ޑޯޖާ ކެޓް މެޓް ގާލާ އިވެންޓުގައި

ފެޝަން

މެޓް ގާލާގައި ތަރިންގެ ފެޝަން އެންމެން ކޮސްކޮށްލައިފި

އޭން ހެތަވޭގެ ރީތި ހެދުމާއި ޖެރެޑް ލެޓޯ އާއި ޑޯޖާ ކެޓްގެ އާދަޔާހިލާފު ބުޅާ ކޮސްޓިއުމް ވަކިން ބޮޑަށް ފާހަގަކުރެވުނު

ފެޝަންގެ އެންމެ ބޮޑު އިވެންޓު މެޓް ގާލާ އަކީ ނިއު ޔޯކް ސިޓީގެ މެޓްރޮޕޮލިޓަން މިއުޒިއަމް އޮފް އާޓްގެ ފަންޑްރެއިޒިން އިވެންޓެކެވެ. މި ހަރަކާތުގައި ތަރިންނާއި ޒުވާން ފަންނުވެރިން އަދި އިންޑަސްޓްރީތަކަށް އިންގިލާބީ ބަދަލުތައް ގެނައި މީހުންނަށް މަރުހަބާ ކިޔަ އެވެ.

މެޓްރޮޕޮލިޓަން މިއުޒިއަމް އޮފް އާޓް ކޮސްޓިއުމް އިންސްޓިޓިއުޓްގައި ގަވައިދުން ބައިވެރިވި ފެޝަން ޑިޒައިނާ ކާލް ލަގަފެލްޑްގެ (1933-2019) އަގު ވަޒަންކުރުމުގެ ގޮތުން މި އަހަރުގެ މެޓް ގާލާ ތީމަކީ 'ކާލް ލަގަފެލްޑް: އަ ލައިން އޮފް ބިއުޓީ' އެވެ. 

ލަގަފެލްޑްގެ ފަންނުވެރިކަމާއި އުފެއްދުންތެރިކަމާއި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަމުގެ މުހިންމު ބައެއް ތަޖުރިބާކުރުމަށް މިދިޔަ ހޯމަ ދުވަހުގެ ރޭގެ މެޓް ގާލާގައި ފުރުސަތު ހުޅުވާލި އެވެ. ލަގަފެލްޑްގެ އަމިއްލަ ސްޓައިލްގެ އިތުރުން އޭނާ ބޮޑެތި ފެޝަން ހައުސްތަކަށް ފަރުމާކޮށްފައިވާ ހެދުންތަކުން ހިޔާލު ހޯދައިގެން އަމިއްލަ ސްޓައިލެއް ދައްކާލަން ސެލެބްރިޓީއިން ތައްޔާރުވި އެވެ. ރިއާނާ، ނިކޯލް ކިޑްމަން، ބިލީ އައިލިޝް އަދި ދުއާ ލިޕާ ފަދަ މަގުބޫލު ސެލެބްރިޓީއިން އެ ހަފްލާގެ ހުދު ކާޕެޓް މަތިން ފެނުނެވެ.

އެންމެ ރީތި ހެދުން ލައިގެން ތިބި ސެލެބްރިޓީއިންގެ ލިސްޓުގައި ހިމެނެނީ ސިގްނޭޗާ ލަގަފެލްޑް ޑިޒައިންތަކަށް އިހުތިރާމް ކުރާ ގޮތަށް ހެދުން ސްޓައިލް ކުރި މީހުންނެވެ. އެއީ އޭނާގެ ކަލެކްޝަންތަކުން ތަކުރާރުކޮށް ފެންނަ މުތް (ޕާލްސް) އަދި ޓްވީޑް ބޭނުންކުރުން ކަމުގައި ވިޔަސް، ނުވަތަ ލަގަފެލްޑްގެ އަމިއްލަ ސްޓައިލަށް ނިސްބަތްވާ ކަޅު ޓައި، ހުދު ގަމީސް އަދި ބްލޭޒާގެ ޒަރިއްޔާއިން ކަމަށް ވިޔަސް މެ އެވެ. 

ޑިޒައިނާ ކާލް ލަގަފެލްޑް އޭނާ އެންމެ ލޯބިވާ ބުޅާ ޝޫޕެޓްއާ އެކު މަސައްކަތުގައި

އެންމެ ރީތި ހެދުން އެޅި ސެލެބްރިޓީއިންގެ ލިސްޓު މިފަހަރު ދިގުކަން ފާހަގަ ކުރެވެ އެވެ. ފާއިތުވި އަހަރުތަކުގެ މެޓް ގާލާ އިވެންޓުން ވަރަށް އާދަޔާހިލާފު ހުތުރު ހެދުން ފެނުނެވެ. އެކަމަކު މި އަހަރުގެ ގިނަ ބައިވެރިން ވަނީ ކާލް ލަގަފެލްޑްގެ ސްޓައިލުން ހިޔާލު ހޯދައިގެން ވަރަށް ފުރިހަމަ އަދި ކްލެސިކް ލުކްސް ދައްކާލައިފަ އެވެ.

މި އިވެންޓުން ގިނައިން ފެނުނީ ކަޅާއި ހުދު ގުޅުވާލައިގެން ސްޓައިލު ކޮށްފައި ހުރި ލުކްސް އެވެ. ރީތި ހެދުންތަކުގެ ލިސްޓާ އެކު އެންމެ ހުތުރު ހެދުންތަކުގެ ލިސްޓަކާއި ފާހަގަ ކޮށްލެވޭ އެހެނިހެން ބައެއް ހެދުންތައް ވެސް ހިމަނާލާނަމެވެ.

އެންމެ ރީތި

މި ލިސްޓުން އެއްވަނަ ހައްގުވަނީ އެކްޓްރެސް އޭން ހެތަވޭ އަށެވެ. އޭނަ ލައިގެން ހުރީ ހުދު ކުލައިގެ ޓްވީޑް ފޮތިން ފަރުމާކޮށްފައިވާ ދިގު ހެދުމެކެވެ. އެ ހެދުމުގެ ވަކި ތަންތަނަކުން ވަނީ ކަޓް އައުޓް ކޮށްފަ އެވެ. ރަން އަދި މުތް ބޭނުންކޮށްފައި ހުރި ދަތި ހަރުކޮށްފަ އެވެ.

މި ހެދުން ފަރުމާކޮށްފައިވަނީ ސެލެބްރިޓީއިންގެ ހެދުން ފަރުމާކުރާ ވަސަޗޭ ބްރޭންޑުންނެވެ. އޭންއާ އެކު ވަސަޗޭގެ ޑިޒައިނަރު ޑޮނަޓެއްލާ ހުއްޓެވެ. މި ހެދުމުގައިވާ ދަތި އަދި ހެދުމުގެ ސިލުވޭޓް އަކީ ވަސަޗޭއަށް ނިސްބަތްވާ ސިގްނެޗާ ވައްޓަފާޅިތަކެވެ. އެކަމަކު ބޭނުންކޮށްފައިވާ ޓްވީޑް ފޮތި، މުތް، ކެމިއްލިއަ މޯޓިފް އަދި 90ގެ ޝެނެލް ޝޯއެއްގައި ބޭނުންކުރި ބޮލުގައި ޖަހާ އެއްޗަކީ ލަގަފެލްޑްގެ ފަންނުވެރިކަމަށް ކުރި އިހުތިރާމެކެވެ.

މި ލުކްގެ ފަހަތުގައިވާ ސްޓައިލިސްޓަކީ އެރިން ވޮލްޝް އެވެ. އޭންގެ މި ހެދުމަކީ ވަސަޗޭ އާއި ލަގަފެލްޑްގެ ވައްޓަފާޅި ލާމެހިގެން ނުކުތް 'ސާޓޯރިއަލް މާސްޓާޕީސް' އެކެވެ.

އޭން ހެތަވޭ މެޓް ގާލާގައި

ތިމާވެއްޓަށް ރައްކާތެރި އުސޫލުތަކަށް ތަބާވެގެން ބޮޑު ހަފްލާއަކަށް ތައްޔާރު ވެވިދާނެކަން ދައްކާދިނީ އެކްޓްރެސް ނިކޯލް ކިޑްމަން އެވެ. ގާލާ ނައިޓަށް ނިކޯލް ލައިގެން ހުރީ މަޑު ޕީޗު ކުލައެއްގެ ދިގު ހެދުމެކެވެ. އެއީ އޭނާ 2004 ގައި 'ޝެނެލް ނަމްބާ 5' ސެންޓުފުޅީގެ އިޝްތިހާރެއް ކުޅެން ލީ ހެދުމެވެ. އިޝްތިހާރަށް ހާއްސަކޮށް އެ ހެދުން ފަރުމާކުރީ ކާލް ލަގަފެލްޑް އެވެ. އެތައް އަހަރުތަކެއް ފަހުން ވެސް އެ ހެދުމުގެ ނަލަ، ކްލެސިކް ސްޓައިލު ވަރަށް ހިތްގައިމުކޮށް ފެނުނެވެ.

ނިކޯލް ކިޑްމަން

ރީތީގެ ރާނީ އަދި ސުޕަމޮޑެލް އަނޮކް ޔައިގެ ހިތްގައިމު ލުކްއަށް ވަނީ ގިނަ ބައެއްގެ ސަމާލުކަން ލިބިފަ އެވެ. އޭނާ ލައިގެން ހުރީ ރަން އަދި ރިހި ކުލައިގެ ހެދުމެކެވެ. އެއީ ނޭޕާލްއަށް ނިސްބަތްވާ ޑިޒައިނަރު ޕްރަބާލް ގުރުންގްގެ ޑިޒައިނެކެވެ. އަނޮކް މި ހެދުމުގައި ހީވަނީ ހިޔާލީ ވާހަކައަކުން ނުކުތް ޕަރީއެއް ހެނެވެ.

ސުޕަ މޮޑެލް އަނޮކް ޔައި

އެކި ޒާތުގެ ވިންޓޭޖު ޑިޒައިނާ ހެދުންތައް އިވެންޓުން ފެނުނެވެ. އެގޮތުން ދުއާ ލިޕާގެ ސާދާ ހުދު ހެދުމަކީ 1992ގައި ޝެނަލްގައި ލަގަފެލްޑް ޑިޒައިނަރެއްގެ ގޮތުގައި މަސައްކަތް ކުރިއިރު ފަރުމާކުރި ހެދުމެކެވެ. 

އެކްޓްރެސް އަދި މޮޑެލް އޭޝްލީ ގްރެހެމް ލައިގެން ހުރީ 1988ގައި ލަގަފެލްޑް ޝެނަލްއަށް ފަރުމާކޮށްދިން ފިޔާތޮށި އަދި ކަޅު ކުލައިގެ ހެދުމެކެވެ. ފަހުގެ 'ބާބީ' ފިލްމުގެ ތަރި މާގޯ ރޮބީ ލައިގެން ހުރި ކަޅު ޒަމާނީ ހެދުމަކީ 1993 ވަނަ އަހަރު ލަގަފެލްޑް ޝެނަލްއަށް ފަރުމާކޮށްދިން ހެދުމެކެވެ.

ދުއާ ލިޕާ
މާގޯ ރޮބީ
އޭޝްލީ ގްރެހަމް

ރީތީގެ ލިސްޓުގައި ހިމެނެނީ ހަމައެކަނި އަންހެން ތަރިންނެއް ނޫނެވެ. މަގުބޫލު ފިރިހެން ސެލެބްރިޓީއިން ވެސް މި އަހަރު ހިތްގައިމު އަދި ކްލެސިކް ސްޓައިލްތަކެއްގައި ފެނުނެވެ. ލަވަކިއުންތެރިއާ އަޝާ ވަނީ ވަރަށް ނަލަ އެކަމަކު އިވެންޓުގެ ތީމް ގުޅޭ ލުކްއެއް ދައްކާލައިފަ އެވެ. ކަޅު ސޫޓު ފަޓުލޫނަކާ އެކު، ކަޅު ލެދާ އަންގި އަދި އަވި އައިނެއް ގުޅުވައިފައި ހުއްޓެވެ. ޓައީގެ ބަދަލުގައި ބްރޫޗް، ބޮޑު އެއް އަނގޮޓި އަދި ބޫޓުގައި ގަހަނާގެ ޑީޓެއިލް ގެންގުޅުނެވެ.

އަޝާ

މަޝްހޫރު ޑިރެކްޓަރު އަދި ލަވަކިއުންތެރިއާ ރީޓާ އޯރާގެ ބައިވެރިއާ ޓައިކީ ވަޓީޓީ ލައިގެން ހުރީ ވަރަށް ޒަމާނީ ހެދުމެކެވެ. މަޑު އަޅި ކުލައިގެ ދިގު ކޯޓަކާ އެކު މުތް ފަށަކާއި ކަޅު ކެމިއްލިއާ މަލެއް ގިރުވާނު ކައިރީގައި ހަރުކޮށްފައި ވެ އެވެ.

ޓައިކި ވަޓީޓީ

ޝޫޕެޓްގެ ހަނދާނުގައި ޑޯޖާ ކެޓް އަދި ޖެރެޑް ލެޓޯ

ޝޫޕެޓް އަކީ ފެޝަން ދުނިޔޭގެ އެންމެ މަގުބޫލު އެއް ބުޅަލެވެ. އެއީ ކާލް ލަގަފެލްޑް ވަރަށް ލޯބިން ގެންގުޅުނު ބުޅަލެކެވެ. އަދި ލަގަފެލްޑްއާ ގާތްކޮށް، އޭނާގެ މަސައްކަތުގައި ވެސް ބައިވެރިވެގެން އުޅުނު ބުޅަލެކެވެ. ލަގަފެލްޑް މަރުވުމުން އޭނާގެ މުދަލުގެ ބައެއް އެ ބުޅަލަށް ވެސް ލިބުނެވެ. 

ޑޯޖާ ކެޓް

މި އަހަރުގެ މެޓް ގާލާގެ 'އިންޓަނެޓް-ބްރޭކިން' ހިނދުކޮޅަކަށްވީ ލަވަކިއުންތެރިއާ ޑޯޖާ ކެޓްގެ ލުކް އެވެ. ރިހި ދިގު ގައުނެއް ލައިގެން ހުރި އިރު، ބޮލުގައި ބުޅަލެކޭ އެއްގޮތަށް ކަންފަތް ޖަހާފަ ހުއްޓެވެ. މޫނު ވެސް ހުރީ ޕްރޮސްތެޓިކްސް ބޭނުންކޮށްގެން ބުޅަލެއްގެ ސިފަ ގެނެސްފަ އެވެ. މިއީ ޑޯޖާ ކެޓްއަށް އެންމެ އެކަށީގެންވާ ލުކްއޭ ބުނެވިދާނެ އެވެ. 

އޭނާގެ ހެދުން ތައްޔާރު ކުރަން ފެށީ މީގެ ހަ މަސް ކުރިން ކަމަށް ޑޯޖާގެ ސްޓައިލިސްޓު ބްރެޓް އެލަން ނެލްސަން ކިޔާދިނެވެ. އަދި އިވެންޓުގައި ޑޯޖާ ބުޅަލެއް ގޮތަށް ގޮވައި އިންޓަވިއުތަކުގައި ވެސް "މިއާއު" ނޫން ބަހެއް ބުނެފައިވަނީ މަދު ފަހަރަކު އެވެ. 

ޖެރެޑް ލެޓޯ

ޑޯޖާ ކެޓްއާ ވާދަ ކުރަން ނުކުތް އަނެއް ބުޅަލަކީ ޖެރެޑް ލެޓޯގެ ޝޫޕެޓް ކޮސްޓިއުމެވެ. ހުދު ދޫލަ މަތީގައި މި ދެ ބުޅާ ކޯޅެން ނުފެށިކަން ނަސީބެކެވެ. މެޓް ގާލާގެ ދޫލަ މައްޗަށް އެރި ބޮޑު ހުދު ބުޅާ އެންމެންގެ ސަމާލުކަން ހޯދި އެވެ. ޖެރެޑް ކަން އެނގުނީ ވެސް މޫނުމަތީ އޮތް ބުޅާ ބޯ ނެގުމުންނެވެ. އެކްޓަރު ޖެރެޑް އަކީ މިހާރު މެޓް ގާލާގެ އިވެންޓުތަކުން ގިނައިން ފެންނަ މަގުބޫލު ތަރި އެކެވެ. މީގެ ކުރިން ވެސް އޭނާ ވަނީ މިފަދަ ތަފާތު ސްޓަންޓުތައް ޖައްސާފަ އެވެ.

އެންމެ ހުތުރު

މި ލިސްޓުގެ އެއްވަނަ ހައްގުވަނީ ލަވަކިއުންތެރިއާ ލިލް ނާސް އެކްސް އަށެވެ. ބޮލުން ފެށިގެން ފަޔާ ހަމައަށް އޭނާ ހުރީ ރިހި ކުލައިގަ އެވެ. އަދި މޫނުގައި އެކި ޒާތުގެ ބޮޑު މިނާ އަދި އޭތި މީތި ހަރުކޮށްފައި ހުރި އިރު ތަނެއް ދޮރެއް ވަކި ކުރާކަށް ނޭނގެ އެވެ. ހީވަނީ ޝަނޮބިލް ނިއުކްލިއާ ކާރިސާގެ ސަބަބުން އުފެދުނު، ޒާތެއްގެ ވިދާ ޖަނަވާރެއް ހެނެވެ. ލިލް ނާސް ބުނިގޮތުގައި މިއީ ޝޫޕެޓްގެ ހަނދާނުގައި ފަރުމާކޮށްފައިވާ ލުކް އެކެވެ. އެކަމަކު ކުށެއް ނެތް ބުޅަލަކަށް އެ ވަރުގެ ބޮޑު ދެރައެއް ދޭން ހެޔޮވާނެ ހެއްޔެވެ؟

ލިލް ނާސް އެކްސް

އެކްޓްރެސް، މޮޑެލް އަދި ހޯސްޓް އެލެކްސާ ޗަންގް އަކީ ރަތް ދޫލަ މައްޗަށް އާ މޫނެއް ނޫނެވެ. އެލެކްސާ މަޝްހޫރު ވެފައިވަނީ އޭނާގެ 'ފްރެންޗް މިނިމަލް' ސްޓައިލްއަށެވެ. އެކަމަކު މެޓް ގާލާގެ ބޮޑު ހަފްލާއަށް އޭނާ ލައިގެން ހުރި ހުދު ކުލައިގެ ހެދުން ހީވަނީ ބޮޑު ނެޕީއެއް ގައިގައި އައްސާފައި އޮތް ހެނެވެ. އެލެކްސާގެ އަމިއްލަ ސްޓައިލް ވެސް މި ހެދުމަކުން ނުފެނެ އެވެ. އަދި މެޓް ގާލާގެ ހާއްސަ ތީމްއާ ގުޅޭ އެއްވެސް ސިފައެއް ވެސް ނެތެވެ.

އެލެކްސާ ޗަންގް

އިންސްޓަގްރާމްގެ ފެޝަން ޕާޓްނާޝިޕްސްގެ ޑިރެކްޓަރު އީވާ ޗެން އަކީ ފެޝަން ދާއިރާ އަދި ޑިޒައިނަރުން ރަނގަޅަށް ދަންނަ މީހެކެވެ. އެކަމަކު މި ބޮޑު ހަފްލާއަށް އޭނާ ލައިގެން ދިޔައީ މީހަކު ކޮސްވެދާނެހާ ހުތުރު ހެދުމެކެވެ.

އޭނާ ލައިގެން ހުރީ ކާލް ލަގަފެލްޑް މަސައްކަތް ކުރި ފެޝަން ހައުސް ފެންޑީގެ ހެދުމެކެވެ. އެކަމަކު އީވާ މި ހެދުން ލައިގެން ހުރި އިރު ހީވަނީ މިންޓު ކުލައިގެ ބަބްލްގަމުގަނޑެއްގައި ތަތްލަވާފައި އޮތް ފޮއިލްކޮޅެއް ހެނެވެ. އޭނާގެ މިންޓު ކުލައިގެ ލެދާ އަންގި މި ހެދުމާ އެކު ނުލި ނަމަ ފަހަރެއްގައި މިހާ ހުތުރު ނުވީހެވެ.

އީވާ ޗެން

މަޝްހޫރު އެކްޓްރެސް އެމޭންޑާ ސީފްރިޑް އަކީ ވެސް މި އަހަރުގެ މެޓް ގާލާގެ މެހުމާނެކެވެ. އެކަމަކު މިކަހަލަ ހާއްސަ ދައުވަތަކަށް އޭނާ ލައިގެން ހުރީ ވަރަށް ތާކުންތާކުނުޖެހޭ ހެދުމެކެވެ. އެއީ މަގުބޫލު ބްރޭންޑު އޮސްކާ ޑި ލަ ރެންޓާގެ ހެދުމަކަށް ވިއަސް މި މުނާސަބަތަށް އޭނަ ހެދުމާ އެކު މުޅި ސިފަ ސްޓައިލު ކޮށްފައި ހުރީ ހުތުރު ކޮށެވެ. މުޅި ލުކްއިން ބައެއް މަދުހެން ހީވެ އެވެ. އަދި އިސްތަަށިގަނޑު ބޮޑުކޮށް ހާމުންޑިއެއްހެން ސްޓައިލު ކޮށްފައި، މޭކަޕް ކޮށްފައި ހުރީ މާ ގަދަ ކުލަތަކަކުންނެވެ.

އެމޭންޑާ ސީފްރިޑް

ފިރިހެން ސުޕަ މޮޑެލް އަލްޓޮން މޭސަން ލަގަފެލްޑްގެ ބްރައިޑަލް ޑިޒައިން ކޮންސެޕްޓު ބޭނުންކުރީ ވަކި ހައްދަކަށް ބަލާފައެއް ނޫނެވެ. ރީތި ސްޓައިލެއް ނެރެން ފުރުސަތު އޮއްވާ އަލްޓޮން ބޭނުންވީ ބޮޑު ޖޯކެއް ގޮތަށް ފެންނާށެވެ. ހުދު ވެއިލްއަކާ އެކު ހުދު ސްޓޮކިންސް އަދި މިނަށްވުރެ ބޮޑު ބޫޓަކަށް އަރައިގެން މެޓް ގާލާގެ ހުދު ދޫލަ މައްޗަށް ފާޅުވި އިރު އޭނަ ހީވަނީ ފިޔަ ނޮޅާފައި އިން ދޫންޏެއްގައި ހެދުން ލައްވާފައި ހުރި ހެނެވެ. 

އަލްޓޮން މޭސަން

މެޓް ގާލާގެ މި ހާއްސަ ރެއަކީ ކާލް ލަގަފެލްޑްއާ ބެހޭގޮތުން ގެނެސްދޭ ބޮޑު މައުރަޒެއްގެ ވެސް ފެށުމެވެ. މެޓްއިން ހުށަހަޅައިދޭ 'ކާލް ލަގަފެލްޑް: އަ ލައިން އޮފް ބިއުޓީ' މައުރަޒުގައި، ކާލް ކުރަހައިފައިވާ ފެޝަން ސްކެޗްތަކާއި އޭނާ އެކި ފެޝަން ހައުސްތަކަށް ޑިޒައިން ކޮށްދިން ހެދުންތައް ދައްކާލާނެ އެވެ. މިއަދުން ފެށިގެން ޖުލައި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އެ މައުރަޒު އާއްމުކޮށް ވަނީ ހުޅުވާލައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް