ޓޫރިޒަމްގެ 50 އަހަރު ފޮތް. (ދައުރު ފޮޓޯ/ހުސައިން ސުނޭން)
މަޓީން ނެރުނު ޓޫރިޒަމް 50 ފޮތްތައް އާޓް ގެލެރީ މާލެއަށް
މިދިޔަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ހާއްސަ އަހަރެކެވެ. އެއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރި އަހަރެވެ. މި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ސަރުކާރުގެ ގިނަ އިދާރާތަކާއި ފަތުރުވެރިކަމާ ގުޅުން ހުރި ވިޔަފާރިތަކާއި ޖަމިއްޔާތަކުން ވަނީ ކެނޑިނޭޅި މަސައްކަތްކޮށްފަ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ނެރުނު ދެ ފޮތެކެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ އާޓް ގެލެރީ މާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ރާއްޖޭގެ އެންމެ މަޝްހޫރު އެއް އާކިޓެކްޓް މައުރޫފް ޖަމީލް ލިއުއްވާފައިވާ ފޮތް 'މޯލްޑިވިއަން ރިޒޯޓް އާކިޓެކްޗާ - 50 އިޔާޒް އޮފް އައިލަންޑް ރިޒޯޓްސް' އަދި ޑރ. ސިމާދު ސައީދު ލިއުއްވާފައިވާ '50 އިޔާޒް އޮފް ޓޫރިޒަމް އިން މޯލްޑިވްސް - ދަ ޕަޔަނިއާޒް، ޕީޕަލް އެންޑް ޕޮލިސީޒް ދެޓް ޝޭޕްޑް މޯލްޑިވްސް ޓޫރިޒަމް' ވަނީ ރަސްމީކޮށް ނެރެފަ އެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ 50 އަހަރުގެ ކުރިއެރުން ދައްކައިދޭ މި ދެ ފޮތް މަޓީން ފުރަތަމަ ދައްކާލީ މިދިޔަ ފެބްރުއަރީގަ އެވެ.
މި ދެ ފޮތުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހު ވަރަށް ފުޅާ ދާއިރާއެއްގައި ގެނެސްދީފައި ވާއިރު، މި ސިނާއަތާ ބެހޭ ގިނަ އަދި ސައްހަ މައުލޫމާތު ވަނީ ހިމަނާފަ އެވެ. މި ފޮތްތަކުގެ މަގްސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހަށް ހޭލުންތެރިކަން އިތުރުކުރުމެވެ.
ރާއްޖޭގެ ފުރަތަމަ ފަސް އާކިޓެކްޓުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މައުރޫފް ޖަމީލަކީ ރާއްޖޭގެ އާކިޓެކްޗަރަލް ދާއިރާއަށް އިންގިލާބީ ހިދުމަތްތަކެއް ކޮށްދެއްވުމުގެ އިތުރަށް، އަމިއްލަ ދިރާސާތައް ކުރައްވަމުން ގެންދަވާ ހުނަރުވެރި ކުރެހުންތެރިއެއް ވެސްމެ އެވެ. 'ކޮރަލް ސްޓޯން މޮސްކް އޮފް މޯލްޑިވްސް' ފަދަ ގިނަ ފޮތްތައް ލިއުއްވާފައިވާ އިރު، އޭނާގެ އާކިޓެކްޗުރަލް ވިއު ޑްރޯވިންސް އަކީ ގިނަ ބައެއްގެ ތެރޭގައި މަގުބޫލު ކުރެހުންތަކެކެވެ. އޭނާގެ 'މޯލްޑިވިއަން ރިޒޯޓް އާކިޓެކްޗާ - 50 އިޔާސް އޮފް އައިލެންޑް ރިޒޯޓްސް'ގެ މަގްސަދަކީ ޓޫރިޒަމް އާކިޓެކްޗާއާ ބެހޭ މައުލޫމާތު ކުރިއެރުވުމެވެ.
ފޮތް އިފްތިތާހުކުރަން ބޭއްވި ހަފްލާގައި މައުރޫފް ވިދާޅުވި ގޮތުގައި، 'މޯލްޑިވިއަން ރިޒޯޓް އާކިޓެކްޗާ - 50 އިޔަރސް އޮފް އައިލެންޑް ރިސޯޓްސް'ގައި ހިމެނޭ މައުލޫމާތު ބަހާލާފައިވަނީ ފަސް ކްރޮނޮލޮޖިކަލް ކެޓަގަރީއަކަށެވެ. ކޮންމެ 10 އަހަރަކަށް ވަކިން ހޮވާފައިވާ ރިސޯޓުތަކުގެ އާކިޓެކްޗަރަލް ސިފަތަކާއި ރާއްޖޭގެ ފަތުރުވެރިކަމުގެ އާކިޓެކްޗާ ޒަމާނާ އެއްގޮތަށް ކުރިއަރަމުން އަންނަ ގޮތުގެ ތަފްސީލުތައް ބަޔާންކޮށްފައިވެ އެވެ.
މީގެ އިތުރުން، ރިސޯޓްތަކުގައި މިފަދަ މަސައްކަތްތައް އަމަލީ ގޮތުން ކުރި ފަރާތްތަކުގެ މައުލޫމާތާއި ކޮންމެ 10 އަހަރަކުން ފެންނަ އާކިޓެކްޗާ އާއި އިމާރާތްކުރުމުގެ ކުރިއެރުންތަކަށް އަންނަ ބަދަލުތައް ވެސް މި ފޮތުގައި ހިމަނާފައިވެ އެވެ.
"ރިސޯޓްތަކަކީ އަޅުގަނޑުމެންގެ ތާރީހުގެ ވަރަށް މުހިންމު ބައެއް. މި ފޮތުން ގެނެސްދެނީ ރިސޯޓްތަކުގެ ސްޓްރަކްޗަރަލް އަދި ތާރީހީ ކުރިއެރުމުގެ ވާހަކައެއް،" މައުރޫފް ވިދާޅުވި އެވެ.
މީގެ އިތުރުން، ރާއްޖޭގެ ގުދުރަތީ ތިމާވެށީގެ ނިޒާމާ މެދު ނަޒަރު ބަދަލުވެ، ފަތުރުވެރިކަމުގެ ސަބަބުން ދިވެހިންގެ ވިސްނުން ބަދަލުވި ގޮތް ވެސް މިފޮތުން ހާމަވާނެކަން މައުރޫފް ފާހަގަކުރެއްވި އެވެ. އެގޮތުން، އިހު ޒަމާނުގައި ގޮނޑުދޮށް ބޭނުން ކުރަމުން އައީ އޭގެ ގޮތުގައި ކުނި އަޅާ ތަގައްޔަރު ކުރަމުން ދިޔަ ތަނެއްގެ ގޮތުގަ އެވެ. ނަމަވެސް، ޓޫރިޒަމްގެ ސަބަބުން ގޮނޑުދޮށް 'ބީޗު'އަށް ބަދަލުވެ، ހުދު ދޮންވެލި ބީޗެއްގެ މުހިއްމުކަން ވިސްނުނެވެ. ދުނިޔޭގެ އެހެން ހިސާބުތަކުން އެ ތަން ބަލައިގަންނަނީ ވަރަށް އަގު ހުރި އަދި ރީތި ތަނެއްގެ ގޮތުގަ އެވެ.
ރާއްޖޭގެ 'ވަން އައިލަންޑް ވަން ރިޒޯޓް' ކޮންސެޕްޓަކީ ރާއްޖެއަށް ހާއްސަ އަދި ދުނިޔޭގައި އެންމެ ފުރަތަމަ ފަހަރަށް ބިނާކުރި އިންގިލާބީ ކޮންސެޕްޓެއް ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ. ރާއްޖެ ފަދަ ނާޒުކު ގައުމެއްގައި ސިނާއަތެއް ބިނާ ކުރަމުން އަންނަ އިރު، ތިމާވެއްޓަށް ރައްކާތެރި އުސޫލުތައް ބޭނުން ކުރަން އިސްކަންދިނުން ނިހާޔަތަށް މުހިއްމުކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
"ޓޫއަރިޒަމް އަކީ ޑަބަލް އެޖްޑް ސްވޯޑެއް. އެ ބޭނުން ކުރަން ޖެހެނީ ވަރަށް ވިސްނައިގެން. ޓޫރިޒަމްގެ ސަބަބުން، އުވެމުންދިޔަ ސަގާފަތްތައް އާލާ ކުރި. އެކަމަކު މިކަމާ އެކު އައި ކޮންޒިއުމަރިޒަމްގެ ސަބަބުން ނޭދެވޭ އަސަރުތަކެއް އެބަ ކުރަމުން ދޭ. ގިނަ އަދަދެއްގެ ފޭކް ތެޗްޑް ލީވްސް މިހާރު ބޭނުން ކުރޭ. ރާއްޖޭގެ ގުދުރަތީ ރީތިކަން ވިއްކުމަށް، މި ނާޒުކު ތިމާވެށި ހަލާކުވާނެ ފަދަ އަމަލުތައް ނުކުރަން ސަމާލު ވާން ޖެހޭ،" މައުރޫފް ނަސޭހަތްތެރިވެޑައިގަތެވެ.
މުސްތަގުބަލުގައި ރާއްޖޭގެ ރިސޯޓުތައް ބައްޓަންވެގެން ދާނެ ގޮތާ މެދު ވިސްނައި ސަމާލުވެގެން ކުރިއަށް ދިއުން ވަރަށް މުހިއްމު ކަމަށް މައުރޫފް ވިދާޅުވި އެވެ.
"މިހާރަށް ވުރެ ވެސް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓްސް ދެކެން ބޭނުންވޭ. މިހާރަށް ވުރެ ވެސް ގިނައިން ދިވެހި އާކިޓެކްޓުން އިންވޯލްވް ވެގެން އުޅޭ ތަން ދެކެން ބޭނުންވޭ،" އޭނާ ވިދާޅުވި އެވެ.
ސިމާދު ސައީދު ލިއުއްވާފައިވާ '50 އިޔާސް އޮފް ޓުއަރިޒަމް އިން މޯލްޑިވްސް - ދަ ޕައިނިއާސް، ޕީޕަލް އެންޑް ޕޮލިސީސް ދަޓް ޝޭޕްޑް މޯލްޑިވްސް ޓުއަރިޒަމް' ފޮތުގައި، މުޅި ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހް ވަނީ ހުށަހަޅައިދެއްވާފަ އެވެ. މި ފޮތުން މައިގަނޑު ގޮތެއްގައި ދައްކުވައިދެނީ ރާއްޖޭގައި ފަތުރުވެރިކަން އެންމެ ފުރަތަމަ ފެށުނު ދުވަސްވަރާއި އެ ކަމުގައި އިސްކޮށް އުޅުއްވި ފަރާތްތަކާއި އެ ބޭފުޅުންގެ ތަޖުރިބާތަކާއި މި ޖަޒީރާ ގައުމަށް ގެނައި އިންގިލާބީ ބަދަލުތައް ފެންނަ ފޮޓޯތަކެވެ.
ސިމާދު ވިދާޅުވި ގޮތުގައި، މި ފޮތުން ފަތުރުވެރިކަމާ ބެހޭ ގޮތުން ކުރިން ދެކެވިފައި ނުވާ އަދި ޝާއިއުކޮށްފައި ނުވާ މުހިންމު މައުލޫމާތުތަކެއް ގެނެސްދީފައިވާނެ އެވެ.
"މިއީ ފުރަތަމަ ޒިޔާރަތްކުރި ޓޫރިސްޓުންގެ ތެރެއިން ޓޫރިޒަމްގެ ތާރީހާއި ފުރަތަމަ ރިސޯޓް ހުޅުވުމާއި ސަރުކާރުން އެންމެ ފުރަތަމަ ތިން ރިސޯޓެއް ތަރައްގީކުރި ގޮތާއި ރިސޯޓްތައް ކުރިން ތަރައްގީކުރުމުގައި ހަރަކާތްތެރިވި މީހުންނާއި، ޓޫރިޒަމްގެ ހަލުވި ކުރިއެރުމުގެ ޓްރެޖެކްޓަރީ އާއި ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމަށް ފަހު ޓޫރިޒަމްގެ ސިޔާސަތުތައް ބަދަލުވި ގޮތާ ގުޅޭ ކަންތައްތައް،" ސިމާދު ވިދާޅުވި އެވެ.
ސީޑީއީ ކޮންސަލްޓިންގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާ ސިމާދުގެ ފޮތް ވެސް 10 އަހަރެއްގެ ފަސް ބަޔަށް ބަހާލާފައި ވާއިރު، ކޮންމެ ބައެއްގައި ވެސް އެ ދުވަސްވަރު ހިނގާފައިވާ މުހިންމު ހާދިސާތައް ތަފްސީލުކޮށް ލިއުއްވާފައިވެ އެވެ. އެގޮތުން، ރާއްޖޭގެ ފަތުރުވެރިކަން ފެށުމާއި އެއާޕޯޓު ގާއިމުކުރުމާއި އެއާ މޯލްޑިވްސްއާ ބެހޭ ގޮތުން މި ފޮތުގައި ސިމާދު ލިއުއްވާފައިވެ އެވެ.
ބޭރުގެ އެއާލައިންތައް އައުމާއި އެއެއާލައިންތަކުން ފަތުރުވެރިކަމުގެ ސިނާއަތަށް ކުރާ އެކި އަސަރުތައް ވެސް މި ފޮތުގައި ބަޔާންކޮށްފައިވެ އެވެ. މީގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ މިހާރުގެ ހާލަތާއި ލޯކަލް އަދި ގެސްޓްހައުސް ޓޫރިޒަމްގެ ކުރިއެރުމުގެ ސަބަބުން މި ސިނާއަތުގެ މުސްތަގުބަލު ބައްޓަންވަމުން އަންނަ ގޮތުގެ މައްޗަށް ވެސް ސިމާދު އަލިއަޅުވާލައްވާފައިވެ އެވެ.
ސިމާދު ވިދާޅުވީ އެ ފޮތުގައި ހިމެނޭ މައުލޫމާތު އެކުލަވައިލެއްވީ އިންޑަސްޓްރީގެ ތަޖުރިބާކާރުންނާ އެކު ބޭއްވި އިންޓަވިއުތަކުން ކަމަށެެވ. އެ ފޮތުގައި ހިމެނޭ ފޮޓޯތަކަކީ އޭނާ އިންޓަވިއުކުރެއްވި މީހުން ވެސް ހަދިޔާ ކުރެއްވި ފޮޓޯތަކެކެވެ. ސިމާދު ދެކެވަޑައިގަންނަވާ ގޮތުގައި، މި ފޮތުގައި ފަތުރުވެރިކަމުގެ ސިނާއަތާ ބެހޭ ގޮތުން ދިވެހިން އަހުލުވެރިވާން ޖެހޭ އަގުހުރި މައުލޫމާތުތަކެއް ވާނެ އެވެ.
ސިމާދު ވިދާޅުވި ގޮތުގައި، ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި އޮތް ރާއްޖެ އަކީ މިހާރު ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ، އެންމެ އަގު ބޮޑު މަންޒިލަކަށް ބަދަލުވުމަކީ ވަރަށް ބޮޑު ކުރިއެރުމެކެވެ. ފަތުރުވެރިކަން އައުމުގެ ކުރިން، ރިސޯޓް ތަރައްގީކުރުމަށް ލޯނު ހޯދޭނެ މުވާސަލާތީ ވަސީލަތްތަކާއި ޑޮލަރު މާރުކުރާ ރޭޓްތަކާއި ބޭންކުތައް ގާއިމުކުރެވިފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ. މިފަދަ އެކި ގޮންޖެހުންތަކުން އަރައިގަނެ، ފަތުރުވެރިކަމުގެ ސިނާއަތް ވަރަށް ހަލުވިކަމާ އެކު ކުރިއަރަމުން އައިކަން އޭނާ ފާހަގަކުރެއްވި އެވެ.
"ކިތަންމެ ޗެލެންޖިން ކަމެއް އޮތަސް އެޗެލެންޖެއް އޯވަކަމް ކުރަން ބަޔަކު މަސައްކަތް ކުރެވޭ ކަމާ އަދި ދުނިޔޭގެ އެއް ވަނައަށް ރީޗު ވެވޭކަން ހާމަވޭ. ހަތްދިހައިގެ ކުރީކޮޅު ހުރި އެކި ގޮންޖެހުންތަކުން އަރައިގަތީ ހަމަ ޒުވާނުން. ފުރަތަމަ ޓޫރިސްޓަކު ރާއްޖެއަށް އައުމުން ފެށިގެން، ކެއުމުގެ ކަންތައްތައް ހަމަޖެއްސި ގޮތާ،" އޭނާ ވިދާޅުވި އެވެ.
"ފޮތުން ކިޔާލެވޭނެ، މިސާލަކަށް ވާރޭ ވެހޭއިރު އެއާޕޯޓަށް ޓޫރިސްޓުން ނުތެންމާ ގެންދަން ކުރި މަސައްކަތް. [ޗަމްޕާ ހުސެއިން] އަފީފް ކިޔައިދެއްވާފަވާނެ ވަރަށް ސަރީހަކޮށް 'ތިމަންނަމެން ތިބެނީ ސަތަރި ހިފައިގެން ވާރޭގައި، ޓޫރިސްޓުން ހިޔަލުގަ ބައިތިއްބައިގެން ފޮށިތައް ހިޔަލުގައި ބަހައްޓައިގެން' ކަމަށް. ފަންސާސް އަހަރުގެ ތެރޭގައި ބޮޑު ބަދަލުތަކެއް އަތުވެއްޖެ."
ސްޓްރެޓެޖީ، ސަސްޓެއިނަބިލިޓީ އެންޑް ސޯޝަލް އިނޮވޭޝަންގެ ދާއިރާއިން ސްޕެޝަލައިޒްވެފައިވާ އަދި ރާއްޖޭގެ ޓޫރިޒަމް ދާއިރާ ދިރާސާ ކުރައްވާ ސިމާދު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަކީ ރަނގަޅު ބަދަލެއް ގެންނަން މަސައްކަތް ކުރާ، ކޮންމެ ބަޔަކަށް ކާމިޔާބު ވެވޭނެ ކަމުގެ ރަނގަޅު މިސާލެކެވެ.
ސިމާދު ވިދާޅުވި ގޮތުގައި، މިފޮތުގެ އަމަލީ މަސައްކަތް ކުރަން ނެގީ ދޮޅު އަހަރެވެ. އެކަމަކު ޓޫރިޒަމް ދާއިރާއާ ބެހޭ ގޮތުން މީގެ ކުރިއްސުރެ އަމިއްލައަށް އެކި ދިރާސާތައް ކުރައްވަމުން ގެންދެވިކަން އޭނާ ފާހަގަކުރެއްވި އެވެ.
"އެންމެ ބޮޑު ކަމަކަށް ފާހަގަކުރެވޭ އެއް ކަމަކީ ޓޫރިޒަމް ދާއިރާ އިންޓަރިލޭޓު ވެފައި އިންނަ ވަރު ރާއްޖޭގެ ކޮންމެ ކަމަކަށް. އެއީ ޓްރާންސްޕޯޓު، ފުޑް، އެންވަރަމެންޓު ޕްރޮޓެކްޝަން، ހުރިހާ ކަމެއްގައި. 'ވަން އައިލަންޑް ވަން ރިސޯޓު ގޮތަށް'، ވަން ކަންޓްރީ ވަން އިންޑަސްޓްރީއަށް ވެފައި މި އޮތީ،" ސިމާދު ވިދާޅުވި އެވެ.
"މިއަށް އަންނަ ކޮންމެ ލޮޅުމެއް ކޮންމެ މީހަކަށް އިހުސާސު ކުރެވޭނެ. އަޅުގަނޑަށް ހީވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އެކަން ވަރަށް ބޮޑަށް ފެނުނު. އަޅުގަނޑަށް ފެންނަ ގޮތުގައި ޓޫރިޒަމް ދާއިރާ ބޭނުންކޮށްގެން ދެން އަންނަ 50 އަހަރަށް އެހެން ދާއިރާތައް ކުރިއަރުވަންވީ. އެއީ ރާއްޖެއިން މި ކާމިޔާބުކުރި ހަރުފަތްތަކަކީ ހައިރާންވާހާ ބޮޑު ކުރިއެރުމެއް."
މި ދެ ފޮތް ގަންނަން ބޭނުންވާ ފަރާތްތަކަށް އާޓް ގެލެރީ މާލެ އިން ލިބެން ހުންނާނެ ކަމަށް އެ ތަނުން ބުންޏެވެ. ފޮތެއްގެ އަގު އުޅެނީ 771ރ. އާއި 702ރ.އާ ދެމެދުގަ އެވެ.