އިބްރާހިމް ހައްފާފް 'ދުނި' އީޕީ - ފޮޓޯ އިބްރާހިމް ހައްފާފް

މިއުޒިކް

ހައްފާފްގެ ފުރަތަމަ އީޕީ ރިލީސް 'ދުނި' ސާބިތު އަމާޒެއްގައި

އޮލިމްޕަހުގައި ހުކުރު ދުވަހުގެ ރޭ ބާއްވާ ޝޯއަށް ލިބެމުން އަންނަ ބޮޑު ތަރުހީބެކޭ އެއްފަދައިން ހައްފާފުގެ ހިތުގައި ވެސް ފޯރި ނޫން އެއްޗެއް ނެތް

މިވަގުތު ސޯޝަލް މީޑިއާގައި އެންމެ ގަދަޔަށް ދައުރުވެ، ދެކެވެމުން އަންނަނީ ޒުވާން ލަވަކިއުންތެރިއާ އިބްރާހިމް ހައްފާފް މަލިކްގެ 'ދުނި' އީޕީ (އެކްސްޓެންޑަޑް ޕްލޭ) ރިލީސްގެ ވާހަކަ އެވެ. 

ރާއްޖޭގެ މިއުޒިކް ދާއިރާއަށް ހައްފާފްގެ ނަމަކީ މުޅިން އާ ނަމެއް ނޫނެވެ. މިކަން ކަށަވަރުވަނީ އޭނާގެ އީޕީ ރިލީސް ޝޯ އަށް ލިބެމުން އަންނަ ބޮޑު ތަރުހީބުގެ ސަބަބުންނެވެ.

މިއުޒިކް ދާއިރާގެ އެންމެ ފުންނާބުއުސް ތަރިންނާއި ދާއިރާއަށް ތައާރަފުވަމުން އަންނަ މޫނުތައް 'ދުނި'ގެ ޓިކެޓެއް ހިފައިގެން ހިނިތުންވެލައި ފަހުރުވެރިކަމާ އެކު ސޯޝަލް މީޑިއާއަށް ފޮޓޯ ލަމުން އެބަ އާދެ އެވެ. ހައްފާފް ފަދަ ޒުވާން މިއުޒިކީ ފަންނާނަކަށް ދެމުން އަންނަ މި ތަރުހީބާއި އޮހެމުން އަންނަ ލޯބިން ހާމަވަނީ ހަމައެކަނި ދިވެހިންގެ އެއްބައިވަންތަކަމެއް ނޫނެވެ. ފަންނުވެރިއެއްގެ ހައިސިއްޔަތުން ހައްފާފްގެ ހުނަރަށް މީހުން ކުރާ އިތުބާރު ވެސް ކަށަވަރުވެ އެވެ.

'ދުނި' އަކީ އިބްރާހިމް ހައްފާފްގެ ލަވަތަކެއް ހިމެނޭ އީޕީއެއް

އަންނަ ހުކުރު ދުވަހުގެ ރޭ އޮލިމްޕަހުގައި ބާއްވަން ހަމަޖެހިފައިވާ 'ދުނި'ގެ އީޕީ ރިލީސް ޝޯ އަށް ހައްފާފް އަންނަނީ ރެ އާއި ދުވާލު ވަރުބަލިކަމެއް ނެތި ތައްޔާރުވަމުންނެވެ. އޭނާ ބުނިގޮތުގައި އެއްވެސް ވަރެއްގެ ހާސްކަމެއް ނެތެވެ. އިހުސާސުވަނީ އުފާވެރިކަމެވެ. ޝޯ ބަލަން ދާ މީހުންނަށް އޭނާގެ ލަވަތައް އިއްވާލަން ހުރީ ކެތްމަދުވެފަ އެވެ. 

"ކުރިން ވެއްޖެއްޔާ ކޮންމެ ޝޯއެއްގަ ކުޅުނު އިރު، ކިތައްމެ ކުޑަ ޝޯއެއް ވިއަސް، ކެފޭއެއްގަ ކުޅުނަސް، ރިޒޯޓެއްގަ ކުޅުނަސް ހަމަ އަބަދުވެސް ހާސްވޭ. މިހާރު ވެސް ސްޓޭޖް ފްރައިޓު ހުރޭ. ދެން މިހާރު އެ ކަންތައްތަކާ ކުރިމަތިލާން ފަސޭހަ އެކަމަކު އަދިވެސް ހާސްކަން ހުރޭ. އެކަމަކު ނޭނގެ ކީއްވެގެން ކަމެއް، މި ޝޯއަށް ހަމައެކަނި އޮތީ 'ޕިޔޯ އެކްސައިޓްމަންޓް.' ވަރަށް ތަފާތު އެހެންވީމަ ވެސް. އެކަމަކު ހީވަނީ [އަޅުގަނޑުގެ] ފަހަތުގައި ބައިވަރު ސަޕޯޓިވް މީހުން ތިބީމައޭ އެހެން ހީވަނީ،" ހައްފާފް ކިޔައިދިނެވެ.

'ދުނި' އަކީ ހައްފާފްގެ ފުރަތަމަ އީޕީ ކަމަށް ވިއަސް، އޭނާގެ ލަވަތަކުގެ ފަހަތުގައި ކުޅަދާނަ އަދި ހުނަރުވެރި ޓީމެއް ވާކަން އޭނާ ވަނީ އެތައް ފަހަރެއްގެ މަތިން ފާހަގަ ކޮށްފަ އެވެ. ހައްފާފް ބުނިގޮތުގައި މިއުޒިކީ ފަންނާނުން ކަމުގައިވާ އިގްޔާން، ސަމޫހް އަދި މިރާހްގެ ވިލޯ ރެކޯޑްސްއާ އެކު އާޓިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަން މީގެ ދުވަސްތަކެއް ކުރިން އޭނާ ވަނީ އެއްބަސްވެފަ އެވެ. އަދި ވިލޯ ރެކޯޑްސްއާ އެކު 'މަންޖެ' ކިޔާ ލަވައެއް ރެކޯޑު ކޮށްފައި ވެ އެވެ.

އިބްރާހިމް ހައްފާފްގެ 'ދުނި' އީޕީ 

އެކަމަކު އެކި ކަންތައްތަކާ ހުރެ އަނެއްކާވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް މެދުކެނޑިފައި އޮއްވާ ރާއްޖޭގެ ފުންނާބުއުސް އާޓިސްޓުން ކަމަށްވާ އައްޑޮ އަދި އަޔާ (އެން ނައިން ސްޓޫޑިއޯޒް) ވިލޯ ރެކޯޑްސްއާ ގުޅެން ބޭނުންވި އެވެ. މިއީ ވިލޯ ރެކޯޑްސްގެ އާޓިސްޓުންނަށް ލިބުނު އިތުރު ހިތްވަރެއް ކަމަށް ހައްފާފް ބުންޏެވެ. ދެން އެއަށް ފަހު އެންމެން އެއްބަސްވެގެން، ހައްފާފްގެ ލަވަތަކާ އެކު އީޕީއެއް ނެރެން ތައްޔާރުވާން ފެށި އެވެ. އެ ހިސާބުން ފަސްއެނބުރި ބެލުމެއް ނެތި، މުޅި ޓީމް މަސައްކަތް ކުރަން ފެށީ އޮރިޖިނަލް ދިވެހި ލަވަތަކެއް ނެރޭށެވެ. 

ރާއްޖޭގެ މިއުޒިކް ދާއިރާގައި ހައްފާފް ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރަން ފެށިތާ ވީ ހަތް ވަރަކަށް އަހަރެވެ. ކިޔަވައި ނިމިގެން އާއްމު ވަޒީފާއެއް އަދާ ކުރަމުން ވެސް އޭނާ ވަނީ ފުރުސަތު ލިބުނު ވަރަކުން އެކި މުނާސަބަތުތަކުގައި މިއުޒިކު ކުޅެފަ އެވެ. އަދި އަމިއްލައަށް ލަވަ ލިއުމަކީ އަބަދުވެސް އޭނާގެ ވަރަށް ބޮޑު ޝައުގުވެރިކަމެއް އޮންނަ ކަމެކެވެ. 

ހައްފާފް މިހާތަނަށް ނެރެފައިވާ ލަވަތަކާއި ލޯންޗު ކުރަން އުޅޭ 'ދުނި'ގެ ލަވަތަކަކީ ވެސް އޮރިޖިނަލް ދިވެހި ލަވަތަކެކެވެ. އެކަމަކު ހައްފާފް ބުނިގޮތުގައި ދިވެހި ބަހަކީ ސުކޫލުގައި އޭނާ ކިޔެވި ބަހެއް ނޫނެވެ. ހައްފާފްގެ ހަޔާތުގެ 16 ވަރަކަށް އަހަރު ވަންދެން ދިރިއުޅެ ބޮޑުވީ ރާއްޖޭން ބޭރުގައި، ސްރީ ލަންކާގަ އެވެ. 

ސުކޫލުގައި ދިވެހި ބަސް އުނގެނުމުގެ ފުރުސަތެއް ނެތް އިރު، ދިވެހި ހައި ކޮމިޝަނުން ހިންގި ދިވެހި ބަހުގެ ކުލާސްތަކަށް ކުޑައިރު މާ ބޮޑު ސަމާލުކަމެއް ވެސް ނުދެވުނެވެ. އެހެންކަމުން ހައްފާފް ދިވެހި ބަސް ދަސްކުރަމުން އައީ ގޭގައި އާއިލާ މެމްބަރުންނާ ވާހަކަ ދައްކައިގެނެވެ. އެކަމަކު ވެސް އޭނާގެ އިހުސާސްތަކާއި ތަޖުރިބާތައް ލަވައިން އެންމެ ފުރިހަމައަށް ބަޔާން ކުރެވެނީ ދިވެހި ބަހުންނެވެ.

"އަމިއްލައަށް ވެސް ހައިރާންވޭ. ކިހިނެއްބާވެއޭ ހައްފާފްއަށް ދިވެހި ލަވަ ލިޔެވެނީ ވެސް. އެކަމަކު އަޅުގަނޑަށް ހީވަނީ ހަޔާތުގައި ވާ ކަންތައްތަކަށް ނިސްބަތްކޮށްގެން ލިޔަންޏާ، އޭގެ އެންމެ އަސްލު ނެރެވޭނެއޭ ކޮންމެހެން ބަހެއް ސުރެންސުރެން ދަސްވެފައި ހުއްޓަސް ނުވަތަ ނެތަސް. އެ ކަރުދާހުގައި އެމީހަކު ލިޔާ އެއްޗަކީ ތެދުވެރި އެއްޗަކަށް ވުން އެންމެ މުހިއްމު ވަނީ. އޭގެ ސަބަބުން އެހުންތެރިންނަށް ވެސް އެ މީހެއް ބުނެދޭން އުޅޭ އެއްޗެއް ދޭހަވާނެ،" ހައްފާފް ކިޔައިދިނެވެ.

'ދުނި' ގައި ހިމެނޭ ކޮންމެ ލަވަޔަކީ ހައްފާފްގެ ހިތުގެ އެންމެ ފުންމިނުން ނެރެ، އުފައްދާފައިވާ ލަވަތަކެކެވެ. 'ދުނި' އީޕީ ނެރެން ތައްޔާރުވަމުން އަންނަ އިރު، ހައްފާފް އާއި އޭނާއާ އެކު މަސައްކަތް ކުރި އެންމެހާ ފަންނާނުންނަށް ބޮޑެތި ފިލާވަޅުތަކެއް ދަސްވި އެވެ. ހައްފާފް އެ ކަންކަން 'ފަންނުވެރި އެކުވެރިން' ޕޮޑްކާސްޓުގައި ކިޔައިދިނެވެ.

ކޮމެންޓް (1)

ފުސް

14 ޖޫން 2023
ދުނި އަލްބަމްގެ ފުސް ރީތީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް