ނިއު ޖާޒީގެ ސުޕީރިއާ ކޯޓުގެ ފަނޑިޔާރުކަމާ މިދިޔަ ހަފްތާގައި ހަވާލުވެވަޑައިގެންނެވި ނާދިޔާ ކަހްފު

އެމެރިކާ

ނިއު ޖާޒީގެ ބުރުގާއެޅި ފުރަތަމަ ފަނޑިޔާރު ސަމާލުކަން ހޯދައިފި

ހަތިމުގައި އަތްލައި ފަނޑިޔާރުކަމުގެ ހުވާކުރެއްވި ނާދިޔާ ކަހްފު ވިދާޅުވީ ބިރަކާ ނުލައި ދީނަށް އުޅޭތަން ޒުވާން ޖީލަށް ފެންނަން ބޭނުންވާ ކަމަށް
29 މާރިޗު 2023

އެމެރިކާގެ ނިއު ޖާޒީގެ ފުރަތަމަ ބުރުގާއެޅި ފަނޑިޔާރުގެ ގޮތުގައި ނާދިޔާ ކަހްފު ވިދާލައިފި އެވެ.

މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ފަނޑިޔާރުކަމަށް ހަމަޖެއްސި ނާދިޔާއަކީ އެ ސްޓޭޓުގެ ސުޕީރިއާ ކޯޓުގެ ބެންޗަށް އައްޔަންކުރި ފުރަތަމަ މުސްލިމް ފަނޑިޔާރެއް ނޫނެވެ. ޝަރީފާ ސަލާމް އާއި ކާލިމާ އަހުމަދާއި މުސްލިމް ފިރިހެން ތިން ފަނޑިޔާރަކު ވެސް އެ ކޯޓުގައި ތިއްބަވަ އެވެ. އަދި ނާދިޔާ ފަނޑިޔާރުކަމުގެ ހުވާކުރެއްވިތާ ޖެހިގެން އައި ދުވަހު އެ ކޯޓަށް އައްޔަންކުރި ދާލްޔާ ޔޫސުފަކީ ވެސް ބުރުގާއަޅާ ފަނޑިޔާރެކެވެ.

ނަމަވެސް ނާދިޔާ ބުރުގާގައި ހުންނަވައި ހަތިމުމަތީ އަތް ބާއްވަވައިގެން ފަނޑިޔާރުކަމުގެ ހުވާކުރެއްވި އިރު އެއްވެ ތިބި އެންމެން ކޮޅަށް ތެދުވެ އަތްތިލަބަޑި ޖަހައި މަރުހަބާކީ ރަސްމިއްޔާތު ފެނި، މުސްލިމުންނަށް ވަނީ ހާއްސަ އުފަލެއް ލިބިފަ އެވެ. އަދި ނާދިޔާއަށް ބައިނަލްއަގުވާމީ ސަމާލުކަން ލިބި، މުސްލިމް ބައެއް ގައުމުތަކުގެ ހަބަރުތަކުގައި އެކަން ފާހަގަކޮށްފައިވެ އެވެ.

ނިއު ޖާޒީގެ ސުޕީރިއާ ކޯޓުގެ ފަނޑިޔާރު ނާދިޔާ ކަހްފު (ވ) ހުވާކުރެއްވުން

ނިއު ޖާޒީގެ 'ނޯތު ޖާޒީ' ނޫހުން ބުނިގޮތުގައި ނާދިޔާ ހުވާކުރެއްވި އިރު ބޭނުންކުރެވި ގުރުއާން ފޮތަކީ އޭނާގެ ހޫރު މާމައަކު 1880ގެ އަހަރުތަކުގައި އަތުން ލިޔެފައިވާ މުސްކުޅި މުސްހަފެކެވެ.

ނާދިޔާގެ ކުދިންނާއި މައިންބަފައިންނާއި ފިރިމީހާ ބައިވެރިވި އެ ރަސްމިއްޔާތަށް ދިޔަ އޭނާއަށް ހެޔޮއެދޭ މީހުން ގިނަކަމުން އިތުރު ކޮޓަރިތަކެއް ހަމަޖައްސަން ޖެހުނު ކަމަށް ވެސް ނޫހުގައި ބުނެފައިވެ އެވެ.

ނާދިޔާ ކަހްފު ފަނޑިޔާރުކަމުގެ ހުވާކުރައްވަނީ

ނާދިޔާއަކީ އާއިލީ މައްސަލަތަކާއި އިމިގްރޭޝަނަށް ހާއްސަ ވަކީލެކެވެ. އޭނާ އާއި އިތުރު 12 ވަކީލަކު ނިއު ޖާޒީގެ ސުޕީރިއާ ކޯޓަށް އައްޔަންކުރުމަށް ގާނޫނުހަދާ މަޖިލީހުން މިދިޔަ ހަފްތާގެ ހޯމަ ދުވަހު ފާސްކުރީ އެ ކޯޓުން ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމުތައް ފުރުމަށް ދަތިތައް ކުރިމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ.

ނިއު ޖާޒީގެ ގަވަރުނަރު ފިލް މާފީ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ފޮނުއްވި 15 ނަމެއްގެ ތެރޭގައި ނާދިޔާ ހިމެނުއްވީ މީގެ އަހަރެއް ކުރިންނެވެ. އެހެން ނަންތަކާ މެދު ގޮތެއް ނިންމި ނަމަވެސް ނާދިޔާއާ މެދު ސެނެޓުން ގޮތެއް ނުނިންމައިގެން މުސްލިމް ލީޑަރުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. ނަމަވެސް، އާދަކާދައިގެ މަތިން ލިބިވަޑައިގަންނަވާ އިމްތިޔާޒެއްގެ ބޭނުންކުރައްވައިގެން، ނާދިޔާ ނިސްބަތްވެވަޑައިގަންނަވާ ޑިސްޓްރިކްޓް ތަމްސީލްކުރައްވާ މެމްބަރު އެ މައްސަލަ މަޑުޖައްސާލެއްވީ އެވެ. ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން މިފަދައިން އަމަލުކުރެއްވުމަކީ އެހެންޏާ ވެސް ހިނގާ ކަމެއް ކަމަށް 'ނޯތު ޖާޒީ'ގައި ބުނެފައިވެ އެވެ.

ނާދިޔާ އަށް ރުހުން ދިނުމުގެ މައްސަލަ ކުރިއަށް ގެންދިޔުމަށް ގޮވާލައްވައި 90 ބޭފުޅަކު ސޮއިކުރައްވާފައިވާ ސިޓީއެއް މިދިޔަ އަހަރުގެ މޭ މަހު ސެނެޓަރު ކްރިސްޓިން ކޮރާޑޯއަށް ފޮނުއްވާފައިވެ އެވެ. އަދި ނާދިޔާއަށް ތާއީދުކޮށް ހުޅުވާލި އޮންލައިން ޕެޓިޝަނެއްގައި 700 އަށް ވުރެ މީހުން ސޮއިކޮށްފައިވެ އެވެ.

ނިއު ޖާޒީގެ ސުޕީރިއާ ކޯޓުގައި ޖިނާއީ، މަދަނީ އަދި އާއިލީ މައްސަލަތައް ބެލުމަށް ގާތްގަނޑަކަށް 460 ފަނޑިޔާރަކު އެބަތިއްބެވި އެވެ. އެ ފަނޑިޔާރުން ފުރަތަމަ އައްޔަންކުރަނީ ހަތް އަހަރުގެ ދައުރަކަށެވެ.

ނިއު ޖާޒީގެ ސުޕީރިއާ ކޯޓުގެ ފަނޑިޔާރު ނާދިޔާ ކަހްފު 

އުމުރުން 2 އަހަރުގައި ސީރިއާ އިން އެމެރިކާއަށް ހިޖުރަކުރެއްވި ނާދިޔާ 2003 އިން ފެށިގެން ގެންދަވަނީ މުސްލިމުންގެ މަދަނީ ހައްގުތަކަށް މަސައްކަތްކުރާ ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސްގެ ނިއު ޖާޒީ ގޮފީގެ ބޯޑު މެމްބަރުކަން ކުރައްވަމުންނެވެ. އަދި މިހާރު އޭނާއަކީ އެ ގޮފީގެ ޗެއާ އެވެ.

ގެވެށި އަނިޔާގެ މައްސަލަތަކާއި އެހެނިހެން ކަންކަމުގައި އިޖުތިމާއީ ހިދުމަތްތައް ދިނުމަށް ހިލޭސާބަހަށް ހަރަކާތްތެރިވާ ޖަމާއަތަކަށް ގާނޫނީ ލަފާ ދެއްވުމުގެ މަސައްކަތް ވެސް ކުރައްވާ ނާދިޔާއަކީ ނިއު ޖާޒީގެ އެންމެ ބޮޑު އެއް މިސްކިތް ކަމަށްވާ އިސްލާމިކް ސެންޓާ އޮފް ޕަސޭއިކް ކައުންޓީގެ ޗެއާ ވެސް މެ އެވެ.

"ނިއު ޖާޒީ އާއި އެމެރިކާގެ މުސްލިމުންނާއި އަރަބިން ތަމްސީލްކުރެވޭތީ އަޅުގަނޑު ވަރަށް ފަހުރުވެރިވޭ،" ހުވާކުރުމުގެ ރަސްމިއްޔާތުގައި ނާދިޔާ ވިދާޅުވި އެވެ. "ބިރަކާ ނުލައި އެ މީހުންގެ ދީނަށް އުޅެވޭނެކަން ޒުވާން ޖީލަށް ފެންނަން އަޅުގަނޑު ބޭނުންވޭ."

އިތުރު އާޓިކަލް

އިތުރު އާޓިކަލް