.

ސީއެފްޑީއޭ އިން މި އަހަރު ވެސް އެހެން އަހަރުތަކެކޭ އެއްފަދައިން އަންހެނުންނާއި ފިރިހެނުންގެ ޑިޒައިނާ އޮފް ދަ އިޔާ އެވޯޑް ދިނެވެ. އަލަށް ތައާރަފު ކުރި އެވޯޑް 'ފޭސް އޮފް ދަ އިޔާ' ވެސް މި އަހަރު ހިމެނެ އެވެ.

އެވޯޑް ހާސިލު ކުރި ތަރިންގެ ތެރެއިން އެންމެ ވިދާލީ މަގުބޫލު އެކްޓްރެސް ޒެންޑާޔާގެ ނަމެވެ. އޭނާ އެ އިވެންޓުގެ ރެޑް ކާޕެޓަށް ލައިގެން ހުރީ ޑިޒައިނަރު ވީރާ ވޭންގްގެ ރަތް ކުލައިގެ ޓޮޕަކާއި ބަބަލް ސްކާޓެކެވެ.

ޒެންޑާޔާ، 25، އަކީ ގިނަ ޑިޒައިނަރުންގެ ފޭވަރިޓެކެވެ. ބޮޑެތި ހަފްލާތަކުގައި ޒެންޑާޔާ ވަނީ ތަފާތު ހެދުންތައް ދައްކާލައި ގިނަ ބައެއްގެ ސަމާލުކަން ހޯދައިފަ އެވެ. ސީއެފްޑީއޭގެ ސީއީއޯ ސްޓީވަން ކޮލްބް ބުނިގޮތުގައި ޒެންޑާޔާ އުމުރުން ހަގު ވިޔަސް އޭނާ ސްޓައިލް އައިކޮނެއްގެ ގޮތުގައި ގިނަ ބައެއްގެ ތާއީދު ހޯދައިފި އެވެ.

މި ބޮޑު ހަފްލާގެ ރެޑް ކާޕެޓް މަތިން ލަވަކިއުންތެރިޔާ ކެލާނީ، 'ސްކުއިޑް ގޭމްސް'ގެ ތަރި ޖަންގް ހޯޔެއޮން، މޮޑެލް ކާރާ ޑެލަވީން، އެމިލީ ރަޓަޔޮވްސްކީ އަދި މިއުޒިޝަން ކިޑް ކުޑީ ފެނުނެވެ. ފާހަގަވި ބައެއް ހެދުންތަކުގެ ތެރޭގައި ޑިޒައިނަރު ކްރިސްޓޮފާ ޖޯން ރޮޖާޒްގެ އޮރެންޖު ކުލައިގެ ސޫޓެއް ލައިގެން ހުރި އެމިލީ ބްލަންޓު އަދި އެކްޓްރެސް ޑްރޫ ބެރީމޯ ލައިގެން ހުރި، ކްރިސްޗިއަން ސިރިއަނޯ ޑިޒައިން ކޮށްފައިވާ މަޑު ރީނދޫ ކުލައިގެ ބޮޑު ހެދުން ހިމެނެ އެވެ. ކިޑް ކުޑީ މި އިވެންޓަށް ލައިގެން ދިޔަ ހެދުން ގިނަ ބަޔަކު ހައިރާން ކޮށްލި އެވެ. އޭނާ ލައިގެން ހުރީ އީއާރްއެލްގެ ހުދު ވެޑިން ގައުނެކެވެ. އީއާރްއެލްއަކީ ކުރީގައި ބޭނުންކޮށްފައި ނުވަތަ އުކާލައިފައި ހުންނަ ހެދުމުން އާ ހެދުން އުފައްދާ ބްރޭންޑެކެވެ. މި އަހަރުގެ މެޓް ގާލާ އިވެންޓަށް އޭސެޕް ރޮކީ ލައިގެން ހުރީ ވެސް އީއާރްއެލްގެ ކޭޕެކެވެ.

މިފަހަރުގެ އިވެންޓުން ފެޝަން ޑިޒައިނަރުންގެ މަސައްކަތުގެ އިތުރުން، އިންޑަސްޓްރީގައި ހަމަހަމަ އުސޫލު ގެންގުޅޭ ކުންފުނިތައް ވެސް ފާހަގަ ކުރި އެވެ. ޕޮޒިޓިވް ސޯޝަލް އިންފްލުއަންސް އެވޯޑް ލިބުނު މޮޑެލް އެލަޔަންސްއަކީ ފެޝަން އިންޑަސްޓްރީގައި ހަމަހަމަ މިންގަނޑަކަށް ވަޒީފާގެ ފުރުސަތު ދިނުން ޕްރޮމޯޓު ކުރާ ކުންފުންޏެކެވެ. އަދި މޮޑެލް ކުރާ މީހުންނަށް، ރައްކާތެރި ވަޒީފާގެ މާހައުލެއް ހޯދައިދޭން މަސައްކަތް ކުރާ ބައެކެވެ.

މި އަހަރުގެ ސީއެފްޑީއޭ އެވޯޑް ލިބުނު ބައެއް ބްރޭންޑުތަކުގެ ލިސްޓެއް ތިރީގައި މިވަނީ އެވެ.

  • ބޯޑް ލޭބަލްގެ އެމިލީ ބޯޑް - އެމެރިކަން މެންސްވެއާ ޑިޒައިނާ އޮފް ދަ އިޔާ 

  • ކްރިސްޓޮފާ ޖޯން ރޮޖާޒް - އެމެރިކަން ވިމެންސްވެއާ ޑިޒައިނާ އޮފް ދަ އިޔާ 

  • ޓެލްފާ ބްރޭންޑުގެ ޓެލްފާ ކްލެމެންސް - އެމެރިކަން އެކްސެސަރީޒް ޑިޒައިނާ އޮފް ދަ އިޔާ

  • ތިޔޮފިލިއޯ - އެމެރިކަން އެމާޖިން ޑިޒައިނާ އޮފް ދަ އިޔާ

  • ބެލެންސިއާގާ ބްރޭންޑުގެ ޑެމްނާ ވަސާލިޔާ - އިންޓަނޭޝަނަލް ވިމެންސްވެއާ ޑިޒައިނާ އޮފް ދަ އިޔާ

  • ވޭލްސް ބޮނާ ބްރޭންޑުގެ ގްރޭސް ވޭލްސް ބޮނާ - އިންޓަނޭޝަނަލް މެންސް ޑިޒައިނާ އޮފް ދަ އިޔާ

  • މޮޑެލް އެލަޔަންސް - ޕޮޒިޓިވް ސޯޝަލް އިންފްލުއަންސް އެވޯޑް

  • ޕެޓަގޯނިޔާ - އެންވަރަމަންޓް ސަސްޓެއިނަބިލިޓީ އެވޯޑް

  • ނީނާ ގާސިއާ - މީޑިއާ އެވޯޑް

  • ޑެޕާ ޑޭން - ލައިފްޓައިމް އެޗީވްމަންޓް އެވޯޑް

  • ޔިއޮ ލީ - ބޯޑް އޮފް ޑިރެކްޓާޒް ޓްރިބިއުޓް

  • އަންޔާ ޓޭލާ ޖޯއި - ފޭސް އޮފް ދަ އިޔާ

  • ޒެންޑާޔާ - ފެޝަން އައިކޮން

  • ކްރިސްޓޮފާ ޖޯން ރޮޖާސް އަދި އެމިލީ ބްލަންޓް
  • ޑްރޫ ބެރީމޯ އަދި ކްރިސްޗިއަން ސިރިއާނޯ
  • މޮޑެލް އެމިލީ ރަޓަޔަވޮސްކީ
  • މިއުޒިޝަން ސިއެރާ
  • 'ސްކުއިޑް ގޭމްސް'ގެ ތަރި ޖަންގް ހޫޔެއޮން
  • އެކްޓްރެސް ޒެންޑާޔާ ލައިގެން ހުރީ ވީރާ ވޭންގެ ހެދުމެއް
  • ޕްރެޝަސް ލީ
  • ސުޕަމޮޑެލް ނަތާޝާ ޕޮލީ
  • ކިޑް ކުޑީ އީއާރްއެލް ވެޑިން ހެދުމުގައި
  • ޑެޕާ ޑޭން އާއި ޓޮމް ފޯޑް
  • ފޭސް އޮފް ދަ އިޔާ އެވޯޑް ހާސިލު ކުރި އަންޔާ ޓޭލާ ޖޯއި
  • ޑިޒައިނާ ކުޝްނީ
  • މޮޑެލް އިވާން މޮކް
  • ސުޕަމޮޑެލް ކާރާ ޑެލަވީން

އިތުރު އާޓިކަލް

އިތުރު އާޓިކަލް