ބައިވެރިޔާގެ ފަރާތުން ރެޑް ފްލެގްސް ފެންނަ ނަމަ އަދި އެކަން އޭނާ ހައްލު ނުކުރާ ނަމަ ދުރުވުން ބުއްދިވެރި

ލޯބި

ބައިވެރިޔާގެ ފަރާތުން މި ކަންކަން ފެންނަ ނަމަ ދުރުވާންވީ

ރެޑް ފްލެގްތަކުގެ ސަބަބުން ގިނަ ފަހަރަށް ބައިވެރިޔާގެ ފަރާތުން ކޮންމެވެސް ކަހަލަ ނަފްސާނީ ހާނީއްކައަކަށް ހުށަހެޅޭ
2 މާރިޗު 2023

މުހިންމު ނުކުތާތައް

ރެޑް ފްލެގްސް ފެނުނަސް ހާއްސަކޮށް ގުޅުމުގެ އާކޮޅު ޝަހުވަތާއި ލޯބީގެ ސަބަބުން އެކަމަށް މާ ބޮޑަށް ސަމާލުކަން ނުދެވި ހިނގައިދާނެ

ދެ މީހެއްގެ ގުޅުމުން ޔެލޯ ފްލެގްސް ވެސް ފެނިދާނެ؛ އެއީ ފަސޭހައިން ހައްލު ކުރެވިދާނެ ކަންކަން

އެންމެ ރަނގަޅު ގޮތަކީ ތެދުވެރިކަމާއި އިންސާފުވެރިކަމާ އެކު ވީހާ ވެސް އަވަހަކަށް އެ މައްސަލައަކާ ކުރިމަތިލުން

ދެ މީހެއްގެ ދެމެދުގައި އޮންނަ ގުޅުން ވަރުގަދަވެ ލޯބިން އެކީގައި އުޅެވެނީ އެ ގުޅުން ވަރުގަދަކޮށް ބާއްވަން ދެ މީހުން މަސައްކަތް ކުރި ވަރަކަށެވެ. ނަމަވެސް ބައެއް ފަހަރު، ބައިވެރިޔާގެ ކިބައިން ފެންނަ "ރެޑް ފްލެގްސް" ހުރެ އެވެ. ސުނާމީއެއް އަރާ އިރު އާލީ ވޯނިން ސިސްޓަމްތަކުން އެ ސުނާމީގެ އަސަރުގެ ބުނެދޭ ފަދައިން، މި ރެޑް ފްލެގްތަކަކީ ބައިވެރިޔާއާ އެކު އުފާވެރި ހަޔާތެެެއް ވޭތުނުކުރެވޭނެ ކަމުގެ އަލާމާތްތަކެކެވެ. ދޭ އިންޒާރުތަކެވެ.

އަލަށް ބައިވެރިޔަކު ހޯދައިގެން އުޅޭއިރު، ނުވަތަ ގިނަ ދުވަސްވީ ބައިވެރިޔެއް ނުވަތަ ކައިވެނިކޮށްގެން އެކީގައި ދިރިއުޅޭ ބައިވެރިޔާގެ ކިބައިން ވެސް މި ރެޑް ފްލެގްތައް ފެނިދާނެ އެވެ.

ރެޑް ފްލެގްތަކުގެ ނުރައްކާ ބޮޑީ އޭގެ ސަބަބުން ގިނަ ފަހަރަށް ބައިވެރިޔާގެ ފަރާތުން ކޮންމެވެސް ކަހަލަ ނަފްސާނީ ހާނީއްކައަކަށް ހުށަހެޅޭ ކަމަކަށް ވުމެވެ. ބްލެކްމެއިލް ކުރުން، ބިރުދެއްކުން ނުވަތަ އިމޯޝަނަލް އެބިއުސް ބައިވެރިޔާގެ ފަރާތުން ކުރިމަތިވުން ގާތެވެ. މިކަމުގެ ސަބަބުން ތިމާގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރެ އެވެ. 

ކައިވެނިކޮށްގެން އުޅޭ ބައިވެރިޔާގެ ކިބައިން ވެސް ރެޑް ފްލެގްސް ފެނިދާނެ

ރެޑް ފްލެގްތައް ބައިވެރިޔާގެ ކިބައިން ފެނުނަސް، ހާއްސަކޮށް ގުޅުމުގެ އާކޮޅު ޝަހުވަތާއި ލޯބީގެ ސަބަބުން، އެކަމަށް މާ ބޮޑަށް ސަމާލުކަން ނުދެވި ހިނގައިދާނެ އެވެ. ދެ މީހެއްގެ ދެމެދުގައި އޮންނަ ގުޅުމުގެ ތެރެއިން ބައެއް ފަހަރަށް ރެޑް ފްލެގްސް ފާހަގަ ކުރަން ވެސް އުނދަގުލެވެ. 

ކަޕްލްސް ތެރަޕީ ދޭ ފަރާތްތަކުން ބުނާ ގޮތުގައި ބައިވެރިޔާގެ ކިބައިން ތިރީގައި މިވާ ކަންކަން ފެންނަ ނަމަ ދުރުވުން ބުއްދިވެރި އެވެ.

1. ދޮގުހެދުން

އާދައިގެ ކަންކަން ބައިވެރިޔާ އަށް ސިއްރުކޮށް އޮޅުވާލުމުގެ ނިޔަތުގައި ދޮގުހަދާ ނަމަ މިއީ ރެޑް ފްލެގް އެކެވެ. ދާ ތަނަކާއި ބައްދަލު ކުރާ މީހެއްގެ ވާހަކަ ނުބުނުމަކީ ކުޑަ ދޮގެއް ކަމުގައި ބެލެވިދާނެ އެވެ. އެކަމަކު އެހެެން މީހަކަށް ދަރާފައި އޮތް ވަރު އޮޅުވާލައި ނުުބުނުމަކީ ބޮޑު ދޮގެކެވެ.

ބައިވެރިޔާ އަބަދު އޮޅުވާލައި ދޮގުހަދާ ނަމަ ދެ މީހެއްގެ ގުޅުމުގެ ބިންގާ އެޅުމަށް އުނދަގޫވާނެ އެވެ. އަދި މިކަމުގެ ސަބަބުން މުސްތަގުބަލު އުޖާލާއެއް ނުވާނެ އެވެ.

އާދައިގެ ކަންކަން އޮޅުވާލުމުގެ ބޭނުމުގައި ދޮގުހަދާ ނަމަ އެއީ ސަމާލުވާންވީ ކަމެއް

2. އަބަދު ދަށްކޮށްލާފައި ބެހެއްޓުން

އަބަދު ތިމާ ދަށްކޮށް ދެރަކޮށްލާ ބަސްތައް ބައިވެރިޔާގެ ފުށުން އިވޭ ނަމަ މިއީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރަށް އަސަރު ކުރާ ކަމެކެވެ.

ތަޖުރިބާކާރުން ބުނާގޮތުގައި މިއީ އިމޯޝަނަލް އެބިއުސްގެ ބާވަތެކެވެ. މިކަމުގެ ސަބަބުން ނަފްސާނީ ހަލާތަށް އަސަރު ކުރެ އެވެ. ސްޓްރެސް މަތިވެ، ދެ މީހުންގެ ގުޅުމުގައި އެއްވެސް ކަހަލަ ރައްކާތެރިކަމެއް ނެތް ކަމުގެ އިހްސާސް ކުރެވެ އެވެ.

"އަހަރެން ނޫން މީހެއް ނަމަ އެކީގައި ނުވެސް އުޅޭނެ،" މިއީ ބައިވެރިޔާ ދަށްކޮށްލުމަށް ބޭނުން ކުރާ ބަސްމަގެވެ.

މީގެ ކުރިން 2013 ވަނަ އަހަރު ހެދި ދިރާސާއެއް ބުނާ ގޮތުގައި ޖިސްމާނީ އަނިޔާއާ ދާދި އެއްވަރަކަށް ޖަޒުބާތީ ގެއްލުން ދެ އެވެ. މި ދެ ކަަންތަކުން ވެސް ޑިޕްރެޝަން ކުރިމަތިވެ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރަށް އަސަރު ކުރެ އެވެ.

ބައިވެރިޔާގެ ފުށުން މި އަމަލު ފެންނަ ނަމަ އެކަމާ ގުޅޭ ގޮތުން އޭނާއާ ވާހަކަދެއްކުން މުހިއްމެވެ. އޭނާ މި ކަމުގެ ޒިންމާ ނަގައި އުޅުން ބަދަލު ނުކުރާ ނަމަ އެ ގުޅުން ނިންމާލުން ބުއްދިވެރި އެވެ.

3. ދޫނުދިނުން

ދެ މީހެއްގެ ދެމެދުގައި އޮންނަ ގުޅުން އުޖާލާ ވަނީ އެކަކު އަނެކަކަށް ދޫ ދޭ ނަމަ އެެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ދެ މީހުންގެ ހިޔާލާއި ޝައުގުވެރިކަން އެއްގޮތް ނުވެދާނެ އެވެ. އެހެންކަމުން އެކަކު އަނެކަކަށް ދޫދިނުން މަޖުބޫރެވެ. ދޫކުރަން ޖެހެނީ އަބަދު އެކަކެއް ނޫނެވެ. ދެ މީހުން ވެސް ދޫ ދޭން ޖެހޭ ފަހަރުތަކުގައި ދޫ ދޭންވެ އެވެ.

ބައިވެރިޔާ އަށް އަބަދު ތިމާ ދޫކުރަން ޖެހޭ ނަމަ، ދިރިއުޅުމުގައި ތިމާގެ ބާރެއް ނެތް ކަން އިހްސާސް ކުރެވެ އެވެ. ހިތްހަމަނުޖެހިފައި އަބަދު ހުންނަން ވުމުން މޮޅިވެރިކަމާއި މާޔޫސްކަމާ ތިމާ ކުރިމަތިލާން ޖެހެނީ ކަންކަން ތިމާ ބޭނުންވާ ގޮތަށް ނުނިންމޭތީ އެވެ.

ދުޅަހެޔޮ ގުޅުމެއްގައި އެކަކު އަނެކަކަށް ދޫކުރުން ވަރަށް މުހިއްމެވެ. ދޫކުރުން އެއީ އެއްކޮޅަށް ދުއްވާ މަގެއްހެން އަބަދު އެކަކު ކުރާ ކަމެއްގެ ގޮތުގައެއް ދުޅަހެޔޮ ގުޅުމެއްގައި ނޯވެ އެވެ.

ދެ މީހުންގެ ދިރިއުޅުމުގެ ކަންކަން ނިންމުމުގައި އަބަދު އެކަކު ބޭނުން ގޮތެއް ހަދަން ޖެހުމަކީ ރެޑް ފްލެގެއް

4. ކޮންޓްރޯލް ކުރުމާއި އާދަޔާހިލާފު ހަސަދަވެރިކަން

ބައިވެރިޔާ އަކީ ޝައްކުކޮށް ހަސަދަވެރިކަން ބާއްވާ މީހެއް ނަމަ، ތިބާ ކޮންޓްރޯލް ކުރަން އޭނާ އުޅޭނެ އެވެ. ދެ މީހުންގެ ގުޅުން ފިޔަވައި ރައްޓެހިން ނުވަތަ އެހެން އިޖްތިމާއީ ގުޅުންތައް ބޭއްވުމަށް އޭނާ ހިތްހަމައެއް ނުޖެހޭނެ އެވެ. ބައިވެރިޔާ ތިމާގެ ހަޔާތަށް އަންނަ އެހެން މީހުންނާ މެދު ހަސަދަވެރިވާ ނަމަ ބޯހާސްކޮށްލާ ވަރަށް ފޯނުކޮށް، މެސެޖުކޮށް ހަދާނެ އެވެ. އަދި އުޅޭ ނޫޅޭ ގޮތް ކޮންޓްރޯލް ކުރަން އުޅޭނެ އެވެ.

ކޮންޓްރޯލް ކުރުން އާއްމުކޮށް ފަށަނީ ކުދިކުދި ކަންކަމުގަ އެވެ. އެކީގައި ގިނަ ދުވަސްވާ ވަރަކަށް ބޮޑަށް، ގިނަ ކަންކަން ކޮންޓްރޯލް ކުރެ އެވެ. މިކަމުގެ ސަބަބުން "ދުވަހަކުވެސް ރަނގަޅަށް" ކަމެއް ނުކުރެވޭ ކަމުގެ އިހްސާސް ކުރެވޭނެ އެވެ.

އަބަދު ބައިވެރިޔާ ރުއްސަން ތިމާ ކުރާ ކަންކަން ބަދަލު ކުރާ ނަމަ މިކަމުގެ މާ ބޮޑު ގޯހެއް ފަހުން އޮންނާނެ ކަމުގައި ތަޖުރިބާކާރުން ބުނެ އެވެ.

މީގެ ކުރިން 2010 ވަނަ އަހަރު ހެދި ދިރާސާއެއް ބުނާގޮތުގައި ބައިވެރިޔާގެ ފަރާތުން ހަސަދަވެރިކަން ފެންނަ ނަމަ ދެ މީހުންގެ ގުޅުމުގެ ފެންވަރު ދަށްވެ އެވެ. މީގެ މާނައަކީ ޝައްކުކުރުމާއި ހަސަދަވެރިކަމުގެ ސަބަބުން ގުޅުމަށް ނޭދެވޭ އަސަރު ފޯރާކަމެވެ.

އަދި 2014 ވަނަ އަހަރު ހެދި ދިރާސާއެއް ބުނާ ގޮތުން ދެ މީހެއްގެ ދެމެދުގައި އޮންނަ ގުޅުމުގެ ކުރީކޮޅު ބައިވެރިޔާގެ ފަރާތުން ތިމާއަށް ނުފޫޒު ފޯރުވާ ވަރު ބޮޑު ނަމަ، ގުޅުމަށް ގިނަ ދުވަސްވާ ވަރަކަށް ދެ މީހުންގެ ދެމެދުގައި މުއާމަލާތްކުރުމަށް ނޭދެވޭ އަސަރުކުރެ އެވެ.

5. ގޭސްލައިޓުކުރުން

"ގޭސްލައިޓު" ކުރުމަކީ ނަފްސާނީ ގޮތުން އަނެކާއަށް ދެވޭ ހާނީއްކަ އެކެވެ. ބައިވެރިޔާ އަކީ ގޭސްލައިޓު ކުރާ މީހެއް ނަމަ އޭނާގެ ޝިކާރައަކަށް ތިބާ ހަދާނެ އެވެ. އަދި ތިބާގެ ސިކުނޑިއަށް އަމިއްލަ ނަފްސާ މެދު ޝައްކާއި އޮޅުންބޮޅުން ވައްދަން މަސައްކަތް ކުރާނެ އެވެ.

ގޭސްލައިޓުކުރާ މީހުން އާންމުކޮށް މިކަން ކުރަނީ އަނެއް މީހާގެ މައްޗަށް ބާރާއި ކޮންޓްރޯލް ހޯދުމަށެވެ. މަގްސަދަކަށް ވަނީ ޝިކާރައަކަށް ހަދާ މީހާ އަށް، އޭނާ ހަގީގަތް އޮޅުވާލާ ކަމުގައި ވިސްނައިދިނުމެވެ. އަދި ޝިކާރައަކަށްވާ މީހާގެ އަމިއްލަ ނިޔާއާ މެދު ސުވާލު އުފައްދަން މަޖުބޫރުކުރެ އެވެ.

ރެޑް ފްލެގްސްގެ އިތުުރުން ދެ މީހެއްގެ ގުޅުމުގައި "ޔެލޯ ފްލެގްތަކެއް" ވެސް ހުރެ އެވެ. މިއީ މުސްތަގުބަލުގައި މައްސަލަ ޖެހޭނެ ކަމަށް ލަފާކުރެވޭ ކަންކަމެވެ. މިއީ ރެޑް ފްލެގް އަކަށް ބަދަލުވިޔަނުދީ އާއްމުކޮށް ފަސޭހައިން ހައްލު ވެސް ކޮށްލެވިދާނެ ކަންކަމެވެ. 

މީގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމަކީ:

ފާޑުކިޔުންތައް ބަލައިނުގަތުން

ކުރީގެ ލޯބިވެރިޔާއާ ވާހަކަ ދެއްކުން

އިހްސާސްތައް ފާޅުނުކުރުން

ރެޑް ފްލެގްސް ފެނި ހައްލުކުރަން ބޭނުން ނޫން ނަމަ އެންމެ ރަނގަޅީ ދުރުވުން

ބައިވެރިޔާއާ އެކު އޮންނަ ގުޅުމުގެ ރެޑް ފްލެގްސް ފެނުމުން އެކަން ހައްލުކުރަން އެންމެ ރަނގަޅު ގޮތަކީ ތެދުވެރިކަމާއި އިންސާފުވެރިކަމާ އެކު ވީހާ ވެސް އަވަހަކަށް އެކަމާ ކުރިމަތިލުމެވެ. ދެ މީހުން އެކަކު އަނެކެއްގެ އިހްސާސްތައް އަޑުއަހައި އޮޅުންފިލުވާށެވެ. ބައިވެރިޔާއަށް މިކަން ކުރަން ފުރުސަތު ދޭށެވެ. ޖަޒްބާތުގައި ނުޖެހި ދެ މީހުން މުއާމަލާތްކުރާށެވެ. ބައިވެރިޔާއާ އެކު އުޅެން ބޭނުން ނަމަ ތެރަޕިސްޓެއްގެ އެހީތެރިކަން ހޯދިދާނެ އެވެ. އެހެން ނޫން ނަމަ ދުރުވާށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް