ކައިވެނިން ބޭރުން އެހެން މީހުންނާ ގުޅުން ހިންގުމަށް މެދުވެރިވާ ބައިވަރު ސަބަބު ހުރޭ

ލޯބި

ކައިވެނިކޮށްގެން ހުރެ އެހެން މީހަކާ ގުޅެން މަގުފަހިވަނީ ކީއްވެ؟

ބައިވެރިޔާގެ ބޭނުންތަކާއި އެދުންތައް ފުއްދައިދިނުމުގައި މައްސަލަތަކެއް އުޅޭ ނަމަ ބޭވަފާތެރިވާން މެދުވެރިވޭ

މުހިންމު ނުކުތާތައް

ކައިވެނިން ބޭރުން އެހެން މީހަކާ ގުޅުމެއް އަންހެނުންނަށް ވުރެ ފިރިހެނުން ބޭއްވުން ގާތް

ބައެއް މީހުން އެހެން މީހަކާ ގުޅުން ބާއްވަނީ ކައިވެންޏަށް ނިމުމެއް ގެނައުމުގެ ބޭނުމުގައި

ބޭވަފާތެރިވެއްޖެ ނަމަ އޭގެ ފުރިހަމަ ޒިންމާ ނަގަންވާނީ އެކަން ކުރި މީހާ

ކައިވެނިން ބޭރުން އެހެން މީހާކާ އެކު ގުޅުމެއް ބޭއްވުމަށް މެދުވެރިވަނީ ކީއްވެގެން ހެއްޔެވެ؟ ތަފާތު ގިނަ ކަންކަމާއި ސަބަބުތަކާ ހެދި ބައިވެރިޔާ އެހެން މީހަކާ އެކީ ގުޅުމެއް ބާއްވާކަން ހާމަވެދާނެ އެވެ.

ގާތްގަނޑަކަށް 500 މީހުން ބައިވެރިވި ދިރާސާއަކުން ދެއްކި ގޮތުގައި ބައިވެރިޔާ އެހެން މީހާކާ ގުޅުމެއް ބޭއްވުމަށް މެދުވެރިވާ މައިގަނޑު އަށް ސަބަބަކީ ރުޅިވެރިކަން، އަމިއްލަ ނަފްސަށް އިހްތިރާމް ކުޑަވުން، ލޯތްބާއި އަޅާލުން ނެތުން، ގުޅުމަށް ހުސްވެގެން ނެތުން، ތަފާތެއް ބޭނުންވުން، އިހުމާލުވުން، ޖިންސީ އެދުންވެރިކަން ނުފުދުން އަދި ހާލަތެވެ.

ބޭވަފާތެރިވުމުގެ ޒިންމާ ނަގަންޖެހެނީ އެކަން ކުރި މީހެއް

ބައިވެރިޔާ އެހެން މީހަކާ ގުޅުމެއް ބާއްވާ ނަމަ އެކަމުގެ ޒިންމާ ނަގަންޖެހެނީ ތިމާ ނޫންކަން ދަންނަންވާނެ އެވެ. ޒިންމާ ނަގަންވާނީ ބޭވަފާތެރިވާ ބައިވެރިޔާ އެވެ.

އަނބިމީހާ ނުވަތަ ފިރިމީހާގެ ސަމާލުކަން ހޯދުމަށް، ނުވަތަ ވަކިވުމަށް ބޭނުންވެގެން އަދި ބައިވެރިޔާގެ ކިބައިން ބަދަލުހިފުމުގެ ރޫހުގައި ކަމަށްވީ ނަމަވެސް، ބޭވަފާތެރިވުމުގެ ޒިންމާ ނަގަންވަނީ ވަފާތެރިނުވީ މީހެކެވެ. 

ގިނަ ފަހަރަށް ބޭވަފާތެރިވަނީ ފިރިހެނުން

އެމެރިކާގައި ހެދި ދިރާސާއެއް ބުނާ ގޮތުގައި، ކައިވެނިން ބޭރުން އަންހެނުންނަށް ވުރެ ގިނައިން އެހެން މީހަކާ ގުޅުން ހިންގުން ގާތީ ފިރިހެނުންނެވެ. އެމީހުން ބޭނުންވަނީ ބޮޑަށް ޖިންސީ އެދުން ފުއްދުމާއި ސަމާލުކަމެވެ.

ފިރިހެނުން ލޯބިވާކަން ބުނެދެނީ އަދި ލޯބި ފާޅުކުރަނީ ޖިސްމާނީ ގޮތަކަށެވެ. އެމީހުންނަށް އެމީހުންގެ އިހްސާސްތައް އަންހެނުން ގާތުގައި ބުނާކަށް ފަސޭހައެއް ނޫނެވެ. އެހެންކަމުން ޖިންސީ ގުޅުމަކީ ގާތްކަމާއި ގުޅުމުގެ މުހިއްމު ބައެކެވެ.

ދެ ޖިންސަށް ބަލާއިރު ކައިވެނިން ބޭރުން ގުޅުން ހިންގާ ސަބަބުތައް ތަފާތު އަދި ދިރާސާއިން ދައްކާގޮތުގައި ފިރިހެނުން މިފަދަ ގުޅުންތައް ބޭއްވުމުގެ ފުުރުސަތު ބޮޑު

ފިރިހެނުންނަށް އެމީހުންގެ ޖިންސީ އެދުންވެރިކަން ހާސިލް ނުވާ ނަމަ، (މިސާލަކަށް އަންހެންމީހާ އެދުން ފުއްދާދިނުމަށް ތަކުރާރުކޮށް އިންކާރުކުރާ ނަމަ) އެމީހުން ވަރަށް ބޮޑަށް އެކަން ހިތުގައިއަޅަ އެވެ. އެމީހުންނަށް ލޯބި ނުލިބޭ ކަމުގެ އިހްސާސް ކުރެވެ އެވެ. ފިރިހެނުންނަށް އިންސެކިއުރިޓީ ނުވަތަ ނުތަނަވަސްކަން ތަޖުރިބާ ކުރުވުމުން އެހެން މީހަކާ އެކު ގުޅުން ހިންގުމުގެ ފުރުސަތު ބޮޑެވެ.

އަންހެނުން އާއްމުކޮށް ވަފާތެރިނުވަނީ ބައިވެރިޔާއާ އެކު އޮންނަ ގުޅުމުގައި ހުސްކަމެއް އޮތް ކަމަށް އިހްސާސް ކުރެވޭތީ އެވެ. ބައިވެރިޔާ އެމީހުންގެ އިހްސާސްތައް ނުދަންނަ ކަމުގެ އިހްސާސް އަންހެނުންނަށް ކުރެވޭ ނަމަ ދެ މީހުންގެ ދެމެދުގައި ގާތްކަމެއް ނޯވެ އެވެ. އަދި ކައިވެނީގައި އޮންނަ ޖަޒުބާތީ ހުސްކަމުގެ ސަބަބުން އެހެން މީހަކާ ގުޅުމަށް ބޭނުންވެ އެވެ.

ސަބަބަކީ، ފިރިމީހާއާ އެކު އޮންނަ ގުޅުމުގައި އެއްވެސް ގާތްކަމެއް އަދި ލޯތްބެއް ނެތް ކަމުގެ އިހްސާސް ކުރެވުމެވެ. އަންހެންމީހާ އަށް އޭނާ ބަލައިގަނެ، ބޭނުންވާ ކަމުގެ އިހްސާސް ކުރެވެން ޖެހެ އެވެ. އެހެން ނޫން ނަމަ އެހެން މީހަކާ ގުޅުމަށް މަގުފަހިވެ އެވެ.

އަގުވަޒަން ކުރާކަމުގެ އިހްސާސް ކުރެވުން އަންހެނުންނަށް މުހިއްމު

އެހެން މީހަކާ ގުޅުމުގެ ފެށުމަކަށް ވަނީ ބަލައިނުގަނެ، ބައިވެރިޔާ އިހުމާލުވާ ކަމުގެ އިހްސާސްތަކުގެ ސަބަބުން އެހެން މީހާކާ އެ ގާތްކަން ބޭއްވުމެވެ. ގިނަ ފަހަރަށް އަންހެނުން ބޭވަފާތެރިވަނީ ކައިވެނި ނިމުމަކަށް ގެެނައުމުގެ ބޭނުމުގަ އެވެ. 

މި ހުރިހާ ކަމަކާ އެކު ވެސް، ޖިންސީ އެދުންވެރިކަން ފުއްދުމުގެ ބޭނުމުގައި ފިރިހެނުން އަދި އަންހެނުން ވެސް އެހެން މީހުންނާ ގުޅެ އެވެ. މީގެ އިތުރުން ބައިވެރިޔާ ދެކެ ފޫހިވުމަކީ ދެ ޖިންސުގެ މީހުން ވެސް ބޭވަފާތެރިވުމަށް މެދުވެރިވާ ސަބަބަކެވެ.

ވަކިވަކިި ހިރާސްތައް

ކައިވެނިން އަދި ބައިވެރިޔާގެ ކިބައިން ވަކި ކަހަލަ ކަންތައްތަކެއް ފެންނަ ނަމަ އެހެން މީހަކާ ގުޅުމުގެ ފުރުސަތު ބޮޑުވެ އެވެ.

ބައިވެރިޔާގެ ކިބައިގައި ހުންނަ ކަންކަމުގެ ސަބަބުން އެހެން މީހަކާ ގުޅުމެއް ބޭއްވުމުގެ ފުރުސަތު ބޮޑުވޭ

ބޭވަފާތެރިވެ ކައިވެނި ރޫޅުމަށް މެދުވެރިވާ ވަކިވަކި ހިރާސްތައް ތިރީގައި މިވަނީ އެވެ.

ދެވިހިފުން

މަސްތުވާ އެއްޗަކަށް އެޑިކްޓްވެފައިވާ ނަމަ އެއީ ކައިވެނިން ބޭރުން އެހެން މީހަކާ ގުޅުން ހިންގުމަށް އޮތް ރިސްކެކެވެ. ހާއްސަކޮށް ބަނގުރާ ބޭނުން ކުރާ ނަމަ، މީހާގެ ކިބައިގައި ހުންނަންވާ ޖެހިލުންތެރިކަމެއް ނުހުރެ އެވެ. ހަމަހޭގައި ހުންނަ އިރު ނުކުރާނެ ކަންކަން ކުރެ އެވެ. ހަމަބުއްދީގަ ހުންނަ އިރު އެހެން މިހާކާ ގުޅުމެއް ހިންގުމަށް ޖެހިލުންވިޔަސް، މަސްތުގެ ހާލަތުގައި މިފަދަ ކަމެއް ކުރުމުގެ ޖެހިލުން ކުޑަ އެވެ.

އެޓޭޗްމަންޓް ސްޓައިލް

އެޓޭޗްމަންޓް ސްޓައިލް އަކީ ވެސް ވަފާތެރިކަމާ ގުޅިފައިވާ ކަމަކެވެ. ބައިވެރިޔާއާ ގާތްކަން ބޭއްވުމަށް އުދަނގޫވާ ނަމަ އެ މީހަކު ކައިވެނިން ބޭރުން އެހެން މީހަކާ ގުޅުމެއް ބޭއްވުމުގެ ފުރުސަތު ބޮޑެވެ. މީގެ އިތުރުން އަމިއްލަ ނަފްސަށް އިހްތިރާމް ކުރުން ކުޑަ ނަމަ، ތިމާގެ އަގެއް ހުރިކަން އެނގުމުގެ ބޭނުމުގައި އެހެން މީހަކާ ގުޅުން ގާތެވެ.

ކުޑައިރުގެ އަނިޔާ

ކުޑައިރު ކުރިމަތިވާ އެކިއެކި އަނިޔާތަކަކީ (ޖިސްމާނީ، ޖިންސީ، ޖަޒުބާތީ އަދި އިހުމާލު) އެކަމުގެ އަސަރު ދިރިއުޅުމަށް ކުރާ ކަމެކެވެ. މި އަނިޔާތަކުން އަރައިނުގަނެވި، ތަސައްލީއެއް ލިބިފައި ނުވާ ނަމަ މީހަކާ އިނުމަށް ފަހު ބައިވެރިޔާ އަށް މަކަރު ހެދުން ގާތެވެ.

ކުރިން މިކަހަލަ ކަމަކާ ކުރިމަތިވެފައިވުން

މައިންބަފައިންގެ ފަރާތުން މިކަހަލަ ކަމެއް ފެނިފައި ހުރި ނަމަ އަމިއްލަ ދިރިއުޅުމުގައި ބައިވެރިޔާއަށް ވަފާތެރިނުވުމަކީ ދިމާވާ ކަމެކެވެ. މައިންބަފައިންގެ ފުށުން ބޭވަފާތެރިކަން ފެނިފައިވާ ނަމަ އަދި އެމީހުން ކައިވެނިން ބޭރުން އެހެން މީހުންނާ ގުޅުން ހިންގާކަން ކުދިންނަށް އެނގޭ ނަމަ، އެފަދަ އާއިލާތަކުން ބޮޑުވެގެން އަންނަ މީހުން ކައިވެންޏަށް ފަހު އެހެން މީހާކާ ގުޅުން ބޭއްވުމުގެ ފުރުސަތު ދެގުނަ ބޮޑު ކަމަށް 2015 ގައި ހަދާފައިވާ ދިރާސާއަކުން ދައްކަ އެވެ.

ނަފްސާނީ ދުޅަހެޔޮކަން

ބައެއް ކަހަލަ ނަފްސާނީ މައްސަލަތައް، މިސާލަކަށް ބައިޕޯލާ ޑިސްއޯޑާ އަކީ އެކަމުގެ ސަބަބުން ކައިވެނިން ބޭރުން އެހެން މީހުންނާ ގުޅުން ހިންގުމަށް މެދުވެރިވާ ކަމެކެވެ.  

މީގެ އިތުުރުން، މީހެއްގެ ކިބައިގައި ނާސިސިސްޓިކް (އަމިއްލަ އެދުން ބޮޑު އަނެކުންގެ އިހުސާސްތަކަށް ފަރުވާލެއް ނުދިނުން) ސިފަތަކެއް ހުންނަ ނަމަ ބައިވެރިޔާ އަށް މަކަރާއި ހީލަތް ހަދާ އޮޅުވާލުމުގެ ފުރުސަތު ބޮޑެވެ.

ނާސިސިސްޓިކް މީހެއް ނަމަ އެެހެން މީހުންނާ ގުޅުން ހިންގަނީ ބޮޑާކަމާ އެކު، ތިމާ އަށް އެހެން މީހަކާ ގުޅުން ހިންގުމުގެ ހައްގު އެބައޮތް ކަމުގައި ވިސްނިފައިވާތީ އެވެ. މިފަދަ މީހުން އަމިއްލަ އެދުން ބޮޑުކަމުން، އެހެން މީހަކާ ހިންގާ ގުޅުމުގެ ސަބަބުން ބައިވެރިޔާ އަށް ކޮށްފާނެ އަސަރަކަށް ސަމާލުކަމެއް ނުދެ އެވެ.

އެއް ފަަހަރު ވެސް ވަފާތެރިނުވުން

ކައިވެނިން ބޭރުން އެއް ފަހަރު ވެސް އެހެން މީހަކާ ގުޅުމެއް ހިންގައިފި ނަމަ މިކަން ތަކުރާރުކުރުމުގެ ފުރުސަތު ބޮޑެވެ. ކައިވެނިން ބޭރުން އެހެން މީހަކާ ގުޅުން ހިންގާފައިވާ ނަމަ، 2017 ވަނަ ހެދި ދިރާސާއެއްގައި ބުނާގޮތުގައި، އެކަން އަލުން ފަށާ ގުޅުމެއްގައި ތަކުރާރުކުރުމުގެ ފުރުސަތު ތިން ގުނަ އިތުރުވެ އެވެ.

ޖިންސީ އެދުންވެރިކަން ފުއްދުމަށް ދެވިހިފުން

ކައިވެންޏެއް ކޮށްގެން އުޅޭ ދެ މީހެއްގެ ތެރެއިން އެކަކުގެ ކިބައިގައި ޖިންސީ އެދުންވެރިކަން ފުއްދުމަށް ދެވިހިފުން ނުވަތަ "ސެކްސް އެޑިކްޝަން" ހުންނަ ނަމަ، ކައިވެނީގެ ގުޅުމުގެ ތެރެއިން އުފާ ހޯދުމުގެ ބަދަލުގައި ކައިވެނިން ބޭރުން އެހެން މީހުންނާ ގުޅުން ހިންގައި އުފާތައް ހޯދުމަށް މަސައްކަތް ކުރެ އެވެ.

މަތީގައި މިވާ ކަންކަން ކައިވެނިކޮށްގެން އުޅޭ ދެ މީހެއްގެ ތެރެއިން އެކެއްގެ ކިބައިގައި ފެންނަން ހުރެއްޖެ ނަމަ ބޭވަފާތެރިވުމުގެ ފުރުސަތު ބޮޑެވެ.

މީގެ އިތުރުން ދެ މީހެއްގެ ގުޅުމުން އަންނަނިވި ކަންކަން ފާހަގަވާ ނަމަ، ކައިވެނިން ބޭރުން އެހެން މީހަކާ ގުޅުން ހިންގުމަށް މެދުވެރިވެ އެވެ.

ކައިވެނީގައި ހުންނަ ހިރާސްތައް

ކައިވެނީގެ ގުޅުމުގައި ހެދޭ ގޯސްތަކުން އެހެން މީހަކާ އެކު ގުޅުމެއް ބޭއްވުމަށް މަގުފަހިވޭ

ކައިވެނީގެ ގުޅުމުގައި ކުރެވޭ ބައެއް ކަންކަން ނުވަތަ ހެދޭ ބައެއް ގޯސްތަކަކީ ބައިވެރިޔާ ނުވަތަ ތިމާ ވެސް އެހެން މީހަކާ ގުޅުމެއް ބޭއްވުމަށް ފުރުސަތު ފަހިވާ ކަންކަމެވެ. އޭގެ ތެރޭގައި:

  • ގެވެށި އަނިޔާ އަދި ޖަޒުބާތީ އަނިޔާ

  • ޖިސްމާނީ އަދި ޖަޒުބާތީ ގުޅުމެއް ނެތުން

  • މާލީ ޕްރެޝަރުތައް

  • މުއާމަލާތް ކުރުމުގެ މައްސަލަތައް

  • އިހްތިރާމް ކުޑަވުން

  • ނުގުޅޭ މީހަކާ ކައިވެނި ކުރުން

އެހެން ބައެއް ސަބަބުތަކާ ހެދި ވެސް ކައިވެންޏަށް ބޭވަފާތެރިވުމަށް މެދުވެރިވެ އެވެ.

ގިނަ ފަހަރަށް މި ހުރިހާ ކަމެއްގެ ފަހަތުގައިވަނީ އެދުންތައް ފުއްދާދިނުމުގެ މައްސަލަތަކެވެ. އެކަކު އަނެކަކުގެ އެދުންތައް ފުއްދާދޭން ނޭނގުން އަދި ބޭނުންތަކަކީ ކޮބާކަން ބުނެނުދެވި، މިކަމާ ގުޅޭ ގޮތުން ދެ މީހުންގެ ދެމެދުގައި ވާހަކަ ނުދެކެވޭ ނަމަ ކައިވެނިން ބޭރުން އެދުންތައް ފުއްދުމުގެ ފުރުސަތު އޮވެ އެވެ.

ކައިވެނިން ބޭރުން ގުޅުމެއް ހިންގުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި އެދުންވެރިކަން ފުއްދާ ނުދެވުމަކީ މައިގަނޑު އެއް މައްސަލަ

ހިތްހަމަނުޖެހުމާއި އުފާވެރިކަން ނެތުން

ކައިވެންޏެއް ދެމެހެއްޓެނީ ބުރަ މަސައްކަތުންނެވެ. އެކަކު އަނެކަކަށް ދޭންވާ އަޅާލުމާއި ލޯބި ދީގެންނެވެ. ކައިވެނީގައި އުފާވެރިކަން ގެއްލި އެކަކު އަނެކަކާ މެދު ހިތްހަމަނުޖެހުމަކީ އާއްމުކޮށް މެދުވެރިވާ ކަމެކެވެ. ޖިންސީ ގުޅުން ނުހިންގުމަކީ ކައިވެނީގައި އެކަކު އަނެކަކާ ދުރުވާން މެދުވެރިވާ އެއް ސަބަބެވެ. 

އަގުވަޒަން ނުކުރުން

ބައިވެރިޔާގެ އަގުވަޒަން ނުކުރާ ނަމަ ވަރަށް ގިނަ ފަހަރަށް އެހެން މީހުންނާ އެކު ގުޅުންތަކަށް މަގުފަހިވެ އެވެ. ދެ މީހުން މަސައްކަތް ކުރާ އިރު ވެސް ވަރަށް ގިނަ ފަހަރަށް ގޭތެރެ އަދި ދަރިންގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތަކީ އަންހެން މީހާ ކުރަންޖެހޭ ކަމެއްގެ ގޮތުގައި ވެފައި އޮވެ އެވެ. މިފަދަ ހާލަތެއްގައި ބޭވަފާތެރިކަމަށް މަގުފަހިވަނީ އެހެން މީހުންނަށް ކަމުދާ އަދި ތިމާ ކުރާ ކަންކަމުގެ އަގުވަޒަން ކުރާ މީހެއްގެ ބަލައިގަތުން ބޭނުންވުމުންނެވެ.

އަނެއްކޮޅުން، ބައެއް ފަހަރަށް ފިރިމީހާ އަނބިމީހާއާ މެދު އިހުމާލެއް ނުވިޔަސް، އިހުމާލުވެ އަޅާލުން ނުލިބޭ ކަމުގެ އިހްސާސް ކުރެވެ އެވެ. ބޮލުތެރޭގައި ކައިވެނީގެ ގުޅުމުގައި ލޯތްބާއި އަޅާލުން އޮންނަންޖެހޭ ގޮތް އަދި މިންވަރު ސިފަކުރެވެނީ ހަގީގީގަތުގައި ބައިވެރިޔާއަށް ކުޅަދާނަ ނޫން މިންވަރަކަށެވެ. 

ހުސްވެގެން ނެތުން

ކައިވެންޏަށް ދޭންވާ އަހައްމިއްޔަތުކަން ނުދޭ ނަމަ، އަދި ހުސްވެގެން ނުހުންނަ ނަމަ އެހެން މީހުންނާ ގުޅުން އުފެދުމުގެ ފުރުސަތު ބޮޑެވެ. 

ފޫހިވުން

އާ ކަންކަން ތަޖުރިބާ ކުރުމުގެ ބޭނުމުގައި ބައެއް މީހުން އެހެން މީހުންނާ ގުޅެ އެވެ. އެމީހުން ދެކޭ ގޮތުގައި ކައިވެނިން ބޭރުން އެހެން މީހަކާ ގުޅުމެއް އޮންނަ ނަމަ ބައިވެރިޔާއާ އެކު އޮންނަ ގުޅުން ވަރުގަދަވެ އެވެ. ބޭކާރު ކޫސަނި މައްސަލަތަކުގައި ޝަކުވާ ކުރުމެއް ނޯވެ އެެވެ. ބައިވެރިޔާ ދެކެ ފުރަތަމަ ވީ ވަރަށް ލޯބި ނުވުމަކީ ވެސް ގިނަ ފަހަރަށް އިތުރު ގުޅުންތަކަށް ދިޔުމަށް މެދުވެރިވާ ސަބަބަކެވެ.

ހަށިގަނޑަށް އަންނަ ބަދަލުތަކާއި އުމުރުން ދުވަސްވުން

ބައެއް މީހުން ބޭވަފާތެރިވުމަށް މެދުވެރިވަނީ އަދިވެސް ތިމާ އަށް "ކަންކަންވާކަން" ދައްކާލުމުގެ ނިޔަތުގަ އެވެ. އުމުރުން ދުވަސްވެ އަމިއްލަ ހަށިގަނޑަށް އަންނަ ބަދަލާ އެކު ވެސް ކުރިއެކޭ އެއްގޮތަށް އަދިވެސް "ކާމިޔާބު" މީހެއް ކަން ދައްކާލުމުގެ ބޭނުމުގަ އެވެ.

ބަދަލުހިފުމުގެ ނިޔަތް

ބައިވެރިޔާ ކިބައިން ބަދަލުހިފުމުގެ ނިޔަތުގައި އެހެން މީހުންނާ ގުޅުން ހިންގުމަކީ ވެސް އާއްމު ކަމެކެވެ. އެއް ބައިވެރިޔަކު އެފަދައިން ގުޅުމެއް ހިންގައިފި ނަމަ އަދި އެހެންވެސް ގެއްލުމެއް ދީފި ނަމަ އޭނާގެ ފުށުން ބަދަލުހިފުމަށް އެހެން މީހަކާ އެކު ގުޅުން ބާއްވަ އެވެ.

މި އަސާސީ ސަބަބުތަކުގެ އިތުުރުން އެހެން ބައެއް ސަބަަބުތަކާ ހެދި ވެސް ބައެއް މީހުން ބޭވަފާތެރިވެ އެވެ. މިސާލަކަށް އިންޓަނެޓް މެދުވެރިކޮށް ދިމާވާ މީހަކާ އެކު ގުޅުމެއް ހިންގުން، ނުވަތަ ބައިވެރިޔާ ދުރުގައި (މިސާލަކަށް ވަޒީފާ އަދާކުރުމަށް އެހެން ރަށެއްގައި) ހުންނާތީ، މީހުން ރުއްސުމުގެ އާދަ ހުންނަ ނަމަ، ކޮންމެހެން މީހަކާ އެކު ގުޅުމެއް ހިންގުމުގެ ނިޔަތް ނެތް ނަމަވެސް ގުޅުމަކަށް މަގުފަހިވުން ގާތެވެ. މީގެ އިތުރުން އޮރިޔާންކާޑަކީ ކައިވެންޏަށް އޮތް ނުރައްކަލެއް ކަމުގައި ފާހަގަކުރެވިފައިވެ އެވެ.

ބައިވެރިޔާ ވަފާތެރި ނޫންހެން ހީވާ ނަމަ އެންމެ ރަނގަޅީ ސީދާ ސުވާލުކުރުން

ބައިވެރިޔާ ބޭވަފާތެރިވެއްޖެ ނަމަ އަމަލުކުރާނެ ގޮތް

ބައެއް ފަހަރަށް ބައިވެރިޔާ ވަފާތެރި ނޫން ކަމަށް ޝައްކު ކުރެވޭ އިރު އެކަން ސާބިތުކޮށްދޭން އެއްވެސް ހެއްކެއް ނުހުރެދާނެ އެވެ. ކައިވެނީގައި އެންމެ ރަނގަޅު ގޮތަކީ ވީހާ ވެސް ސީދާކޮށް މިކަމާ ކުރިމަތިލުމެވެ. ބައެއް ފަހަރު ސީދާ ސުވާލު ކުރުމަކީ އެންމެ ރަނގަޅު ގޮތް ހެން ހީވެސް ނުވެދާނެ އެވެ. ބައިވެރިޔާގެ ޖަވާބަކީ ތެދު ނުވަތަ ދޮގަކަށް ވެސް ވެދާނެ އެވެ. 

ބައިވެރިޔާ ކައިވެނިން ބޭރުން ގުޅުމެއް ހިންގާތޯ ބެލުމަށް އެ މީހުން ބޭނުން ކުރަނީ އެކި ގޮތްގޮތެވެ. މިކަމާ މެދު ކަންބޮޑުވާ ނަމަ އެންމެ ރަނގަަޅީ މިކަމުގެ އަލާމާތްތަައް އަމިއްލަ އަށް ހޯދުމެވެ.

ބައެއް ކައިވެނިތަކުގައި، އެހެން މީހުންނާ ގުޅުން ހިންގުމަކީ "މަރުފަލި" ޖެހުން ކަހަލަ ކަމެކެވެ. ދެ މީހުންނަށް ވެސް ކައިވެނީގައި ދިމާވާ މައްސަލަތައް އެނގޭ އިރު ވެސް އެކަމާ ކުރިމަތިލާން ބޭނުން ނުވުމުގެ ސަބަބުން އެންމެ ފަހު ކަމަކަށް މައްސަލަތަކާ ކުރިމަތިލުމަށް މަޖުބޫރުވާ ކަމެކެވެ. މިފަދަ ހާލަތްތަކުގައި ބައިވެރިޔާ އަށް އެހެން މީހަކާ އެކު ގުޅުން ހިންގާ ކަން ގަސްދުގަައި އަންގާ ހަދަ އެވެ. އަދި ބައެއް ފަހަރަށް އެހެން މީހަކާ ގުޅުން ހިންގަނީ އުފާވެރިކަމެއް ނެތް ކައިވެންޏެއް ނިމުމަކަށް ގެނައުމަށެވެ.

ކޮންމެ ސަބަަބަކާ ހެދި ބައިވެރިޔާ އެހެން މީހަކާ ގުޅުމެއް ހިންގި ކަމުގައިވިޔަސް، އެކަމުގެ އަސަރު ކައިވެންޏަށް ކުރެ އެވެ. ކައިވެނި ނިމުމަކަށް ގެނައުމަށް ނުވަތަ އަލުން އާރާސްތު ކުރަން މަސައްކަތްކުރަން މެދުވެރިކުރުވާ ކަމަކަށް އެ ގުޅުން އޮންނަނީ ވެފަ އެވެ.

ކައިވެނި ނިންމާލާނީތޯ ނުވަތަ އާރާސްތު ކުރާނީތޯ ނިންމަނީ އެކަމާ މެދު އަމަލު ކުރާ ގޮތެވެ.

އެހެން މީހަކާ ގުޅުން ހިންގުމަށް މެދުވެރިވި ސަބަބު ހޯދާ ބަލަން ބޭނުންވެ، އެކަން ގުޅިފައިވާ އަސްލު ހޯދާ ބެލުމަށް މަސައްކަތްކޮށް، އިސްލާހުކޮށްފި ނަމަ ދެމަފިރިންގެ ގުޅުން ވަރުގަދަވެ ގާތްކަން އިތުުރުވުމަށް ވެސް މެދުވެރިވެ އެވެ.

ފިރިމީހާ އެހެން މީހަކާ އެކު ގުޅުން ހިންގުމަށް ވުރެ ބޮޑަށް ލޯބީގެ ގޮތުން ގުޅިއްޖެ ނަމަ އެކަމުގެ ސަބަބުން ބައެއް އަންހެނުން ކަންބޮޑުވާ ވަރު އިތުރުވާ އިރު، ފިރިހެނުންނަށް މާފްކުރަން ދަތީ އަނބިމީހާ ޖިންސީ ގުޅުމެއް އެހެން މީހަކާ ހިންގައިފި ނަމަ އެވެ. ދެ ޖިންސްގެ މީހުންނަށް ވެސް އެމީހުންގެ ބައިވެރިން ކައިވެނިން ބޭރުން ގުޅުމެއް ހިންގާކަން އެނގޭ ނަމަ އެކަމާ މެދު ހަސަދަވެރިވެ އެވެ.

ބައިވެރިޔާ އެހެން މީހަކާ އެކު ގުޅުމެއް ހިންގައިފި ނަމަ އެކަމުން އަރައިގަތުމަށް ދެ މީހުން މަސައްކަތް ކުރަން ޖެހެ އެވެ. ޕްރޮފެޝަނަލެއްގެ އެހީތެރިކަން ހޯދަން ޖެހެނީ ހަސަދަވެރިކަމުގެ ސަބަބުން ބައިވެރިޔާ އަށް ނަފުރަތު ކުރުމާއި ދުރުވުމުގެ ބޭނުމުގަ އެވެ.

ބޭވާތެރިވުމުން އަރައިގަތުން

އެހެން މީހަކާ ގުޅުމެއް ބޭއްވުމަށް ފަހު ބައެއް މީހުން ކައިވެނި ކުރިއަށް ގެންދޭ. އަނެއް ބަޔަކަށް އެއީ ކުރަން އުނދަގޫ ކަމެއް

ބައެއް މީހުންނަށް އެމީހުންގެ ބައިވެރިން އެހެން މީހަކާ ގުޅުމެއް ހިންގިކަން ހާމަވުމަށް ފަހު އެކަމުން އަރައިގަންނަން ފަސޭހަ އެވެ. އަދި ދެ މީހުންގެ ގުޅުން ކުރިއަށް ވުރެ ވަރުގަދަވެ އެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ކައިވެނި އިތުރަށް ކުރިއަށް ނުގެންދިއުމަށް ލަފާދެ އެވެ.

ކައިވެނިން ބޭރުން ބައިވެރިޔާ ގުޅުމެއް ހިންގައިފި ނަމަ އެކަން ހިނގި ސަބަބު ހޯދައި ދިރާސާތައް ކުރުމުގެ ބަދަލުގައި ތިމާ ބޭނުންވަނީ ކޮން ގޮތެއްތޯ ވިސްނުން މުހިއްމެވެ. މިއީ ފަސޭހަ ކަމެއްހެން ހީވި ކަމުގަވިޔަސް ހިތާމަ އާއި ރުޅިވެރިކަމާ ކުރިމަތިލާ ވަގުތުކޮޅެއްގައި މިއީ ކުރަން ދަތި ކަމެކެވެ.

ތިއީ ބޭވަފާތެރިވީ މީހާ ކަމުގައިވާ ނަމަ ކަައިވެނި ސަލާމަތް ކުރަން ބޭނުން ނަމަ ކުރަންޖެހޭ ބައެއް ކަންކަން އެބަހުއްޓެވެ. އެންމެ ފުރަތަމަ ކަމަށް ދޮގުހެދުމާއި އޮޅުވާލުމާ ދުރަށް ދާށެވެ. އަދި އިތުުރަށް އެހެން ގުޅުމެއް ނުހިންގުން މުހިއްމެވެ. ބައިވެރިޔާ ކަންކަމާ މެދު ވިސްނުމަށް ޖާގަ ދޭށެވެ. ކެތްތެރިވާށެވެ. މި ހުރިހާ ކަމެއް ކުރުމުން އޭނާ މާފު ކުރާނެ ކަމަށް ނުދެކޭށެވެ. މާފުނުކޮށް ވެސް ފާނެ އެވެ. އެކަމަކު ދެނެގަންނަންވީ އަމިއްލަ ކުށް ގަބޫލުކޮށް ފުރިހަމަ އަށް ޒިންމާ ނެގުމަށެވެ.

އެހެން މީހަކާ ގުޅުމެއް ބޭއްވުމަށް ފަހު އެކަމުން އަރައިގަނެ ކައިވެނި ދެމެހެއްޓުމަށް ބޮޑު މަސައްކަތެއް ކުރަންޖެހޭ

ބޭވަފާތެރިކަމުން އަރައިގަނެވޭނީ އެކަން ހިނގި ސަބަބާއި ދެމީހުންގެ ކިބައިގައި ހުރި ކަންކަން ވެސް ދެނެގަނެގެންނެވެ. ކުރިއަށް ދިޔުމަށް، ދެ މީހުން އެކަކު އަނެކަކު ދައްކާ ވާހަކަ އަޑުއަހަންޖެހެ އެވެ. އަދި ތިމާގެ ހިޔާލުތަކާއި އިހްސާސްތައް އަދި ބޭނުންތައް ހުރި ގޮތަށް ބައިވެރިޔާގެ ނުހުރެދާނެ ކަމަށް ގަބޫލް ކުރަންޖެހެ އެވެ. ރަސްމީކޮށް ދެ މީހުންނަށް ކައުންސެލިން ބޭނުންވާ ހިނދެއްގައި ޕްރޮފެޝަނަލެއްގެ އެހީތެރިކަން ހޯދާށެވެ.

ފުރިހަމައަށް މިކަމުން އަރައިގަނެވޭނީ ދެ މީހުންގެ ކިބައިގައި އެއްވަރަކަށް މާފުކުރުމާއި ކައިވެނި ސަލާމަތް ކުރުމަށް ހިތްވަރުލާ މަސައްކަތް ކުރުމުގެ އަޒުމު ހުރި ނަމަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް