ލިލީ ފެހި ފިނި ހިޔަލުގައި ތުއްތޫ ފޮޓޯއަކަށް ހުއްޓިލައިގެން. (ދައުރު ފޮޓޯ/އިބްރާހިމް ފަހުމީ)

ރާޅުފަށް

ލިލީގެ ފެހި ފިނި މަގަކުން ހިރިގަލުގެ މާ ފިނި ޒަމާނަކަށް

ސ. މީދޫ އިން ފެނުނު މި ގެ އާއި މި ގެއިން ބައްދަލުވި 93 އަހަރުގެ މި މީހާ އަހަރެން ގޮވައިގެން ގެންދިޔައީ އެެހެން ޒަމާނަކަށެވެ.
13 ޑިސެމްބަރު 2023
7

ދޮރޯށި ހުޅުވާލުމާ އެކު މުޅި ގައިގައި ބައްދައިގަތީ ފަޅުކަމާއި ހިމޭންކަމެވެ. މެދުގޯތި ތެރެއިން ގޮސް ފެންޑާއާ ހަމައަށް އޮތީ ހަތަރެސްކަން ގައު އަތުރައިފަ އެވެ. ސިމެންތީގެ އެ ގައުތައް މަތިން ކުރިއަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާ އެކު ހީވަނީ އެއް ޒަމާނުން އަނެއް ޒަމާނަށް ގެންގޮސްދޭ ފާލަމެއް ނިއުޅެމުން، ފެތުރެމުން، އެތުރެމުން ދިޔަ ހެންނެވެ. އެ ފާލަން ގޮސް ގުޅެނީ ހިރިގަލާއި އުވައިން ރާނައި ހިޔައުކޮށްފައިވާ އެހެން ޒަމާނެއްގެ ގެއަކާ އެވެ.

އެ މަގުން ކުރިއަށް ހިނގައިގަތީމެވެ. ދެ ފަރާތުން ފެންނަ ހަވާސާއަށް އޮތީ ކަށިވެލި ލައިފަ އެވެ. އެއީ އެހެން ޒަމާނަކަށް ގެނބިދާނެހެން ހީވާ ކަހަލަ ކަށިވެލީގެ ކަނޑެކެވެ. އެ ޒަމާނަށް ވެއްޓި، ކަށިވެލިގަނޑު މަތީގައި އަނގަވަތަށް ހުއްޓުން އަރައި ހަރުވެ، އުމުރު ހުސްވެފައި އޮތް ރުކުމަޑިއެއް އޮތެވެ.

ދިރޭ އެއްވެސް އެއްޗެއްގެ ލިސާން ވެސް ނެތް ހަމަހިމޭންކަމެއްގެ ތެރެއިން ދެމެމުން ގޮސް ފެންޑާ ތެރެއަށް ބޯ ދިއްކޮށް ސަލާން ގޮވާލީމެވެ. މި ގޭގައި ހަމަ އެއްވެސް މީހަކު ނެތީ އެވެ. ހީވަނީ އެހެންނެވެ. ވަށައިގެން ހޯދާލުމުން ވެސް ދޭ އިޝާރާތަކީ މިއެވެ؛ މައި ގެއާ ވަކިން ދުރުގައި ރާނާފައި ހުރި ބަދިގެ އަކާއި ކާގެއަކާއި އުނދޯލި ގެއެއް ވެސް ވަނީ މި ފަޅުކަމުގައި ބަސްހުއްޓި ހިމޭންވެފަ އެވެ. އެހެން ޒަމާނެއްގައި ހުއްޓިފަ އެވެ.

ލިލީފެހި: މެދުގޯތީގައި އޮތް ގަލުގެ ފާލަމުން ގޮސް ވަދެވެނީ ހިރިގަލުގެ ޒަމާނަކަށް. (ދައުރު ފޮޓޯ)
ލިލީފެހި ގޭގެ މެދުގޯތި: ދުރުން އެ ފެންނަނީ ބަދިގެއަކާއި އުނދޯލިގެއެއް. (ދައުރު ފޮޓޯ)
ގޭގެ ބިތްދޮށުން ފެންނަން ހުރި ބަނޑަހަގެ. (ދައުރު ފޮޓޯ)

ހިރިގަލުގެ ބިތްދޮށުން ފެންނަން ހުރި ބަނޑަހަގެ ވަނީ ބަނޑަށްޖެހިފަ އެވެ. އެއް ޒަމާނެއްގައި ކާޑާއި ދުންފަތާއި ދުފާ ސާމާނުން ބަނޑުފުރާލައިގެން ދުފައި ރަތްކުރި އުފާވެރި ހަޔާތެއްގައި ހިޔާލެއް ފިކުރެއް ނެތި އުޅުނު އެ ބަނޑަހަގެ މިއަދު އެ ވަނީ މަރުވެ ވީރާނާވެފަ އެވެ. އިންދިރާސްވެ ނެތި ނިމިދަނީ އެވެ. ފުރާޅުގަނޑު ދަބަރަށް ގޮސް ހުސްވަނީ އެވެ.

މިއީ ސ. މީދޫ، ލިލީފެހި އެވެ. އެކަމަކު ފެހިކަމެއް ނެތް ހިރިގަލުގެ ހުދުކަމާއި ހުސްކަމެކެވެ. އަދި ހިލަމެއް ނެތް ފަޅުކަމެކެވެ. އެކަމަކު ދެން ވެސް އެ ފަޅުކަން ދޫކޮށްލާފައި ނުކުމެގެންދާހިތެއް ނުވި އެވެ. ލޮލުގައި އެ ވަގުތު ކުއްލިއަކަށް މީހަކު އަޅައިގަތެވެ. ގޭތެރޭގައި ހުއްޓިހުރި މުސްކުޅި ފިރިހެނެކެވެ. ކުޑަދޮރެއްގެ ޖާލީ ތެރެއިންނެވެ. މި ދިމާލަށް ބަލަހައްޓައިގެންނެވެ. އެއީ ދޮންފުތާގޭ ތުއްތޫ އެވެ.

މިއީ އޭނާގެ ގެދޮރެވެ.

މިއީ މި ގޭގެ ފެންޑާ. (ދައުރު ފޮޓޯ)
ފެންޑާގެ ހިރިގަލު ފާރު. (ދައުރު ފޮޓޯ)
ގޭތެރޭގައި ތުއްތޫ. (ދައުރު ފޮޓޯ)

އެތެރެއަށް ވަދެގެން ގޮސް ކުޑަދޮރުގެ ދަގަނޑު ޖާލިތަކުގެ ތެރެއިން ތުއްތޫ ރަނގަޅަށް ފެންނަހާ ގާތަށް ޖެހިލީމެވެ. ކުޑަކުޑަ މޭޒެއް ކައިރީގައި ގުރާފެހިކުލައިގެ ޕްލާސްޓިކު ގޮނޑިއެއް އަޅައިގެން އޭނާ އިނީ ކާށެވެ. ގަރުދިޔަ އާއި ބަތާއި ހުތާއި މިރުހެވެ. ކުޑަކުޑަ ސޮނީ ރޭޑިއޯއަކުން ދިވެހިރާއްޖޭގެ އަޑު އަޅުވައިގެން ޚަބަރާއި މައުލޫމާތުގެ ދުނިޔެއެއް ހަފައި ކުދިކޮށް، ބަނޑުފުރަމުން ގެންދަނީ އެވެ.

ކައި ނިމިގެން ލައިފް ކުޑަ ފެންފުޅިއެއް ބޮއެ ހުސްކޮށްލާފައި ދިރިގެން ތެދުވެއްޖެ އެވެ. އަދި ބޮލުގައި އަޅާފައި އޮތް ދިގު އަގުޅި ފޮތި ތާކިހާ ހެޔޮވަރުކޮށް، ރޮނގުދެމި މުންޑު ކޮށިކުރަމުން ފިޔަވަޅު ކިރިޔާ ނަގަމުން އޭނާ ބޭރަށް ހިނގައިގަތެވެ. ހަންގަނޑުގައި ރޫ ޖެހި، މަސްތައް ދޫވެ ގައިން ވަރުދެރަވެފައިވިޔަސް މީހެއްގެ އެއްވެސް އެހީތެރިކަމަކާ ނުލަ އެވެ. ފެންޑާގައި ބަހައްޓާފައި ހުރި ގޮނޑިއަކަށް ލައްގާފައި އޮތް އޭނާގެ އަސާ ވެސް އަރާމުކުރަން އޮތީ އެވެ. ނުވަތަ އެ އަސާގަނޑު މާ ކަންނެތީ އެވެ. އެކަމަކު މެދުގޯތިތެރެއިން ހިނގާފައި ބަދިގެ ފަރާތަށް ދާން އޭނާއަކަށް އަމުދަކުން އެ އަސާގަނޑު ބޭނުމެއް ވެސް ނުވެ އެވެ.

ތުއްތޫ ޚަބަރު އަޑުއަހަމުން ބަނޑުފުރާލަނީ. (ދައުރު ފޮޓޯ)
ތުއްތޫ ކައިގެން ފެންފޮދެއް ބޯލަނީ. (ދައުރު ފޮޓޯ)
ކައި ނިމިގެން ތުއްތޫ ތަށި ދޮންނަން ނުކުމެގެން ދަނީ. (ދައުރު ފޮޓޯ)

ތަށި ދޮވެލާފައި އެނބުރި ގޮސް، ކުދި ގޮޅި ޖެހި ނޫކުލައިގެ ނަލަ މުންޑެއް އަނދެގެން އައިސް ތުއްތޫ އޭނާގެ ބޭރު އުނދޯލީގައި އިށީނދެއްޖެ އެވެ. ވާހަކަތައް ކިޔައިދޭން ވެގެންނެވެ. އެކަމަކު ވާހަކަ ދައްކަނީ ވަރަށް މަޑުންނެވެ. ކިޔާނުކިޔާ ފަހުމު ނުވާތީ އަހަރެން ގޮސް އެ އުނދޯލީގައި، އޭނާ ކައިރީގައި ޖައްސާލީމެވެ. އެއާއެކު، މަޑުމަޑުން އުނދޯލި ހެއްލަން ފަށައިގަތެވެ. ހެއްލަމުން ގޮސް އޭނާގެ 93 އަހަރުވީ ހަޔާތުގެ ތެރެއަށް ކުއްލިއަކަށް ގެއްލިއްޖެ އެވެ.

ކަޅާއި ހުދުގެ އެ ހަޔާތުނާމާ އިން ގަނޑުތައް ހޫރި ވިހުރިގަތެވެ.

ސިފަވަމުން ދިޔަ މަންޒަރަށް މަޑުމަޑުން ކުލަތައް ފޭދި ލޯ ކުރިމައްޗަށް އިސާހިތަކު ސިފަވެގެން އައީ ޔުނައިޓެޑް ސުވާދީބް ރިޕަބްލިކްގެ ހަލަބޮލި ދުވަސްވަރެވެ. އެކަމަކު ތުއްތޫ އާއި އޭނާގެ އެކުވެރި ފަޅުވެރިން އެ ދުވަހު ތިބީ ކޮޅުނބުގެ ބަނދަރެއްގަ އެވެ. އެމީހުންގެ 'ވެޑި' އަށް ކާޑާއި މުދައު ބަރުކުރުމުގައި އަވަދިނެތި އެވެ.

މިހެން ތިއްބައި ކުއްލިއަކަށް ލިބުނީ އަބްދުﷲ އަފީފް ދީދީގެ ހާއްސަ ސިޓީފުޅެކެވެ.

ހަޔާތުގެ ވާހަކަތައް ކިޔައިދޭން ތުއްތޫ ކައި ނިމިގެން ބޮޑު ފެންޑާއަށް ނުކުންނަނީ. (ދައުރު ފޮޓޯ)
ތުއްތޫ ބޭރު އުނދޯލީގައި ޖައްސާލައިގެން ވާހަކަ ކިޔައިދެނީ. (ދައުރު ފޮޓޯ)

93 އަހަރު ކުރިއަށް ވަގުތު އެނބުރިގެންފި

ދޮންފުތާގޭ ތުއްތޫ އެންމެ ފަރިތަކަމާ އެކު ކިޔައިދިނީ އޭނާ އުފަންވި ދުވަހުގެ ތަފްސީލެވެ. އެއީ ހިޖުރީ ތާރީހުން 1353 ވަނަ އަހަރުގެ ސަފަރު މަހުގެ 17 ވަނަ ދުވަހެވެ.

"އެއީ ހުކުރު ދުވަހެއް. ހުކުރު ވިލޭރެއެއްގެ ދަންވަރު 12 ގަޑި ބަޔާއި އެކަކާ ދޭތެރޭގެ ވަގުތެއްގައި އަޅުގަނޑު އުފަންވީ. އަޅުގަނޑުގެ އަމާ އަޅުގަނޑު ވިހެއީ މި ގެއަށް. އަޅުގަނޑު އެ އަމާ ނުވެސް ދެކެން. އަޅުގަނޑު އުފަންވީ ދުވަހު އަމާ މަރުވެއްޖެ،" ތުއްތޫ ހިންދިރުވައި، ހިންދަމައިލި އެވެ.

"އަމާގެ އެއްވެސް ހަނދާނެއް އަޅުގަނޑުގެ ނެތް. އެކަމަކު ބައްޕަގެ ދިރިއުޅުން ވަރަށް ރަނގަޅަށް ހަނދާން އެބަހުރި. އަޅުގަނޑުގެ ބައްޕަ އަކީ އަސާގަނޑަށް ތިރިވަންދެން ވަޑާންކުރި މާވަޑިއެއް."

އެއީ މުޅި ރަށަށް މަޝްހޫރު ކުޅަދާނަ މާވަޑިކަލޭގެ މޫސާފުތާ އެވެ. މި ގޭގެ ބޯދާ ނަން 'ދޮންފުތާގެ' އަސްލާ ގުޅިފައިވާ ޝަހުސިއްޔަތެވެ.

ދޮންފުތާގޭ ތުއްތޫ އަކީ އެޅަބެއާގެ މޫސާފުތާގޭ ދެމަފިރިންނަށް ލިބުނު ފަސް ކުދިންގެ ތެރޭގައި ހުރި އެންމެ ހަގު އަދި ހަމައެކަނި ފިރިހެން އައުލާދެވެ. އޭނާގެ ދޮށްޓަށް ތިބި ހަތަރު ދައްތައިންގެ ތެރެއިން އެކަކު ވެސް މިއަދު ދުނިޔޭގައި ނެތެވެ. އެކަމަކު ފެންނަން މިހިރަ ގެއަކީ އެ އެންމެންގެ ހަނދާނާއި ހުނަރާއި މަސައްކަތް އަދިވެސް އިއްޔެހެން ފެންނަން ހުރި އެ އެންމެންގެ ފިނި ހިޔަލެކެވެ.

ދޮންފުތާގެ ގޭތެރެއިން ހުއްޓިފައިވާ މަންޒަރެއް. (ދައުރު ފޮޓޯ)
ދޮންފުތާގެ ގޭތެރޭގައި ވަގުތު ހުއްޓިފައި. (ދައުރު ފޮޓޯ)

އެކަމަކު މިއަދު މި ގޭގައި ދިރިއުޅެނީ ތުއްތޫ އެކަންޏެވެ. އޭނާގެ ކުދިންތައް ބޮޑެތިވެ އެމީހުން ދިރިއުޅެމުން ގެންދަނީ އެމީހެއްގެ އަމިއްލަ ހާލާއިގެންނެވެ. ތުއްތޫގެ ދެމަފިރިންނަށް ވެސް ލިބުނީ ފަސް ކުދިންނެވެ. އަދި އެންމެ ފިރިހެން ކުއްޖެކެވެ.

"އަޅުގަނޑު ކުރީ އެ ކައިވެނި އެކަނި. އިން ހަމައެކަނި މީހަކީ އޭނަ. އޭނަ އަށް ކިޔާނީ ހައްވާއްދީ. އެއީ މި ރަށު އައިސާދަރި ދޮންބެއްޔާއަށް ކާފަ ކިޔާ ކުއްޖެއް،" ތުއްތޫ ބުނެލި އެވެ.

ވަރަށް ފަހަކާ ޖެހެންދެން ތުއްތޫ މި ގޭގައި ދިރިއުޅެމުން ގެންދިޔައީ އޭނާ އެންމެ ލޯބިވި އަދި ހަޔާތުގެ ހަމައެކަނި ބައިވެރިޔާ ހައްވާއްދީއާ އެކުގަ އެވެ. މިހާރު ފެންނަން މިހިރަ ގޮތަށް މި ގެ، ހިރިގަލުން ރާނައި އުސްކޮށް ރިވެތި ތެދުއުއިވަޑާމުން ފަރިކޮށްފައި ވަނީ ވެސް ހައްވާއްދީ އަށްޓަކައި ތުއްތޫގެ ހިތުގައި އުފެއްދި ދެ ގޮތެއް ނުވި ސާފު ތެދުވެރި ލޯތްބެވެ.

"އަޅުގަނޑުމެން ދެ މީހުން އިނދެގެން މި ގޭގައި ދިރިއުޅެންވެގެން މި ގެ މިހާރު މި ހުރި ގޮތަށް ރޭނީ. އަޅުގަނޑުގެ ކާފަގެ ޒަމާނުގައި މި ގެ ހުރީ އަދި މިގޮތަކަށް ނޫން. އޭރު ވެސް ހިރިގަލުން ރާނައި އުވަޖަހާފައި ހުންނާނީ. ދޮރުފަތްތައް ހުންނާނީ ދެކޮޅަށް ދެމޭ ގޮތަށް،" ތުއްތޫ ކިޔައިދެމުން ގެންދިޔަ އެވެ.

އޭނާގެ ކާފައަކީ ވެސް އެފަދަ ދެ ވަނައެއް ނެތް މާވަޑިއެކެވެ. ތެދުއުއިވަޑާމުގެ އިތުރުން ކިއްސަރުވަޑާމުގައި ވެސް އަރައި ހުރި ހުނަރުވެރިއެކެވެ. އެހެންކަމުން 'ދޮންފުތާގެ' އަކީ އަބަދުވެސް ރަށުން ފެންނަން ހުރި އެންމެ ސަޅި އެއް ހިޔަލެވެ.

"ކާފައަށް ފަހު ބައްޕަގެ ވަޑާން މި ގެއިން ފެންނަން ހުރީ. އޭގެ ފަހުން އަޅުގަނޑު ހައްވާއްދީއާ އިނދެގެން މި ގެ އަލުން މަރާމާތުކުރި ފަހުން މިހާރު ފެންނަން މިހިރީ މުޅިން އަޅުގަނޑުގެ ދެ އަތުން ކޮށްފައިވާ ވަޑާން،" ތުއްތޫ ބުންޏެވެ.

ތެދެކެވެ. ތުއްތޫ އަކީ ވެސް އޭނާގެ ކާފަ އާއި ބައްޕަ ފަދަ ހުނަރުވެރި ވަޑިއެކެވެ. އެކަމަކު އޭގެ ކުރިން އޭނާ އުޅުނީ 'ވެޑި ދަތުރު' ކުރާށެވެ. ދެކުނު ގަޑުބަޑުގެ ތެރޭގަ އެވެ.

މުސްކުޅި ކޮޓަރިއެއް: މި ގޭގައި ތިން އުނދޯލިގެ އެބަހުރި. (ދައުރު ފޮޓޯ)
ބޭހާއި އޭތި މީތިން ފުރާލާފައިވާ މުސްކުޅި އެނދެއް. (ދައުރު ފޮޓޯ)

އެ އަތުން ކުރި ވަޑާމަށް، އެނބުރި ލިލީ ފިންޏަށް

އުފަންވި ދުވަހުގެ ކުލަ ހަނދާންތަކަށް ފަހު ތުއްތޫ އެންމެ ފޯރީގައި ދެން ކިޔައިދިނީ ދެކުނު ގަޑުބަޑުގެ ވާހަކަތަކެވެ. އޭރު އޮތް ސިޔާސީ މަސްރަހާއި ސިޔާސީ ފޯރި އާއި ސިޔާސީ ސަމާސާ އެވެ. އޭނާގެ ހަޔާތުގެ އެންމެ މުހިންމު ތާރީހުތައް ވަޅުލާފައި ވަނީ ވެސް އެ ދުވަސްވަރުގެ ހަނދާންތަކުގަ އެވެ. އެގޮތުން އަލަތު ކައިވެނި ކުރުމާއި މި ގެ ރާނައި ބޮޑުކޮށް އަމިއްލަ ދިރިއުން ފަށައި ކުދިން ލިބުނީ ވެސް އެ ދުވަސްވަރު އެވެ.

އެކަމަތު ދެކުނު ގަޑުބަޑު ފެށި މައްސަލަ ހޫނުވިއިރު ތުއްތޫ އާއި އޭނާގެ ފަޅުވެރިން ތިބީ ކޮޅުނބުގެ ބަނދަރެއްގަ އެވެ. ކާޑާއި މުދައު އެމީހުންގެ އައްޑޫ ވެޑިއަށް ބަރުކުރުމުގަ އެވެ. އަފީފު ދީދީގެ ހާއްސަ އެންގުމެއް ސިޓީއެއްގެ ސިފައިގައި އައްޑޫގެ ވެޑިތަކަށް ލިބުނީ އެހެން ތިއްބަ އެވެ.

"އޭރު ދިރިއުޅުމަށް ކުރި މަސައްކަތަކީ އަންނައުނު ހޯދުމާއި ބައްތި ތެޔޮ ހޯދުމާއި ބޭހާއި ދިރިއުޅުމުގެ ހުރިހާ ކަންކަމަށް ބޭނުންވާ ހުރިހާ އެއްޗެއް، މުދަލެއް ހޯދަން ވެޑީގައި ދަތުރުކުރުން. އައްޑޫ މީހުން ވެޑީގައި ދާނީ ލަންކާއަށް. އަފީފުމެން ޖަގަޑާ ހެދިއިރު އަޅުގަނޑުމެން ތިބީ ލަންކާގައި،" ތުއްތޫ ކިޔައިދިނެވެ.

"ދެން ސިޓީއެއް ލިބިއްޖެ އަޅުގަނޑުމެންނަށް. އޭގައި މި އޮންނަނީ މުދައު ބަރުކޮށްގެން ކޮޅުނބުން ފުރައިގެން އަންނަ އައްޑޫގެ އެއްވެސް ވެޑިއެއް މާލޭގައި ބަނދަރުނުކޮށް ސީދާ އައްޑޫ އަތޮޅަށް އައުމަށް އަންގާ އެންގުމެއް."

"އަޅުގަނޑުމެން އެ ފަހަރު ރަށަށް އައި އިރު އައްޑޫގައި އޮތީ އަފީފު ދީދީގެ ވެރިކަން."

ތުއްތޫ އެ ހުރިހާ ހަނދާނެއް ވެސް ސިފަކުރީ ވަރަށް ވެސް އުފާވެރި ފާގަތި ދުވަސްތަކެއްގެ ގޮތުގަ އެވެ.

"އެ އަހަރު އަޅުގަނޑު ހައްވާއްދީއާ އިނދެގެން މި ގޭގައި ދިރިއުޅެން ފެށީ،" ޔަގީނަށް ވެސް އޭނާގެ އެންމެ އުފާވެރި ދިރިއުޅުމަކީ ހައްވާއްދީއާ އެކު ވޭތުކުރި އެ ދުވަސްތަކެވެ.

ތުއްތޫ އޭނާގެ އެންމެ އުފާވެރި ވާހަކަތައް ކިޔައިދެނީ. (ދައުރު ފޮޓޯ)
އެންމެ އުފާވެރި ހަނދާނަކީ އަނބިމީހާ އެކު މި ގޭގައި ދިރިއުޅުނު ދުވަސްތައް ކަމަށް ބުނި. (ދައުރު ފޮޓޯ)

މިހާރު ވެސް އެންމެ ހަނދާން ވަނީ އެ އުފާވެރި ދުވަސްތަކެވެ. އެކަމަކު މިއީ މިހާރު މުޅިން ބަދަލުވެފައިވާ ޒަމާނަކާއި ދިރިއުޅުމެކެވެ. މާ ކުރީގެ ހިޔަލަކަށް އަދި ކުރީގެ ހަނދާންތަކަކަށް އޭނާގެ ހިތް ދޫވެފައިވިޔަސް ތުއްތޫގެ މިހާރުގެ ދިރިއުޅުން އެއްކޮށް ބަދަލުވެއްޖެ އެވެ. އެކަމަކު ބަދަލުނުވަނީ ދިރިއުޅުމުގެ މި ދަތުރުގައި ކުރިއަށް ދާން އޭނާ ކޮންމެ ދުވަހަކުވެސް އެ ނަގާ ފިޔަވަޅެވެ. އަދި އޭރުގެ ހަނދާންތައް ގޮވައިގެން އޭނާ ކުރާ މި ދަތުރެވެ.

ދިރިއުޅުމުގެ މި ހިސާބުގައި އެންމެ އުފާވަނީ ކޮން ކަމަކާތޯ ސުވާލުކޮށްލުމުން އޭނާ ބުނީ މިހެންނެވެ.

"އެންމެ އުފާވާނީ އެމީހެއްގެ އަމިއްލަ ދިރިއުޅުމެއް ފެށިގެންދާ ހިނދުގައި ނޫންތޯ؟ އަމިއްލަ މިނިވަންކަމުގައި އަމިއްލަ ދިރިއުޅުމެއްގައި އުޅޭއިރު ނޫންތޯ؟ އެއްވެސް އިތުރު ބައެއްގެ ނުފޫޒެއް އުނދަގުލެއް ނެތި އުޅޭ ދިރިއުޅުމެއް ނޫންތޯ؟" އޭނާގެ މޫނު އަލި ހިނިތުންވުމަކުން ދިއްލައިލި އެވެ.

"އަމިއްލަ މަސައްކަތުން އަމިއްލަ ދިރިއުޅުމެއް އުޅުނު ދުވަސް އެންމެ އުފާވަނީ."

ތުއްތޫގެ ކޮޓަރި ތެރެއިން މަންޒަރެއް. (ދައުރު ފޮޓޯ)
ނިދާ ކޮޓަރިއެއް. (ދައުރު ފޮޓޯ)
ތުއްތޫ އިންޓަވިއު ނިންމާލާފައި ފޮޓޯއަށް ހުއްޓެން ތައްޔާރުވަނީ. (ދައުރު ފޮޓޯ)

އެހެންވީމަ އެންމެ ދެރަވަނީ ކޮން ކަމަކާ ހެއްޔެވެ؟ މި ސުވާލުކޮށްލުމުން އޭނާ ޖަހާލީ ކުރު ހިނިގަނޑެކެވެ.

"ވަކިން އެހެން ދެރަވާ ކަމެއް ނެތް. އެކަމަކު އެކަނިވެރިވީމަ ދެރަވާނެތާ ދޯ؟ އިނދެގެން އެކުގައި އުޅުނު މީހާ މަރުވެ ގޭގައި އެކަނިވެރިވުމަކީ އަޅުގަނޑުގެ ހިތާމައެއް،" ތުއްތޫ ކިޔައިދިނެވެ.

"ކުދިންގެ އަމާ ދުނިޔޭގައި ހުރިއިރު ކުދިން ވެސް މިހާރަށް ވުރެ ގިނައިން ގޭތެރެއިން ފެންނާނެތާ ދޯ؟ އެކަމަކު މިހާރު މި ފެންނަނީ ކާއެތިކޮޅެއް ހިފައިގެން އަންނައިރު އާންމުކޮށް."

އެންމެ އުނދަގޫވާ ކަންތައް ވެސް އޭނާ ކިޔައިދިނެވެ.

"އެންމެ އުނދަގޫވަނީ މިހާ އުމުރުން ދުވަސްވެ ގައި ވަރުދެރަވެފައިވީއިރު މި މުސްކުޅި ގޭގައި އެކަނި ދިރިއުޅެން ޖެހިފައިވުމުން."

އެކަމަކު ވެސް ތުއްތޫގެ މި ހަޔާތުނާމާ އާއި އޭނާގެ މި ދަތުރަކީ ގިނަގުނަ ފިލާވަޅުތަކެއް ނަގައިދޭ ވާހަކައެކެވެ. ވަކިން ހާއްސަކޮށް، ހެލިފެލިވެ އުޅެން މިހާ އުނދަގޫއިރު ވެސް ހަޔާތުގެ މި ދަތުރުގައި އުއްމީދު ކަނޑާލަން އޭނާ ބޭނުންނުވާ ރޫހަކީ ލާމަސީލު އަމަލެކެވެ.

އިންޓަވިއުގެ މި ހިސާބުން ބަންގީގެ އަޑު އިވިގަތެވެ. ވާހަކަ ކުރުކޮށްލާފައި ތުއްތޫ ތައްޔާރުވާން ފެށީ ނަމާދަށް މިސްކިތަށް ދާށެވެ. ނަލަ ގަމީހެއް ލައިގެން ބޮލުގައި ތާކިހަލެއް އަޅައިގެން ގެއިން ނުކުމެ ހިނގައިގަތެވެ. މިފަހަރު އޭނާގެ އަސާގަނޑު ވެސް ހިފައިގެންނެވެ.  

ތުއްތޫ ނަމާދުކޮށް ނިމިގެން އެނބުރި ގެއަށް ދަނީ. (ދައުރު ފޮޓޯ)

އޭނާގެ ކުރީގެ ހަލަބޮލި ދިރިއުޅުން މިއަދު ވަނީ އެއްކޮށް ހިމޭންވެފައެވެ. އެ ހިމޭން ހިޔަލުން އޭނާ ބޭރަށް ނުކުމެ މިއަދާ ބައްދަލުކުރާ ހަމައެކަނި ވަގުތަކީ ފަސް ނަމާދުގެ ވަގުތެވެ. ވާރޭ ވެހި މަގުތަކުގައި ފެންބޮޑުނުވާ ނަމަ ކޮންމެ ވަގުތަކު ވެސް އަސާގަނޑު ޖަހަމުން އޭނާ ދަނީ މިސްކިތަށެވެ.

އެއަށް ފަހު ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ނަގަމުން އައިސް އަނެއްކާވެސް ވަންނަނީ އޭނާގެ ހިތާއި ރޫހަށް ފިނިކަމެއް ގެނެސްދޭ މި ގެއަށެވެ. މިއީ ސ. މީދޫ ލިލީފެހި އެވެ؛ އޭނާގެ ހަޔާތަށް އޭރު ވެސް އަދި މިއަދު ވެސް ފިނިކަމާއި ފެހިކަން ގެނެސްދޭ ހަމައެކަނި ހިޔަލެވެ.

މިސްކިތުން ފައިބައިގެން އައިސް ދޮރޯށި ހުޅުވާލާފައި ތުއްތޫ އެތެރެއަށް ވަދެގެން ހިނގައިގަތެވެ. އޭނާގެ މުޅި ގައިގައި ބައްދައިގަތީ އެއް ޖީލުން އަނެއް ޖީލަށް ދެމެމުން އައި ދޮންފުތާގޭ ފިނިކަމާއި އުފާވެރި ހަނދާންތަކެވެ.

ލިލީގެ ފެހި ފިނިކަމެވެ.

ކޮމެންޓް (7)

ރައޫފުލް މީދުވިއްޔީ

18 ޑިސެމްބަރު 2023
ދޮންފުތާގެ ރާނާފައިހުރީ ހިރިގަލަކުން ނޫން. އެއީ ހަތާ ތެޅިގަލުން ރާނާފައިހުރި ގެއެއް. ލިޔުންތެރިޔާ އަށް ވަރަށް ގިނަ މަޢުލޫމާތު ރަނގަޅަށް ސާފުވެފައި ނެތި ލިޔެފައިވާ ލިޔުމެއް ކަމަށް ދެކެން. ތުއްތޫބެއްޔާއި ހައްވާއްތާގެ ރޮމޭންޓިކް ހަޔާތަކީ ދުވަހަކުވެސް ބަޔަކު ދެކުނު ހަޔާތެއް ނޫން.
2 0

ފާޑުފާޑު

15 ޑިސެމްބަރު 2023
ސިފަކުރުން ހައްދުންނެއްޓިފަ މިއޮތީ. މިކަހަލަ ލިއުމެއްވީމަ އަހަރެންނަކަށް ކަމުނުދިޔަ
3 3

ހަންޗޭ

13 ޑިސެމްބަރު 2023
ސިފަކުރުން މޮޅު، އަމީންދީދީމެންގެ އިސްޓައިލް އެބަހުރި، އެކަމަކުގެ ސިފަކުރުންގަނޑު ދިގުވެގެންގޮސް މަޒުމޫނުގެ މައުލޫމާތުބަޔަށް ވަނީ ހިޔަނި އެޅިފައި- ސުވާދީބުގެ ހަނދާންތައް، ތުއްތޫބެއްޔާ އާއި ފެންނާމަނިކުހާނާއި ނާފިޒުމެން ފަދަ ބޭބޭފޫޅުންނާ އިތް ގާތްކަން، ގޭގައި ވަޑާންގެއް ހިންގިވާހަކަ، އޭގެފަހުން ޔުނިވާސަލް ރިސޯޓްތަކުގައި ވަޑާންކުރުމާއި މުދިންކަން ފަންސަވީހަކަށް އަހަރުވަންދެން ކުރިކަން، ހުރިހާ ކުދިންނަކީވެސް އުޅުންތެރި އަބުރުވެރި ދިރިއުޅުމެއްއުޅޭ މައިންބަފައިންނަށް ހެޔޮކޮށް ހިތާ ޚިދުމަތްކުރާކުދިން، މިހާރުވެސް އެގޭ މަންދާ އުޅެނި ގޭގައި ބައްޕައާއެކު މީގައި ލިޔެފައިވާ ގޮތުން ފަހަރެއްގައި ބަޔަކަށް ހީވެދާނެ މިބޭބެ އުޅެނީ އެކަންޏޭ
27 1

އައިޝާ

13 ޑިސެމްބަރު 2023
ވަރަށް އޮއްޓަރޮ ހިށި ލިއުމަށް
10 1

ރަދީފް

13 ޑިސެމްބަރު 2023
ނަދީމު ގެ ހުށަހެޅުން ވަރަށް މޮޅު
15 4

ދީމުގުރާތުސް

13 ޑިސެމްބަރު 2023
އުމުރުން 93 އަހަރުވިއިރުވެސް، ތާހިރު އަބުރުވެރި ދިރިއުޅުމެއްގައި އުޅެވެނީ ޒުވާން ދުވަސްވަރު ކުރި ބުރަަ މަސައްކަތުން. މިގައުމު އަހަރުމެންނާއި ހަމަޔަށް ގެނެސްދިން މުސްކުޅި ޖީލަށް ފަށްފަށުން ޝުކުރު. ތުއްތޫއަށް ބާއްޖަވެރި ދުވަސްތަކަކަށް މިންވަރުކުރައްވާށި.
29 0

ފާތުން

13 ޑިސެމްބަރު 2023
ޥަރަށް ފުރިހަމަ ލިޔުންތެރިކަން މޮޅު .
20 3

އިތުރު އާޓިކަލް

އިތުރު އާޓިކަލް