ސަމްހާން ރަޝީދު: ރާއްޖޭގެ ރަށްތައް މަތިން ކޮންމެ ދުވަހަކު އުދުހިފައިދާ އިރު ފެންނަ ޗާލުކަމުން ލިބޭ އުފާ އެހެން މީހުންނާ ހިއްސާކުރާތީ ސޯޝަލް މީޑިއާގައި މަގުބޫލު
ސަމްހާން: ރާއްޖޭގެ ރީތިކަމުން ހިތްތައް ފުރައިދޭ 'އުދުހޭ ގޮލާ'
މުހިންމު ނުކުތާތައް
ސަމްހާންގެ ވީޑީއޯ ކްލިޕްތަކަށް މިލިއަން ވިއުސް އަދި ހާހުން ލައިކްސް ލިބޭ
އޭނާ ކޮންމެ ދުވަހަކުހެން، ރާއްޖޭގެ މަތިން ނަގާފައިވާ ވީޑިއޯކޮޅެއް އިންސްޓަގްރާމަށް ލާ
ސަމްހާން މޯލްޑިވިއަންގެ ކެބިން ކުރޫއެއްގެ ގޮތުގައި ވަޒީފާ އަދާކުރާތާ 8 އަހަރު
މަތިން ނަގާފައިވާ އެ ވީޑިއޯކޮޅުތައް އިންސްޓަގްރާމުން ފެންނަތާ އަހަރެއްހާ ދުވަސްވެއްޖެ އެވެ. ރާއްޖޭގެ ހިތްގައިމުކަމާއި ޖަޒީރާވަންތަކަން ކިތަންމެހާ ވެސް ފުރިހަމައަށް ދައްކައިދޭ މަންޒަރުތަކެކެވެ. އެކި ބައްޓަމަށް މާސިންގާ ކަނޑުގެ މެދުގައި އުފެދިފައިވާ ކުދިކުދި ރަށްތަކާ އެކު ވިލުނޫކުލައިގެ މޫދެވެ. ރާއްޖޭގެ ނާޒުކުކަމާއި ގުދުރަތީ ރީތިކަމެވެ.
'އުދުހޭ ގޮލާ'ގެ ނަމުގައި ހިންގާ އިންސްޓަގްރާމް އެކައުންޓަކުން ކޮންމެ ދުވަހަކުހެން އަޕްލޯޑްކުރާ އެ ވީޑިއޯތަކަށް މިލިއަނުން ވިއުސް އާއި ލައްކައަކާ ގާތްކުރާ އަދަދުތަކުން ލައިކްސް ލިބެ އެވެ. އަޖައިބުކުރަނިވި މި މަންޒަރުތައް ހަމަލޮލުން ކޮންމެ ދުވަހަކު ފެންނަ ނަސީބުވެރިޔަކީ ސަމްހާން ރަޝީދެވެ.
މޯލްޑިވިއަންގެ ސީޕްލޭން ކެބިން ކްރޫއެއްގެ ގޮތުގައި ވަޒީފާ އަދާ ކުރާ ސަމްހާން، 27، އޭނާގެ މަސައްކަތު މާހައުލުން ލިބޭ ހިތްހަމަޖެހުން މުޅި ދުނިޔެއާ ހިއްސާކުރަނީ ފޯނުން ނަގާ ވީޑިއޯތަކަކުންނެވެ. މިދިޔަ ސެޕްޓެމްބަރުން ފެށިގެން ކޮންމެ ދުވަހަކުހެން ކޮންމެވެސް އާ މަންޒަރެއް އޭނާގެ އެކައުންޓުން ފެންނާނެ އެވެ.
ދެ ދުވަހެއް އެއް ގޮތަކަށް ނުދޭ. މިއަށް ވުރެ ރީތި ދުވަހެއް ނުލިބޭނެއޭ، ނާންނާނެއޭ، އެހެން ހިތަށް އަރައިގެން ހުއްޓާ އަނެއް ދުވަހު ދެން ފެންނަ މަންޒަރު މާ ރީތި ވެދާނެ.
މ. މުއްޔަށް ނިސްބަތްވާ ސަމްހާން އަބަދުވެސް ފޮޓޯގްރަފީއަށް ޝައުގުވެރިވެ އެވެ. އަދި އޭނާ ވަނީ ވިޔަފާރިތަކަށް މާކެޓިން ކޮންޓެންޓް އުފެއްދުމުގެ މަސައްކަތް އެކުވެރިިއަކާ ގުޅިގެން 2017 އިން ފެށިގެން ކޮށްފަ އެވެ. ޑްރޯން ފޮޓޯގްރަފީއަށް ހުރި ޝައުގުވެރިކަމާ އެކު ޑްރޯން އުދުއްސުމުގައި ވެސް އޭނާ އުޅުނެވެ.
"'އުދުހޭގޮލާ' އެ ނަމަކީ އަސްލު ޑްރޯން ފޮޓޯގްރަފީއާ ގުޅިގެން އައި ނަމެއް،" ސަމްހާން، އޭނާގެ އިންސްޓަގްރާމް އެކައުންޓަށް ނަންދިން ގޮތް ކިޔައިދިނެވެ.
އޭނާގެ ޑްރޯން ހަލާކުވެ، އިންސްޓަގްރާމް ކޮންޓެންޓް އުފެއްދުން ދުވަސްކޮޅަކަށް މަޑުޖެހުނެވެ. ނަމަވެސް އަލުން އެކަން ކުރަން ފެށީ އޭނާގެ އައިފޯނުން ނަގާ ވީޑިއޯ ރީތިވުމުން ކަމުގައި ސަމްހާން ބުންޏެވެ. އޭނާ ބަލާ ފޫހިނުވި މަންޒަރުތަކުން ވީޑިއޯ ހަދައި އެހެން މީހުންނަށް ގެނެސްދިނުމުގައި ސަމްހާން ދެމިހުރީ ލިބޭ ތަރުހީބު ބޮޑުވީމަ އެވެ.
ސަމްހާން ބުނި ގޮތުގައި ބައެއް ވީޑިއޯތައް ހަދަން ގިނަ ވަގުތުތަކެއް އޭނާ ހޭދަ ކުރެ އެވެ. އެޑިޓްކޮށް، ވާހަކައެއްގެ ގޮތުގައި ގެނެސްދިނުމަށެވެ. އެކަމަކު، ބުރަކޮށް މަސައްކަތް ކޮށްގެން ހަދާ ވީޑިއޯއަށް ބައެއް ފަހަރު މާ ބޮޑަށް މީހުންގެ ސަމާލުކަން ނުލިބި ވެސް ހިނގައިދާނެ އެވެ. އެއާހިލާފަށް، މާ ބޮޑު އެޑިޓިންއަކާ ނުލާ ދޫކޮށްލާ ވީޑިއޯއެއް މާ މަގުބޫލުވެދާނެ އެވެ.
"ސޯޝަލް މީޑިއާ އަކީ އެކަހަލަ އެއްޗެއް،" ސަމްހާން ބުނެލި އެވެ.
ބ. އަތޮޅުގެ "ޕޭންކޭކް އައިލޭންޑްސް" ނުވަތަ ސީދާ ސަފަކަށް ވަށްބުރުތަކެއް ހެން އުފެދިފައިވާ ރަށްތަކުގެ ވީޑިއޯކޮޅުތަކަށް ހީވެސް ނުކުރާހާ ބޮޑު ތަރުހީބެއް ލިބުނުކަން އޭނާ ފާހަގަކުރި އެވެ.
ހުރިހާ ރަށްތަކެއްގެ ތެރެއިން ވެސް ސަމްހާންގެ ހިތް އެންމެ ބޮޑަށް ފުރައިދޭ މަންޒަރުތަކެއް ފެންނަނީ މ. އަތޮޅުންނެވެ. އޭނާ ބުނިގޮތުގައި މ. އަތޮޅުގެ ބޮޑެތި ފަޅުތަކުގެ މަތިން ބަލާލާއިރު ފެންނަ ނުލުގެ ހުރިހާ ކުލަތަކަކުން އާޝޯހުކޮށްލަ އެވެ.
ރާއްޖެ އަންނަ ފަތުރުވެރިންނާއި އެހެނިހެން ފަސިންޖަރުން ގޮވައިގެން ރިސޯޓްތަކަށް ދަތުރު ކުރާ ކްރޫއިންގެ ކޮނޑުގައި އެޅިފައި އޮންނަ ޒިންމާތައް ބޮޑެވެ. މިހާރު ކުރޫއެއްގެ ގޮތުގައި މަސައްކަތް ކުރިޔަސް، ސަމްހާންގެ އުއްމީދަކީ ކުރިއަށް އޮތްތާ ޕައިލެޓް ޓްރެއިނިން ހެދުމެވެ. އެވިއޭޝަން ދާއިރާއިން ކުރިއަށް ދިޔުމަކީ އުއްމީދު ކަމުގައި ސަމްހާން ބުންޏެވެ.
ރާއްޖޭގެ އެކި ރަށްތަކާއި ކަނޑުފަޅުތައް މުޅިން އެއްގޮތޭ ފަހަރުގައި ހީވެދާނެ އެވެ. ނަމަވެސް ސަމްހާން އަށް ކޮންމެ ދުވަހަކު ވެސް ފެންނަނީ ތަފާތު މަންޒަރުތަކެކެވެ.
"ދެ ދުވަހެއް އެއް ގޮތަކަށް ނުދޭ،" ހިނިތުންވުމަކާ އެކު ސަމްހާން ބުންޏެވެ.
"މިއަށް ވުރެ ރީތި ދުވަހެއް ނުލިބޭނެއޭ، ނާންނާނެއޭ، އެހެން ހިތަށް އަރައިގެން ހުއްޓާ އަނެއް ދުވަހު ދެން ފެންނަ މަންޒަރު މާ ރީތި ވެދާނެ."