ރާއްޖޭގެ އަލަށް ހުޅުވި ކްލޭ ސްޓޫޑިއޯ މި މަހު 21 ގައި ވަނީ ހުޅުމާލޭގައި ހުޅުވާފަ

ރާއްޖޭގެ ފުރަތަމަ ކްލޭ ސްޓޫޑިއޯއާ އެކު އާ ފަންނުތަކެއް

ދަ ކްލޭ ސްޓޫޑިއޯގެ މަގުސަދަކީ ޕޮޓަރީއަށް ޝައުގުވެރިވާ މީހުންނަށް އެ މަސައްކަތް ދަސްކޮށްދީ، އުފެއްދުންތައް އިތުރުކުރުން
31 މާރިޗު 2023

މުހިންމު ނުކުތާތައް

ރޯދަމަހު ވެސް ތަފާތު ކްލާސްތައް ހިންގާނެ، ބައިވެރިވުމުގެ ފުރުސަތު އޮތީ ހުޅުވާލާފައި

ިިދިވެހިންގެ ފަންނުވެރިކަން ކުރިއަރުވަން ދަ ކްލޭ ސްޓޫޑިއޯއިން ތަފާތު ވިސްނުންތަކެއް ގެންގުޅޭ

ސްޓޫޑިއޯގެ އެއް ބާނީ މުއާޒު ވިދާޅުވީ ފަންނުވެރިކަން ކުރިއަރުވައިގެން މުޖުތަމައުއަށް އިތުރު ހަމަޖެހުން ގެނެވޭނެ ކަމަށް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކްލޭ ސްޓޫޑިއޯއެއް "ދަ ކްލޭ ސްޓޫޑިއޯ" ނަމުގައި ހުޅުވައި، ޕޮޓާރީ ކްލާސްތައް ހިންގަން ފަށައިފި އެވެ. 

މުޅިން ތަފާތު ކޮންސެޕްޓަކަށް ޝޯރޫމަކާއި ކެފޭއަކާ ވެސް އިންވެގެން ހެދި މި ތަން ހުޅުމާލޭގެ ރެއިންކްރެސްޓް ޓަވަރު-އޭގަ އެވެ.

މި މަހުގެ 21 ގައި ހުޅުވި މި ސްޓޫޑިއޯގެ މަގްސަދަކީ އާޓަށް ލޯބިކުރާ މީހުންނަށް މުޅިން އާ ތަޖުރިބާއަކާއި އާ ހުނަރުތަކެއް ގެނެސްދިނުމެވެ.

ހުޅުމާލޭގައި ހުޅުވި ދަ ކްލޭ ސްޓޫޑިއޯ: ގިނަ އުފެއްދުންތަކެއް ތައްޔާރުކުރާނެ / ފޮޓޯ:ދަ ކްލޭ ސްޓޫޑިއޯ މޯލްޑިވްސް

މި ކްލޭ ސްޓޫޑިއޯގައި ޕޮޓަރީ އާޓް ދަސްކުރުމުގެ ފުރުސަތު އޮވެ އެވެ. އަޖުމަ ބަލައިލަން ބޭނުން ނަމަ 'ޓޭސްޓާ' ކްލާސްތަކުގައި ބައިވެރިވެވޭނެ އެވެ. އަދި އިތުރު ހަރުފަތަކަށް ހުނަރު ކުރިއަރުވަން ބޭނުން ނަމަ ފަށައިގަންނަ ކްލާހާއި އެޑްވާންސް ކްލާސްތަކުން ޖާގަ ލިބޭނެ އެވެ.

ކްލާސްތައް ރާވާފައިވަނީ ހުރިހާ އުމުރު ފުރައެއްގެ މީހުންނަށް ވެސް ޕޮޓަރީ އާޓް ދަސްކުރަން ފަހިވާ ގޮތަށެވެ.

ރޯދަމަހު ހިންގާ ކްލާސްތަކުން ޖާގަ ބޭނުން ނަމަ ދަ ކްލޭ ސްޓޫޑިއޯގެ ވެބްސައިޓުން ބުކް ކުރެވޭނެ އެވެ. މި ރޯދަމަހު ކުރިއަށް ގެންދަނީ؛

  • 1-

    ކުޑަކުދިންނަށް ހާއްސަކޮށްގެން ހިންގާ ކިޑްސް ކްލޭ ސްޓޫޑިއޯ އަދި ޖޫނިއަ ޕޮޓަރީ ކްލާސް

  • 2-

    18 އަހަރުން މަތީގެ އުމުރުފުރައިގެ މީހުންނަށް ހާއްސަކޮށް ދެ ކްލާހެއް މިގޮތުން ޓޭސްޓާ ހޭންޑްބިލްޑިން އާއި ޓޭސްޓާ ވީލް ތްރޮވިން ކްލާސްތައް ހިމެނޭ

ކްލޭ ސްޓޫޑިއޯއިން ހިންގާ މި ކްލާސްތައް ނަގައިދެނީ ތަމްރީން ލިބިފައިވާ ދިވެހި އިންސްޓްރަކްޓަރުންނެވެ. ކޮންސަލްޓަންޓެއްގެ ގޮތުގައި ބިދޭސީ ފަންނާނަކު ހަރަކާތްތެރިވެ އެވެ.

މުޅިން އާ އަދި ތަފާތު ކޮންސެޕްޓަކަށް ހުޅުވި ކްލޭ ސުޓޫޑިއޯއަށް 'ދައުރު'ން ޒިޔާރަތް ކުރުމުން ސްޓޫޑިއޯއާ ބެހޭ މައުލޫމާތު ދެއްވީ ކޯފައުންޑާ އަހުމަދު މުއާޒް އެވެ.

ރާއްޖޭގައި ފަންނުވެރިންނަށް މަސައްކަތް ކުރާނެ ފުރުސަތު ހޯދައިދީ، އެފަދަ މަސައްކަތްތައް ކުރެވޭނެ ތަންތަން ހަދައިގެން ވީހާވެސް ގިނަ ބަޔަކަށް ދަސްކޮށްދިނުމަކީ، މުއާޒުގެ މަގުސަދެވެ.

 މާލޭގައި "ކޮމިއުނިޓީ ސުޓޫޑިއޯ" އެއް ހިންގަ އެވެ. މީގެ އިތުރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މޭކާސްސްޕޭސް ނަމުގައި ތްރީޑީ ޕްރިންޓިންއަށް ހާއްސަ ސުޓޫޑިއޯއެއް ހުޅުވުމުގެ މަސައްކަތް ވެސް އަންނަނީ ކުރައްވަމުންނެވެ.

ކްލޭ ސްޓޫޑިއޯ ހުންނަނީ ހުޅުމާލޭ ރެއިން ކްރެސްޓްގެ ތިރީގައި /ފޮޓޯ:ދަ ކްލޭ ސްޓޫޑިއޯ މޯލްޑިވްސް

ރާއްޖޭގައި އާޓާއި ފަންނު މި އޮތީ ވަރަށް ބޮޑަށް އިހުމާލުވެ ދޫކޮށްލެވިފައި ކަމަށް މުއާޒް ގަބޫލުކުރައްވަ އެވެ. ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި އަހަރެމެންގެ މުޖުތަމައުއަށް އާޓްގެ އެހީގައި ހެޔޮ ބަދަލެއް ގެނެވިދާނެ އެވެ.

"ރާއްޖޭގައި އެކަށީގެންވާ ވަރަށް ކްރިއޭޓިވް ސްޕޭސްތަކެއް ނެތް މީހުންނަށް އެމީހުންގެ ހުނަރުތައް ދައްކާލައި ކްރިއޭޓިވް ހިޔާލުތައް ފާޅުކުރާކަށް،" އޭނާ ވިދާޅުވި އެވެ.

"އަހަރެން ގަބޫލުކުރަނީ، މުޖުތަމައުއަށް ރަނގަޅު ބަދަލެއް ކްރިއޭޓިވް ސްޕޭސްތަކުގެ އެހީގައި ގެނެވިދާނެ ކަމަށް. އަހަރެމެންގެ މުޖުތަމައުއަކީ އެކަކު އަނެކަކުގެ އިހްސާސް ދަންނަ، އަންޑަސްޓޭންޑިން، ބެޓާ އެންޑް އެމްޕަތެޓިކް ބަޔަކަށް ވެވިދާނެ." 

ކްލޭ ސްޓޫޑިއޯ ބޭރުގައި މުއާޒު "ދައުރު" އަށް އިންޓަވިއު ދެއްވަނީ /ފޮޓޯ:ދަ ކްލޭ ސްޓޫޑިއޯ މޯލްޑިވްސް

"އަހަރެމެން ބޭނުންވަނީ މިކަން ތަޖުރިބާއެއްގެ ގޮތަށް މީހުންނަށް ފޯރުކޮށްދޭން. މި ކޮންސެޕްޓަަކަށް އަދި ސްޓޫޑިއޯއެއް ރާއްޖެއަކު ނެތް. މިއީ ރާއްޖޭގެ ފުރަތަމަ ކްލޭ ސްޓޫޑިއޯ،" އާ ސްޓޫޑިއޯއާ ބެހޭ ގޮތުން މުއާޒް ވިދާޅުވި އެވެ.

ކްލޭ ސްޓޫޑިއޯގެ ބައެއް އުފެއްދުންތައް

ސުޓޫޑިއޯ ޑިޒައިންކޮށްފައި ވަނީ މީހުންގެ ނަފްސާނީ ހަމަޖެހުމަށް ވަރަށް ބޮޑަށް އިސްކަންދީގެންނެވެ. ބޭނުމަކީ ހައިޖާނާއި ސްޓްރެސް ބޮޑު ދިރިއުޅުމުން ސަލާމަތްވެ، މީހާ ހަމަޖެހިލާ ފަދަ މާހައުލެއް އުފެއްދުން ކަމަށް މުއާޒު ވިދާޅުވި އެވެ. 

ސްޓޫޑިއޯގެ ކޮންސެޕްޓް ބިނާވެފައި އޮތީ ހަމައެކަނި ކްލާސް އާއި ވޯކްޝޮޕް ހިންގުމަށް ވުރެ ފުޅާކޮށެވެ.

ޕޮޓަރީ ކްލާސްތަކުގެ އިތުރުން ކްލޭ ސްުޓޫޑިއޯގެ ފަރާތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސެރަމިކްވެއާ ނުވަތަ މުށިން ތަކެތި އުފައްދަން ވެސް އަންނަނީ ތައްޔާރުވަމުންނެވެ.

ޒީނަތްތެރިކުރަން ބޭނުންކުރާ މުށި ވާސްތަކެއް ކްލޭ ސްޓޫޑިއޯއިން އުފައްދާފައި / ފޮޓޯ:ދަ ކްލޭ ސްޓޫޑިއޯ މޯލްޑިވްސް
މިއީ ރާއްޖެއަށް އާ ފަންނެއް ތައާރަފުކުރުމުގެ މަސައްކަތެއް

މިގޮތުން ގޭތެރެ ޒީނަތްތެރިކުރަން 'ޑެކެރޭޓިވްވެއާ' ކަލެކްޝަނަކާއި ކެއިން ބުއިމަށް ބޭނުންކުރެވޭ ކަހަލަ މުށި ތަށި 'ޑިނާވެއާ' މުޅިން އަމިއްލަ ބްރޭންޑެއްގެ ދަށުން އުފައްދަން ވެސް ކްލޭ ސްޓޫޑިއޯއިން އަންނަނީ މަސައްކަތްކުރަމުންނެވެ. 

ދަ ކްލޭ ސްޓޫޑިއޯގެ ޝޯރޫމާއި ކެފޭ ކުރިއަށް އޮތް ދެ ހަފްތާއެއް ތެރޭގައި ހުޅުވޭނެ ކަމަށް، މުއާޒު ލަފާކުރައްވަ އެވެ.

ކްލޭ އިން އެއްޗެއް އުފައްދަނީ: މިއީ ރާއްޖެއަސް އަދި އާ މަސައްކަތެއް /ފޯޓޮ: ދަ ކްލޭ ސްޓޫޑިއޯ

މުއާޒް ވިދާޅުވީ ކްލޭ ސްޓޫޑިއޯ އުފެއްދުމުގެ އެއް އަމާޒަކީ ވީހާވެސް ގިނަ ބަޔަކަށް އުފެއްދުންތެރިކަމާއި ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

ކްލޭ ސްޓޫޑިއޯގައި ހެދި ޖޯޑެއް ދައްކާލަނީ

"ޕޮޓަރީގައި ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް ސުޓޫޑިއޯއަށް އައިސް އިކުއިޕްމަންޓް ބޭނުންކުރުމުގެ ފުރުސަތު އޮންނާނެ. ބޭނުމަކީ މޭކާސް ސްޕޭސްއެއް ކްރީއޭޓްކޮށް ކޮމިއުނިޓީ އެންގޭޖް ކުރުން މިކަމުގައި،" އޭނާ ވިދާޅުވި އެވެ.

ކްލޭ ސްޓޫޑިއޯގެ އަމާޒުތައް ގިނަ އެވެ. ރާއްޖޭގެ ރިސޯޓްތަކުގަ އާއި ރަށްރަށުގެ ސްކޫލްތަކުގައި ވެސް ޕޮޓަރީ މަސައްކަތް ފަށައިގަންނަން ބޭނުންވާ ފަރާތްތަކަށް ފަންނީ ލަފަ އާއި އެހީތެރިކަން ފޯރުކޮށްދޭން އެ ސްޓޫޑިއޯ އޮތީ ތައްޔާރަށެވެ.

ކްލޭ ސްޓޫޑިއޯގައި ކްލޭއިން އެއްޗެއް ހަދަނީ

ރާއްޖޭގެ އާޓްގެ ދާއިރާއަށް ކްލޭ ސްޓޫޑިއޯއިން މިގެނެސްދެނީ ބޮޑު ބަދަލެކެވެ. އާއްމުކޮށް ރާއްޖޭގައި އާޓް މި އޮންނަނީ ކުރެހުމާއި ޕެއިންޓްގެ މައްޗަށް ބިނާވެފަ އެވެ. އެކަމަކު އާޓަކީ ވަރަށް ފުޅާ ދާއިރާއެކެވެ. 

މުއާޒް ވިދާޅުވި ގޮތުގައި ކްލޭ ސްޓޫޑިއޯ އިން މި ހުޅުވާލަދެނީ އިތުރު ދޮރެކެވެ.

ކްލޭ ސްޓޫޑިއޯ ހުުޅުވުމުގެ އިވެންޓްގެ ތެރެއިން

ރާއްޖޭގައި ކްލޭ އާއި ސެރަމިކް އިން އުފައްދާ އެއްޗެހި އަދި ނުފެނެ އެވެ. މިސާލަކަށް އަންވެއިލިން ވިޝަން ކަހަލަ މައުރަޒުތަކުގައި ވެސް އެފަދަ އުފެއްދުންތައް ބައިވެރިއެއް ނުކުރެ އެވެ. 

"ދެން އަންނަ މައުރަޒެއްގައި އާ ޖީލެއްގެ ފަންނުވެރިން އުފެދިގެން އެމީހުންގެ ޕޮޓަރީ އަދި ސެރަމިކް މަސައްކަތްތައް، ހުނަރު އަދި އުފެއްދުންތެރިކަން ފެންނާނެ. ދިވެހިންނަށް ނެތީ ފުރުސަތުތަކެއް،" މުއާޒް ވިދާޅުވި އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް