ސަރުކާރުގެ އޮފީސް އިމާރާތް ވެލާނާގޭގައި މަސައްކަތްކުރާ މުވައްޒަފަކު އޮފީހަށް ހާޒިރުވަނީ

އޮފީހަަށް ވަންނަ ގޮތަށް ނުކުމެގެން ސަޔަށް: ކުރާ ވަރު ކަމެއްތަ؟

މަސައްކަތުގެ ވަގުތު އެހެން ކަންކަން ކުރާ ނަމަ ވޯކް-ލައިފް ބެލެންސް ހޯދުމަށް ހުރަސްއެޅޭ

އޮފީހަށް ވަދެ ކާޑު ނުވަތަ ފިންގާޕްރިންޓް ޖަހާ ގޮތަށް އެންމެ ފުރަތަމަ ވެސް ސެކްޝަން މީހުންނާ އެކު ކޮފީއެއް ބޯން ނުކުންނަން އަވަސްވެގަންނަނީ ކޮން ބައެއް ހެއްޔެވެ؟ 

ސިވިލް ސާވިސްގައި އާއްމު ކަމަކަށް ވިޔަސް ޕްރައިވެޓް ސެކްޓަރުގައި މި އާދައަށް ގިނަ އޮފީސްތަކުން ހުއްދައެއް ނުދެ އެވެ. އެކަމަކު މިއީ ވެސް އޮފީހަށް ދާ ވަރަށް ގިނަ މީހުންގެ އާދަ އެކެވެ.

އެޗްްއާރު މެނޭޖަރުންނަށް ނުވަތަ އޮފީހުގެ އެޑްމިނިސްޓްރޭޝަނަށް މިއީ މާ ކަމުދާ ކަމަކަށް ނުވެދާނެ އެވެ. ބަނޑުހައިފިލުވުމަކީ ޒަރޫރީ ކަމެއް ކަމުގައިވިޔަސް އޮފީސް ގަޑީގައި މިކަން ކުރުން އެއީ އުފެއްދުންތެރިކަމުން ގެއްލޭ ވަގުތެވެ.

އަނެއް ބަޔަކު ދެކޭ ގޮތުގައި އޮފީހަށް ވަންނަ ގޮތަށް ސަޔަށް ދިއުމަކީ އެކީގައި މަސައްކަތް ކުރާ މުވައްޒަފުންނާ އެކު އެ ދުވަހު ކުރަން ހުރި ކަންކަމާ މެދު މަޝްވަރާކޮށްލައި މަސައްކަތް ރާވާލުމަށް ބޭނުންތެރި ކަމެކެވެ. މަސައްކަތް ލުއިފަސޭހަވެ އެ މީހަކު ކުރަންވީ ކީއްކަންް ވެސް އެނގެ އެވެ.

އެކީގައި މަސައްކަތް ކުރާ މުވައްޒަފުންނާ އެކު އޮފީސް ވަގުތު ކޮފީއަށް ދިއުމަކީ ވަރަށް ގިނަ ބައެއްގެ އާދައެއް

މުވައްޒަފުން އެކުގައި ވަގުތު ހޭދަކުރުމުން އެކަކު އަނެކަކާ އޮންނަ ގުޅުން ބަދަހިވެ އެވެ. އެކީގައި މަސައްކަތް ކުރާ މީހުންގެ ގުޅުން ބަދަހި ނަމަ މަސައްކަތަށް އޭގެ ސަބަބުން ކުރާ ފައިދާތަކެއް ވެސް ހުރެ އެވެ. ޓީމް ވޯކް ރަނގަޅުވެ، މަސައްކަތް ހަލުވިވެ އެވެ. އެކަކު އަނެކެއްގެ ފަރާތުން މަސައްކަތަށް އެހީތެރިކަން ލިބެ އެވެ.

މަސައްކަތުގެ މާހައުލަކީ މީހަކު ހަޔާތުގެ ގިނަ ވަގުތު ހޭދަ ކުރާ ތަނެއް ކަމުން ގާތްކަމާއި ރަހުމަތްތެރިކަން އެ މާހައުލުގައި އޮންނަ ނަމަ މީހާގެ ނަފްސާނީ ހަމަޖެހުން އިތުުރުވެ އެވެ. މިކަން ދިރާސާތަކުން ވަނީ ހޯދިފަ އެވެ.

އޮފީހުގައި އުޅޭ މީހުންނާ އެކު ކޮފީ ބޮއެ ހަދާ އިރު މަސައްކަތުން ކުޑަ ވަގުތުކޮޅަކަށް ލިބޭ ބްރޭކްއަކީ މީހާ މަޑުޖެހިލައި ފުން ނޭވާއެއް ލާން ލިބޭ ވަގުތުކޮޅެކެވެ. މިކަމުގެ ސަބަބުން މީހާގެ ސްޓްރެސް ދަށްކޮށްލުމަށް އެހީތެރިވެދޭނެ އެވެ. 

އޮފީސް ސައި ކޮޓަރި ނުވަތަ މޭޒު ކައިރީ ކޮފީ ބުއިމުގެ ބަދަލުގައި ކެފޭތަކަށް ދިއުމަކީ ބައެއް މީހުންގެ އާދައެއް

މަސައްކަތް ކުރާ ވަގުތު އެެކަމަށް ހުސްވެ ހުރެގެން ކުރުމުން ކުރާ މަސައްކަތުގެ ފެންވަރު ރަނގަޅުވެ އެވެ. ނަމަވެސް ބައެއް މީހުން ހެނދުނު އޮފީހުގައި ގަޑިއެއްހާ އިރު ހޭދަކޮށްފައި އޮފީހުން ބޭރުގައި ސަައި ނުވަތަ ކޮފީ ބޯން ދޮޅު ގަޑިއިރެއްހާ ވަގުތު ދުއްވާލަ އެވެ. 

މާލޭގެ އެކި ސަރަހައްދުތަކުގައި ހުންނަ ކެފޭ، ހޮޓާ އަދި ރެސްޓޯރެންޓްތަކުން ހެނދުނުގެ ވަގުތުތަކުގައި އެކި އޮފީސްތަކުގެ މުވައްޒަފުން ސައި ބުއިމުގައި އުޅޭ މަންޒަރު ފެންނާނެ އެވެ. ވަކިވަކި ސަރަހައްދުތައް އޮންނަނީ ތޮއްޖެހިފަ އެވެ. 

ތޮއްޖެހުން ބޮޑު މާލޭގައި ކެފޭއަކަށް ގޮސް ހިދުމަތް ހޯދުމަކީ މިހާރު އެހާ އަވަހަށް ކުރެވޭނެ ކަމެއް ނޫނެވެ. މަގުމަތި އެހާ ބިޒީ އެވެ. އެއް ތަނުން އަނެއް ތަނަށް ދިޔުމަކީ ވެސް ގެއްލޭ ވަގުތެވެ. މިކަމުގެ ސަބަބުން، ވަޒީފާގައި ކުރާ މަސައްކަތަށް ނުވަތަ ދޭ ހިދުމަތަށް ބުރޫއެރުމަކީ އެކަށީގެންވާ ކަމެކެވެ.

މުވައްޒަފުން ސަޔަށް ދާ އިރު ހިދުމަތަށް ބުރޫނާރާނެ ގޮތް ހަމަޖެއްސުން މުހިއްމު (ދައުރު ފޮޓޯ/އަހްމަދު މިޒްޔާލް)

ތަޖުރިބާކާރުން ބުނާގޮތުގައި ވޯކް-ލައިފް ބެެލެންސަށް އެންމެ ރަނގަޅީ މަސައްކަތް ކުރަން ހަމަޖެހިފައި އޮންނަ ވަގުތު މަސައްކަތުގައި ހޭދަކޮށް، އިތުރު ވަގުތު ކަސްރަތު ކުރުމާއި ރަހުމަތްތެރިންނާއި އާއިލާއާ އެކު ހޭދަކޮށް ހަށިގަނޑަށް ބޭނުންވާ އަރާމާއި ނިދި ހަމައަށް ހޯދުމެވެ.

އޮފީސް ވަގުތު މަސައްކަތް ނޫން އެހެން ކަންކަން ކުރާ ނަމަ ވަގުތުގެ ބޭނުން އެންމެ ފައިދާ ބޮޑު ގޮތުގައި ނުހިފެ އެވެ. މަސައްކަތުގެ ރަސްމީ ގަޑި ނިމުނަސް މަސައްކަތް ނިންމަން އަދި ގެއަށް ނުގޮސް މަޑުކުރަން ޖެހެ އެވެ. އެހެންކަމުން ދިރިއުޅުމާއި މަސައްކަތް ބެލެންސް ކުރުމަށް ހުރަސްއެޅެ އެެވެ.

އޮފީސް ވަގުުތު މަަސައްކަތް ކުރުމުގައި ހޭދަ ކުރާ ނަމަ ވޯކް-ލައިފް ބެލެންސް ހޯދަން ފަސޭހަވޭ. (ފޮޓޯ/ބީއެމްއެލް)

މީގެ އިތުރުން ދިރާސާތައް ބުނާ ގޮތުގައި ފަތިހު ހޭލައިގެން އަމިއްލަ ނަފްސަށް ވަގުތުކޮޅެއް ހޯދުމުގެ ފައިދާ ބޮޑެވެ. މީހާގެ ނަފްސާނީ ހަމަޖެހުމާ މިކަން އޮންނަނީ ގުޅިފަ އެވެ. މިފަހަކަށް އައިސް ފަތިހު ހޭލައިގެން އަމިއްލަ ނަފްސަށް ވަގުތު ހޯދުން އޮތީ ޓްރެންޑަކަށް ވެސް ވެފަ އެވެ. އެހެންކަމުން އޮފީހަށް ވަންނަ ގޮތަށް ނުކުމެގެން ގޮސް ސަޔަށް ވަގުތު ދުއްވާލުމުގެ ބަދަލުގައި މި ގޮތް އާދަކުރުން މާ ބުއްދިވެރި އެވެ.

އޮފީހަށް ދާތާ ގަޑިއެއްހާ އިރު ފަހުން ބޭރަށް ގޮސް ކޮފީއަށް ވަގުތު ހޭދަކުރަން ހެއްޔެވެ؟ ތި އޮފީހުގައި މިކަން ހުއްދަ ހެއްޔެވެ؟ ނުވަތަ ތިއީ ސައި ބޮއެގެން އޮފީހަށް ދާ މީހެއް ހެއްޔެވެ؟

އޮފީހަށް ވަންނަ ގޮތަށް ސަޔަށް ދިޔުމުން ބޮޑީ ފައިދާ ހެއްޔެވެ؟ ނުވަތަ ނަތީޖާއަކީ އުފެއްދުންތެރިކަމަށް ބުރޫއެރުން ހެއްޔެވެ؟

ކޮމެންޓް (11)

ސައިބޯނަން

6 ޖޫން 2023
ރުޅިއަޔަސް ސައިބޯނަން. މުސާރަ ވެސް ދެނީ އިންސާފްވެރިކޮށެއް ނޫން. ކުލި ދައްކާލެވޭވަރު މުސާރަދޭ ނަމަ ދެންރަނގަޅު މިކަހަލަ ވާހަކަ ދައްކަން.
5 0

ތިއްތަ

6 ޖޫން 2023
ތިބުނާ ސައެއް ބޯން ކީއްކުރަން ހަމައަށް ނޭވާލާނެ ފުތުސަތެއްވެސް ޓީޗަރަކަށް ވީޔީ ނުލިބޭ. ރަސްމީ ގަޑިތަކުގެ އިތުރުން ރިލީފް ގަޑިތަކާއި އެކްސްޓްރާ ގަޑި އަދި އިތުރު ހަރަކާތްތަކުގެ ވާހަކަ ހެޔޮ ވާނީ ނުދެއްކިއްޔާ
6 2

ދޮގުހަދާ މުދައްރިސް

6 ޖޫން 2023
@ތިއްތަ ތިޔަ ބުނާހާ ބިޒީކޮށް އުޅެމުން ވެސް މަހަކު 40،000 ރުފިޔާ ލިބޭ ވަރަށް ޓިޔުޝަން ޖައްސާލަން އޮވޭ ވަގުތު.
3 2

ހަސަނަ

7 ޖޫން 2023
@ތިއްތަ މުޅި ދުނިޔޭގައިވެސް އެންމެ ހާލުގަ އުޅޭ ބަޔަކީ ދިވެހި ޓީޗަރުން. އަހަރު ދެކޮޅު މުސާރަ ބޮޑު ކުރިޔަސް ޝަކުވާ ނުހުއްޓޭ ބައެއް.
1 0

އަންހެނާ

8 ޖޫން 2023
@ދޮގުހަދާ މުދައްރިސް އަސްލުވެސް.
0 0

އާމިނަތު

6 ޖޫން 2023
އެއްވެސް މައްސަލައެއް ނޫން، މަސައްކަތް ހިނގާ ކަމަށް ވަންޏާ. މައްސަލައަކީ ބަންދު ދުވަހެއް އަޔަސް މުވައްޒަފުން މެދުގަ މަސްހުނި ކޮށްގެން އަބަދު ކުޅޭ ކުޅިވަރު. ސްޓާފް އިވެންޓްތައް މާގިނައީ.
7 0

އަހަރެން

5 ޖޫން 2023
އޮފިހަކީ ވަގުތެއް ނޫނެވެ. އޮފީހަކީ މަސައްކަތެވެ. މީހަކު ގަޑިއަށް އޮފީހައް ގޮސް، ގަޑިނިމެންދެން ގޮނޑީގައި އިނދެދާނެއެވެ. އެކުރީ މަސައްކަތެއް ނޫނެވެ. ގުޅިލާމެހިފައިވާ ދުނިޔެއެއްގައި މަސައްކަތަކީ ހަމައެކަނި ޑެސްކެއްކާރި އިނުން ކަމުގައި ދެކޭ ބޯދާ ވިސްނުން ބަދަލުކުރަން ވެއްޖެ.
10 0

އެސް ވޯރކާ

5 ޖޫން 2023
ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަންގަ އާންމު ކަމެއްތީ.
3 0

އޭނދަމީހާ

5 ޖޫން 2023
ފިންގާޖެހުމާއެކު ސަޔަށް ސައި ކޮޓަރީ ގައި ތިމާމެން ހިތާނުވާ މީހުންގެ މަސްކޮޅު ކަލާ ހަދައިގެން ސެކްޝަނަށް ދެވޭނީ ދޮޅުގަޑި އިރު ފަހުން އެނެއްކާ މެންދުރު އެނެއް ގަނޑި އިރު ސައި ކޮޓަރގައި... އޮފީސް މަސައްކަތުގެ ރަސްމީބައި ފެށޭނީ މެންދުރު 2 އިން ރޭގަނޑު 7 ނޫނީ 8 އަކަށް
8 0

މަރީ

5 ޖޫން 2023
އޮފީހުގަ ސައިކޮޓަރީގަ ގްރޫޕް ހަދާފަ ގަޑި ދެ ގަޑި އިރުވާ މީހުންވެސް ތިބޭ. އަނެއްކާ މެންދުރުވެސް އެތާ. ދެން އުޅޭނެ ބޮސްއަށް ކައްކާފަ ކާންދޭ ގްރޫޕްވެސް. ހުރިހާ އެންމެންނަކީ އެވަރަށް ލިބޭ މީހުންނެއް ނޫން އަބަދު ސައިގަ އުޅެން.
7 1

ށައި

5 ޖޫން 2023
ސައިނޮބެއި މަސައްކަތް ކުރެވޭތަ؟ ކަލޭމެން ދެން ނުބެހޭކަށް ކަމެއްވެސް ނޯންނަނީޔެ ދޯ!
9 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް