މާތްވެގެންވާ ހަރަމްފުޅުގައި މުސްލިމުން އަޅުކަމުގައި: ރަނގަޅު މީހުންނާ އެކު އިންސާނުންގެ ތެރޭގައި ނުބައި އެތައް ބަޔަކު ވެސް އުޅޭ

ރޯދަ 2023

ފަޖުރު ސޫރަތަށް ނަޒަރެއް: ބިރުވެރިކަމާއި އެތައް ފިލާވަޅެއް ހިމެނޭ ބަޔާންކުރުމެއް

އިންސާނުންގެ ކިބާގައި ހުރި ނުބައި އެތައް ސިފަތައް ކިޔައިދެމުން، އެފަދަ މީހުންނަށް ހުރި އަޒާބުގެ ވާހަކަ ވެސް ހަނދާންކޮށްދޭ

ސޫރަތުލް ފަޖުރު ނުވަތަ ފަޖުރު ސޫރަތަކީ ކީރިތި ޤުރުއާނުގެ 89 ވަނަ ސޫރަތެވެ. މި ސޫރަތުގައި އޮތީ 30 އާޔަތެވެ. ސޫރަތުލް ފަޖުރަކީ މައްކީ ނުވަތަ މައްކާގައި، ކީރިތި ރަސޫލުގައި އުޅުއްވި އިރު ބާވާލެއްވި ސުރަތެކެވެ. ސޫރަތުގައި އޮތީ 139 ލަފުޒާއި 584 އަކުރެވެ.

އަޅުގަނޑުމެން އިންސާނުންނަށް މި ސޫރަތުން ކިޔައިދެނީ އެ މީހުންނާއި ކާއިނާތާ އޮތް ގުޅުމުގެ ވާހަކަ އެވެ. އިންސާނީ ހަޔާތާއި އެ ހަޔާތުގެ ދަތުރުގެ ކުރުކަމެވެ. އޭނާއަށް ވުރެ ކުރިން ވެސް އިންސީން ދުނިޔޭގައި އުޅުނުއުޅުމުގައި ހެއްދެވި ފަރާތަށް އުރެދުނު ބަޔަކު، އޭގެ ތެރޭގައި، ތިބި ކަމެވެ. އެއީ އާރާއި ބާރުގެ ގޮތުން މިހާރުގެ މީހުންނަށް ވުރެ އެތައް ގުނައެއް މޮޅު ބައެއްކަމެވެ. ނަމަވެސް އެ މީހުންގެ ނިމުން އެ މީހުންނާ ބައްދަލުކުރި ހިތި ގޮތުގެ ވާހަކަ އެވެ. އެވެރިންގެ އާރެއްބާރެއް އިލާހުވަންތަ ރައްބުގެ ކޯފާއިން އެވެރިން ސަލާމަތް ނުކުރި ކަމެވެ.

އުރެދުންތެރިންގެ އުރެދުން އެކަލާނގެ ބައްލަވައި ވޮޑިގެންވާކަމެވެ. ނަމަވެސް އެއްބައެއްގެ ވިޔާނުދާ އަމަލުގެ ސަބަބުން އަނެއް ބަޔަކު އެކަލާނގެ ރަހުމަތުން ބޭރުނުވާހުށި ކަމާއި، ދުނިޔެއަށް ފޮނުއްވާ ކޮންމެ އިންސިއަކަށް އޭނާގެ ރިޒްގު ފުރިހަމައަށް ދެއްވާނެކަމެވެ. އޭނާގެ ދިރިއުޅުމަށް މާތްރަސްކަލާނގެ ދެއްވާ ނިއުމަތްތަކާއި، ބައެއް ފަހަރު ނުދެއްވާ ހިފަހައްޓަވާ ނިއުމަތްތަކުގެ ވާހަކަ އެވެ. ނިއުމަތެއް ދެއްވައިފި ހިނދު އޭނާގެ ބޮޑާކަން އިތުރުވެ ގޮސް، ދެއްވި ފަރާތް ހަނދުމަ ނެތޭ ހިސާބަށް ދާކަމެވެ. އަދި ނިއުމަތެއް ހިފަހައްޓަވާ ކޮންމެ ފަހަރަކު، ރައްބަށް އިހާނެތި ބަސްތައް ރައްދުކުރެވޭ ވާހަކަ އެވެ. ނަމަވެސް އެއީ އޭނާއަށް ލާއިގު ގޮތެއް ނޫންކަމާއި އޭނާއަށް ނިއުމަތް ދެއްވާ ހިނދު އޭގެ ހައްގުވެރިންނަށް ހޭދަކުރުމުން އޭނާ މަނާވެގަތް ވާހަކަ އެވެ.

މި ޒަމާނުގައި އިންސާނީ މުއްސަނދިކަން ދައްކައިދޭ ފެންވަރު މަތީ ޔޮޓެއް: ﷲ ދެއްވާ ނިއުމަތްތަކަށް ގިނަ އިންސާނުން ޝުކުރުވެރިއެއް ނުވޭ (ދައުރު ފޮޓޯ/އަލީ ރަފީގް)

މި ސޫރަތުގައި ޔަތީމުންނަށް އިހާނެތިކޮށް ހިތި ވާހަކައިގެ ބައެއް ވެސް ހިމެނެ އެވެ. އެއާ ގުޅިފައި ހުރި މިސާލުތަކެވެ. މިސްކީނުންނަށް ކާންދިނުމަށް ހިތްވަރު ނުދިނުމެވެ. ވާރުތަވެރިންގެ މުދާ ނުހައްގުން ކައި އުޅުނު އުޅުމެވެ. އެއީ އޭނާގެ ކިބައިގައި މުދަލަށް އޮންނަ ތަބީއީ ލޯތްބެއްގެ ސަބަބުން ހިނގައިގަންނަ ޖަޒުބާތެއްކަމުގެ ވާހަކަ އެވެ. އޭގެ މައްޗަށް އޭނާ ގަދަވެ ނުގަންނަކަމާއި ވަރުގަދަ ލޯތްބަކުން މުދާ ދެކެ ލޯބިވާކަމުގެ ހެއްކެވެ.

ޝުކުރުކުރާ މީހުން ޝުކުރުކޮށް އުޅުނަސް މާތް ﷲ ދެއްވި ތަކެތީގެ މައްޗަށް ގިނަ މީހުން ބޮޑާވެ ކިބުރުވެރިވަމުން ދާ ވާހަކަ ވެސް، ރީތިކޮށް ގެނެސްދެއްވި އެވެ. މި ދެ ހާލަތުގައި އުޅޭ ކޮންމެ އިންސާނަކަށް ވެސް އޮތީ ހަޔާތުގެ ދަތުރު ނިންމާ އާހިރުގެ މަންޒިލަށް ފޯރުމެވެ. އޭނާގެ ނިމުން އަންނާނެ އެވެ. އަދި އެމަގުން ގޮސް މުޅި ދުނިޔެ ވެސް ނިމިދާނެ އެވެ.

ސޫރަތުގައި ދެން އެ ކިޔައިދެނީ އެ ނިމުން އަންނަ ބިރުވެރި ގޮތުގެ ވާހަކަތަކެވެ. ބިންގަނޑު ފުނޑުފުނޑުވެ ކުނޑިކުނޑިވެ ހިނގައިދާ ގޮތެވެ. ރައްބުލް ކާއިނާތުގެ އަމުރުފުޅައިގެން މަލާއިކަތުން ބިމަށް ފައިބައިވަޑައިގެން، ހިނގަވަން ޖެހޭ ފައިސަލާތައް ހިންގަވާ ވާހަކަ އެވެ. ނަރަކަ ގެނެވޭ ވާހަކަ އާއި މި ހިސާބަށް ކަންކަން ދާއިރު އެ ނިކަމެތި އިންސާނާއަށް ކުރާނެ އެއްވެސް ފައިދާއެއް އޮންނާތޯ ވެސް ސޫރަތުގައި ސުވާލުކުރައްވަ އެވެ.

ކީރިތި ގުރުއާނަކީ އިބުރަތުން ވެސް ފުރިފައި އޮތް ފޮތެއް

ހަގީގަތުގައި ސޫރަތުގައި ގެނެސްދެއްވާފައި ހުރި ވާހަކަތައް ބިރުވެރި އެވެ. ނިއުމަތްތަކަށް އުރެދި، ކިބުރުވެ، ނިކަމެތިންނާއި ޔަތީމުންނަށް ދެރަގޮތް ހެދި މީހުންނަށް ކުރިމަތިވާނެ އަޒާބުގެ ވާހަކައަށް ބަލައިލަމާ ހެއްޔެވެ؟ މާތް ﷲ ވަހީކުރެއްވީ އެފަދަ މީހުންނަށް އެނޫން އެކަކަށް ވެސް ނުދެއްވާ ވަރުގެ ގަދަފަދަ އަޒާބު ދެއްވާނޭ ކަމަށެވެ. އެހެން މީހުން ހައްޔަރުކުރާ ގޮތަށް ވުރެ ވޭން ހުރި ގޮތަކަށް ހައްޔަރުކުރައްވާނޭ ކަމުގެ އިންޒާރު ވެސް މެ އެވެ.

އެ ދުވަހުން ހިތްހަމަޖެހިގެން މުތުމައިންނު ވެގެންވާ ނަފުސުތަކެއް ވެސް ވާނޭ ކަމަށް ސޫރަތުގައި ބަޔާންކުރެއްވި އެވެ. އޯގާވަންތަ އިލާހު އެ ނަފުސުތަކަށް ދެއްވާ ރުހުމުގެ ދައުވަތެވެ. ރުހުން ލިބިގެންވާ ހާލު އެބައި މީހުންގެ ވެރިރައްބުގެ ހަޒުރަތަށް އައުމަށް ގޮވާލައްވަ އެވެ. ރަހުމާނުވަންތަ އިލާހަށް އަޅުކަންކޮށް ޖަންނަތުގެ ނިއުމަތް ހާސިލުކުރި އަޅުތަކުންނާ އެކު ސުވަރުގެއަށް ވައްދަވާނެ ކަމެވެ.

މުޅި ސޫރަތުން ޖުމަލަ ގޮތެއްގައި ލިބެނީ، ކޮންމެ ނަފުސަކަށް ވަކިވަކިން ހުރި ނަސޭހަތްތަކެވެ. ދުނިޔެ ހިނގާ މަގުން އޭނާ ވެސް ދުނިޔޭގައި ނިމި ހިނގައި ދާނެކަމެވެ. އެ މަގުން ދުނިޔެ ވެސް ނިމޭނެކަމެވެ. އަދި ދުނިޔޭގައި ކުޅަ ކޮންމެ ކަމަކާ އެކަށޭނަ ޖަޒާ ނުވަތަ ސަޒާ ދެއްވާނެކަމެވެ. ވިޔާނުދާ މީހަކު ކުޅަކަމަކުން ހެޔޮކަމުގެ އަހުލުވެރިންނަށް ގެއްލުން ނުވާނެކަމެވެ. ނަމަވެސް އެ މީހުންގެ ފަރާތުން އިބުރަތް ހޯދައި، މާތްރަސްކަލާނގެ ރުއްސަވާ ގޮތަށް ދުނިޔެއުޅުމަށް ތާއަބަދު މަސައްކަތް ކުރަން ވާނެކަމެވެ.

މިހާރު އަޅުގަނޑުމެން ހޭދަކުމަރުން މިއަން ރޯދަމަހުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް މިފަދަ ސޫރަތްތަކާއި ދަރުސްތަކުން އިބުރަތް ހާސިލު ކުރަންވީ އެވެ. އިހުގެ ޖައްބާރުންގެ ކިބައިގައި ހުރި ފަދަ ސިފައެއް އަޅުގަނޑުމެންގެ ކިބައިގައި ހުރި ނަމަ އެކަމުން ސަލާމަތް ވޭތޯ ދުވާކޮށް މަސައްކަތް ކުރަންވީ އެވެ. ނިއުމަތަށް ޝުކުރުވެރި ވާންވީ އެވެ. ޔަތީމުންނަށް އަޅާލަންވީ އެވެ. މިސްކީނުންނަށް ކާންދޭންވީ އެވެ. ހަރާމްތަކެތި ކައިބޮއެ ނޫޅެންވީ އެވެ. މީހުންގެ ހައްގަށް އަރައިނުގަންނަންވީ އެވެ. މަރަށް ތައްޔަރުވާންވީ އެވެ. އަޖަލު އައިސް ޖެހުމުގެ ކުރިން ތައުބާވަންވީ އެވެ. މަޖަލުގައި ނޫޅެ ހަޔާތުގެ ދަތުރުގައި އާހިރަތަށްޓަކައި ދަރުކޮއްތު އެއްކުރަންވީ އެވެ. އެންމެ ހެޔޮ ކޮއްތަކީ ތަގުވާ ކަމުގައި ދަންނަންވީ އެވެ. މާތް ރަސްކަލާނގެ ރޯދަމަހުގެ ރޯދަ ފަރުލުކުރެއްވީ ތަގުވާވެރި ވުމަށް ޓަކަ އެވެ. އަޅުގަނޑުމެންނަކީ ތަގުވާވެރިން ކަމުގައި ލައްވާށި އެވެ! އާމީން

އެޑިޓަރުގެ ނޯޓު

މުހައްމަދު އަފްޒަލްއަކީ އިސްލާމީ އަގީދާ އާއި ފަލްސަފާގެ ދާއިރާއިން ޕާކިސްތާނުގެ އިސްލާމިކް ޔުނިވަސިޓީން ފުރަތަމަ ޑިގްރީ ނަންގަވާފައިވާ ބޭފުޅެކެވެ. އޭނާ ގެންދަވަނީ ދީނީ ތަގުރީރު ދެއްވުމާއި ދީނީ މައުލޫއުތަކަށް ލިއުއްވުން ފަދަ ތަފާތު ގިނަ ހިދުމަތްތަކެއް ކުރައްވަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް