ހަނީ ސޯއީ ވިންގްސް

ފުޑް

ފަސޭހަ ރެސިޕީ: ކުޅުދިޔާކޮށްލާ ވިންގްސް ރެސިޕީއެއް

މިއީ ފުރާވަރު އުމުރުފުރައިގެ ކުދިންނަަށް ކަމުދާނެ ޑިޝްއަކަށް ވާނެ
10 އޭޕްރީލު 2023

މުހިންމު ނުކުތާތައް

މި ރެސިޕީގެ ސީކްރެޓް އިންގްރީޑިއަންޓް އަކީ މާމުއި

ވިންގްސް ތައްޔާރުކުރުމުގައި ގެންގުޅެންވާ އުކުޅެއް އޮވޭ

ފިހަން ގަޑިއެއްހާ އިރު ހޭދަވާނެ

ޗިކަން ވިންގްސް އަކީ ވަރަށް ގިނަ މީހުންގެ ފެވަރިޓެކެވެ. ކެފޭތަކުގައި ވިއްކަން ހުންނަ ވިންގްސްއާ އެއްގޮތަށް ގޭގައި ވިންގްސް ތައްޔާރުކުރެވިދާނެ އެވެ. ރޯދައަށް ތިބޭ ފުރާވަރު އުމުރުފުރައިގެ ކުދިންނަށް މި ޑިޝް ކަމުދާނެހެން ހީވެ އެެވެ.

ހަނީ ސޯއީ ވިންގްސް: މިއީ ފުރާވަރު އުމުރުފުރައިގެ ކުދިން ގަޔާވާނެ ރެސިޕީއެއް

މި ޑިޝް ތައްޔާރުކުރާ އިރު ބޭނުން ކުރާ ހާއްސަ އުކުޅެއް އޮވެ އެވެ. އަވަނުން ވިންގްސް ފިހާ އިރު އުފެދޭ ފެންތައް އުކާލުމަށް ފަހު މާމުޔާއި ސޯއީ ސޯސް ލުމުން ވިންގްސްގައި ބޭނުންވާ ކަހަލަ ތަތް ޓެކްސްޗާއެއް ހުރެފައި ސޯސްގަނޑު ރަނގަޅަށް ހޭކިފައި ހުންނާނެ އެވެ. މިގޮތަށް ހެދިޔަސް ވިންގްސްގެ ރަހައަށް ބަދަލުނައިސް ސޯސް ރަނގަޅަށް ސިރަޕަކަށް ބަދަލުވެ ރަނގަޅަށް ގްލޭޒްވެ އެވެ. 

މި ރެސިޕީގެ ސީކްރެޓް އިންގްރީޑިއަންޓް އަކީ މާމުޔެވެ. މާމުއި ތިން ދައުރެއް އަދާ ކުރެ އެވެ. ފުރަތަމަ ކުޑަ ފޮނި ރަހައެއް ގެންނަ އިރު، ސޯސްގަނޑު އޮލަކޮށްލަދީ ރަނގަޅަށް ގްލޭޒްކޮށްދެ އެވެ.

ކުކުޅު ވިންގްސް: ފަސޭހައިން ތައްޔާރުކޮށްލެވޭ އެއްޗެއް

ބޭނުންވާ ތަކެތި

  • 1.25 ކިލޯ ޗިކަން ވިންގްސް

  • 1 ސައިސަމުސާ ވައިޓް ސެސަމީ ސީޑް

  • 1 ސްޕްރިންގް އަނިއަން ތުނިކޮށް ކޮށާފައި

ހަނީ ސޯއީ ވިންގްސް ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި

މެރިނޭޑް ހެދުމަށް ބޭނުންވާ ތަކެތި

  • 4 މޭޒުމަތީ ސަމުސާ މާމުއި

  • 5 މޭޒުމަތީ ސަމުސާ ލައިޓް ސޯއީ ސޯސް

  • 1 މޭޒުމަތީ ސަމުސާ ޑާކް ސޯއީ ސޯސް

  • 3 މޭޒުމަތީ ސަމުސާ އެޕްލް ސައިޑާ ވިނިގާ

  • 1 އަރި ލޮނުމެދު (ބޮޑު)

  • 1/2 މޭޒުމަތީ ސަމުސާ ކުކިން އޮއިލް

ތައްޔާރު ކުރާނެ ގޮތް

ހަނީ ސޯއީ ވިންގްސް ހެދުމަށް މެރިނޭޑް ތައްޔާރު ކުރަނީ

މެރިނޭޑް އަށް ބޭނުންވާ ތަކެތި ބޯތައްޓެއްގައި ރަނގަޅަށް އެއްކޮށްލާށެވެ. އެއްކުރާނީ މާމުޔާއި ސޯސްތައް ރަނގަޅަށް އެއްވާ ވަރަށެވެ.

އެއަށް ފަހު ޒިޕް ލޮކް ބޭގެއްގެ ތެރެއަށް ވިންގްސް އެޅުމަށް ފަހު 30 މިނެޓަށް ބަހައްޓާށެވެ.

ހަނީ ސޯއީ ވިންގްސް ތައްޔާރު ކުރަން ފަސޭހަ
ހަނީ ސޯއީ ވިންގްސް ހެދުމަށް ޒިޕްލޮކް ބޭގެއް ތެރޭ މެރިނޭޑް ކުރުމުން ސޯސްތައް ވިންގްސް އަށް ވަނުން ފަސޭހަ

އަވަން 200 ޑިގްރީއަށް ހޫނު ކުރާށެވެ. އަވަނުގެ ޓްރޭގައި އެންމެ ފުރަތަމަ ފޮއިލް އަޅާށެވެ. އެއަށް ފަހު ބޭކިން ޕޭޕާ އަޅާށެވެ.

ޓްރޭގައި ވިންގްސް އަތުރާލައި 30 މިނެޓު ފިހާށެވެ. ބާކީ މެރިނޭޑް ހުރިއްޔާ ފަހުން އެޅުމަށް ބަހައްޓާށެވެ. ކުކުޅުން ނުކުންނަ ފެންތައް އޮއްސާލުމަށް ފަހު ބާކީ ހުރި މެރިނޭޑް ވިންގްސްގައި ހާކާށެވެ.

ހަނީ ސޯއީ ވިންގްސް ހަދާއިރު ސޯސްގަނޑު ރަނގަޅަށް ވިންގްސް އަށް ވަންނަނީ ފެންތައް އުކާލާފައި ދެވަނަ ފަހަރަަށް މެރިނޭޑް ހޭކުމުން

އަވަނުގެ ހޫނުމިން 180 ޑިގްރީއަށް ތިރިކޮށްފައި އަނެއްކާވެސް 30 މިނެޓެއްހާ އިރު ފިހާށެވެ. ވިންގްސް ހުންނާނީ ރަނގަޅަށް ކުލަ އަރާފަ އެވެ. ބޭނުން ނަމަ ކޮންމެ 10 މިނެޓަކުން ވިންގްސް ފުށުން ޖަހާށެވެ.

ހަނީ ސޯއީ ވިންގްސް: ސާވް ކުރުމުގެ ކުރިން މައްޗަށް ސެސަމީ ސީޑް އަދި ސްޕްރިންގް އަނިއަން އަޅާނެ

ފިހެ ނިމުމުން މައްޗަށް ސެސަމީ ސީޑް އަދި ސްޕްރިންގް އަނިއަން ކޮށާލާފައި އަޅާށެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް