ކްރޭންބެރީ އަކީ ކުޑަކަމުދާ ނިޒާމަށް އާއްމުކޮށް ޖެހޭ ޔޫރިނަރީ ޓްރެކްޓް އިންފެކްޝަނަށް ގުދުރަތީ ފަރުވާއެއް

ސިއްހަތު

ކްރޭންބެރީ އިން ޔޫޓީއައި ރަނގަޅުވާކަން ސައިންސުން ހޯދިއްޖެ

އެ މޭވާއިން ކުޑަކަމުދާ ނިޒާމުގެ އިންފެކްޝަންތައް ފަސޭހަކުރެވޭ ކަމަށް ބުނާ ބުނުމަށް އޮސްޓްރޭލިއާގެ ސައިންސްވެރިންތަކެއްގެ ދިރާސާއިން ހެކި ވަނީ ލިބިފައި

މުހިންމު ނުކުތާތައް

ކްރޭންބެރީއަކީ ޔޫރިނަރީ ޓްރެކްޓް އިންފެކްޝަންތައް ލުއިކޮށްދޭ އެއްޗެއް ކަމަށް ބުނަން ބާރުދޭ އެކަށީގެންވާ ހެކިތަކެއް މީގެ ކުރިން ދެއްކިފައެއް ނުވޭ

ޔޫޓިއައި އިން ރައްކާތެރިވުމަށާއި ފަރުވާއެއްގެ ގޮތުގައި ކްރޭންބެރީ ޖޫހާއި ސަޕްލިމެންޓް ބޭނުންކޮށް އުޅޭ

ދިރާސާ އިން ހާމަވިގޮތުގައި ކްރޭންބެރީ ބޭނުން ކުރާ ނަމަ ތަކުރާރުކޮށް ޔޫޓީއައި ޖެހުމަށް އަންހެނުންނަށް އޮންނަ ހިރާސް ހަތަރުބައިކުޅަ އެއްބައި ކުޑަވޭ

ކްރޭންބެރީއަކީ ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އަށަގަތުން ނުވަތަ ޔޫރިނަރީ ޓްރެކްޓް އިންފެކްޝަން (ޔޫޓީއައި) ފަސޭހަކޮށްދޭ ގުދުރަތީ ފަރުވާއެއް ކަމަށް ޒަމާނުއްސުރެ ބުނެ އުޅެ އެވެ.  ޔޫޓީއައިގެ އަލާމާތްތަކުން އަރައިގަތުމަށް ޖޫހެއްގެ ގޮތުގައި މި މޭވާ ބޭނުން ކުރުމަކީ ވަރަށް ގިނަ މީހުންގެ އާދައެކެވެ. ބައެއް ޑޮކްޓަރުން ލަފާދޭ ވެސް ކަމެކެވެ.

މި މޭވާ އަކީ ހަގީގަތުގައި ވެސް ޔޫޓީއައިއާ ދުރުކޮށްދީ އިންފެކްޝަން ފަސޭހަކޮށްދޭ އެއްޗެއްކަން އޮސްޓްރޭލިއާގެ ސައިންސްވެރިންގެ ދިރާސާއަކުން މިހާރު ވަނީ ހޯދައިފަ އެވެ.

މިއީ އުތުރު އެމެރިކާގައި އުފަންވެގެން އައި މި ކުދިކުދި ބެރީތަކުގައި ޔޫޓީއައި ފަސޭހަކޮށްދޭ މާއްދާތަކެއް އެކުލެވޭކަން ރަނގަޅަށް ހޯދުނު ފުރަތަމަ ފަހަރެވެ.

މީގެ ކުރިން ތަފާތު އެކި ދިރާސާތައް ހެދި ކަމުގައިވިޔަސް ކްރޭންބެރީ އިން ޔޫޓީއައި އަށް ފަރުވާއެއް ލިބޭ ކަމުގެ ހެކިތަކެއް އެކަށީގެންވާ މިންވަރަކަށް ހޯދިފައެއް ނުވެ އެވެ. އެފަދަ 24 ޓްރަޔަލެއް 2012 ވަނަ އަހަރު ކުރިއަށް ގެންދިޔަ އެވެ. އޮސްޓްރޭލިއާގެ އެޑެލައިޑްގައި ހުންނަ ފްލިންޑާސް ޔުނިވާސިޓީ އާއި ދަ ޗިލްޑްރަންސް ހޮސްޕިޓަލް އެޓް ވެސްޓްމީޑް އިން ވަނީ މި ދިރާސާ ކުރިއަށް ގެންގޮސްފަ އެވެ. ކޮކްރެން ރިވިއު ޖާނަލްގައި ޝާއިއުކޮށްފައިވާ ގޮތުން، 8،857 މީހުން ބައިވެރިކޮށްގެން 50 ޓްރަޔަލް ހެދި މި ދިރާސާގެ 20 ޓްރަޔަލެއް ކުރިއަށް ގެންދިޔައީ މިފަހުންނެވެ.

މި ދިރާސާއިން ހޯދުނު ގޮތުގައި ކްރޭންބެރީ ޖޫސް ނުވަތަ ސަޕްލިމެންޓެއްގެ ގޮތުގައި ކްރޭންބެރީ ބޭސް ކާ ނަމަ އަންހެނުންނަށް ތަކުރާރުކޮށް ޔޫޓީއައި ޖެހުމުގެ ހިރާސް ހަތަރުބައިކުޅަ އެއްބައި ކުޑަވެ އެވެ. އަދި ކުޑަކުދިންނަށް މި ހިރާސް ދެބައިކުޅަ އެއްބައި ކުޑަވެ އެވެ. މީގެ އިތުރުން، ސިއްހީ ފަރުވާއެއްގެ ސަަބަބުން ޔޫޓީއައިއަށް ހުށަހެޅުމުގެ ހިރާސް ދެބައިކުޅަ އެއްބައި ދަށަށް ދެ އެވެ.

މި ދިރާސާ ހެދުމުގައި އިސްކޮށް މަސައްކަތް ކުރެއްވި އެއް ޑޮކްޓަރު ގެބްރިއަލް ވިލިއަމްސް ވިދާޅުވެފައިވަނީ ކްރޭންބެރީ ހިމެނޭ ބާވާތްތައް ބޭނުން ކުރުމުން ބައެއް އަންހެނުންނަށް ޔޫޓީއައި ޖެހުމުގެ ނުރައްކާ ކުޑަވާ ކަމުގަ އެވެ.

ދިރާސާގައި ބައިވެރިވި އެކަކު ބުނެފައިވާ ގޮތުގައި އޭނާގެ މަންމަ އަކީ 1973 އިން ފެށިގެން ޔޫޓީއައިގެ ފަރުވާއެއްގެ ގޮތުގައި ކްރޭންބެރީ ބޭނުން ކުރާ މީހެކެވެ. ފުރަތަމަ ޖޫހުގެ ގޮތުގަ އެވެ. ފަހުން ކެޕްސޫލް ތައާރަފުވުމުން ފަސޭހައިން ދިރުވާލެވޭ ބޭސް ގުޅައެއްގެ ގޮތުގަ އެވެ. ކެޕްސޫލް ކެއުން ހުއްޓާލުމުން، އަލާމާތްތައް ފެނިފައިވާ ކަމުގައި އޭނާ ރިޕޯޓްކޮށްފައިވެ އެވެ.

މި ބެރީއިން އެކި ކަހަލަ ސަަޕްލިމެންޓްތައް އުފައްދައިގެން ވިއްކާތާ މިހާރު ދުވަސްވެއްޖެ އެވެ. އެފަދަ ތަކެތި އުފައްދާ މީހުން ކުރިންސުރެ އައީ މި ބާވަތްތައް ބޭނުން ކުރުމުން ކުޑަކަމުދާ ނިޒާމަށް ފައިދާ ކުރާ ކަމަށް ބުނަމުންނެވެ. އާ ދިރާސާ އިން މިކަމަށް ބާރު ދެ އެވެ. ހާއްސަަކޮށް، ކްރޭންބެރީ ބޭނުން ކުރުމުން ސައިޑް އިފެކްޓްތައް މަދުކަން ދިރާާސާގައި ފާހަގަކޮށްފައިވެ އެވެ. ސައިޑް އިފެކްޓެއްގެ ގޮތުގައި ހަމައެކަނި ރިޕޯޓްކޮށްފައިވަނީ ބަނޑުގައި ރިއްސުމެވެ.

މި ދިރާސާގެ ނަތީޖާއާ އެކު ރިސާޗަރުން މިހާރު ބޭނުންވަނީ ޔޫޓީއައި ޖެހޭ އަންހެނުންގެ ތެރެއިން ކްރޭންބެރީގެ ފައިދާ އެންމެ ބޮޑީ ކޮން ކެޓަގަރީއެއްގެ ބަޔަކަށްތޯ ދެނެގަތުމަށް އިތުރު ދިރާސާތައް ކުރިއަށް ގެންދިއުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް