މިފަހަރުގެ އީދުގައި ހެދި މައި ނަމުރު --(ދައުރު ފޮޓޯ/ ފާތިމަތު އަހްމަދު ޝަރީފް)

ބޮޑު އީދު 2023

މިނިކާވަގެއް ނޫން، މިއީ މާފަރުގެ ހޭޅިފަށުން ނުކުތް 'ނަމުރު'

މާފަރަށް ހާއްސަ މި ކުޅިވަރު މިހާރު ކުޅެނީ އިހު ކުޅުނު ގޮތަކަށް ނޫން. އޭގެ ބިރުވެރިކަމާއި މަގުސަދު ގެއްލޭތީ ދުވަސްވީ މީހުންގެ ކަންބޮޑުވުން އެބަ އޮތް

ނ. މާފަރު - އިރު މެދުޖެހެން ކައިރިވެފައި ވަނިކޮށް މި ރަށުގެ ހޭޅިފަށުން އެރި ކަޅު ކުލައިގެ ލަޝްކަރުގެ މޫނުމަތިން ފެނުނީ އަމާންކަމެއް ނޫނެވެ. އެއީ ބިރުވެރިކަމެވެ. ރަށުގެ އަހުލުވެރިން ފިލަންވީ އެވެ. ނޫނީ ދުވަންވީ އެވެ.

މި ލަޝްކަރާއި ވަކިން ބިޔަ އެހެން އެއްޗެއް ވެސް ރަށުގެ ހޭޅިފަށުން ދައްކާލައިފި އެވެ. ސިންގާއެއްގެ ސިފަ ޖެހި މި ބިޔަ އެތި ރަށުތެރެއަށް އަރައިގެން ދެ އެވެ. ދެން ރަށުގެ އެކި ސަރަހައްދުތަކުން އެ ފެންނަނީ ކުއްލިކުއްލި އަށެވެ. ހަތަރު މުއްގަނޑު ޖަހައިގެން އޮވެ އެވެ. ކަޅު ކުލައިގެ އެ އެތީގެ ޝިކާރަވެރި ކަޅި ފެންނަ ކޮންމެ މީހަކު، ބިރުން ހަޅޭއްލަވައިގެންފައި ދުއްވައިގަނެ އެވެ.

މިއީ މި ފަހުން މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ސަރަހައްދުން ފެނުނު ކަމަށް އެ ބުނާ 'މިނިކާވަގެއް' ނޫނެވެ. މުޅި ގައިގައި ކަޅު ކުލަ ލައިގެން އެ ތިބީ މާފަރުގެ ދިގު ތާރީހުގައި ކޮންމެ އީދެއްގައި ރަށުގެ ހޭޅިފަށުން އަރާ 'ނަމުރުތަކެ'ވެ. ބިޔަ ސިންގާއެއް ފަދަ ބިރުވެރި ސިފައެކެވެ. މައި ނަމުރު އެ އުޅެނީ މީހުންގެ ހިތްތަކަށް ބިރުވެރިކަން ވައްދަމުން ރަށުތެރޭ ފިލައިގެންނެވެ.

މިއީ އީދަށް މި ރަށުގައި ކުޅޭ ތާރީހީ ނުހަނު ޝައުގުވެރި، ކުޅިވަރެކެވެ. މާފަރުގެ ފަހުރުވެރި ނަމުރެވެ.

ނަމުރު ލަޝްކަރުގައި ހިމެނޭ ކުދި މާލިތެރެއިން މާއްޔެއް --(ފައިލް ފޮޓޯ/ސޯޝަލް މީޑިއާ)

ކިހިނެއް އައި ކުޅިވަރެއް؟

 ރާއްޖޭގެ އެހެން ރަށްރަށުން އީދަށް ތައްޔާރުކޮށްފައިވާ އެކި ޒާތްޒާތުގެ ދެލި މާލި ފެނުނަސް، ނަމުރަކީ މާފަރަށް ހާއްސަ ކުޅިވަރެކެވެ. އެހެން އެއްވެސް ސަރަހައްދެއްގައި މިކުޅިވަރު ކުޅެ އުޅޭތީއެއް ނުދެކެމެވެ.

މާފަރުން 'ދައުރު'އާ ވާހަކަދެއްކި އުމަރު މޫސާ (އުމަރުބެ)، ކިޔައިދިން ގޮތުން ނަމުރަކީ 1900ގެ އަހަރުތަކުގެ ވެސް ކުރީކޮޅު، މާފަރުގެ އުސްމާން އަލީ ކިޔާ މީހަކު ރ. މަޑުއްވަރީއަށް މަހަށް ދާން ގޮސް ހުރެފައި އައި ފަހުން ރަށަށް ތައާރަފުކުރި ކުޅިވަރެކެވެ. އޭނާއަކީ އޭރު މާފަރުގައި ކުޅެއުޅޭ ކުޅިވަރުތައް ރާވާ އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވި އެކެކެވެ. އެކަމަކު އެ ކުޅިވަރު އޭނާއަށް ފެނުނީ ސީދާ މަޑުއްވަރީން ކަމެއް ބުނެދޭކަށް މި ރަށުގެ އެއްވެސް މީހަކަށް ނޭނގެ އެވެ. އެނގޭހާ ވެސް އެއްޗަކީ ނަމުރު ކުޅެން ފެށީ އެހާ ކުރިން ކަމެވެ. 

ފުރަތަމަ އޮންނަނީ ރަށުގެ އެއް ފަރާތުގައި ބޮޑު ވަޅެއް ކޮނެ، ބޮނބި އަންދައިގެން ދެލި ހެދުމެވެ. މި ދެލިތައް ފުނޑަން ހަވާލުކުރަނީ އަންހެންވެރިންނާ އެވެ. ރަށުގެ ކޮންމެ ގެއަކަށް ވަކި ވަރަކަށް ދެލި ބަހާ 'މިވެނި ދުވަހެއްގެ މިވެނި ވަގުތަކަށް' ރެޑީކޮށްފައި ބަހައްޓަން އަންގަ އެވެ.

އޭރު ދެލި ފުނޑާ އުޅުނީ ދައިންނެވެ. ޒަމާނަށް އައި ބަދަލާ އެކު މިހާރު ދެލި ފުނޑަނީ މިކްސަރުންނެވެ. ނަމުރުތައް ހަދާ ދުވަހުގެ މެންދުރު 2ގެ ކުރިން ގޭގެއިން ދެލިތައް ނަގަ އެވެ. އެ ދެލިތަކުން ނަމުރު ހަދަން ފިރިހެންވެރިންނާ ހަވާލުކުރެ އެވެ.

ފިރިހެނުން މިކަން ކުރަނީ ރަށުގެ ހޭޅިފަށުގައި ފޮރުވިގެން ތިބެ އެވެ. މުޅި ގައިގައި ދެލި ލަ އެވެ. އަނދެފައި އޮންނަ ގޯންޏެއް ނޫން އެހެން އެއްވެސް އެއްޗެއް ހަށިގަނޑުގައި ނޯވެ އެވެ. މުޅި ގައިގައި ދެލި ލައި ބޮލުގައި ކޯރި އަޅައި، އިލާއިން ދެ ލޯ ކަނޑާ މާސްކެއް އެޅުމުން މި އެއްޗެހި ހުންނަނީ ނަމުރު ސިފަ ޖެހި ނިމިފަ އެވެ. ތިބެނީ ބަލާ މީހަކަށް ނުހަނު ބިރުވެރި ފާޑަކަށެވެ.

ހަވީރު ފަހެއްގެ ކުރިން ނަމުރު ލަޝްކަރު، ރަށުގެ ހޭޅިފަށުން އަރައިގެން އަންނައިރު ތިބެނީ ދެ ސަފަކަށް ބެހިގެންނެވެ. އަތުގައި އޮންނަ ދަނޑިތައް ޖަހަމުން ގުންފައި ނަގާ ރަށުތެރޭ ހިނގަނީ ފަހަތުގައި ތިބޭ ބޮޑުބެރު ގުރޫޕު ކިޔާ ހާއްސަ ލަވަޔާ އެއްވަރަށެވެ.

"ލަމުގެ އާ އެންމެތަކުން ހަމްދު ސަނާ ގޮވާ ދުލުން،

ނަމުރު އަންނާނެތީ ހޭރެނީ،

ހުޅަނގު ވައިގައި އަރާ މުޅަގޮނުގެ ދޮން ބަފާ، 

ބުޅަލު ދަތްދޮޅި ހަލުވާލެއްވި ގޮތުން ބިރުން ރޮނީ،

ނަމުރު އަންނާނެތީ ހޭރެނީ."

މިއީ މި ކުޅިވަރަށް ހާއްސަ ލަވަ އެވެ. މި ލަވަ ހަދާފައިވަނީ ކިހިނެއްކަމެއް ބުނެދޭން އެނގޭ މީހަކު މިހާރު މާފަރަކު ނެތެވެ.

މީގެ ކުރިން ނަމުރުތަކުގެ މޫނުމަތި ހަދާފައި ހުންނަނީ އިލާއިން

ނަމުރު ލަޝްކަރާ ވަކިން އުޅޭ މައި ނަމުރަކީ ރަށުތެރޭ މީހުން ބިރުގަންނުވައި ގޯނާ ކުރަން އުޅޭ އެއްޗެކެވެ. ރަށުތެރެއަށް އަރައިގެން އަންނަ ނަމުރު ލަޝްކަރަކީ ރަށަށް މައި ނަމުރު ވީއްލިގެން އުޅޭތީ، އެ ނަމުރު ހޯދާ މަރާލަން އަރައި ތިބި ލަޝްކަރެކެވެ. މި ލަޝްކަރުގެ އިސް ސަފުގައި ހުންނަނީ، އެހެން ނަމުރުތަކަށް ވުރެ ބިޔަ، އުންޑައެއް ހިފައިގެން އުޅޭ ނަމުރެކެވެ. އެއީ މައި ނަމުރު ފެނުމުން ހަމަލާދޭ ނަމުރުތަކުގެ ވެރިޔާ އެވެ.

ރަށުތެރެއިން މައި ނަމުރާ ބައްދަލުވެ، ދެތިން ސަރަހައްދަކަށް ހުއްޓި މައި ނަމުރަށް ހަމަލާދީ މަރާލަން ނަމުރު ލަޝްކަރުގެ ވެރިޔާ މަސައްކަތްކުރެ އެވެ. މިއިން އެއްވެސް ފަހަރަކު އެކަން ކާމިޔާބު ނުވެ މައި ނަމުރު ފިލަނީ އެވެ.

މީގެ ކުރީން ކުޅުނު ނަމުރު ހަރަކާތެއްގެ ތެރެއިން --(ފައިލް ފޮޓޯ/ އެހިނދު)

މައި ނަމުރު މަރާލަނީ ރަށުގެ ބަނދަރު ސަރަހައްދުން އަތުލައިގަނެވޭ ފަހަރު އެވެ. މި ފަހަރުވެސް މައި ނަމުރުގެ ނިގުލަށް އުންޑަ އަމާޒުވަނީ ތިން ވަނަ ހަމަލާއިންނެވެ. މައި ނަމުރުގެ ދިގު ނަގުލަށް އުންޑަ އެރުމާ އެކު މައި ނަމުރު މަރުވީ އެވެ. އެއަށް ފަހު ކުދި ނަމުރުތައް މައި ނަމުރު ނަގައިގަނެގެން ގެންގޮސް މޫދަށް އެއްލާލުމުން ކުޅިވަރު ނިމުނީ އެވެ.

މާނައަކީ މައި ނަމުރުގެ ކިބައިން ރަށް ސަލާމަތްވީ އެވެ. އެ ހިސާބުން ނަމުރު ލަޝްކަރު ރަށުން ފޭބީ އެވެ.

ނަމުރު ހަރަކާތުގައި މައި ނަމުރު މަރާލަން އުންޑަ ޖަހަނީ --(ދައުރު ފޮޓޯ/ފާތިމަތު އަހްމަދު ޝަރީފް

"އޭރު އެއީ އަހަރެން ވެސް އެންމެ ބިރުގަންނަ ކުޅިވަރު. އެކަމަކު އެއީ ކުޅިވަރެއް ކަމެއް އޭރު ނޭނގެ. އޭރު ހިތަށްއަރަނީ އެއީ ރަށުގެ މީހުން ކައި ހުސްކުރަން އަރާ ބިރުވެރި އެއްޗެހިތަކެއް ކަމަށް،" 

ކުޑަކުދިންނަށް އޭރު އެއީ ބޮޑު ބިރެއް

އޭރު މިކުޅިވަރު ކުޅެމުން އައި ގޮތާއި މިއަދު ކުޅޭ ގޮތް ވަރަށް ބޮޑުތަން ތަފާތެވެ. އޭރު، ނަމުރު ސިފައިވެފައި އޮންނަނީ ރަށުތެރެއިން ހޮވާލެވޭ ބައެއްގެ ގައިގައި ދެލި ލައިގެން ކުޅޭ ކުޅިވަރެއްގެ ގޮތުގައެއް ނޫނެވެ. މާފަރުގެ ކުޑަކުދިންނަށް އޭރު އެއީ ކޮންމެ އީދެއްގައި ރަށުގެ ހޭޅިފަށުން އަރައިގެން އަންނަ ބިރުވެރި 'ސިންގާއެއް' ނުވަތަ ބިރުވެރި ހަންޑިތަކެކެވެ. 

މިހާރުގެ ކުދިންނަށް މިއީ ކުޅިވަރެއްކަން އެނގެ އެވެ. މައި ނަމުރަކީ ބިރުވެރި އެއްޗަކަށް ނުވެ އެވެ. ނަމުރުތަކާ މައްލަވަކޮށް ހަދާ ސެލްފީ ވެސް ނަގަން ކުޑަކުދިން ކައިރީގައި ތިބެނީ، 'ބޭބެ، ގައިގައި ދެލިލައިގެން ހުރީ' ކަން އެނގޭތީ އެވެ. މިހެންވެ، މިހާރު މި ކުޅިވަރުގައި އޭރު އޮންނަ ފޯރިއެއް ނެތެވެ. ޝައުގުވެރިކަން ވެސް ކުޑަ އެވެ. އެކަމަކު މަގުބޫލުކަން ކުޑައެއް ނުވެ އެވެ.

"އިހުގައި ހޭޅިފަށުގައި ނަމުރު ހެދެން، ގައިގައި ދެލި އުނގުޅާއިރު ކުޑަކުދިންނަށް އެތަނަަށް ދިއުމުގެ ހުއްދައެއް ނޯންނާނެ. އެހެންވީމައި، ނަމުރުތައް ރަށަށް ކުއްލިއަކަށް އަރައިގެން އައުމުން ކުޑަކުދިންގެ ހިތަށް ބިރުވެރިކަން ވަންނަނީ އެއީ ކޮން ތާކުން އައި ކޯޗެއްކަން ނޭނގޭތީ،" ކުޅިވަރުގެ ފޯރި އިހުގައި އޮތް ވަރަށް ނެތުމުގެ ސަބަބުތަކާ ބެހޭ ގޮތުން އުމަރުބެ ބުންޏެވެ.

"އެއީ ކޮން ބައެއް ކަމެއް އޭރު ނޭނގޭނެ. މިހާރު އެނގޭ ކާކުކަން ދެލި އުނގުޅައިގެން ހުރީ. ގައިގައި އުނގުޅާފައި އެހުރީ ދެލިކަން ވެސް." 

ނަމުރު ހަރަކާތް ނިންމާލުމަށް ފަހު މައި ނަމުރު ކުޑަކުއްޖަކާ އެކު ފޮޓޯއަކަށް ހުއްޓިލައިގެން --(ދައުރު ފޮޓޯ/ފާތިމަތު އަހްމަދު ޝަރީފް)
ކުޑަކުއްޖަކާ އެކު ނަމުރު ފޮޓޯއެއް ނަގަނީ --(ދައުރު ފޮޓޯ/ފާތިމަތު އަހްމަދު ޝަރީފް)

އުމަރުބެ ބުނިގޮތުގައި، ކުޑަކުދިން ނަމުރު ދެކެ ބިރުނުގަތުމަކީ މުޅި ކުޅިވަރުގެ ރޫހާއި މަގުސަދާއި ފޯރި ގެއްލިފައިވާ އެއް ސަބަބެވެ. އޭރު ކުޑަކުދިން މި ކުޅިވަރު ދެކެ ބިރުގަތީ އިހުގައި މި ކުޅިވަރު ކުޅުނު މީހުން ދެމެހެއްޓި ވަރުގަދަ އުސޫލުތަކެއްގެ ސަބަބުންނެވެ. އެއީ ކޮންމެހެން ވެސް މިފަދަ ކުޅިވަރެއްގެ ފޯރި އާއި ޝައުގުވެރިކަން ދެމެހެއްޓުމަށް މުހިންމު ކަމެކެވެ.

އޭރު ރަށުތެރޭ ކަމެއް ގޯސްވެއްޖެކަން އެނގެނީ ކުއްލިއަކަށް ރަށުތެރެއިން ނަމުރުތަކެއް ފެންނަން ފެށުމުންނެވެ. މައި ނަމުރު ރަށުގެ އެކި ދިމަދިމާލުން ފުއްމައިގެން އަންނަތަން ފެނުމުންނެވެ. އެއީ އޭރު ބިރުވެރި ކަމެކެވެ.  

"އޭރު އެއީ އަހަރެން ވެސް އެންމެ ބިރުގަންނަ ކުޅިވަރު. އެކަމަކު އެއީ ކުޅިވަރެއް ކަމެއް އޭރު ނޭނގޭ. އޭރު ހިތަށް އަރަނީ އެއީ ރަށުގެ މީހުން ކައި ހުސްކުރަން އަރާ ބިރުވެރި އެއްޗެހިތަކެއް ކަމަށް،" ރަށުން ވާހަކަ ދެއްކި އަންހެނަކު ބުންޏެވެ.

"އެ މަންޒަރު ބަލާ ހިތްވޭ. އެކަމަކު ފާރު މަތިން ބޯ ދިއްކޮށްގެން ވެސް އޮންނާކަށް ނުކުރޭ މައި ނަމުރު ފެނިދާނެތީ." 

ކުޅިވަރުގެ ބިރުވެރިކަން ގެއްލުމުން ކަމަކުނުދޭ

އިހުގައި މި ކުޅިވަރުގެ ބިރުވެރިކަން ދަމަހައްޓަން ނަމުރު އަރާ ދުވަހު، ވަގުތުގެ ކުރިން ނަމުރު އަރާނެކަން އިއުލާން ކުރެ އެވެ. އެކަމަކު މިހާރު މިކުރާ ގޮތަށް އީދަށް ކުޅޭ ކުޅިވަރު ޝެޑިއުލްގެ ތެެރެއިން ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓަކުންނެއް ނޫނެވެ.

އިހުގައި އެކަން އަންގަނީ ސީދާ ރަށު އޮފީހުގެ އަޑުގަދަކުރާއިންނެވެ. ވަކި ވަގުތެއް ނުބުނެ އެވެ. އެކަމަކު އެ އަރަންޏާ މުޅި ރަށަށް އެނގުން ވެ އެވެ. އެއީ ނަމުރު ލަޝްކަރު ރަށުތެރެއަށް އަރައިގެން އަންނައިރު ބުންބެރާ އެއްވަރަށް ކިޔާ ބިރުވެރި ލަވައިންނެވެ. އެހާ ހިސާބުން ގޭގެ ދޮރުތައް ލައްޕައި ތަންޑު އަޅުވައިގެން ތިބެނީ ގޯތިތެރެއިން ނުކުންނަން ހަގީގަތުގައި ވެސް ނުކެރިގެންނެވެ.

"ލަމުގެ އާ އެންމެތަކުން ހަމްދު ސަނާ ގޮވާ ދުލުން،

ނަމުރު އަންނާނެތީ ހޭރެނީ،

ހުޅަނގު ވައިގައި އަރާ މުޅަގޮނުގެ ދޮން ބަފާ، 

ބުޅަލު ދަތްދޮޅި ހަލުވާލެއްވި ގޮތުން ބިރުން ރޮނީ،

ނަމުރު އަންނާނެތީ ހޭރެނީ،

ޗޯރު ނަމުރުގެ ދެ ލޯ، ކޯރަކުން ހިތްކިޔޯ،

ޖޯރު ބުރު ޖޯކަރު ހަށިގަނޑު ފެނިފާ ބިރުން ރޮނީ"

ނަމުރު އަންނާނެތީ ހޭރެނީ."

މި ލަވަ ވެސް މިހާރު ކިޔަނީ އިހުގައި އެންމެ ފުރަތަމަ ކިޔައި އުޅުނު ގޮތަކަށް ނޫނެވެ. ކޮންމެވެސް ވަރަކަށް ރާގާއި ލަވަ މޮޑިފައިކޮށްގެންނެވެ. ނަމުރުގެ ސިފަ އިތުރަށް ބިރުވެރިކުރަން އޭރު އެޅި އިލާ މާސްކު އެއްލައިލާފައި މިހާރު އަޅަން ފެށި ރަބަރު މާސްކުތަކުން މީހުންގެ ހިތުގައި އޮތް ބިރުވެރިކަން ވީ ކުޑަ އެވެ. މިހާރު އެ ނަމުރުތަކަކީ ކުޑަކުދިންނަށް ވެސް މަޖާގަނޑެކެވެ. 'ނަމުރު އަންނާނެތީ ބިރުން ހޭރޭ' ތަން މިހާރަކު ނުފެނެ އެވެ. މިހާރު ހަޅޭއްލަވަނީ ދެލި އުނގުޅަފާނެތީ އެވެ. 

ނަމުރު ކުޅިވަރުގެ ތެރެއިން، މައި ނަމުރު މީހުން ބިރުގަންނުވަން އާންމުންގެ ތެރެއަށް ވަދެ --(ދައުރު ފޮޓޯ/ ފާތިމަތު އަހްމަދު ޝަރީފް)
ނަމުރު ލަޝްކަރުގައި ހިމެނޭ މާލިތަކެއް ސަފުން ވަކިވެ ރަށުތެރޭގައި ހިނގަނީ: އިހުގައި މިގޮތަށް ނަމުރު ލަޝްކަރުން ވަކިވެގެން ކުދި ނަމުރުތައް ރަށުތެރޭގައި ނޫޅޭނެ --(ދައުރު ފޮޓޯ/ފާތިމަތު އަހްމަދު ޝަރީފް)

ކުޅިވަރު މޮޑިފައިވެ، ޝައުގުވެރިކަން ކުޑަވިޔަސް، މި ކުޅިވަރު ބަލަން އެއްވެފައިވާ މީހުންގެ އަދަދުން މާފަރުގެ ރައްޔިތުންގެ ހިތުގައި އޮތް މަގުބޫލުކަން އަދިވެސް ކުޑަނުވާކަން އެނގެ އެވެ. ނަމަވެސް ޝަކުވާތައް އެބަ ހުއްޓެވެ. 

"މިހާރު ތިކުޅެނީ ނަމުރެއް ނޫނެއްނު،" މި އީދުގައި ނަމުރު ބަަލަން މާފަރުގެ ބަނދަރަށް އެއްވި ތެރެއިން އުމުރުން ދުވަސްވީ މީހަކު، ކުޅިވަރު ނިންމާލި ވަގުތު ބުންޏެވެ.

އޭނާގެ ވާހަކަތަކުން އެނގުނު އެއްޗަކީ ޒަމާނާ އެއްގޮތަށް ނަމުރު ކުޅިވަރު މޮޑިފައި ވުމަކީ ދޮށީ އުމުރުގެ މީހުން ބޭނުންވާ ގޮތެއް ނޫން ކަމެވެ. އެމީހުން އަދިވެސް ބޭނުންވަނީ އިހުގެ ގޮތްގަނޑަށް ކުޅެމުން އައި ސިހުން ގެނުވާ، ބިރުވެރި ނަމުރު ބަލާށެވެ. އެހެން ނޫނީ މި ތަފާތު ކުޅިވަރުގެ ޝައުގުވެރިކަން ގެއްލި، މަގުބޫލުކަން ވެސް ކުޑަވެ، އުވިގެން ދިއުމުގެ ބިރު އެބަ އޮތެވެ. 



















































\\\\\\\\\\\

ކޮމެންޓް (3)

ނަބީހް

3 ޖުލައި 2023
ނަމުރާ އަޅިދެއްޔާ ދެވިތަކާއި ފުރޭތަތަކާ އަދިވެސް މިޒާތުގެ ކުޅިވަރުތަކީ ދިވެހީން ބުދު ދީނުގެ ގޮތުގައި ތިބިއިރު ކުޅުނު އަދިވެސް އުވިގެން ނުދާ ކަންތައް. އެއީ ސަގާފަތޭ، ޝައުޤުވެރިކަމޭ ކިޔާފައި ކޮންމެހެން ދަމަހައްޓަން ޖެހޭ ކަންކަމެއް ނޫން. ދިވެހިންނަކީ މިހާރު ސައްތައިން ސައްތަ މުސްލިމުން. އެހެންވީމާ އީދުވެސް އިސްލާމީ އީދަކަށް ހަދަންވީ. ދާރުލް އާސާރުގައި ބުދު ބަހައްޓައިގެން ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ ވިސްނުންވެސް ދޫކޮއްލަންވީ.
2 0

މާލާ

2 ޖުލައި 2023
އެހެންވީމައި އެއަރޕޯރޓުން އެފެނުނީ ތީގެ ނަމުރެއް ކަމަށް ބެލެވޭ..
0 0

اخال٧

2 ޖުލައި 2023
ނަމުރޭ ކިޔައި މިހާރުވެސް ތިޔަ ކުޅެނީ ޝައިޠާނާގެ ކުޅިއެވެ. އެވެސް ޝައިޠާނުން މި ބިންމަތީގައި ފެތުރިގެން އަންނަ ކަމަށް ސާބިތު ވަގުތުގައެވެ. ތިޔަކަން ހުއްޓާލާށެވެ.
4 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް