އަހުމަދު މުހައްމަދު އޭނާގެ ބޮޑު އުނދޯލީގައި ފޮޓޯއަކަށް ހުއްޓިގެން. (ދައުރު ފޮޓޯ)

ރާޅުފަށް

ބަނަފުސާގެއިން ފޮޓޯގަނޑެއް، ހިމޭން ދުނިޔެއެއް، ހިތްވަރުގެ ހިތެއް

އަހުމަދުގެ ހިމޭން ދުނިޔޭގެ ހުރިހާ އިހުސާސެއް ތަރުޖަމާނުވިޔަސް އޭނާގެ ހަޔާތުގެ ދަތުރު ތަރުޖަމާކޮށް ކިޔައިދެނީ ވީހާލެއްގައިވިޔަސް ފަސްއެނބުރި ބެލުމެއް ނެތް ކަމެވެ.
10 ޖެނުއަރީ 2024
6

އެންމެން ތިބީ 'މެދުވާތަށް' ނުކުމެ އުޑަށް ބަލަހައްޓައިގެންނެވެ. ލޯތައް ކުނާކުރަމުން ގެންދިޔައީ ވިލާތައް ކަފަމުން ބޫންބޫން ލައްވަމުން މާ މަތިން އުދުހެމުން ގެންދިޔަ މަތިންދާބޯޓަކަށެވެ. ޖައްވުގެ ތެރެއިން ފެނުނު އެ އާދަޔާހިލާފުކަމަށް ގެއްލި، ގޯތިތެރޭގައި ތިބި ކުދިންތައް ނަށައި ފޯރިއަރުވަން ފަށައިފި އެވެ. އެކަމަކު ދެން ވެސް އަހުމަދު މުހައްމަދު އިނީ އިން ގޮތަށެވެ. އޭނާގެ ކޮށީގައި ބެހެއްޓި ގޮތަށް ހިރި ވެސް ނުލައި މަޑުންނެވެ.

އަޑު ގޮއްވަމުން ދިޔަ އުދުހޭބޯޓެއްގެ ހިލަން ވެސް އޭނާ އަކަށް ނުވެ އެވެ. އަދި ބޫންބޫން ލައްވަމުން ސަކަރާތް ޖަހަމުން ދިޔަ އެހެން މީހުންގެ އަޑެއް ވެސް އޭނާއަކަށް ނުއިވެ އެވެ. ކުރިމަތިން ތަމްސީލުވަމުން ދިޔަ މަންޒަރުތަކުގައި ވެސް އަޑެއް ނެތެވެ. ވަށައިގެންވީ މާހައުލުން ހަމަ އެއްވެސް އަޑެއްބަޑެއް ނީވެ އެވެ.

އަހުމަދަށް އަޑުނީވޭކަން އޭނާގެ އަމާމެންނަށް އެނގުނީ އެ ދުވަހު އެވެ. އަދި ވާހަކަ ދައްކާ އުމުރު ފަހަނަޅައި ދިޔައިރު ވެސް އޭނާގެ ކިބައިން ފައުޅުވި ހަނުހިމޭން ސިފަ އެންމެފަހުން ކަށަވަރުކޮށްދިނީ އެމީހުންގެ އަލަތު ދަރިފުޅުގެ ކިބައިގައިވީ ނުކުޅެދުންތެރިކަމެވެ.

ސ. މީދޫ ހަނި ގޯޅިއަކަށް އަޅައިގެން ގޮސް ބަނަފުސާގޭ މެދުގޯއްޗަށް ވަންއިރު ވެސް އަހުމަދު އިނީ އޭނާގެ އެ ހިމޭން ދުނިޔޭގައި އެކަނިމާއެކަންޏެވެ. ކަށިވެލި ލާފައި އޮތް މެދުވަތިން ހިނގާފައި ގޮސް ފެންޑާގައި އިން 83 އަހަރުގެ އެ މުސްކުޅި މީހާއަށް ސަލާމުގެ އަތެއް ދިއްކޮށްލީމެވެ.

އަހުމަދު މުހައްމަދު ބަނަފުސާގެ ފެންޑާގައި އޭނާގެ މަސައްކަތުގައި. (ދައުރު ފޮޓޯ)
އަހުމަދު މުހައްމަދު އޭނާގެ ފެންޑާގައި ފޮޓޯއަކަށް ހުއްޓިލައިގެން. (ދައުރު ފޮޓޯ)

ކުރަން އިން މަސައްކަތް ހުއްޓާލާފައި ސަލާންކޮށް ހީގަތެވެ. އެހެން ދުވަހެއްގައި ވެސް ފެނި، ބައްދަލުވެ ދެކެފަރިތަވެފައިވުމުން އަހަރެން މިއީ ކީއްކުރަން އުޅޭ، ކާކުކަން ވަގުތުން ދެނެގަތެވެ. އަދި އެކި ގޮތްގޮތަކަށް އަޑު ލައްވަމުން، ހެމުން، އިޝާރާތު ބަހުރުވައިން ފޯރީގައި އަނގަތަޅައިގަތެވެ.

އެކަމަކު އަހުމަދު އެ ކިޔާ އެއްޗެއް ރަނގަޅަށް ފަހުމުވާ ހަމަ އެކަކު ވެސް ރަށުގައި ނެތެވެ. ކުރަން ހުރި މަސައްކަތަށް ނަޒަރު ހިންގާލުމުން އޭނާ އެ ކިޔައިދެނީ އެ މަސައްކަތުގެ ކޮންމެވެސް ވާހަކަތަކެއްހެން ހީވެ އެވެ. ނަމަވެސް އޭނާ އެ ކިޔާ އެއްޗެއް އަހަންނަށް ފަހުމުނުވާކަން ޚުދު އަހުމަދަށް ވެސް ޔަގީނެވެ.

އެންމެފަހުން ހިނިގަނޑަކަށް ބިނދިބިނދިފައި ތެދުވެގެން ގޮސް ގޭތެރެއަށް ވަދެއްޖެ އެވެ. ނުކުމެގެން އައީ ދެ އަތަށް ދެ އިލޮށިފަތި ހެޔޮވަރުކުރަމުންނެވެ. ކޮންމެއަކަސް އޭގެ އިލޮށިފައްޗަކުން އަހަރެންގެ ގައިގައި އެތިފަހަރެއް އަޅުވައިލަން ނުޖެހި އޭނާގެ ވާހަކަ އެ ހިސާބުން ގާތްގަނޑަކަށް އެއްކޮށް ފަހުމުވެއްޖެ އެވެ.

އަހުމަދު މުހައްމަދަކީ މި ރަށު މީހުންނަށް އިލޮށިފަތި ހަދައިދޭ މީހާ އެވެ.

އަހުމަދު މުހައްމަދު ފެންޑާގައި އިނދެ އިލޮށި މަށަނީ. (ދައުރު ފޮޓޯ)
އަހުމަދު މުހައްމަދު އޯޑަރަށް އިލޮށިފަތި ހަދައިދިނުމުގެ އިތުރުން އާމްދަނީއެއް ހޯދުމަށް އަބަދުވެސް ކޮންމެވެސް ކަމެއް ކުރޭ. (ދައުރު ފޮޓޯ)

ވިއްކަން ތައްޔާރުކޮށްލާފައި އޮތް ރީތި އިލޮށިފައްޗެއް އަހަރެންގެ އަތަށް ދީފައި އޭނާ ގޮސް އަނެއްކާވެސް ފެންޑާގައި ގޮނޑި އަޅައިގެން ޖައްސާލި އެވެ. އޭނާގެ ހުނަރުވެރި މަސައްކަތް ގާތުން ބަލަން އައުމަށް އެދި އަތުން އިޝާރާތްކުރަމުންނެވެ. އެއަށް ފަހު ފަރިތަކަމާ އެކު ވަޅިއަކުން އިލޮށި މަށައި އޮމާންކުރަން ފަށައިފި އެވެ.

މިއަދަކީ އަނެއްކާވެސް އޯޑަރަކަށް އިލޮށިފައްޗެއް ތައްޔާރުކޮށް ނިންމާ ދުވަހެކެވެ. ރަނގަޅު ގޮތަކީ، ދެތިން އިލޮށިފައްޗެވެ.

މާދަން އޭނާ ދާނީ ރީތި ފަން ހޯދާށެވެ. ފެންފޯއް ހޮވަން ރުއް ދަށަށެވެ. ފެންފޯއް އަވީލައިގެން ހިއްކައިގެން ކޮށައިގެން ޖޫސްޕެޓީ ކޮތަޅުތަކުގައި ބަންދުކޮށްގެން ފިހާރަތަކަށް ގެންދާނީ ވިއްކާށެވެ. ނުވަތަ އޭނާ ދާނީ އޮޅަށެވެ. އަލަ ކަނޑައިގެން އައިސް ކައްކާނީ އެވެ. ގޭތެރެ ފޮޅައި ސާފުކުރާނީ އެވެ. އަދި އެއްވެސް ކަމެއް ނެތިއްޔާމު ގޮސް އިންނާނީ އިލޮށިފައްޗެއް ހިފައިގެން އުނދޯއްޔަށް އަރަ އެވެ. އެއީ މަދިރި މަރަން ގެންގުޅޭ އިލޮށިފައްޗެކެވެ.

އަހުމަދު މުހައްމަދު އޭނާގެ މަސައްކަތަށް ޝައުގުވެރިކަން ހުސްކޮށްލައިގެން. (ދައުރު ފޮޓޯ)
ބަނަފްސާ ގޭގައި މިހާރު އަހުމަދު މުހައްމަދު ދިރިއުޅެނީ އެކަނި. (ދައުރު ފޮޓޯ)
އަހުމަދު މުހައްމަދު ބޭރު އުނދޯލީގައި އޭނާގެ އިލޮށިފަތިތަކާ އެކު ފޮޓޯއަކަށް ހުއްޓިލައިގެން. (ދައުރު ފޮޓޯ)

އަހުމަދުގެ މި ހިމޭން އެކަނިވެރި ދުނިޔޭގައި އޭނާއަށް ތުރާލެއްކުރާ ހަމައެކަނި އެއްޗަކީ އެ ކުޑަކުޑަ، ހަޔާތްކުޑަ ސޫތްޕެވެ. ވަރަށް ފަހުން ވެސް މަދިރި ހަފައިގެން ދެ ފައި ދުޅަވެގެން އެތައް ދުވަހެއް ވަންދެން އުޅުނެވެ. އެ ފަހަރު ވެސް ބައްދަލުވެ، އިލޮށިފަތިގަނޑެއް ހޫރަމުން މަދިރިތަކަށް ހެއްދެވިނެހެއްދެވިއަށް ގޮވި އެވެ. ތަރުޖަމާކޮށްދޭކަށް އަޅުގަނޑަށް ހަމަ ލާހިކެއް ނޫނެވެ.

އެކަމަކު އާންމުގޮތެއްގައި އަހުމަދުގެ މި ދިރިއުޅުމަކީ ވަރަށް ސީދާސާދާ އަދި ވަރަށް އޮމާން އަމާން ހިމޭން ދުނިޔެއެކެވެ. ވަކިން ހާއްސަކޮށް ބަނަފުސާގެ މި މުސްކުޅި ހިޔަލުގައިވީ ފިނިކަމުން އޭނާގެ ދިރިއުޅުން ވަނީ ނުޑުގާ ވަރަށް ފުރިފަ އެވެ. ހަޔާތުގެ މި އެކަނިވެރި ދަތުރު ވަނީ ފުރިހަމަވެފަ އެވެ. އަދި އެ ދަތުރު އޭނާއަށް ފުރިހަމަކޮށްދޭ ހިތަކީ މި ގެކަން ޔަގީނެވެ.

މިއީ އަހުމަދު އުފަންވި، އޭނާ އުޅެ ބޮޑުވެ މުސްކުޅިވި، އޭނާގެ މާމަގެ ގެ އެވެ. އޭރު ވެސް އަދި މިއަދު ވެސް އޭނާގެ އެންމެ ގިނަ ވަގުތު އެ ހިޔަލެއްގައި އޭނާ ހޭދަކުރާ އޭނާގެ އަމިއްލަ ފިނިމައިޒާނެވެ.

އަހުމަދު މުހައްމަދު ގޭގެ ދޮރުތައް ހުޅުވައި ބަނަފުސާގޭގެ ޓުއާއެއް ދިނުމަށް ތައްޔާރުވަނީ. (ދައުރު ފޮޓޯ)
މި ގެއަކީ އަހުމަދު މުހައްމަދު އެންމެ ކުޑައިރުއްސުރެން ފެށިގެން މިހާރު ވެސް ދިރިއުޅެމުން އަންނަގެ. (ދައުރު ފޮޓޯ)
(ދައުރު ފޮޓޯ)
(ދައުރު ފޮޓޯ)

އިލޮށިމަށައި ނިމިގެން އޭނާ އަނެއްކާވެސް ގޭތެރެއަށް ވަދެއްޖެ އެވެ. އެތެރެއަށް ވަދެ އެކި ދިމަދިމާލުގައި އެތަން މިތަނުގައި ގޮތްގޮތަށް ފޮޓޯއަށް ހުއްޓެން ފަށައިފި އެވެ. މިފަހަރު އަހަރެން އެކަމަށް އެދިގެންނެވެ.

ބަނަފުސާގެ އެންމެ ފުރަތަމަ ހުރީ ދަނޑިފަނުންނެވެ. އަހުމަދާއި އޭނާގެ ހަގަށް ތިބި ދެބެއިން ވެސް އުފަންވީ ދަނޑިފަނުގެ އެ ޖިފުޓިއަށެވެ. މިހާރު މި ގެ ފެންނަން މިހިރަ ގޮތަށް ތެޅިގަލާއި އުވައިން ރާނައި ހިޔައުކޮށްފައި ވަނީ ތިން ބެއިންގެ ފުރާވަރުގެ ދުވަސްވަރުގަ އެވެ.

އެ ދުވަސްތައް ސިފަކޮށް ކިޔައިދޭން ނޭނގުނަސް އޭގެ އެއް ހަނދާނުން އަނެއް ހަނދާނަށް ފުންމަމުން ގޮސް އަހުމަދު ދެން ޖައްސާލީ ގޭތެރޭގައި ހުއްޓިފައި ހުރި އުނދޯއްޔެއްގަ އެވެ. ކަފަ ކަންނޭލާއި ބާލީސް އަރިމަތީގައި ޖަހައި މަދިރިގެއަކުން ހިޔައުކޮށް ފޮތި އަޅައި އަރާމުކޮށް ތައްޔާރުކޮށްފައިވާ އުނދޯލިދާންކޮޅެކެވެ. މިއީ އޭނާގެ ނިދާ ގެ އެވެ.

އަހުމަދު މުހައްމަދު އޭނާގެ އުނދޯލީގައި ފޮޓޯއަކަށް ހުއްޓިލައިގެން: މިއީ އޭނާ ނިދަން ވެސް ބޭނުންކުރާ އުނދޯއްޔެއް. (ދައުރު ފޮޓޯ)
އަހުމަދު މުހައްމަދު އޭނާގެ ގޭތެރޭގައި ފޮޓޯއަކަށް ހުއްޓިލައިގެން. (ދައުރު ފޮޓޯ)
ބަނަފްސާގޭގެ ބަދިގެ: މި ބަދިގެ ހުންނަނީ މުސްކުޅި ގޯތިތަކުން އާންމުކޮށް ފެންނަ ގޮތަށް މައި ގެއާ މުޅިން ވަކިން އެކަނި. (ދައުރު ފޮޓޯ)

ފޮޓޯއަކަށް އަނެއްކާވެސް ހުއްޓިގަތެވެ. އެކަމަކު އަހުމަދުގެ ހަޔާތުން އެންމެ ހިތްގައިމު ފޮޓޯތައް ފާޅުވެގެން އަންނަނީ މާޒީވެ ދިޔަ ދުވަސްތައް ހާވައި ބަލައިލުމުންނެވެ. މުސްކުޅިވެ ގައިން ބާރު ދޫވެ ގޭގައި މިގޮތަށް އެކަނިވުމުގެ ކުރިން އޭނާގެ ދިރިއުޅުމަކީ ވަރަށް ވެސް ރަހަތަފާތު ދަތުރެކެވެ. އެގޮތުން ފާހަގަކޮށްލެވޭ އެންމެ ސަޅި ފޮޓޯގަނޑަކީ އާގުބޯޓެއްގައި 10 ވަރަކަށް އަހަރު ވަންދެން ކައްކާއަކަށް އުޅުނު ހަޔާތުގެ ތަސްވީރެވެ.

އަހުމަދުގެ އެންމެ ކުޅަދާނަ ހުނަރަކީ ވެސް ކެއްކުމެވެ. އަދި މި ހަޔާތުގައި އޭނާ ތަޖުރިބާކުރި އެންމެ އާދަޔާހިލާފު ދަތުރަށް މަގުކޮށައިދިނީ ވެސް ކައްކާއެއްގެ ގޮތުގައި ހޭދަކުރި ވަފާތެރި ދުވަސްތަކެވެ. އެ ބޯޓުގެ ވެރިޔާގެ ސްޕޮންސަރެއްގައި 1988 ވަނަ އަހަރު އޭނާ އަށް ލިބުނު ހައްޖު ދަތުރެވެ.

އަހުމަދު މުހައްމަދު ބޭރު އުނދޯލީގައި ފޮޓޯއަކަށް ހުއްޓިލައިގެން. (ދައުރު ފޮޓޯ)
އަހުމަދު މުހައްމަދު: މިގޮތަށް ގޭގައި އުޅޭއިރު ދިމާވާ އެންމެ ބޮޑު އުނދަގުލަކީ މަދިރީގެ ތުރާ ކަމަށް ބުނި. (ދައުރު ފޮޓޯ)

އެ ފޮޓޯގަނޑުން ނުކުމެގެން ގޮސް އަހުމަދު އަނެއްކާވެސް ފެންޑާއަށް ނުކުމެ ގޮނޑީގައި ޖައްސާލި އެވެ. އިލޮށި މެށުމުގައި އަނެއްކާވެސް ބިޒީވެގަތެވެ. ބަނަފުސާގެއަށް ވެރިވެފައި އޮތް ހިމޭންކަމުގައި އޭނާ ހަމަޖެހިގަތެވެ.

އަހުމަދުގެ ހަޔާތުގެ މި ދަތުރަކީ ބުރަ، ދިގު ދަތުރެކެވެ. އޭނާ ވަރަށް ގިނަ ވާހަކަތައް ކިޔައިދިނެވެ. އެކަމަކު އެ ދުނިޔޭގައިވީ އެ ހުރިހާ އިހުސާސެއް ތަރުޖަމާކޮށްދޭނީ ކިހިނެއް ހެއްޔެވެ؟

ކޮމެންޓް (6)

ޒައިމާ

11 ޖެނުއަރީ 2024
މީޔަސް އެހެން ރަށަކި ހިށި އެއްތެންނާ މީހަކާއި އިނދަގެން ރިވެތި ދިރިއުޅުމަކި ވޭޑޭނެ މީހަށް.. ހީވާގި މުރާލި ފިރިހެނަށް..
12 0

ނަސީ

10 ޖެނުއަރީ 2024
ތިނޫންް ރަށެއްގެެ މީހެއްނަމަަ މިއަދުު އެބޭބެއަކީވެސްް ރަނގަޅުު ހަޔާތެއްް މީހަކާއެކުު އުޅޭނެމީހެއްް. އުނިކަމެއްް ޙުރުމުންް ފަރާތެއްނެތިި ބާކީވެެ އެކަނިި ހަޔާތެއްް ނިމިގޮސްފަވާާ ޚުލްޤުހެޔޮޮ ބޭބެއެއް
9 0

ޢަސްލާމް

10 ޖެނުއަރީ 2024
މާވަހަރު އިބިރާގެ ބޭބެ . މޫސާކުރުގޭ ބިރީ ބޭބޭ އަކީ 5 ނަމާދު ގާއިމް ކޮށް ގުރުއާން ކިޔަވާވާ މީހެއް.
8 0

އަހުސަން

10 ޖެނުއަރީ 2024
ތިޔައީ މޫސާކުރުގޭ ބީރާ ދޯއެވެ.
1 13

މަސްތު

10 ޖެނުއަރީ 2024
@އަހުސަން ބީރާގެ ވަނަމުން ވަނަންކޮށް މީދޫ އަންހެން ކުދީން ބާކީ ކޮށްލި މީދޫއަށް އުފަން ޚުލްގު ހެޔޮ ހީވާގި، ރީތި ފިރިހެނެއް.
10 0

ޒައުދާ

10 ޖެނުއަރީ 2024
ވަރަށް ހިތްގައިމު.. ކަޔާލާ ހިތްވާ ކަހަލަ
9 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް