ހައްވާ ސަފާ ކޭކު އެޅުމުގައި ހޭދަކުރި އަށް އަހަރު ތެރޭގައި އެޅި އެންމެ ބޮޑު ކޭކަކީ އޭނާގެ އަންހެން ދަރިފުޅުގެ ކައިވެންޏަށް އެޅި މި ކޭކު
ސަފާ ދަރިފުޅަށް އޮތް އިންތިހާ ލޯބި ފާޅުކުރީ މާސިންގާ ކޭކަކުން
"ދަރިފުޅުގެ ހާއްސަ ދުވަހަށް އެންމެ ފުރިހަމަ ވެޑިން ކޭކު އަޅާލަން ލިބުމަކީ ދެވަނައެއް ނެތްވަރުގެ ޝަރަފެއް،" ކޭކާާ އެކު ނަގާފައިވާ ފޮޓޯގެ ކެޕްޝަންގައި ހައްވާ ސަފާގެ އުފާވެރިކަން ފާޅުކުރަމުން ލިޔުނެވެ.
އޭނާގެ އިސްކޮޅަށް ވުރެ އުސް، ފުރަތަމަ ނަޒަރުން ވެސް އާޝޯހުވާ ވަރުގެ ކޭކެކެވެ.
ގާތްގަނޑަކަށް 6 ފޫޓާ ގާތްކުރާ ހުދުކުލައިގެ ކޭކުގެ އެންމެ ތިރިން ފެށިގެން މައްޗަށް ކޮންމެ ބަރިއެއް ހިމަވަމުން، ކޭކު އުސްވަމުން ގޮސް ހަތްވަނަ ބަރީގައި، އެތެރެ ހުސްކޮށް، ދިގުކޮށް ހުރި ބައެކެވެ. ބަލާބެލުމަށް ހީވަނީ ހުސްކޮށް ހުރި ތަންކޮޅުގެ ތެރޭގައި ކުޑަކުޑަ ކައިވެނި ހަފްލާއެއް ބާއްވާލެވޭނެ ހެނެވެ. އެ ބައިގެ އެތެރޭގައި ޗާނދަލިޔާއެއް އަޅުވާލާފައި ހުއްޓެވެ. ކޭކު ގޮސް ނިމެނީ ތަނބުތަކެއް މަތީގައި ބަހައްޓާފައި ހުރި ނަލަ ކުޑަ ކޭކަކުންނެވެ.
އެ ހާއްސަ ކޭކު އުފެދުމުގެ ފަހަތުގައި އޮތީ މަންމައެއްގެ ލޯތްބާއި އެ މަންމަގެ ހުނަރާއި ގާބިލްކަމަށް އިންތިހާއަށް ފަހުރުވެރިވާ ދަރިއެއްގެ އެދުމެކެވެ. ކައިވެނީގެ ދުވަހުގައި މަންމަގެ ހުނަރު އެންމެންނަށް ދައްކާލަން އޭނާގެ ދަރިފުޅުގެ އޮތް ފުން އެދުން ސަފާ ހާސިލް ކޮށްދިންކަން އެ އޮތީ ވަރަށް ސާފުކޮށް ފެންނާށެވެ.
"މި ކޭކަކީ އަސްލު، ދަރިފުޅަށް އޮތް ލޯބި ރަމްޒުކޮށްދޭ އެއްޗެއް. ކައިވެންޏަށް ދަރިފުޅު ގާތު ކޮން ކަހަލަ ކޭކެއްހޭ ބޭނުމީ އަހާލީމަ ބުނީ މަންމަގެ ހުނަރު އެންމެ ބޮޑަށް، އެންމެ ސަޅިކޮށް ދައްކާލަދޭ ކޭކެކޯ ބޭނުމީ،" އުފާވެރި ރާގެއްގައި ސަފާ 'ދައުރު' އަށް ކިޔައިދިނެވެ.
އޭނާ ބުނިގޮތުގައި ކޭކު އެޅުމަށް އެއް ހަފްތާ ނެގި އެވެ. ނަމަވެސް، ކޭކުގައި ޖަހާފައި ހުރި ޑެކަރޭޝަންތަކާއި އެހެނިހެން ތަކެތި ރާއްޖެއިން ބޭރުން ހޯދައިގަތުމުގެ ކަންކަން މާ ކުރިން ފަށަން ޖެހުނެވެ.
ހިއްކާފައި ހުރި ހައިޑްރެންޖިއާ މަލުގެ ފިޔަތަކާއި އެކި ކަހަލަ ކުދި، ނަލަ ސާމާނުން ޖަރީކޮށްފައިވާ އުސް ކޭކު ދެކިލައި ރަހަ ބަލާލަން ލިބުނު މީހުންނާ ހަމައަށް ކޭކު ގެންދިޔުމަކީ އޭނާއަށް ދިމާވި އެންމެ ބޮޑު ގޮންޖެހުން ކަމަށް ސަފާ ބުންޏެވެ.
"އަބަދުވެސް އެއީ އެންމެ ބޮޑު މައްސަލައަކީ. ޑެލިވާ ކުރުން. މިކަން ފެށި އިރު ޓެކްސީއެއްގައި ގެންދަނީ ގިނައިން. އެކަމަކު ކޭކު ހަލާކުވެ، ހަޑިވާ ފަހަރުތައް ދިމާވި ވަރަށް ގިނައިން،" ސަފާ ކިޔައިދިނެވެ.
ހެލްތު މިނިސްޓްރީގެ އައިޓީ ޑިޕާޓްމެންޓްގައި ވަޒީފާއަދާކުރާ ސަފާ ކޭކު އަޅައި ވިއްކާތާ އަށް އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އަންހެން ދަރިފުޅުގެ ކައިވެންޏަށް އެޅި ކޭކަކީ އޭނާ މިހާތަނަށް އެޅި އެންމެ ބޮޑު ކޭކެވެ. ނަމަވެސް، ބޮޑު ހަމައެކަނި ކޭކެއް ނޫނެވެ.
ސަފާ 2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް އޭނާގެ ފަންނުގައި ކެނޑިނޭޅި ދެމިހުރުމުގެ ފޮނި ނަތީޖާ މިއަދު ވަރަށް ސާފުކޮށް ފެނެ އެވެ. އޭނާގެ ފޭސްބުކާއި އިންސްޓަގްރާމް ޕޭޖުން ފެންނަން ހުރި، އެކި ގޮތްގޮތަށް ފަރުމާކޮށްފައިވާ ޗާލު ކޭކުތައް އޭނާގެ ހިތްވަރާއި ހުނަރަށް ހެކިވެ އެވެ.
ވިޔަފާރި ކުރިއެރުވުމަށް އާއިލާ އާއި ރައްޓެހިންގެ ފަރާތުން ލިބުނު އެހީގެ އަގު ވަރަށް ފުންކޮށް ވަޒަންކުރާ ކަމަށް ސަފާ ބުންޏެވެ.
"ފުރަތަމަ ފެށި އިރު ވެސް، އެއީ އަދި އެހާ ރީތިކޮށް ކޭކު ނޭޅޭ އިރު ވެސް ސޮފާގެ އާއިލާ އަދި ރައްޓެހިން ކޮންމެ ފަހަރަކު ވެސް ބުނަނީ ސޮފާ ކައިރީގައި ކޭކު އަޅަން. އެމީހުން ވަރަށް ސަޕޯޓިވް ފުރަތަމަ ދުވަހުން ފެށިގެން ވެސް،" ޝުކުރުވެރި ރާގަކުން ސަފާ ބުންޏެވެ.
ސަފާގެ ދަރިފުޅުގެ ކައިވެނި ހަފްލާއަށް ހާއްސަ ޒީނަތްތެރިކަމެއް ގެނެސްދިން ކޭކު ފަދަ ފުރިހަމަ ކޭކުތައް މުސްތަގުބަލުގައި ވެސް ފެންނާނެ ކަމަށް އުއްމީދު ކުރަމެވެ.