އަލިމަނިކުހާނު ދައުގަތަމުން ފޮޓޯއަކަށް ހުއްޓިލައިގެން: އޭނާގެ މި އާދައިގެ ދިރިއުޅުމަކީ އާދަޔާހިލާފު ދަތުރެއް. (ދައުރު ފޮޓޯ)

ރާޅުފަށް

އަލިމަނިކުހާނުގެ މުރާލި ހަޔާތުގައި ޖެހުނު ފަރުމަސް

އޭނާގެ މި އާދައިގެ ދިރިއުޅުމަކީ އާދަޔާހިލާފު ދަތުރެއް. ނަމަވެސް އަލިމަނިކުހާނު އެންމެ ފޯރީގައި ކިޔައިދެނީ މަސްވެރިކަމުގެ ވާހަކަތައް.
18 ޖެނުއަރީ 2024
10

"މަހަށް ނުދާ ނަމަ އޭނާ ހޯދުމަކީ އެއްވެސް ކަމެއް ނޫން. އޭނާ އުޅޭނީ ގޭގައި،" ރަށުން ބައްދަލުވި ޅިޔަނުގެ ސައިކަލު ފަހަތަށް އެރުމާ އެކު ވަރަށް ޔަގީންކަމާ އެކު މިހެން ބުނެފައި އޭނާ އަހަރެން ގޮވައިގެން ނައްޓާލި އެވެ. ގޯޅިތަކަށް އަޅަމުން ގޮސް އޭނާގެ ވޭވް ސައިކަލު މަޑުކޮށްލީ ތާރުއެޅި ބޮޑުމަގުގެ މެދަކާ ހިސާބުގައި ހުރި ކުޑަކުޑަ ގެއެއްގެ ބޭރަށެވެ.

އިރު މެދުޖެހެނީ އެވެ. ރަތްދަކަ އަވިން އަންދަނީ އެވެ.

ސައިކަލުން ފައިބައިގެން، އަވިއައިނު ލޮލަށް ހެޔޮވަރު ކުރަމުން އަހަރެން އެ ދިމާލަށް ހިނގައިގަތީމެވެ.

އެއީ ތެޅިގަލާއި ސިމެންތިގަލުގެ ބައު ޖިފުޓިއެކެވެ. ދަބަރަށް ގޮސް ހުސްވެފައިވާ ޓިނު ފުރާޅުގަނޑެކެވެ. ކަށިވެލިލާފައި އޮތް މެދުގޯތި ތެރެއިން ފެންނަން ހުރި ފެން ވަޅު މަތީގައި އަޅާފައި އޮތް ޓިނުބުރިގަނޑު ވެސް ވަނީ ދަބަރުހިލައި ފީވެފަ އެވެ. އެތަނުގައި އެސްލޯނުހޮޅީގެ ދަނޑިގަނޑެއް އޮތެވެ. އެކަމަކު ދާންޏެއް ނެތެވެ.

ސ. މީދޫ ތިޔަރިމާގެ: އަލިމަނިކުހާނު ދިރިއުޅޭ މި ގެ މި ރަށު މީހުން ދަންނަނީ އަސޭސާގެ ނަމުން. (ދައުރު ފޮޓޯ)
ގެއަށް ވަންނަ ދޮރު: މިއީ އެކި ޒަމާނުގެ މަރާމާތާ އެކު ތެޅިގަލާއި އުވަޔާއި ސިމެންތި އާއި ސިމެންތިގަލުން މަސްހުނިވެފައި ހުރި ކުޑަކުޑަ ގެއެއް. (ދައުރު ފޮޓޯ)
ގޭގެ މެދުގޯތީގައި ބަހައްޓާފައި ހުރި ވަޅު: މިއީ މިހާރު ފެން ބޯން ބޭނުންކުރާ ވަޅެއް ނޫން. (ދައުރު ފޮޓޯ)

ވަޅުތެރެއަށް ބޯދިއްކޮށްލުމުން، ރަތްދަކަ އަވިން ވާތާވެފައިވީ އަހަރެންގެ ހިޔަނި ކުއްލިއަކަށް އެ ވަޅު ތެރެއަށް ފުންމާލި އެވެ. އެކަމަކު އެ ފެންގަނޑުގައި ހަމަ އެއްވެސް ދިރުމެއް ނެތެވެ. ދިރުން ވަނީ ގޯތީގެ އެތަންމިތަނުގައި ހެދިފައިވާ އެކި ވަރުވަރުގެ ގަސްތަކުގައި އެކަންޏެވެ.

ގޯތީގެ އެތެރޭގައި އުސްކޮށް ބިޔަކޮށް ހެދިފައި ހުރި ބަނބުކެޔޮ ގަހުގައިވީ ނަލަކަމާއި ފެހިކަމާ ދިމާލަށް ބަލަން ހުރެފައި އެނބުރިގަތުމާ އެކު ލޮލުގައި އަނެއްކާވެސް އަޅައިގަތީ ހަސްނެތެމުންދާ މި ގެ އެވެ. އަދި ގޭގެ ފަހަތުގައި އަޅާފައި ހުރި ޓިނު ގިފިލިއެކެވެ. އެއީ މުޅި މި ރަށުގައި ވެސް މިހާރު ހުރި، މީހަކު ބޭނުންކުރާ ހަމައެކަނި ގިފިއްޔެވެ.

"ގިފިލި ބަލަން" ނުހުރެ އަހަރެން ގޮސް ވަނީ ތެޅިގަލުގެ އެ ކުޑަކުޑަ ޖިފުޓި އަށެވެ. މިއީ ސ. މީދޫ ތިޔަރިމާގެ އެވެ؛ އެކަމަކު މި ރަށު މީހުން ދަންނަ ނަމުން ނަމަ، އަސޭސާގެ އެވެ.

އަލިމަނިކުހާނުގެ ގޭގެ ބެކްޔާޑުގައި ހެދި ފެހިވެ ފޯދިފައިވާ ބިޔަ ބަނބުކެޔޮ ގަހެއް. (ދައުރު ފޮޓޯ)
އަލިމަނިކުހާނުގެ މެދުގޯތިން ފެނުނު ފޮނިލުނބޯ. (ދައުރު ފޮޓޯ)
އަލިމަނިކުހާނުގެ ފަތްކެޔޮ ފީނި. (ދައުރު ފޮޓޯ)
އަލިމަނިކުހާނުގެ ބެކްޔާޑް އަދި ގިފިލީގެ ޓިނު ފުޅައް. (ދައުރު ފޮޓޯ)

'އަސޭސާ' ގެ ނަމުން މި ގެ ރަށުތެރެއަށް މަޝްހޫރުވީ އަސޭކަރައިން ބެހިގެން އައިސް ލެއްގި ބަޔަކު އެއް ޒަމާނެއްގައި ދިރިއުޅުނު ގެއަކަށް ވާތީ ޔޯލަ އެވެ. ސަތޭކަ އެތައް އަހަރެއް ކުރިން، ތެޅިގަލުގެ މި ހިޔަލުގައި ރައްޓެހިންނާއި ބީރައްޓެހިންނާއި އާއިލާތައް ދިރިއުޅުނަސް މިއަދު މި ގޭގައި ވަނީ ހިމޭންކަމާއި ފަޅުކަމެވެ. މުސްކުޅި މި ގޭތެރޭގައިވީ ހަމައެކަނި ދިރުމަކީ އެމީހަކު ހޯދަން އަހަރެމެން މި ދަތުރު ފެށި، އަލިމަނިކުހާނެވެ.

ލޮލުގައި އޮތް އަވިއައިނު ނިތްކުރިމަތިން ގެންގޮސް ބޮލަށް ހެޔޮވަރުކޮށްލައިގެން އެތެރެއަށް ވަންއިރު އަލިމަނިކުހާނު އިނީ ދުފާސުބާޑުގަނޑެއް ހިފައިގެން ރަތްކުލައިގެ ޕްލާސްޓިކު ގޮނޑިއަކަށް އަރައި ހަމަޖެހިލައިގެންނެވެ. ޅިޔަނު ބުނި ގޮތަށް އޭނާ މިހިރީ ގޭގަ އެވެ.

ގޭގައި އެކަންޏެވެ. އަދި ކޮންމެ ދުވަހަކުވެސް އޭނާ ފެންނަ ގޮތަށް، ގޮޅިޖެހި މުންޑުގަނޑެއް އަނދެގެން ހުސްގަޔާ އެވެ.

އަލިމަނިކުހާނު އޭނާގެ ގޭގެ ބެކްޔާޑުގައި އިނދެ ވާހަކަތައް ކިޔައިދެނީ. (ދައުރު ފޮޓޯ)
އަލިމަނިކުހާނު ބަނބުކެޔޮ ގަހެއްގެ ފިނި ހިޔަލުގައި ދައު ބަންނަމުން ވާހަކަތައް ކިޔައިދެނީ (ދައުރު ފޮޓޯ)
އަލިމަނިކުހާނުގެ ޓީވީ އާއި އުނދޯލި އަދި ދައު ބަންނަ ސްޓޭޝަން: މަސްވެރިކަމަށް ގޮސް ހުސްވެފައިވިޔަސް ހަބަރު ދަބަރު ހޯދައި ބެލުމަކީ އޭނާ ވަރަށް ޝައުގުވެރިވާ ކަމެއް. (ދައުރު ފޮޓޯ)

"ކޮބާ މަހަށް ދިއުމެއް ނެތް؟" ޅިޔަނު އަހާލި އެވެ.

"އާނ. މިއަދު މިއީ މަހަށް ނުދާ ދުވަހެއް،" ބިލެތްގަނޑެއް އަނގަޔަށް ލަމުން ދެ ލޯ ކުނާކުރަމުން އަލިމަނިކުހާނު ބުނެލި އެވެ.

އޭނާ އެ އުޅެނީ އަހަރެން މިއީ ކާކުކަން ނޭނގިގެންނެވެ. އެކަމަކު ތައާރަފެއް ނުދީ އަހަރެން ވެސް ކޮށްލީ ސުވާލެކެވެ. ނުވަތަ ބޭއިހުތިޔާރުގައި ތަކުރާރުކޮށްލެވުނީ ޅިޔަނު އެންމެ ކުރިން ދިން ޔަގީންކަމެވެ.

"އެހެންވީމަ، މަހަށް ނުދާ ނަމަ އަލިމަނިކުހާނު ހޯދުމަކީ ހަމަ އެއްވެސް ކަމެއް ނޫންތާ ދޯ؟"

އަލިމަނިކުހާނު ޖަހާލީ ކުރު ހިނިގަނޑެކެވެ. ދިއްކޮށްލީ ދުފާފޮށްޓެވެ.

އުމުރުން 61 އަހަރުގައި ވެސް އެ ދެ އަތުގައި މިއަދު ވެސް ނޫކަށިފުރައިގެ ބާރު އެބަހުއްޓެވެ. ބަނޑުގައި ޖަހާފައިވާ ގޮޅިތައް އޭނާގެ ޒުވާންފުރައާ ބީވެދިޔަސް އެއީ އަދިވެސް އޭނާގެ އުމުރާ އަރައި ހަމަ ވެސް ނުވާ ހަށިގަނޑަކާއި ހަކަތައަކާއި ރޫފައެކެވެ. ފައިވާނަކަށް ދުވަހަކު ނޭރިޔަސް އޭނާގެ ހިޔަންޏަށް ވެސް އަތުނުވާ ކަހަލަ ރޫހެކެވެ. ހުރިހާ ވެސް ޝުކުރެއް އަދި ތައުރީފެއް އޭނާގެ މި އާދަޔާހިލާފު ދިރިއުޅުމަށެވެ. ހީވާގި މުރާލި ހަޔާތަށެވެ.

އަލިމަނިކުހާނު ދައު ބަންނަނީ: އޭނާ އަކީ ރަށުގައި މި މަސައްކަތްކުރާ ދެ ތިން މީހުންގެ ތެރެއިން އެކަކު. (ދައުރު ފޮޓޯ)
އޯޑަރަށް އޭނާ މިހާރު ވެސް ދައު ބަނދެދޭ. (ދައުރު ފޮޓޯ)

އަލިމަނިކުހާނަކީ ސަތޭއަކުން އެކެއް

ދުފާލައިގެން ގޮސް އަލިމަނިކުހާނު ޖައްސާލީ ދައު ބަންނަ ގޮނޑީގަ އެވެ. ހިނގަހަލި ހިންގަން ފަށައިގަތެވެ. ކަންވާރުން ގޮޅިތައް ބަނދެ ވާންކުރަމުންނެވެ. އަދި އޭނާގެ ހަޔާތުން ވާހަކަތައް ގަތައި އަމުނައި ވާންކުރަމުންނެވެ. އައްޑޫ ބަހުރުވައިން ވިރުވައި އަޅަމުންނެވެ.

ދުފާފޮށި ހިފައިގެން ގޮސް އަހަރެން ޖައްސާލީ އަލިމަނިކުހާނު ދޫކޮށް ދިޔަ ރަތް ގޮނޑީގަ އެވެ. ޅިޔަނު އޮތީ އުނދޯލީގައި ޖައްސާލައިގެންނެވެ. ބުރަކަށި ޖައްސާލަން މި ގޭ ތެރޭގައި ތައްޔާރުކޮށްފައިވާ 'ދާންކޮޅަކީ' އެ އުނދޯލި އެކަންޏެވެ.

މާކުރީގެ ޒަމާނެއްގައި ބޭނުންކުރި ތިރިތިރި ދަގަނޑު އެނދެއް ޖެހިގެން ހުއްޓެވެ. އެކަމަކު އެއީ މިހާރު ނިދަން ބޭނުންކުރާ އެނދެއް ނޫނެވެ. އޭގައި އަޅާފައިވާ މަޅުބުރިބުރިތަކުގެ މަތި ފުރާލާފައި ވަނީ ހިފާގެންގުޅޭ ތަކެއްޗާއި ފޮށިތަކުންނެވެ. މުޅިން ހެން ފުޅިމަދު ފޮއްޓެވެ.

ދައު ގަތަން އަލިމަނިކުހާނު ޖައްސާލައިގެން ހުރި ތަން: މި މަސައްކަތުގައި އަދި މަސްވެރިކަމުގައި އެއްވެސް ފޫހިކަމެއް ނެތި އޭނާ ކުރިއަށް ދާތާ މިހާރު އެތައް އަހަރެއް. (ދައުރު ފޮޓޯ)
އަލިމަނިކުހާނުގެ ފަރުމަސްވެރިކަމުގެ އާލާތްތަކުން ފުރާލާފައި އޮތް އޭނާގެ ގޭތެރެ. (ދައުރު ފޮޓޯ) 
އަލިމަނިކުހާނުގެ ގޭތެރެއިން އެ ފެންނަ އުނދޯއްޔަކީ އޭނާ ނިދާ ތަން: އާދައިގެ މި ދިރިއުޅުމުގައި އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ މަސްވެރިކަން. (ދައުރު ފޮޓޯ)

ދުފާފޮށިގަނޑު އޭގެ ފުޅިމަދު ފޮށިގަނޑެއްގެ މަތީގައި ބެހެއްޓުމަށް ފަހު އަހަރެން ތެދުވީ މި ގޭ ތެރޭގައި ބުރެއް ޖަހާލުމަށެވެ. ގޭތެރޭގައި އޭރު ވެސް ފަރުމަހުގެ ވަސްގަނޑު ކޮންމެވެސް ވަރަކަށް ހުއްޓެވެ. ފަހަތުން ފެންނަން ހުރި ޑީޕް ފްރީޒަރުގެ މަތިގަނޑު ހުޅުވާލީމަ މޫނާ ދިމާލަށް އަދި އަރައިގެން އައީ ފަރުމަހުގެ އެއަށް ވުރެ މާ ފްރެޝް ފިނި ވަސްގަނޑެކެވެ. އެންމެ ފަހަށް އޮތް ފަރުމަސް ކިލޯ އެ ވިކުނީ މީގެ ކުޑައިރުކޮޅެއް ކުރިންނެވެ. އެ ފްރިޖުގައި މިހާރު ވަސް ފިޔަވައި ފަރުމަހުގެ އެއްވެސް ކަމެއް ނެތެވެ.

އަލިމަނިކުހާނުގެ މަސައްކަތަކީ މި އެވެ. އޭނާގެ އެންމެ ބޮޑު ހުނަރަކީ ވެސް މި އެވެ. ފަރު މަސްވެރިކަމެވެ. އޭނާގެ މި ކުޑަކުޑަ ގެއަށް ނަޒަރު ހިންގައި ބުރެއް ޖަހާލީމަ ވެސް ފެންނަނީ ފަރު މަސްވެރިކަމުގެ މާ ސިންގާ ދުނިޔެއެކެވެ. ފަރުމަސްވެރިކަމުގައި ބޭނުންކުރާ ސާމާނުތަކާއި އެންމެހައި އާލާތްތަކުން ފުރިހަމަވެފައިވާ ސުވަރުގެއެކެވެ؛ ބިގަރާއި ސަންޑަލު ފައިވާނެވެ. ބަރިކުރެވި އަޅައި ޒީނަތްތެރިކޮށްފައިވާ ކަންވާރުގެ ދިގު ބޮޑެތި ދާތަކެވެ. އޭގެ އެކި މަރުހަލާތަކުގައި ވީ ދާތަކާއި ދައު ބަންނަން ގަނެގެން ގެނެސްފައި ހުރި އެކި ނަމްބަރުތަކުގެ ކަންވާރު ބޮޅުތަކެވެ.

މި ފޮޓޯގައި ދުރުން އެ ފެންނަނީ ގިފިލީގެ ދޮރު އަދި ވައަތްފަރާތުން އެ ފެންނަނީ އަލިމަނިކުހާނުގެ ފަރުމަސްވެރިކަމުގެ އެންމެ މުހިންމު އާލާތް. (ދައުރު ފޮޓޯ)
އަލިމަނިކުހާނުގެ ގެއަށް ވަންނަ ދޮރު ކައިރިން އެ ފެންނަނީ މި އިންޓަވިއު ނެގި ދުވަހު އޭނާ ބަންނަމުން ދިޔަ ދައު. (ދައުރު ފޮޓޯ)
އަލިމަނިކުހާނުގެ މަސްވެރިކަމުގައި ބޭނުންކުރާ އާލާތްތަކާއި މަސައްކަތްތަކުގައި ބޭނުންކުރާ ބައެއް ސާމާނުތައް. (ދައުރު ފޮޓޯ)
އަލިމަނިކުހާނުގެ ގޭތެރޭގައި އެލުވާފައި އޮތް ބިގަރެއް. (ދައުރު ފޮޓޯ)

އޭނާގެ މި މަސްވެރި ހަޔާތް މެދުނުކެނޑި ކުރިއަށްދާތާ މިހާރު ސާޅީހަކަށް އަހަރުވީ އެވެ. އަމިއްލައަށް ދައު ބަނދެގެން އެއް ފަރުން އަނެއް ފަރުން މަސްތައް ޖަހަމުން ބަނޑުފުރާނަ މުއްތިކުރަމުން ގެންދާތާ އެތައް ޒަމާނެއްވީ އެވެ. މިހައި ހިސާބުން އަހަރެންގެ ހިޔާލަށް އައީ ފަރުފުރޭތައިގެ ވާހަކަ އެވެ.

ފަރުފުރޭތަ އަކީ ފަރު ހިކިފައި އޮންނައިރު ރޭގަނޑަށް ރެނދަންލައި، ކޮޅުކޮޅަށް ދުވެ އުޅޭ ކަމަށް ބުނާ ރޫހާނީ ބާރެކެވެ. އަދި މި ފަރުފުރޭތަ ވާހަކަ އަކީ ފަރުފަރަށް ގޮސް އުޅުނު އައްޑޫގެ މަސްވެރިންގެ މެދުގައި އަދިވެސް ދިރިދެމިއޮތް އެންމެ ޒަމާންވީ އެންމެ ބިރުވެރި ތަޖުރިބާ އެވެ.   

އެކަމަކު އަލިމަނިކުހާނު ބުނަނީ އޭނާގެ މަސްވެރި ހަޔާތުގައި ދުވަހަކުވެސް އެ ބުނާ ފުރޭތައަކާ ބައްދަލުވެފައި ނުވާ ކަމަށެވެ. އަދި އާދަޔާހިލާފު މާ ބޮޑު ކަމެއް ވެސް އޭނާ އަށް ދުވަހަކުވެސް ތަޖުރިބާކުރެވިފައި ނުވާ ކަމަށެވެ. ބޮޑު ބައްޔެއްގައި ބަލިވި ހަނދާނެއް ވެސް އޭނާގެ ނެތެވެ. އެހެންވީމަ އާދަޔާހިލާފީ އަލިމަނިކުހާނެވެ. އޭނާގެ މި ދިރިއުޅުމެވެ. ދެގޮތެއް ނުވި ހިތްވަރެވެ. ބުންވަރެވެ.

އެވަގުތު ކުއްލިއަކަށް ޅިޔަނު ބުނެލި އެވެ.

"އެ ބުނާ ފަރުފުރޭތަ އަކީ އަލިމަނިކުހާނު."

މުޅި ގައިން ހީބިހި ނަގައިގަތެވެ. އަދި އަލިމަނިކުހާނު ޗަކަޗަކަލާފައި ހީގަތެވެ. ސަމާސާއެއް ވިހަވާވަރަށް ވުރެ އޭނާގެ ކިބައިގައި ކަނޑުފަރުގެ ދިރުން މާ ގަދަ އެވެ. އޭނާ ދެން ބުނެލީ މިހެންނެވެ.

"ފަރުފުރޭތައެއް ނޫން. އެކަމަކު މެދުހަށްޓާ ހަމައަށް ފައިބައިގެން އުޅެނިކޮށް އެއް ފަހަރަކު ބޮޑު ކަޅު ވެނެއް އައިސް ފައިގައި ހިފި. ފައިގެ ކަށިމަތީގައި ދަތްއެޅީ. އެކަމަކު ކިރިޔާ ލައްވާލީ."

އެއީ އަލިމަނިކުހާނުގެ ނަސީބެއް ނޫނެވެ. އެއީ އެ ކަޅު ވެނުގެ ނަސީބުކަން ޔަގީނެވެ.

އަލިމަނިކުހާނު އޭނާގެ ވާހަކަތައް ކިޔައިދެނީ: އޭނާގެ އާދައިގެ އާދަޔާހިލާފު ދިރިއުޅުމުން އެންމެ ގިނައިން ކިޔައިދިނީ މަސްވެރިކަމުގެ ވާހަކަތައް. (ދައުރު ފޮޓޯ)

އަލިމަނިކުހާނަށް ސަތޭކައަކުން ސަތޭކަ

އަލިމަނިކުހާނަކީ އޭނާގެ އަމާ އާއި ބައްޕައަށް ލިބުނު ތިން ކުދިންގެ ތެރެއިން އެންމެ ދޮށީ ދަރި އެވެ. އަދި އެ ދެމަފިރިންނަށް ލިބުނު ހަމައެކަނި ފިރިހެން އައުލާދެވެ. މަންމަ މަރުވިއިރު އޭނާގެ އުމުރުން 18 ވަރަކަށް އަހަރެވެ. ބައްޕަ މަރުވީ އަލިމަނިކުހާނު ބުނާ ގޮތުން ނަމަ އޭނާއަށް ސާޅީހަކަށް އަހަރުގަ އެވެ.

"ވަރަށް ހަމަޖެހިގެން ވަރަށް އުފަލުގައި އުޅުނު ހަނދާންތަކެއް އެއީ. ކެއިންބުއިން ވެސް އޭރު މާ ރަނގަޅު. ފަލަމަޑީގެ ބާވަތްތައް ގިނައިން ކާން ލިބުނު ދުވަސްވަރެއް އެއީ،" އެކަނި މިހެން އުޅޭއިރު މިހާރު އެންމެ ހަނދާންވަނީ ކޮން ކަމެއްތޯ އެހުމުން އޭނާ ބުނީ މިހެންނެވެ.

ވަރަށް ކުޑައިރު އަލިމަނިކުހާނު މަސައްކަތަށް ނުކުމެއްޖެ އެވެ.

"އެކަމަކު އެ ދުވަސްވަރަކީ މީހަކު އާމްދަނީ ހޯދަން މާ ގިނަ ކަންތައްތަކެއް ކުރެވޭ ޒަމާނެއް ނޫން. މާ ގިނަ ފުރުސަތުތަކެއް ލިބިފައިވީ ޒަމާނެއް ނޫން. އެހެންވީމަ ގިނަ މީހުން އޭރު ދިޔައީ މަހަށް،" އޭނާ ބުންޏެވެ.

ނަމަވެސް އެންމެ ފުރަތަމަ އޭނާ ދިޔައީ މަހަކަށް ނޫނެވެ.

އަލިމަނިކުހާނު ދައު ބަންނަނީ: އޭނާ ބުނީ މިވަރުގެ ދަލެއް ބަނދެ ނިންމެނީ މަސް ދުވަހުން ކަމަށް. (ދައުރު ފޮޓޯ)
އަލިމަނިކުހާނު ދައު ބަންނާނީ އޭނާ މަހަށް ނުދާ ދުވަސްތަކުގައި އެކަނި، އަދި ދައު ބަންނަ ކަހަލަ މޫޑެއްގައި ހުރެއްޖެ ނަމަ ކަމަށް ބުނި. (ދައުރު ފޮޓޯ)

"މަސްވެރިކަން ފެށުމުގެ ކުރިން އަޅުގަނޑު އުޅުނީ ގައު އަޅަން. ވެލިނަގަން ވެސް ދިޔައިން. އެކަމަކު ގިނަ މީހުންނަކީ މަސްވެރިން އޭރު. ރަށުގައި ވެސް މަހަށް ފުރާ ދޯނިތައް ވެސް ގިނަ،" އަލިމަނިކުހާނު ކިޔައިދިނެވެ.

"އެންމެ ފުރަތަމަ އަޅުގަނޑު ދިޔައީ ކަޅޭލަމަހަށް. ދޯނީގައި އުޅުނީ މަސް އައިނަށް އެން އުކަން. ދެން އެހެން އުޅެފައި ފަރުމަސްވެރިކަން މިއީ ހަމަ ކުޅިވަރަކަށް ފަށައިގަތް ކަމެއް."

އެއީ ފަސޭހައިން ލިބެން ނެތް ނައިލޯނު ދާތައް ދޫކޮށް ކަންވާރުން އަމިއްލައަށް ދައު ބަނދެގެން ފަރުމަސްވެރިކަމުގެ އީދަކަށް އެންމެން ފޫގަޅައިގެން އުޅުނު ޒަމާނެވެ. އަދި އެ ފޯރީގައި އަމިއްލައަށް ބަން ދަލުގައި ފަރުމަހެއް ފަދައިން އަލިމަނިކުހާނު ވެސް ގޮސް ޖެހިގަތީ އެވެ. އޭގެ ފަހުން އަދިވެސް، މިއަދު ވެސް އޭނާގެ މި ދިރިއުޅުމުގައި ފަރުމަސްވެރިކަމަށް ވުރެ ބޮޑު އެކުވެރިޔަކު ނެތެވެ.

ގޭގައި ނެތް ނަމަ އޭނާ އެ ދިޔައީ މަހަށެވެ. މަހަށް ނުދާ ނަމަ ގޭގައި ދައު ބަންނާނީ އެވެ. ދައު ނުބަންނަ ނަމަ މަހަށް ދާން ރާވާނީ އެވެ. ދެން އަނެއްކާވެސް މި ތަރުތީބެވެ.

"ކޮންމެ ދުވަހަކުވެސް ފަތިހު 4:30ގައި އަޅުގަނޑު ހޭލާނަން. ދެން އެ ހޭލާ ގޮތަކަށް ނުނިދައި ހުރެފައި ހެނދުނު ސައި ބޯލައިގެން، މަހަށް ދާ ދުވަހެއް ނަމަ ހަޔެއް ހަތެއް ޖަހާކަށްހާއިރު ނައްޓާލާނީ. ސަޔަށް އަހަރެން ކިރު ސަޔާއި ބަނަސް ކާތާ މިހާރު ވަރަށް ޒަމާން ވެދާނެ،" ހަޔާތުން ދުވަހެއް ކިޔައިދޭން އެދުމުން އަލިމަނިކުހާނު ފަށައިގަތެވެ.

"މަހަށް ނުދާ ނަމަ ދެން އޮންނާނީ މިހެން ގޭގައި. ގިނަ ވަގުތު އެކަނި. އަޅުގަނޑުގެ އަނބިދަރިންނެއް ނުތިބޭނެ. ދެން މިހެން އުޅޭއިރު ފޫހިފިލުވާލަން ކުރާ ކަމަކީ ދައު ގެތުން. ދެން ރައްޓެއްސަކު މި ގެއަށް ވަދެއްޖެއްޔާ އެ މީހަކާ އަނގަތެޅުން އޮންނާނީ."

މި ފޮޓޯގެ ދުރުން އެ ފެންނަނީ އަލިމަނިކުހާނު ދިރިއުޅޭ ކުޑަކުޑަ ގެއަށް ވަނުމަށް ބޭނުންކުރާ ދޮރު. (ދައުރު ފޮޓޯ)
އަލިމަނިކުހާނުގެ މި ކުޑަކުޑަ ގޭގައި އޭނާ އެކަނި ދިރިއުޅުނަސް މަސްވެރި އެކުވެރިންނާ އެކު އަބަދުވެސް އޮންނާނީ ފުރާލާފައި. (ދައުރު ފޮޓޯ)
އަލިމަނިކުހާނުގެ ހަޔާތުގެ ވާހަކަތައް އޭނާ ދައުރުގެ ރާޅުފަށަށް ކިޔައިދެނީ: މިއީ މުޅި ރަށުން ވެސް ބައްދަލުވި އެންމެ ޝައުގުވެރި ޝަހުސިއްޔަތު. (ދައުރު ފޮޓޯ)

އެއީ ތެދެކެވެ. މަހަށް ނުދާ ނަމަ އޭނާ އުޅޭނީ އަބަދުވެސް މި ގޭގަ އެވެ. ވަރުބައްޔެއް ވެސް ނުވެއެވެ. ފޫއްސެއް ވެސް ނުވެ އެވެ. އަދި އެކަންޏެއް ވެސް ނުވެ އެވެ. އޭނާ ހޯދަން އެންމެން ވެސް މި ގެއަށް އަންނާތީ އެވެ. އޭނާގެ ރައްޓެހިން ވެސް، މަސްވެރިން ވެސް އަދި މި ރަށު އެންމެން ވެސް އޭނާ ހޯދަން އަންނާނީ ސީދާ މި ގެއަށެވެ.

މި ވާހަކަ ދައްކައި ނިމުނުތަނުން، އިސްކޮޅުން ދިގު، ދެބައިއުމުރުން މައްޗަށް ގޮސްފައިވާ ފިރިހެނަކު އެތެރެއަށް ވަދެގެން އަންނަތަން ފެނިއްޖެ އެވެ. އެއީ އަލިމަނިކުހާނު ހޯދަން އަންނަ މީހެއްކަން ޔަގީނެވެ. އެއީ އޭނާއާ އެކު ދައު އަޅަން ދާ އެންމެ ގާތް ދެ އެކުވެރިންގެ ތެރެއިން އެކަކެވެ. އަދި މި އެކުވެރިޔާ އެތެރެއަށް ވަދެގެން އައިސް އެ ދިމާލުގައި ހުރި ޕްލާސްޓިކް ގޮނޑިއެއްގައި ޖައްސާލުމާ އެކު މި އިންޓަވިއު ނިމުނީއެވެ.  އެ ހިސާބުން އެ ދެ މީހުން ރާވައި ގަތަން ފެށީ ކުރިއަށް އޮތް މަސްދަތުރެވެ.

އަހަރެމެން ނިންމީ އެ ދަލުގައި ނުޖެހޭށެވެ. އެކަމަކު އަލިމަނިކުހާނުގެ މި ކުޑަކުޑަ ގެ އާއި ފަރުމަސްވެރިކަމުގެ މި ދުނިޔެ އަކީ މީހަކު އެތަނެއް ދޫކޮށް ނުކުމެގެން ދާ ހިތްވާ ކަހަލަ މާހައުލެއް ނޫނެވެ. ގަތަމުން އެ ދާ ދަލާއި ވާހަކައިގައި ޖެހި އޮންނަ ހިތްވާ ކަހަލަ ދުނިޔެއެކެވެ.

އެކަމަކު ޅިޔަނާއި އަހަރެން އެންމެފަހުން އަސޭސާގެއިން ނުކުމެގެން ދިޔައީ އެވެ. މަހަށް ނުދާ ނަމަ އަލިމަނިކުހާނާ އަނެއްކާވެސް މި ގެއިން ބައްދަލުވާނެކަން ޔަގީންވާތީ އެވެ.

ކޮމެންޓް (10)

ސައްލެ

19 ޖެނުއަރީ 2024
މަ ހައިރާންވެއި މި މީދޫ މީހުންގެ ވިސްނުމާއި ފިކުރު ހިންނަލެއް އެނގި ފެނެނެމެއި. ހުވެއި ބިއްލާހި މީދޫ މީހަކާއް ނިވީ ނަސޭބަށް. މީހަކާ ކެރާ ކަމަކުން މީދޫ މީހުން ހިތްހަމަ ނިޖެހެއި، ބެނާ ބަހަކުން ހިތްހަމަ ނިޖެހެއި، ކެރާ ކަމަކުން ހިތްހަމަ ނިޖެހެއި.. ފޭސްބުކުން މިޅިނަސް ފެނެނީ ލިޔުންތެރިޔާ އަށް ބަދުބަސް ބެނާ މަންޒަރު
0 3

މަނަމަ

19 ޖެނުއަރީ 2024
@ސައްލެ ޔޫއަކީ އެސް މީދޫ މީހަށް. ނުންވޭނެ ކަމަށް ނެތް. ބައިދަވޭ މީދޫ މީހުން އެކަނި ނުން. ހުށިހެއި ދިވެހިން ގެ ގޮތަށް އޭ. އެނައްމީހާއް ދުވަހަށް ތައުރީފް ނިކެރާށިޔަ. މަލާމާތް އެކަނި ކެރާއް އެނގޭނެއި
2 2

ޙަޒްނާ

18 ޖެނުއަރީ 2024
ދުވަހަކު ގަމީހެއް ނުލާ. ފައިވާނެއް ނުލާ. ގެން ގުޅެނީ ބައްތި ފޯނެއް. މީހަކާ ކައިވެނި ނުކުރޭ.ޑރ އަކަށް ނުދައްކާ. ހިތަދޫއަކަށް ނުދޭ. މާލެއަށް ނުދޭ
5 2

ޏަދހ

18 ޖެނުއަރީ 2024
Thiotee vaa loluga alha aineh libifa
1 0

ނޫސްވެރިޔާ

18 ޖެނުއަރީ 2024
މީދޫ މީހުންނަށް ފެހޭ މިއޮތީ ނޫސްވެރިޔަކު ލިބިފައި.......
3 2

ސަނައްޓޭ

18 ޖެނުއަރީ 2024
ކީތްވެތަ މީދޫ މީހުން މީހުންނާ ނީންނަނީ
4 0

މަނަމަ

19 ޖެނުއަރީ 2024
@ސަނައްޓޭ އާނ. މީދޫ އެންމެން ތިބެނީ މީހުންނާއި ނީނދެ. އެހެން ރަށްރަށު މީހުން ފުރޭ 18 އާއި އެއްކޮށް ތިބެނީ އިނދެގެން
1 1

އަލީ

18 ޖެނުއަރީ 2024
ނަދީމްގެ މިފަދަ ރިޕޯޓްތައް ހީވަނީ ވާހަކައެއްހެން.ސިފަކުރުންތައް ގެނެސްފަ ހުންނަގޮތުން.
6 3

މަނަމަ

19 ޖެނުއަރީ 2024
@އަލީ ކިހާސަޅި. ފޫހި ނުވެ ކިޔާލެވޭ
0 0

ނަދީމު ފަ

19 ޖެނުއަރީ 2024
@އަލީ ނަދީމް އަކީ މީދޫ އަށް ޖެހިފެއި ހިށި ބޮޑަ ވަބާއް، މީހުންގެ އަގަ ވައްޓާ މީހައް ނޫސްވެރިކަމުގެ ނަމި
3 6

އިތުރު އާޓިކަލް

އިތުރު އާޓިކަލް