ބާލިޣުވުމަށް ފަހު އެކި ކަހަލަ އިހުސާސްތައް ދިރެން ފަށާ؛ އެއީ ހޯމޯނަލް ބަދަލުތަކާ އެކު އުފެދޭ އިހުސާސްތަކެއް

ޕޭރެންޓިން

ޖެހިލުންވިޔަސް ފުރާވަރު ދަރިފުޅަށް މިކަން ކިޔައިދޭން ޖެހޭ

އެތައް ދިމާލަކުން ސައްހަނޫން މައުލޫމާތު މި ޒަމާނުގައި ފަސޭހައިން ލިބެން ހުރި އިރު، ފުރާވަރު ކުދިންނަށް އެންމެ ރައްކާތެރި މައުލޫމާތު ދިނުމަށް ޖެހިލުންވުން، ލަސްނުވަނީސް މުޖުތަމައު އިން ނައްތާލަންޖެހޭ
11 އޮކްޓޯބަރު 2023

ދިވެހިންގެ ސަގާފަތާއި ވައްޓަފާޅި ވަރަށް ބޮޑަށް ބަދަލުވެ ޒަމާނީވެފައިވާކަމުގެ ވާހަކައަކީ، އިގުތިސާދީ އަދި އިޖުތިމާއީ އެކި މައުލޫއުތަކާ ބެހޭގޮތުން ވާހަކަ ދައްކާއިރު، އެއީ ކޮންމެ މީހަކު ވިޔަސް، އެ ދައްކަން އުޅޭ ވާހަކައެއްގެ އަސަރު ފުންކޮށްދޭ މޭރުމަކަށް ވާހަކަ ފައްތާލަން ތަކުރާރުކުރާ ބަސްކޮޅެކެވެ. 

އެހާރާއި މިހާރުގެ ތަފާތުތައް، ޓެކްނޮލޮޖީގެ އިންގިލާބު، އެތައް މައުލޫމާތުތަކެއް ތިމާގެ އިނގިލީގެ އެންމެ 'ޓަޗަކުން' ލިބެން ހުރި ޒަމާން — މިފަދަ އަޅާބެލުންތަކަކީ ވަރަށް ގިނަ ހާލަތްތަކުގައި، ހަގީގަތުގައި ވެސް، ތިމާ ދޭން އުޅޭ މައުލޫމާތުގެ އަސާސީ މާނަ، އަޑުއަހާ މީހާއަށް ފުރިހަމައަށް ދެނެގަނެވުމުގެ އިތުރުން، އެ މައުލޫއުއަށް ވުރެން ފުޅާ ނަޒަރިއްޔާތަކުން ވިސްނާލަން މަގުފަހިވާ ވާހަކަތަކެކެވެ. ނަތީޖާއަކަށް ވަނީ، ހަލުވިމިނުގައި ދުނިޔެ ދެކެމުން މި އަންނަ ބަދަލުތަކަށް ހޭލުންތެރިވެ، ޒަމާނާ އެއްގޮތަށް ކަންކަމާ ކުރިމަތިލުމުގެ އެންމެ ބުއްދިވެރި ގޮތްތައް ދަސްވެ، އަމަލީ ގޮތުން އެކަން ދެއްކުމަށް ގާބިލުވުންކަން އަހަރެން ގަބޫލުކުރަމެވެ.

މި ލިޔުމުގެ އަސްލު މައުލޫއުއަށް ޖެހިލުމުގެ ކުރިން، މަތީގައި އެވާ ޝުުއޫރު ފާޅުކުރުމުގެ ފަހަތުގައި ވަނީ ފާހަގަކޮށްލަން ހައްގު އެންމެ ސަބަބެކެވެ؛ އެއީ، މި މުޖުތަމައުގައި މި މައުލޫއުއާ ބެހޭގޮތުން، މި ލިޔުމުގައި ދައްކަން މިއުޅޭ މޭރުމުން ދެކެވޭ ވާހަކައަކީ ފުޅާކޮށް އަދިވެސް ނުރުހުމުގެ ރައްދު ލިބޭ، މައިންބަފައިން ގާތު ވެސް މަޝްވަރާ ކުރަން ކަންބޮޑުވާ ވަރަށް ގިނަ ޒުވާނުން ޖެހިލުންވާ ވާހަކައަށް ވެފައި މި މައުލޫއުއާ ބެހޭގޮތުން ސައްހަ، މުޖުތަމައުއަށް ފައިދާވާ ފަދަ މައުލޫޫމާތު ހާމަކޮށް ބުނެދިނުމުގެ ވަގުތު މާބޮޑަށް ވެސް ލަސްވެފައި އޮތުމެވެ. 

އަހަރެން ވެސް އެއްބަސްވާ އެއް ކަމަކީ، ޖިންސީ ގުޅުމުގެ މައުލޫއުއާ ބެހޭގޮތުން ހާމަކޮށް ވާހަކަ ދެއްކުމަށް ހުރަހަކަށްވާ ނުވަތަ އެ މައުލޫއު ވަށައި ދިވެހި މުޖުތަމައުގައި އުފެދިފައިވާ މަފުހޫމަކީ ޒަމާންތަކެއްގެ މަތިން ބިންވަޅުނެގި، އޭގެ ނުފޫޒުގައި ނުޖެހި އެ ވާހަކަ ދެކެވެން އެހާ ފަސޭހަ ނުވެދާނެ ވިސްނުމެެއް ކަމެވެ. ނަމަވެސް، އެ މިސްރާބަށް މަސައްކަތް ކުރަންވީ ވަގުތު ޖެހިއްޖެ އެވެ. 

އިންސާނާ ބާލިޣުވުން

އެންމެ ފުރަތަމަ ކަމަށް ވެސް ފާހަގަކޮށްލާނީ ބާލިޣުވުމުން، ނުވަތަ އިނގިރޭސިބަހުން ނަމަ ޕިއުބަޓީ މަރުހަލާއަށް އެޅުމުން، އިންސާނުންގެ ހަށިގަނޑަށާއި އިހުސާސްތަކަށް އަންނަން ފަށާ ބަދަލުތަކެވެ.

ދަރިން ހޯދޭ އުމުރަށް އެޅުމުގެ މި ބަދަލުތައް ފުރާވަރުގެ އުމުރުގައި ނުވަތަ އެއަށް ވުރެ އަވަހަށް ތަޖުރިބާކުރެވެން ފަށަ އެވެ. އަންހެން ކުދިން ބާލިޣުވާ އުމުރަކީ އާންމުގޮތެއްގައި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރު ފުރަ އެވެ. ފިރިހެން ކުދިން ނަމަ 9 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރައިގައި ބާލިޣުވެ އެވެ. ހެދިބޮޑުވުމުގައި ހުންނަ ހާލަތެއްގެ ސަބަބުން، ނުވަތަ މެދުވެރިވާ ކަމެއްގެ ސަބަބުން އެ މަރުހަލާ އަންނަ އުމުރުފުރާގެ ކުޑަ ފަރަގެއް ފެނުނަސް، އާންމުކޮށް އެ އުމުރުފުރާތަކަކީ އިންސާނުން ބާލިޣުވެ، ޖިންސީ އެދުންތައް އިހުސާސްކުރެވެން ފަށާ ދުވަސްވަރެވެ.

އަންހެން ކުދިން ބާލިޣުވުމުން ހަށިގަނޑަށް އަންނަ ބައެއް ބަދަލުތަކުގެ ތެރޭގައި:

  • 1-

    އުރަމަތި ބޮޑުވުން، ނުވަތަ ފެޅުން

  • 2-

    ޕީރިއަޑްވާން ފެށުން

  • 3-

    ކުރިމަތިފަރާތާއި ކިހިލިފަތްދޮށުގައި އިސްތަށި ފެޅުން

  • 4-

    ދޭއް ނުވަތަ ތިން އަހަރުގެ މުއްދަތަކަށް އިސްކޮޅުން ދިގުވުން

ފިރިހެން ކުދިންގެ ހަށިގަނޑަށް އަންނާނެ ބަދަލުތަކަކީ:

  • 1-

    ޖިންސީ ގުނަވަން ބޮޑުވުން 

  • 2-

    ޖިންސީ ގުނަވަން ކައިރީގައި އަދި ކިހިލިފަތްދޮށުގައި އިސްތަށި ފެޅުން

  • 3-

    މަސްތައް ބޮޑުވުން

  • 4-

    އަޑު ބަރުވުން

  • 5-

    އިސްކޮޅުން ދިގުވުން

ހަމައެއާއެކު، ދެ ޖިންސުގެ ކުދިންގެ ވެސް މޫނުމަތީގައި އޮށާޅަ ނަގަން ފަށަ އެވެ.

ބާލިޣުވުމުން އިންސާނެއްގެ ޖިންސީ އެދުންތައް ދިރެ އެވެ. ހަށިގަނޑަށް އަަންނަ ހޯމޯނަލް ބަދަލުތަކާ އެކު އެފަދަ އެދުންތައް އިހުސާސްކުރެވެން ފަށައި އަނެއް ޖިންސުގެ މީހުންނާ ގާތްވުމުގެ ހިޔާލުތަކާއި އެދުންތައް އުފެދެ އެވެ. އިންސާނެއް ވެއްޖެއްޔާ އެފަދަ އެދުންތައް އިހުސާސްނުވެއެއް ނުދެ އެވެ. 

'ސެކްޝުއަލް މެޗުއަރިޓީ'އޭ ކިޔާ މަރުހަލާ އަކީ އެއީ އެވެ. ނަމަވެސް، އެ މަރުހަލާ ހިނގާ އުމުރުފުރައަކީ އިންސާނާގެ ބުއްދި މުޅިން 'މެޗުއާ' ނުވަތަ ފުރާފުރިހަމަވާ އުމުރެއް ނޫނެވެ. ހަމައެކަނި، ދަރިން ހޯދުމުގެ ގާބިލުކަން ހަށިގަނޑަށް ލިބުމުގެ މަރުހަލާ އެވެ. އެ މަރުހަލާގެ ތެރެއިން ބައެއް ފުރާވަރު ކުދިންގެ އިހުސާސްތައް ފަޅައިގެން ދަނީއޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. 

އެހެން ކުދިންނަށް ހިތް ކިއުން ނުވަތަ ރައްޓެހިވެ 'ރިލޭޝަންޝިޕްތަކަށް' ގޮސް ހަދާ ހިތްވުން ވަރަށް ވެސް ގާތެވެ. އެފަދަ އިހުސާސްތަކުގެ ވާހަކަ ނުދައްކާ ފިއްތާލުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އެ ވާހަކަ ދެއްކުން ދިވެހި މުޖުތަމައުގައި ފުޅާކޮށް ގަބޫލު ކުރެވިފައި އޮންނަނީ، ކުރިން ވެސް ބުނި ފަދައިން، ވަރަށް 'ޓެބޫ' ނުވަތަ ކޮށްގެން ނުވާނެ ފަދަ ކަމެއްގެ ގޮތުގަ އެވެ.

ދަރިންނާ ކުރާ މަޝްވަރާގައި އަލިއަޅުވާލާނެ 4 ކަމެއް

1. އެފަދަ އެދުންތައް އައުމަކީ އިންސާނުން ހެދިބޮޑުވުމުގެ ބައެއް

ބާލިޣުވުމަށް ފަހު އުފެދެން ފަށާ ޖިންސީ އެދުންތަކަކީ ހަށިގަނޑަށް އަންނަ ހޯމޯނަލް ބަދަލުތަކާ ހެދި އިހުސާސްވާ ކަމެކެވެ. އެކަން ހާމަކޮށް އަޑުގެ ނެތްތަނަށް ގޮވައި ނުހެދި ނަމަވެސް އެފަދަ އިހުސާސްތަކުގެ ވާހަކަ ދެއްކުމަކީ ވެސް އާދައިގެ ކަމަކަށް ހެދުން ރަނގަޅެވެ. މައިގަނޑު ސަބަބަކީ އެ އިހުސާސްތައް ވަރުގަދަވެފައި، ފުރަތަމަ އެފަދަ އެދުންތައް އައުމުން ވާނުވާ ނޭނގޭ ނަމަ، ނޭދެވޭ ގޮތަކަށް އެ އެދުންތައް ފުއްދުމައިގެން އުޅެން މަގުފަހިވެދާނެތީ އެވެ. 

އެހެން ވުމުގެ ކުރިން، އިތުބާރު ކުރެވޭ މީހެއް، ބެލެނިވެރިޔާ ނުވަތަ އާއިލާގެ ކޮންމެވެސް މީހެއް، އެފަދަ އިހުސާސްތަކާ ދުޅަަހެޔޮ ގޮތަކަށް ކުރިމަތިލާނެ ގޮތާ ގުޅޭގޮތުން ކުއްޖާއާ ވާހަކަދެއްކުން މުހިއްމެވެ. 

އެ އިހުސާސްތަކުގެ ވާހަކަ އެއްވެސް މީހަކަށް ކިޔައިނުދީ އޮއްބާލަން މަޖުބޫރުވާ ހާލަތުގައި ފުރާވަރުގެ ކުދިން ދެން އެނބުރެނީ އިންޓަނެޓުގައި ހުންނަ އެކި ކަހަލަ ބަރަހަނާ ވީޑިއޯތަކާއި ފިލްމުތައް ބެލުމަށެވެ. ދެވިހިފާ، ކުއްޖާގެ ޖިސްމަށާއި ނަފްސަށް އެތަކެއް ގެއްލުމެއް ކުރާ އެ އާދަ އަށަގަތުމުން ދުރުކޮށްދެވޭނީ އިތުބާރުކުރެވޭ މީހަކަށެވެ.

2. އެފަދަ އިހުސާސްތަކުގެ ސަބަބުން އަނެއް ޖިންސުގެ ކުދިންނާ ގަޔާވެވޭ

އެންމެ އާދައިގެ ބަހުރުވައިން ނަމަ ބިޓުން ނެގުމަކީ އެފަދަ އިހުސާސްތަކަށް ބޯލެނބިގެން އެޅޭ ފުރަތަމަ ފިޔަވަޅެވެ. އެހެން ކުދިންނާ މެދު 'ކްރަޝް' ނުވަތަ ގަޔާވުމެއް އުފެދި ހިތްކިޔުމަކީ، ބާލިޣުވުމަށް ފަހުގައި އުފެދޭ އިހުސާސްތަކެކެވެ. 

ގަބޫލުކުރަން ކިތަންމެ ދަތިވިޔަސް، އަދި އެހާ ޅަ އުމުރުގައި އެފަދަ ގުޅުންތައް އެއްވެސް ހާލަތެއްގައި އޮވެގެން ނުވާނެ ކަމަށް ފުޅާކޮށް މި މުޖުތަމައުގައި ގަބޫލު ކުރިޔަސް، ހަގީގަތް  ތަފާތެވެ. 

ފުރާވަރުގެ ދެ ޖިންސުގެ ކުދިންގެ މެދުގައި ގުޅުން ބަދަހިވުމަކީ، މައިންބަފައިންނާއި ބެލެނިވެރިން ނުވަތަ ބޮޑެތި މީހުން ކިތަންމެ ނުރުހުނަސް، ހިނގާ ކަންކަމެވެ. ސިއްރިޔާތުގައި ވެސް ހިނގާ ކަމެކެވެ. 

އެފަދަ ގުޅުންތަކަށް އެއްބާރުލުން ދޭށޭއެއް ނޫނެވެ. ނަމަވެސް، އެއީ ކަން ހިނގާ ގޮތްކަން ބަލައިގަނެ، އެފަދަ އިހުސާސްތަކާ ބެހޭގޮތުން ދަރިންނާ މަޝްވަރާކުރުމުގެ ތެރެއިން، އެކަން ފޮރުވުމުގެ އާދަ ބީވެގެން ގޮސް، ކުއްޖާ އާއި ބެލެނިވެރިޔާއާ ދެމެދު އިތުބާރުގެ ގުޅުމެއް އާލާވެ އެވެ. ނަތީޖާއަކަށް ވަނީ، ފަހަރެއްގައި ވެސް އެފަދަ ގުޅުމެއް ސިއްރިޔާތުގައި އޮވެގެން، ނޭދެވޭ ހާލަތެއް މެދުވެރިވުމުގެ ކުރިން، އެކަންކަމާ ބެހޭގޮތުން މައުލޫމާތު ކުއްޖާއަށް ލިބި، ދެވޭނެ އެންމެ ދުޅަހެޔޮ މަގުން ދިއުމަށް އޮތް ހުރަސްތައް ނެތިދިއުމެވެ.

3. މުއާމަލާތްކުރުމުގެ މުހިއްމުކަން 

ފުރާވަރުގެ ކުދިންނަކީ ވަކިން ހާއްސަކޮށް އެމީހުންގެ ބެލެނިވެރިންނަށް ކަންކަން ހާމަކުރަން ބޭނުންނުވާ ބައެކެވެ. އެއީ އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު އެ އުމުރުފުރާގައި އުޅުނު ގޮތްކަމާ މެދު ޝައްކެއް ނެތެވެ. 

ނަމަވެސް، ބެލެނިވެރިން އިސްނަގައިގެން، އެފަދަ އިހުސާސްތަކުގެ ވަރުގަދަކަމާއި ވާނުވާ ނޭނގޭކަމާއި އެ އިހުސާސްތަކުގެ ސަބަބުން ކުދިން ފަހަރެއްގައި ކުރަން ބޭނުންވެދާނެ ކަންކަމުގެ ވާހަކަ ދައްކައި ރަނގަޅު މަގު ދައްކައިދިނުން ވަރަށް މުހިއްމެވެ. އެކަން ހާސިލުކުރުމަށް، ގޭތެރެއަކީ ވަރަށް ބޮޑަށް ހުޅުވިފައިވާ އަދި އިހުސާސްތަކާއި ހިޔާލުތަކަށް އިހުތިރާމްކުރާ ތަނަކަށް ހެދުން ރަނގަޅުވާނެ އެވެ.

4. އިންޓަނެޓުގެ ނޭދެވޭ ކަންކަމަށް ހުށަހެޅިދާނެ

މި ލިޔުން ލިޔުމުގެ ތެރެއިން އަހަރެންނަށް ވެސް ޝޯޝަލް މީޑިއާ އާއި އިންޓަނެޓުން ލިބެން ހުރި އެހެނިހެން މައުލޫމާތުތަކުގެ ތެރެއަށް ނަޒަރު ހިންގާލެވުނު އަދަދު ނުވެސް އެނގެ އެވެ. ފާޑުފާޑުގެ އެކި ކޮންޓެންޓު އިނގިއްޔެއްގެ އެންމެ ޓަޗަކުން ލިބެން ހުންނައިރު، ފުރާވަރުގައި އިހުސާސްވާ އެދުންތަކާ ގުޅުންހުރި، ނަމަވެސް ވަރަށް ނޭދެވޭ ހިޔާލުތަކާއި ނަޒަރިއްޔާތުތަކަށް ހުށަހެޅިގެންދެ އެވެ. 

މިކަމުގެ ސަބަބުން ވަރަށް ގިނަ ނޭދެވޭ ނަތީޖާ ނުކުމެ އެވެ. މިސާލަކަށް، ޖިންސީ އެދުންތައް ފުއްދޭނެ ނޭދެވޭ ގޮތްތަކަށް ހުށަހެޅުމުން، ނަފްސާނީގޮތުން އޭނާގެ ސިކުނޑީގައި އެކަމާ މެދު ބިނާކުރާ ވިސްނުން ވަރަށް ނައްސިވުން ގާތެވެ. އަދި އެފަަދަ ވިސްނުމެއް ރަނގަޅަށް ބިންވަޅުނެގުމުން، އެކަމުގެ ގެއްލުންތަކާ މެދު ހޭލުންތެރިކުރުވުން ވަރަށް އުނދަގޫ ވާނެ އެވެ.

އެފަދަ މަންޒަރުތަކާއި ހިޔާލުތަކަށް ހުށަހެޅޭނެކަން ކުދިންނަށް ބުނެދީ، ކުއްޖާ އަމިއްލަވަންތަ، ހަރުދަނާާ ވިސްނުމެއް ގެންގުޅެން އެއްބާރުލުންދޭ މޭރުމަކުން، އެ ކަންކަމާ ދުރުވުމުގެ ފައިދާތައް ކިޔައިދީ، ނޭދެވޭ ނަތީޖާ ވެސް ކިޔައިދިނުން މުހިއްމެވެ.

ވާހަކަ ނުދައްކާ ދޫކޮށްލުމުން ނަތީޖާ މާ ގޯސް

ފުރަތަމަ ކަމަކަށް، ދަރިފުޅާއި ބެލެނިވެރިޔާ، ނުވަތަ އާއިލާއާ ދެމެދު، އެފަދަ އިހުސާސްތަކާ ބެހޭގޮތުން ވާހަކަ ދެކެވުމުން އުފެދެނީ ވަރަށް ވަރުގަދަ، އިތުބާރާއި ބަލައިގަތުމުގެ މައްޗަށް ބިންގާ އެޅޭ ގުޅުމެކެވެ. އެ ގުޅުމަކީ ތިމާގެ ދަރިފުޅު އެންމެ ދުޅަހެޔޮ މަގުން ދިއުމުގެ ސިއްރެވެ. 

އިތުބާރުކުރެވޭ މީހަކާ އެންމެ ފުން އިހުސާސްތަކުގެ ވާހަކަ، ހާއްސަކޮށް ފުރާވަރުގައި ދެކެވުމަކީ ވަރަށް ވެސް ހާއްސަ ކަމެކެވެ.

ދެވަނަ އަދި އެންމެ މުހިއްމު ކަމަކަށް، އެ ވާހަކަ އޮއްބާލާ، ނުދައްކާ ފަރުޖައްސައިގެން އުޅެން ހަދައިގެން ހާލަތު ބޮއްސުންލައިގެން ދިއުން ވަރަށް ގާތެވެ. އަދި ވަނީ ވެސް އެހެންނެވެ. 

ކުއްޖާއަށް އެކަމާ ބެހޭ ރަނގަޅު މައުލޫމާތު ނުލިބުމުން އިންޓަނެޓުން ނުވަތަ ރައްޓެހިންގެ ފަރާތުން ދަސްވާ ނައްސި ނަޒަރިއްޔާތުތައް އޭނާގެ އަމިއްލަ ވިސްނުމަށް ހަދަ އެވެ. އެކަމުން ސީދާ ނުކުންނާނެ އެންމެ ހިތި ނަތީޖާގެ ވާހަކަ ބުނެދޭން އުނދަގުލެެވެ. ވުން ގާތް ބައިވަރު ކަންކަން އެބަ ހުއްޓެވެ. އެ ކަންކަން ދިމާވުމުގެ ކުރިން އަވަހަށް އެންމެ ދުޅަހެޔޮ، އެންމެ ސައްހަ މައުލޫމާތު ދީ މަޝްވަރާކުރުމަށް އިސްކަންދޭށެވެ.

މި ލިޔުން ފެށިއިރު ބުނިހެން، މި މައުލޫއުއާ ބެހޭގޮތުން މިގޮތަށް ދައްކާ ވާހަކަތަކާ މެދު ނުރުހުންވުން ގާތެވެ. ނުވަތަ، މިފަދައިން ހިޔާލު ގެންގުޅެން ބޭނުންވިޔަސް ޖެހިލުންވެދާނެ އެވެ. 

އެ ނަޒަރަކުން ނޭދެވޭ ނަތީޖާއެއް ނުނިކުންނަންޏާ ކޮންމެ ނަޒަރިއްޔާތަކަށް ވެސް އިހުތިރާމްކުރުމަކީ މުޖުތަމައުއެއްގެ ސުލްހަމަސަލަސްކަމުގެ އެންމެ މުހިއްމު އެއް ބިންގަލެވެ. ނަމަވެސް، މި މައުލޫއުއާ ބެހޭގޮތުން އެއްޗެއް ބުނާ ނަމަ، ތިމާގެ ދަރިފުޅާ އެކު ބޭނުންވަނީ ހާމަކަން ބޮޑު، އިތުބާރު އޮންނަ، ބަަލައިގަތުން އިސްކުރާ ގުޅުމެއްތޯ ނުވަތަ އަދިވެސް އެކަމުގެ ވާހަކަ ނުދައްކާ، އޭނާ ދާނެ މިސްރާބަކުން ދާން، ދަސްވާނެހާ ގޯސް މައުލޫމާތެއް ދަސްވަންދެން ތިބޭނީތޯ، ބެލެނިވެރިން އަމިއްލަ ނަފުސާ ސުވާލު ކޮށްލަން އަހަރެން އެދެމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް