މުސްލިމުން މާތްވެގެންވާ ހަރަމްފުޅުގައި: ހެޔޮ އަމަލްތަކުން މި ދުނިޔޭގެ ހަޔާތް ފުރާލައިފި މީހަކަށް ފަހުން އޮތީ ނިއުމަތް
މާތްﷲއާ ބައްދަލުވާން އެދޭ މީހާގެ އަމަލްތައް
ދުނިޔޭގެ ހަޔާތަކީ ދާދި ކުރު މުއްދަތެއްގެ ވަގުތީ ގޮވައްޗެކެވެ. މާ ގިނަ ދުވަސްތަކެއް ނުވެ، ކޮންމެ އިންސާނަކު ވެސް މިތަން ދޫކޮށް ދާން އެބަ ޖެހެ އެވެ. ދުނިޔޭގެ ހަޔާތަށް ފަހު އޮތީ ބަރުޒަހެވެ. ދެން ހިސާބާއިކިތާބެވެ. އެއަށް ފަހު ދާއިމީ ގޮވައްޗެކެވެ. އެހެންޏާ ނަރަކަ އާއި އެތަނުގެ ވޭންދެނިވި އަޒާބެވެ. ނޫނީ ސުވަރުގެ އާއި އެތަނުގެ ލައްޒަތާއި މީރުކަމެވެ.
ސުވަރުގެއިން އިންސާނަކަށް ލިބޭނެ އެންމެ ބޮޑު އުފަލަކީ، އޭނާގެ ހާލިގުވަންތަ ވެރި އިލާހާ ބައްދަލުވުމެވެ. ސުވަރުގޭގެ އަހުލުވެރިން އެތަނުގެ ނިއުމަތްތާއި އުފަލުގައި އުޅެމުން ދަނިކޮށް އެބައި މީހުންނަށް ބުނެވޭނެ އެވެ. މިއަށް ވުރެ ބޮޑު ނިއުމަތެއް ތިޔަބައި މީހުން އެދެމު ހެއްޔެވެ؟ އެމީހުން ދަންނަވާނެ އެވެ. ތިމަންނާމެންނަށް މިހާރު ދެއްވައިފައި މިވާ މަތިވެރި ނިއުމަތަށް ވުރެން ވަކިން ބޮޑު ނިއުމަތެއް އޮންނާނެތޯ އެވެ؟
އޭގެ ޖަވާބުގައި އެމީހުންނަށް ބުނެވޭނެ އެވެ.
ތިޔަބައި މީހުންގެ ވެރި ރައްބުގެ ވަޖްހުފުޅު ދުށުމުގެ ފުރުސަތު އޮންނާނެ އެވެ. އެއީ ތިޔަ ހުރިހާ ނިއުމަތަކަށް ވުރެ މާ މަތިވެރި، ޝަރަފުވެރި ނިއުމަތެކެވެ.
ދެން ފަހެ، ސުވަރުގޭގެ އަހުލުވެރިންނަށް ﷲގެ ވަޖުހުފުޅު ދެއްކެވޭނެތެވެ. އަދި މީސްތަކުންނަށް ލިބޭ އުފަލާއި ހިތްހަމަޖެހުމެއްގެ ބޮޑުކަމުންނާއި، ދެއްވެވި މަތިވެރި ޝަރަފުގައި ﷲގެ ވަޖުހުފުޅަށް ބަލަހައްޓައިގެން އެބައި މީހުން ހުއްޓުންއަރާފައި އެތައް ޒަމާނެއް ވަންދެން ތިބޭނެ އެވެ. އަދި އެ އިލާހުގެ ވަޖުހުފުޅުން ދިއްލޭ ނޫރުފުޅުގެ ޗާލުކަމާއި އަލިކަމުން މީސްތަކުންގެ މޫނުތައް ވެސް ހުންނާނީ ދިއްލިފަ އެވެ. ރީތިވެ ސާފުވެފަ އެވެ. ރޭގަނޑުގެ އަނދިރިކަމުގެ ތެރޭ ބައްތިއަކުން މޫނަށް އަލިކުރުމުން އެ މޫނު ދިއްލޭ ފަދައިން ދިއްލިފަ އެވެ. މި ވާހަކަތައް ބަޔާންކުރައްވާ ކީރިތި ޤުރުއާނުގައި މާތް ﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެ އެވެ:
"އެދުވަހުން މޫނުތަކެއް ރީތިވެ، އަލިވެގެންވެ އެވެ. އެ މޫނުތަކުގެ ވެރިރަސްކަލާނގެއަށް ބަލަބަލައި ތިބެ އެވެ." (އަލްޤިޔާމު ސޫރަތުގެ 22-23)
މާތް ﷲގެ ވަޖުހުފުޅު ދުށުމުގެ މަތިވެރި ނިއުމަތް، ލިބުން އެދޭ މީހާއަށް އެއީ ވަރަށް ފަސޭހަ ކަމެކެވެ. އޭނާގެ މައްޗަށް އޮތީ އެންމެ ދެ ޝަރުތެއް ފުރިހަމަކުރުމެވެ. އެއީ މާތް ﷲ ކީރިތި ޤުރުއާނުގެ ކަހަފު ސޫރަތުގެ އެންމެ ފަހު އާޔަތުގައި (110ވަނަ އާޔަތުގައި) އަންގަވައިފައި އެވާ ދެ ޝަރުތެވެ. އެ ބަސްފުޅުގެ މާނައިގައި ވަނީ "ފަހެ، އެމީހެއްގެ ވެރިރަސްކަލާނގެއާ ބައްދަލުވުމަށް އެދޭ މީހާ (ދަންނާށެވެ!) ފަހެ، އެމީހާ ސާލިހު އަމަލުން އަމަލުކުރާ ހުށިކަމެވެ! އަދި އެ މީހާގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރުމުގައި، އެއްވެސް މީހަކު ބައިވެރިނުކުރާހުށިކަމެވެ!
އެ އާޔަތުގައި އަންގަވާ ދެ ޝަރުތަކީ؛
-
1-
ސާލިހު އަމަލުން އަމަލުކުރުން
-
2-
އަޅުކަން ކުރުމުގައި އިތުރު އެއްވެސް މީހަކު މާތްﷲއާ ބައިވެރިނުކުރުން
މާތްﷲ ރުހިވޮޑިގަންނަވާ ކޮންމެ އަމަލަކީ ސާލިހު އަމަލެކެވެ. އަދި އެ އިލާހު ނަހީކުރެއްވި ކޮންމެ ކަމަކުން ދުރުވުން ވެސް ހިމެނެނީ ހެޔޮ ރަނގަޅު ސާލިހު އަމަލުގެ ތެރެއިންނެވެ.
އަނބިމީހާގެ އަނގަޔަށް ލަވައިދޭ ސުވާ ވެސް އެއީ ސަދަގާތެކެވެ. މަގުމަތީގައި މީހުންނަށް އުނދަގޫވާ ގޮތަށް އޮންނަ އެއްޗެއް އެއްފަރާތް ކޮށްދިނުން ވެސް އެއީ އީމާންތެރިކަމުގެ އަމަލެކެވެ. ތިބާގެ މުސްލިމް އަހާގެ ކުރިމަތީ ހިނިތުންވުމާއި، އޯގަތެރި ހިތަކައިގެން މުހާތަބުކުރުން، މިއީ މުޅިން ވެސް ހެޔޮ އަމަލެވެ.
ގަޑިންގަޑިއަށް ފަރުލު ފަސް ނަމާދު ކުރުމާއި، ސަދަގާތް ދިނުމާއި، ރޯދަހިފުމާއި، ގުރުބާންކުރުމާއި، ހައްޖުވުން، މިއީ ﷲއަށް އަދާކުރެވޭ އަޅުކަމެވެ. ދުއާކުރުމާއި، ކަންކަމު އެދި ދެންނެވުމާއި އުންމީދާ އެކު ވަކީލުކުރުން ވެސް ހިމެނެނީ ހަމައެކަނި ﷲއަށްޓަކައި ކުރެވޭ ކަންކަމުގެ ތެރޭގަ އެވެ. މިއިން އެއްވެސް ކަމެއްގައި ގަދަ ކީރިތިވަންތަ މާތް ﷲ ނޫން އެހެން އެއްވެސް ފަރާތެއް ބައިވެރިކުރުމަކީ ޝިރުކުގެ އަމަލެކެވެ. އެފަދަ ކަމެއް ކޮށްފި މީހާ ތައުބާނުވެ ހުއްޓާ މަރުވެއްޖެ ނަމަ، ﷲއާ ބައްދަލުވެވޭނެ މީހުންގެ ތެރޭ އޭނާ ނުހިމެނިދާނެ އެވެ. އެކަމަށް ކަނޑައެޅިފައި އޮތް ޝަރުތުތަކާ އޭނާ އެވަނީ ހިލާފުވެގެންނެވެ.
އެހެންކަމުން އަޅުގަނޑުމެންގެ ނަފުސުތައް ތަރުބިއްޔަތު ކުރަންވީ؛
-
އެއްވެސް ކަމެއްގައި ﷲ ނޫން ފަރާތެއް ބައިވެރިނުކުރަން
-
ﷲއަށްޓަކައި ހިތް ހާލިސްކޮށް، ހެޔޮ އަމަލުކުރުން މަތީ ދެމިތިބުމަށް
މި ވަގުތީ ހަޔާތް ނިމި ދާއިމީ ގޮވައްޗަށް އެނބުރި ދާ ހިނދު ހެޔޮ ރަނގަޅު މަންޒިލަށް ދެވޭނީ އޭރުންނެވެ. ހާލިގުތަކުންގެ ވެރި އިލާހާ ބައްދަލުވާނީ އޭރުންނެވެ.
އެކަމުގެ ތައުފީގު އަޅަމެންނަށް ދެއްވާނދޭވެ! އާމީން