
އުރުދުންގެ އަމީރާ އީމާންގެ ހުވަފެނީ ކައިވެނި ހަފްލާ
އުރުދުންގެ އަމީރާ އީމާން މިދިޔަ އާދީއްތަ ދުވަހު އެމެރިކާގެ ނިއު ޔޯކްއަށް ނިސްބަތްވާ ފައިނޭންސަރު ޖަމީލް ތަމިއޮޓިސްއާ ކައިވެނިބަައްލަވައިގަތީ އުރުދުންގެ ވެރިރަށް އައްމާންގެ ބޭރުގައި ހުންނަ ބެއިޓް އަލް އުރްޑޮން ގަނޑުވަރުގައި ބޭއްވި ހިތްގައިމު ރަސްމިއްޔާތެއްގަ އެވެ.

މި އަހަރުގެ ފުރަތަމަ ޝާހީ ބޮޑު ކައިވެނި ހަފްލާ ވަނީ ވަގުތުން ބްރޯޑްކާސްޓު ކޮށްފަ އެވެ. މި ހަފްލާގެ މެހެމާނުންގެ ތެރޭގައި ޝާހީ އާއިލާގެ ބޭފުޅުންގެ ތެރޭގައި، އަމީރާ އީމާންގެ މައިންބަފައިން، ރަސްގެފާނު އަބްދުالله ދެވަނަ އަދި ރާނީ ރާނިޔާ ހިމެނިވަޑައިގަންނަވަ އެވެ. މި ސަރަހައްދުގެ އިއްޒަތްތެރިންގެ ތެރޭގައި އަބޫދާބީގެ އެގްޒެކެޓިވް އޮފީހުގެ ޗެއާމަން ހާލިދު ބިން މުހައްމަދު އަލް ނަހްޔާން އާއި މިސްރުގެ ފަސްޓްލޭޑީ އެންޓިސާރު އަމޭރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.



މި ބޮޑު ކައިވެނި ހަފްލާއަށް މުޅި ތަން ވަނީ ހިތްގައިމު، ހުވަފެނީ ސްޓައިލަކަށް ފަރުމާކޮށް، ބަދަލުކޮށްލާފަ އެވެ. ޗެރީ ބްލޮސޮމްސް ފަދަ ނަލަ މަޑު ފިޔާތޮށި ކުލައިގެ މާ އަޅާފައި ހުރި ގަސްތަކަކުން ތަން ޖަރީ ކޮށްލާފައިވެ އެވެ.

ކައިވެނި ހަފްލާގައި ބައިވެރިވެވަޑައިގެންނެވި ޝާހީ އާއިލާގެ ހުރިހާ މެމްބަރުން ވެސް ތިއްބެވީ ފަރި ކުލަތަކުގެ ހެދުން ތުރުކުރައްވައިގެންނެވެ. ހަފްލާގެ އެންމެ ހާއްސަ ދެކަނބަލުން، އަމީރާ އީމާން އަދި ފިރިކަލުން ޖަމީލް ތަމިއޮޓިސް ތިއްބެވީ ކްލެސިކް ހުދު ހެދުމަކައި ކަޅު ސޫޓެއް ތުރުކުރައްވައިގެންނެވެ. މަޝްހޫރު ބްރޭންޑު ޑިއޯ އިން ވަނީ ޕްރިންސަސް އީމާންގެ ކައިވެނި ހަފްލާއަށް ހާއްސަކޮށް ހުދު ކުލައިގެ ދިގު ލޭސް ހެދުމެއް ފަރުމާކޮށްދީފަ އެވެ. އަދި ރަސްގެފާނު އަބްދުالله ދެވަނައިގެ މަންމާފުޅު، އަމީރާ މުނާ އަލް ހުސައިންގެ ޑައިމަންޑް ޓިއާރާއެއް އަމީރާ އީމާންގެ ހެދުމާ އެކު ގުޅުވާލާފައިވެ އެވެ.

ރާނީ ރާނިޔާ ތުރުކުރައްވައިގެން ހުންނެވީ ޑިއޯ ބްރޭންޑުގެ ހެދުމެކެވެ. އެކަމަނާ ތުރުކުރައްވައިގެން ހުންނެވި 'ހައި ނެކްޑް' ޑިޒައިނަކީ އެ ބްރޭންޑުން 2022ގެ ފިނި މޫސުމަށް ނެރުނު ކަލެކްޝަންގެ ޑިޒައިނެކެވެ.
އުރުދުންގެ ރަސްގެފާނާއި ރާނީގެ އެންމެ ހަގު އަންހެން ދަރިކަނބަލުން، އަމީރާ ސަލްމާ، 22، ތުރުކުރައްވައިގެން ހުންނެވީ ގަދަ ފިޔާތޮށި ކުލައިގެ އެންޑްރޫ ގިން ބްރޭންޑުގެ ހެދުމެކެވެ. ވަލީއަހުދު ހުސައިންގެ އަނބިކަނބަލުން ރަޖްވާ އަލް ސައިފް ވަނީ ކައިވެނި ހަފްލާގައި ބައިވެރިވެވަޑައިގަތުމަށް ރީނދޫ ކުލައިގެ ރޮކްސަންޑާ އިލިންސިކް ބްރޭންޑުގެ ހެދުމެއް ތުރުކުރައްވާފަ އެވެ. އަލް ސައިފް އާއި އުރުދުންގެ ވަލީއަހުދު ކައިވެނިބައްލަވައިގަންނަވަން ހަމަޖެހިފައިވަނީ 1 ޖޫންގަ އެވެ. ޝާހީ އާއިލާގެ ކޮންމެ ކަނބަލަކު ވެސް ހެދުން ސްޓައިލުކުރައްވާފައި ތިއްބެވީ ވަރަށް 'މޮޑެސްޓް'، މާ ގޮތް ބޮޑު ނޫން، ޗާލު އަދި މުސްލިމުންނަށް އެކަށީގެންވާ ޒަމާނީ ހެދުންތަކެއްގަ އެވެ.



ކައިވެނި ހަފްލާގެ ކުރިން ބޭއްވި ހެނާ ޕާޓީގައި ވެސް އެ ކަނބަލުން ވަނީ ހާއްސަ ހެދުންތަކެއް ދައްކާލާފަ އެވެ. އެގޮތުން، އަމީރާ އީމާން ވަނީ ހުދު ކުލައިގެ ކަފްތާން ސްޓައިލެއްގެ ދިގު ހެދުމެއް ތުރުކުރައްވާފަ އެވެ. އެ ހެދުން ފަރުމާކޮށްފައިވަނީ ފަލަސްތީނާއި އުރުދުންއަށް ނިސްބަތްވާ ޑިޒައިނަރު ރީމާ ދަހްބޯ އެވެ. އެ ހެދުމުގައި ގިނަ އަދަދަކަށް އެމްބްރޮއިޑަރީ މަސައްކަތް ކޮށްފައިވެ އެވެ. އަދި ބަނޑުމަތިން އައްސާފައިވާ (ސޭޝް) ބަންދުގައި ރަން ކުލައިން އެމްބްރޮއިޑަރީ ކޮށްފައި ހުއްޓެވެ. ބައެއް މީހުން ބުނި ގޮތުގައި އެ ހުދު ސޭޝް އަކީ ރާނީ ރާނިޔާ 1993ގައި ރަސްގެފާނު އަބްދުﷲއާ ކައިވެނިކުރެއްވި އިރު އެ ކަމަނާގެ ހެދުމުގައި ބޭނުންކޮށްފައިވާ ސޭޝް އެވެ.
ހެނާ ޕާޓީގައި ރާނީ ރާނިޔާ އާއި އެހެން މެހެމާނުން ވަނީ ގަދަ ކުލަކުލައިގެ ކަފްތާން ސްޓައިލުގެ ހެދުން ތުރުކުރައްވާފަ އެވެ.
ރާނީ ރާނިޔާ ވަނީ އޭނާގެ އަންހެން ދަރިކަނބަލުންނަށް ފޭސްބުކާއި އިންސްޓަގްރާމްގައި ހާއްސަ މެސެޖެއް ޕޯސްޓުކުރައްވާފަ އެވެ.
"އަހަރެންގެ އެންމެ ލޯބިވާ އީމާންއަށް މަރުހަބާ ކިޔަން. ދަރިފުޅުގެ ހިނިތުންވުމަކީ އުފަންވި ދުވަހުން ފެށިގެން އަހަރެންނަށް ލިބުނު އެންމެ އުފާވެރި ހަދިޔާ. ދަރިފުޅަށާއި ޖަމީލަށް ލޯތްބާއި ހިނިތުންވުމުން ފުރިގެންވާ ދިރިއުޅުމަކަށް އެދެން،" އެ މެސެޖުގައިވެ އެވެ.
ކޮމެންޓް (2)
ޖުލައި
އަމީރާ