ވިލިމާލޭ މޫދުގައި ކުޑަކުދިންތަކެއް ފަތަނީ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ސިއްހަތު

ބަރުދަން މަތި ނޫނަސް، ކުޑައިރު ހަރަކާތްތެރިނުވާ ނަމަ ހިތުގެ ބަލީގެ ނުރައްކާ

ހަގު އުމުރުގައި ހެލިފެލިވެ ނޫޅެ ގިނަ ވަގުތު އިށީނދެގެން ތިބޭ ނަމަ އުމުރުގެ ފަހު ބައިގައި ހާޓް އެޓޭކް އާއި ސްޓްރޯކް ޖެހުމަށް މަގުފަހިވާކަން އާ ދިރާސާއަކުން ވަނީ އެނގިފައި
9 ސެޕްޓެމްބަރު 2023

ކުޑަކުދިން ސޯޝަލް މީޑިއާގައި އަދި ވީޑިއޯ ގޭމް ކުޅުމުގައި ހޭދަ ކުރާ ވަގުތު ކޮންޓްރޯލް ކުރަން ޖެހޭ ކަމުގައި ތަޖުރިބާކާރުން ލަފާ ދެ އެވެ. މިކަން ބޮޑު އިސްކަމެއް ދީގެން ކުރަން ވެއްޖެކަން ބެލެނިވެރިންނަށް އަނެއްކާވެސް ހަނދާން ކޮށްދީފައި ވަނީ އާ ދިރާސާއަކަށް ފަހު އެވެ.

ދިރާސާގައި ބުނާ ގޮތުގައި ކުޑަކުދިންނާއި ފުރާވަރު އުމުރުގެ ކުދިން ހަރަކާތްތެރި ނޫން ނަމަ، ޒުވާން އުމުރަށް އަޅާއިރު، ހިތުގެ ބަލިތަކަށް މަގުފަހިވާ ކަމަށް ވަނީ ހޯދިފަ އެވެ. އެގޮތުން، ހަރަކާތްތެރި ނޫން ނަމަ، އުމުރުގެ ފަހު ބައިގައި ހާޓް އެޓޭކް އާއި ސްޓްރޯކް ޖެހުމަށް މަގުފަހިވާ ކަމަށް ދިރާސާގައި ބުންޏެވެ. 

މާލޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ދެ ކުއްޖަކު ކުޅެނީ

ތަޖުރިބާކާރުންގެ މި ހޯދުންތަކުން އެންމެ އަދާޔާހިލާފު ކަމަކަށް ފެނުނީ، ބަރުދަން މަތި ނޫނަސް، ހަރަކާތްތެރި ނޫން ނަމަ، ހިތުގެ ބައްޔަށް އޮތް ހިރާސް ބޮޑުކަމެވެ.

މި އާ ދިރާސާ ހަދާފައިވަނީ އިނގިރޭސިވިލާތުގެ 766 ފުރާވަރުގެ ކުދިން ހަރަކާތްތެރިވާ މިންވަރު 13 އަހަރު ވަންދެން ބެލުމަށް ފަހު އެވެ.

އިށީނދެ ތިބޭ ވަގުތު ދެނެގަތުމަށް ސްމާޓް ވޮޗެއްގެ އެހީގައި އެކްޓިވިޓީ ޓްރެކާއެއް ބޭނުންކޮށްގެން ހަތް ދުވަސް ވަންދެން މައުލޫމާތު އެއްކޮށްފައިވެ އެވެ.

މި ދިރާސާ ފެށީ 11 އަހަރުގެ ކުދިންގެ މައުލޫމާތުންނެވެ. އެކުދިން ދުވާލެއްގެ މައްޗަށް އިށީނދެގެން ނުވަތަ ހަރަކާތްތެރިނުވެ، އުޅެނީ ކިތައް ގަޑި އިރުތޯ ބަލާފައިވެ އެވެ. އަދި މި އެސެސްމަންޓް އެ ކުދިންނަށް 15 އަދި 24 އަހަރުގައި އަލުން ތަކުރާރުކޮށްފައި އެވެ.

ހަރަކާތްތެރިކޮށް ނޫޅެ ގިނަ ވަގުތު އިށީނދެގެން ތިބޭ ކުދިން ބޮޑުވުމުން ހިތުގެ ބަލި ޖެހުމުގެ ރިސްކު ބޮޑު

ދިރާސާކުރާ ފަރާތްތަކުން ވަނީ، ކުދިންގެ ދުޅަހެޔޮކަން ދެނެގަތުމަށް އެ ކުދިންގެ އުމުރުން 17 އަދި 24 އަހަރުގައި ހިތުގެ އަލްޓްރާސައުންޑް ސްކޭން ހަދާފަ އެވެ. ސްކޭން ހަދާފައިވަނީ ހިތުގެ ވާތްފަރާތުގެ ވެންޓްރިކަލްގެ ބަރުދަން ބެލުމަށެވެ. ވާތް ފަރާތުގެ ވެންޓްރިކަލްގެ ބަރުދަން އިތުރުވުމަކީ ދޮށީ އުމުރަށް އެރުމުން ހިތުގެ ބަލި ޖެހިދާނެ ކަމުގެ ވަރުގަދަ އެއް ނިޝާނެވެ. އަދި މިއީ ހަގު އުމުރުގައި ހިތަށް ގެއްލުން ލިބިފައިވާކަން ލަފާކޮށްލަން ވެސް އެހީވެދޭ މައުލޫމާތެކެވެ.

 ދިރާސާވެރިން ބެލީ އިށީނދެ އިންނަ ވަގުތާއި ހަރަކާތްތެރިނުވާ ގަޑިތައް އިތުރު ނަމަ ހިތުގެ ވާތްފަރާތުގެ ވެންޓްރިކަލްގެ ބަރުދަން އިތުރުތޯ އެވެ.

ދިރާސާގެ ދެވަނަ ފިޔަވަހީގައި، 11 އަހަރުގެ ކުދިން އެވްރެޖުކޮށް އިށީނދެ ތިބޭ ވަގުތު ހަ ގަޑި އިރަށް އިތުރުުކުރި އެވެ. އަދި 24 އަހަރުގެ މީހުން އިށީނދެ ތިބޭ ވަގުތު ނުވަ ގަޑިއަށް އިތުރުކޮށް އަލުން މައުލޫމާތު އެއްކުރި އެވެ.

ދިރާސާ އިން ހޯދިފައިވަނީ 11 އަހަރާއި 24 އަހަރުގައި އިށީނދެގެން ތިބޭ ވަގުތު އިތުރުވާ ކޮންމެ މިނެޓަކަށް، ހިތުގެ ވާތް ފަޅީގެ ވެންޓްރިކިއުލާ މާސް 0.004g/m2.7 އިތުރުވެފައިވާ ކަމެވެ. 

އދ. މަހިބަދޫގެ ދަނޑުގައި ކުޑަކުދިންތަކެއް ކުޅެނީ: ކުދިންނަށް ކުޅެ ދުވެ އުޅުމަށް ފުރުސަތު ހޯދައިދޭން ޖެހޭ (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

"ސްކްރީން ބަލަން ހޭދަކުރި ގިނަ ވަގުތުތަކުގެ އަސަރު ކުރަނީ ހިތަށް. ހިތް ބަރު ވަނީ. އަހަރެމެންނަށް ދިރާސާތަކުން ހޯދިފައިވާ ގޮތުގައި މިކަން ގުޅެނީ ހާޓް އެޓޭކް އަދި ސްޓްރޯކާ،" ޔުނިވާސިޓީ އޮފް އީސްޓަން ފިންލޭންޑްގެ ޑޮކްޓަރެއް ކަމުގައިވާ ޑރ. އެންޑްރޫ އަަބަޖޭ ވިދާޅުވެފައިވެ އެވެ.

ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް، ހަގު އުމުރުގައި ބޮޑަށް ހަރަކާތްތެރިވާންވީ އެވެ. ދުވާލެއްގެ މައްޗަށް ހަ ގަޑި އިރެއްހާ އިރު އިށީނދެ ތިބޭ ކުޑަކުދިން ޒުވާނުންނަށް ވާ އިރު އިށީނދެގެން ތިބޭ ވަގުތު ތިން ގަޑިއިރު އިތުރުވާކަން ފާހަގަވާ ކަމަށް ޑރ. އެންޑްރޫ ވިދާޅުވި އެވެ.

ދިރާސާ އިން ހޯދިފައިވަނީ ހަރަކާތްތެރިކޮށް އުޅޭ ވަގުތު ކުޑަ ނަމަ ހިތަށް ގެެއްލުންވާ ކަމެވެ. މީހާގެ ބަރުދަނާއި ލޭގެ ޕްރެޝަރު ކޮންމެ ހިސާބެއްގައި ހުއްޓަސް މެ އެވެ.

މާލޭ ޓްރެކް ސަރަހައްދުގައި ކުދިބަޔަކު ފަތާ ކްލާހެއް ނިންމާލަނީ (ދައުރު ފޮޓޯ/އަނާމް އަޒްމީލް)

ބެލެނިވެރިންނަށް ކޮށްދެވޭނެ މުހިއްމު އެއް ކަަމަކީ ދަރިން ޓީވީ ބަލަން، ޓެބްލެޓް ކުޅެން އަދި ވީޑިއޯ ގޭމްތައް ކުޅެން ބޭތިއްބުމުގެ ބަދަލުގައި ހަރަކާތްތެރިވުމަށް ބާރު އެޅުމެވެ.

އިނގިރޭސިވިލާތުގެ ހާޓް ފައުންޑޭޝަންގެ އެސޯސިއޭޓް މެޑިކަލް ޑައިރެކްޓާ ޑރ. ސޮންޔާ ބާބު ނާރަޔާން މި ދިރާސާއާ ގުޅޭގޮތުން ވިދާޅުވެފައިވަނީ ބޭރުފުށުން ބަލާ ބެލުމަށް މީހާ ދުޅަހެޔޮ ސިއްހަތެއްގައި ހުރިހެން ހީވިޔަސް ހަރަކާތްތެރި ނޫން ނަމަ ހަށިގަނޑުުގެ އެތެރެއަށް މަޑުމަޑުން އެކަމުގެ ނޭދެވޭ އަސަރުތައް ކުރާ ކަމަށެވެ. އަދި އޭގެ ސަބަބުން އުމުރުގެ ފަހު ބައިގައި ހިތުގެ ބައްޔަށް މަގުފެހިވެދާނެ ކަމުގެ ބިރު އެބަ އޮތެވެ. 

ދަރިން ފަތާ ކްލާހަކަށް ލާފައި މަޑުކޮށްލައިގެން ތިބި ބެލެނިވެރިންތަކެއް: ކުޑައިރުއްސުރެ ހެލިފެލިވެ އުޅުމަށް ފުރުސަތު ހޯދައިދޭން ޖެހޭ (ދައުރު ފޮޓޯ/އަނާމް އަޒްމީލް)

ޑރ. ސޮންޔާ އިތުރަށް ފާހަގަކުރެއްވީ، ހަރަކާތްތެރި ނުވުމުގެ ސަބަބުން، އަންހެނުންގެ ހިތަށް ކުރާ އަސަރު ބޮޑުވާ ސަބަބު ހޯދުމަށް އަދި އިތުރަށް ދިރާސާ ކުރުން މުހިއްމުކަމެވެ.

ކުދިން ހަރަކާތްތެރިކޮށް އުޅުމަށް ފުރުސަތު ހޯދައިދިނުމަކީ ބޮޑު ގޮންޖެހުމެއް ކަމުގައި ވިޔަސް، ގަވާއިދުން ކަސްރަތުކޮށް ހެލިފެލިވެ އުޅޭ އުޅުމަކީ ސިއްހަތަށް ނުހަނު ފައިދާހުރި ކަމެކެވެ. އެހެންކަމުން މިކަން ކުދިން ކުޑައިރުން ފެށިގެން އާދަ ކުރުވުން މުހިއްމެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް