ޗައިނާގެ ސޯޝަލް މީޑިއާގެ ތަރި ލީ ޖިއާގީ، އޭނާގެ އޮންލައިން ޝޯއެއްގައި މޭކަޕްގެ ބައެއް ދައްކާލަނީ: އާންމު މީހަކާ ދިމާއަށް ދިން ރައްދެއްގެ ސަބަބުން ލީއަށް ވަނީ ބޮޑު ފާޑުކިއުންތަކާ ކުރިމަތިވެފައި

މޭކަޕް

ޗައިނާގެ 'ލިޕްސްޓިކް ކިންގް'އަށް ހުރިހާ ކޮޅަކުން ފާޑުކިޔުން

ފަސް މިނިޓްގެ ތެރޭގައި 150،000 ލިޕްސްޓިކް ވިއްކި ޒުވާން ވިޔަފާރިވެރިޔާ އަދި ސޯޝަލް މީޑިއާގެ ތަރިއަށް ބުނެވުނީ ބުނެގެން ނުވާނެ އެއްޗެއް
21 ސެޕްޓެމްބަރު 2023

ލީ ޖިއާގީއަކީ ޗައިނާގައި އާދައިގެ ޒުވާނެއް ނޫނެވެ. އެންމެ ފަސް މިނިޓްގެ ތެރޭގައި 150،000 ލިޕްސްޓިކް، އޮންލައިން މެދުވެރިކޮށް އޭނާ ވިއްކި އެވެ. ނަމަވެސް އަންމުންނާ ދިމާއަށް ބުނެގެން ނުވާނެ އެއްޗެއް ބުނެފި ނަމަ ދެން ވާނެ ގޮތް، 31 އަހަރުގެ އިންފްލުއެންސަރަށް މިހާރު އިހުސާސްކުރެވޭނެ އެވެ.

މައްސަލަ ދިމާވީ މޭކަޕްއަށް ބޭނުންވާ އެއްޗެހީގެ އަގު މާ ބޮޑު ކަމަށް ބުނެ އެހެން ޒުވާނަކު ޝަކުވާކުރުމުން ދިން ޖަވާބެވެ. ލައިވްސްޓްރީމްގައި ވާހަކަ ދައްކަމުން އޭނާ ބުނީ ބުމަ ރީތިކުރާ ފަންސުރެއް ގަންނަން 11 ޑޮލަރު ހޭދަނުކުރެވޭ މީހަކީ 'ބުރަކޮށް މަސައްކަތްކުރާ' މީހަކަށް ނުވާނެ ކަމަށެވެ.

ލީއަކީ ނަސީބުވެރިއެކެވެ. އޭނާއަކީ ބޮޑު މުއްސަންޖެކެވެ. ޗައިނާގެ ސޯޝަލް މީޑިއާތަކުގައި އޭނާ ފްލޯކުރާ މީހުންގެ އަދަދު 150 މިލިއަނަށް އަރަ އެވެ. ކޮންމެ ރެއަކު އެތައް މިލިއަން ޑޮލަރެއްގެ އެއްޗެހި އޭނާ ވިއްކަ އެވެ.

ޗައިނާގެ އެތެރޭގައި ބޭނުންކުރާ ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި އޭނާއަށް ފާޑުކިޔަން ފެށި ބައެއް ޒުވާނުން ބުނީ ލީއަށް އަސްލު ހާލަތު ނޭނގޭ ކަމަށެވެ. އުމުރުން 16-24 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރެއިން، މިދިއަ ޖުލައި މަހުގެ ހިސާބުތައް ދައްކާ ގޮތުން، ކޮންމެ ފަސް މީހަކުން އެކަކު ހުރީ ވަޒީފާއެއް ނެތިފަ އެވެ. ކޮވިޑް-19ގެ ބޮޑު ބަންދަށް ފަހު ޗައިނާގެ އިގުތިސާދީ ކުރިއެރުން ހުރި މިންވަރު ދަށްކަމުން ތަޖުރިބާކާރުންގެ ކަންބޮޑުވުން ވެސް އެހާމެ ބޮޑެވެ.

"މިހާރުގެ އިގުތިސާދީ ހާލަތު ތިބާއަށް އެ އޮތީ ނޭނގިފައި. ވަޒީފާ ގެއްލިދާނެތީ އެތައް ބަޔަކު އެ ގެންދަނީ ބުރަކޮށް މަސައްކަތްކުރަމުން، ހާލުގައި އުޅެމުން ވެސް މެ،" ޗައިނާގެ އެތެރޭގެ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ވެއިބޯގައި، އެކަކު ހިޔާލު ފާޅުކުރި އެވެ.

"މީހުންނަށް މަލާމާތަކަށް ވީ [11 ޑޮލަރު]ގެ އަގެއް ނޫން. އެހެން މީހުންނާ މެދު ތިބާ ގެންގުޅޭ ވިސްނުން."

ޗައިނާގެ އިގުތިސާދު މިހާރު އޮތީ ބޮޑު ހުއްޓުމަކާ ދިމާއަށް މިސްރާބު ޖަހާފައި

އެރޭ ލީ ޕްރޮމޯޓްކުރަމުން ގެންދިޔައީ ރީތިވުމަށް ބޭނުންކުރާ އެއްޗެހި އުފައްދާ ޗައިނާގެ ބްރޭންޑެއް ކަމަށްވާ ފްލޮރޮސިސްއިން ނެރުނު ބުމައަށް ހާއްސަ ފަންސުރެކެވެ. ޕްރޮގްރާމްގައި ހިޔާލު ފާޅުކުރި އެކަކު ބުނީ އެ ފަންސުރު މާ އަގުބޮޑު ކަމަށެވެ.

"އަގުބޮޑު ވާންވީ ކީއްވެ؟ އެތައް އަހަރެއް ވެއްޖެ މި އަގުގައި ވިއްކާތާ. ތާކުންތާކު ނުޖެހޭ ވާހަކަ ދެއްކުން ހުއްޓާލާ،" ލީ ރައްދު ދިނެވެ.

"އަމިއްލަ ނަފުސަށް ވިސްނާލާ، އެތައް އަހަރެއް ވީއިރު ތިބާގެ މުސާރަ ބޮޑުނުވީ ކީއްވެގެންތޯ. ތިބާއަށް އެހާ ވަރަށް މަސައްކަތްކުރެވުނުތަ؟"

އޭނާގެ ރައްދާ އެކު ޗައިނާގެ ޒުވާނުން ދިޔައީ ކެކިގެންނެވެ. އެއް ބަޔަކު ބުނީ ލީގެ ނަސީބު ރަނގަޅުވެ، މުއްސަންޖަކަށް ވިޔަސް އެންމެންނަށް ދިމާވަނީ އެފަދަ ކާމިޔާބު ދުވަސްތަކެއް ނޫން ކަމަށެވެ. ކިތައްމެ ބުރަކޮށް މަސައްކަތްކުރިޔަސް ބޭނުންވާ ކަންކަން ފުރިހަމަކުރެވޭ ވަރުގެ އާމްދަނީ ނުލިބޭ ކަމަށް ބުނެ އެތައް ބަޔަކު ހިޔާލު ފާޅުކުރި އެވެ.

ސޯޝަލް މީޑިއާގައި ލީ އެންމެ ބޮޑަށް ފޮލޯކުރަމުން އަންނަނީ ޒުވާން އަންހެނުންނެވެ. އެކަމަކު އޭނާގެ އެ ރައްދާ ގުޅިގެން އެތައް ބަޔަކު ގޮވާލީ ލީ ފޮލޯކުރުން ހުއްޓާލުމަށެވެ.

ލީ ވަނީ އޭނާއަށް ހެދުނު ގޯހަށް މައާފަށް އެދިފަ އެވެ. ނަމަވެސް ސޯޝަލް މީޑިއާގެ ފާޑުކިޔުންތައް ހުއްޓުވޭ ގޮތެއްނުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް