މަސައްކަތުގެ މާހައުލުގައި ކުރި ހޯދުމަށް ކުރެވިދާނެ އެންމެ މުހިއްމު އެއް ކަމަކީ އިސްނެގުން

ވަޒީފާ

މަސައްކަތުގެ މާހައުލުގައި ކުރިއެރުން ހޯދާނީ މިހެން

ވަޒީފާގައި ކުރިއެރުން ބޭނުން ނަމަ، ގާބިލުކަން ހުރުމުގެ އިތުުރުން ކުރިއެރުން ހޯދަން މަސައްކަތް ކުރަން ވެސް ޖެހޭ
27 ފެބްރުއަރީ 2023

މުހިންމު ނުކުތާތައް

ވަޒީފާގައި ކުރިއެރުން ނުލިބެނީ އަމިއްލަ މީހާގެ ކިބައިގައި ހުންނަ ސިފަތަކެއްގެ ސަބަބުން ކަމަށް ވުން އެކަށީގެންވޭ

ވަޒީފާގެ ކުރިއެރުން ހޯދުމަށް ކުރެވިދާނެ ކަންކަމުގެ ތެރޭގައި އިސްނެގުން، ބައިވެރިވުން އިތުރުކުރުން އަދި ހަރުދަނާވުން ހިމެނޭ

މީގެ އިތުރުން އިންޑަސްޓްރީއާ އޮންނަ ގުޅުން ވަރުގަދަކޮށް، އިޖުތިމާއީ ކަންކަމުގައި އުޅުން މުހިއްމު

ކިތަންމެ ގިނަ މަސައްކަތެއް ކުރިޔަސް ކުރިއަށް ނުދެވި އަބަދު އެއް ހަރުފަތެއްގައި ހުންނަ ކަމުގެ އިހްސާސް ކުރެވޭ ހެއްޔެވެ؟ ފަހަރުގައި ގަދައަށް މަސައްކަތް ކުރިޔަސް ވަޒީފާދޭ ފަރާތަށް އެކަން ފާހަގަ ނުކުރެވި ހިނގައިދާނެ އެވެ.

އެކަން ބަދަލު ކުރަން ބޭނުން ނަމަ، ކަން ކުރަންވީ މިހެންނެވެ.

ކޮންމެ މީހަކީ ވެސް ވަޒީފާގައި، އެމީހަކު ކުރާ މަސައްކަތް ބަލައިގަނެ އަގުވަޒަން ކުރަން ބޭނުންވާނެ މީހެކެވެ. ރަނގަޅު އާމްދަނީއަކާއި މަގާމުގެ ކުރިއެރުންތައް ބޭނުންވާނެ މީހެކެވެ. ނަމަވެސް މިއީ ފަސޭހަ މަގެއް ނޫނެވެ. އަދި ބައެއް ފަހަރަށް  ސީދާކޮށް އޮންނަ މަގެއް ވެސް ނޫނެވެ. 

ވަޒީފާގައި ކުރިއަށް ނުދެވެނީ އަމިއްލަ މީހާގެ ކިބައިގައި ހުންނަ އުނި ސިފަތަކެއްގެ ސަބަބުން ކަމުގައި ވެދާނެ އެވެ. ކުރިއެރުން ހޯދަން ނޭނގި، ނޫނީ މަސައްކަތުގެ ފެންވަރު އެއް ވަރެއްގައި ނުހިފެހެއްޓުން ކަމުގައިވުމަކީ އެކަށީގެންވާ ކަމެކެވެ.

މަސައްކަތުގެ މާހައުލުގައި ކުރިއެރުން ނުލިބެނީ ބައެއް ފަހަރު ތިމާގެ ކިބައިގައި ހުންނަ ސިފަތަކަކުން، އެކަމަކު އެކަން ބަދަލު ކުރެވިދާނެ

ނަމަަވެސް، މިކަން ބަދަލު ކުރެވިދާނެ އެވެ. މަސައްކަތުގެ މާހައުލުގައި ބޭނުންވާ ކުރިއެރުންތައް ހޯދުމަށް ކުރެވިދާނެ ބައެއް ކަންކަން އެބަހުއްޓެވެ.

'ދަ ޕޮލިޓިކްސް އޮފް ޕްރޮމޯޝަން'ގެ ލިޔުންތެރިޔާ ބޮނީ މާކަސް ބުނާގޮތުގައި، ކުރިއެރުން ބޭނުން ނަމަ، ގާބިލުކަން ހުރުމުގެ އިތުުރުން ކުރިއެރުން ހޯދަން މަސައްކަތް ކުރަން ޖެހެ އެވެ. އަދި ކުރިއެރުން ލިބޭނޭ ގޮތަށް އަބަދުވެސް މަސައްކަތް ބެހެއްޓުން މުހިއްމެވެ.

ތިރީގައި މިވަނީ ވަޒީފާގައި ކުރިއެރުން ހޯދުމަށް އެހީތެރިވެދޭ ހަތް ކަމެކެވެ.

ކުރިއެރުން ލިބެނީ މަސައްކަތުގެ ފެންވަރު އެއްގޮތެއްގައި ހިފަހައްޓާ ނަމަ ކަމަށް ތަޖުރިބާކާރުން ބުނޭ

1. އިސްނަގަންވީ ބޮޑެތި ޕްރޮޖެކްޓްތައް ހިންގުމަށް

ގްރޭޑް ސްކޫލުގައި ޓީޗަރު ސުވާލެއް ކުރުމުން ފުރަތަމަ ޖަވާބު ދިނުމަށް އަތް ނަގާ ދަރިވަރު ޓީޗަރުންގެ މެދުގައި މަގުބޫލުވާ ގޮތަށް، ބޮސް ނުވަތަ ސުޕަވައިޒަރުންގެ ސަމާލުކަން ހޯދާ އެއް ބަޔަކީ އުނދަގޫ އަދި ބޮޑެތި މަޝްރޫއުތައް ހިންގުމަށް އިސްނަގާ މުވައްޒަފުންނެވެ.

މަސައްކަތުން ރެކުމުގެ ބަދަލުގައި ކަންކަމާ ކުރިމަތިލާ، ކަމަށް ކަމޭ ހިތައިގެން ރަނގަޅަށް މަސައްކަތް ނިންމާލާ ނަމަ، ޕްރޮމޯޝަން، ބޯނަސް އަދި އެހެނިހެން ގޮތްގޮތަށް ތިމާގެ އަގުވަޒަން ކުރުމުގެ ފުރުސަތު ބޮޑެވެ.

2. ބައްދަލުވުންތަކުގައި ވާހަކަ ދައްކަންވީ

ބައްދަލުވުންތަަކަށް ގޮސް ނޯޓު ފޮތުގައި ކުރަހަން އިނުން ނުވަތަ ފޯނާ ކުޅެން އިނުމަކީ އޮފީސް މާހައުލުގައި އާއްމުކޮށް ފެންނަ މަންޒަރެކެވެ. މިއީ ބައްދަލުވުންތަކުގައި ވާހަކަ ދައްކާ މީހާއަށް އިހްތިރާމް ކުޑަ ގޮތެކެވެ.

ބައްދަލުވުންތަކަށް ގޮސް މިގޮތަށް އަމަލުކުރުމުގެ ބަދަލުގައި ބައްދަލުވުންތަކުގައި ބައިވެރިވާންވީ އެވެ. ވާހަަކަދައްކަންވީ އެވެ. ދުރާލާ ދައްކާނެ ވާހަކަތައް ރާވާށެވެ. އަމިއްލަ ހިޔާލުތައް ބޮސްއާ އެކީގައި އެކަނި ބާއްވާ ބައްދަލުވުންތަކުގެ އިތުރުން މުޅި ޓީމުގެ ބައްދަލުވުންތަކުގައި ހާމަކުރާށެވެ.

ބައްދަލުވުމުގައި ހަމައެކަނި ތިމާ ވާހަކަ ދެއްކުން ވެސް ރަނގަޅެއް ނޫނެވެ. އެހެން މީހުންނަށް ވާހަކަ ދައްކައި ހިޔާލު ހުށަހެޅުމަށް ފުރުސަތު ދޭށެވެ.

3. މަސައްކަތް ކުރަންވީ ހަރުދަނާކޮށް

ބުރަކޮށް މަސައްކަތް ކުރާ އިރު ބައެއް ކަންކަމުގައި އަބަދުވެސް ފަސޭހަ ގޮތް ހޯދުމަކީ ބައެއް ފަހަރު ގެންގުޅެވޭ އާދަ އެކެވެ. ބައެއް ކަންކަމަކީ ކުދިކުދި ކަންކަން ކަމުގައި ނިންމާ، އަތްދަށުން ދޫކޮށްލުމުގެ ބަދަލުގައި ކުރާ މަސައްކަތުގެ ފެންވަރު ހިފަހައްޓާށެވެ. ކުރާ މަސައްކަތުން ބޭނުންވާ ނަތީޖާ ނެރެން އަޒުމު ކަނޑައަޅައި އެއް ފަހަރަށް ވުރެ އަނެއް ފަހަރު ރަނގަޅު ކުރާށެވެ.

4. ހައްގު ކްރެޑިޓް ހޯދަން ފަސްނުޖެހުން

މަސައްކަތުގެ މާހައުލުގައި ދިމާވާ އެއް ކަމަކީ ސުޕަވައިޒަރުންނަށް ތިމާގެ މަސައްކަތް ނުފެނުމެވެ. ގިނަ މަސައްކަތްތަކަކީ އެކަކުގެ މަސައްކަތް ކަމަށް ނުވުމުން ބޮޑު ޓީމަކާ އެކު މަސައްކަތް ކުރާ އިރު ވަކިވަކި މީހުން ކުރާ މަސައްކަތް ފާހަގަ ކުރަން އުނދަގޫ ވެދާނެ އެވެ. ނަމަވެސް މަސައްކަތެެއް ފުރިހަމަކޮށް ކުންފުންޏަށް ރީތި ނަމެއް ގެނައުމުގައި ތިމާގެ ދައުރު ހިމެނޭ ނަމަ އެކަމުގެ ކްރެޑިޓް ނެގުމަށް ފަހަތަށް ނުޖެހޭށެވެ. 

ކްރެޑިޓާއި ތައުރީފު ހައްގުވާ ނަމަ އަދި އެކަން ފާހަގަކޮށްފި ނަމަ ބަަލައިގަންނާށެވެ.

ވަޒީފާގައި ތިމާގެ މަސައްކަތަށް ހައްގު ކްރެޑިޓް ހޯދުމަށް ފަސްޖެހިގެން ނުވާނެ

5. ތަޖުރިބާއާ މެދު ފަހުރުވެރިވުން

ވަކި ކަމަކުން ހޯދާފައިވާ ތަޖުރިބާ އާއި ތައުލީމަކީ ތިމާގެ ހުނަރު ކަމުގައި ދެކި އެކަމާ ގުޅޭ ފުރުސަތުތައް ހޯދުމަށް މަސައްކަތް ކުރާށެވެ. އެ ދާއިރާއާ ގުޅޭ ގޮތުން ބްލޮގްކޮށް ޓުވީޓްކޮށް އޯޑިއަންސެއް ހޯދާށެވެ. މިކަމުގެ ސަބަބުން އިންޑަސްޓްރީގައި ތިމާގެ ނަން ވިދާނެ އެވެ. އަދި އިތުރު ފުރުސަތުތައް ފަހިވެ، އޯގަނައިޒޭޝަންގައި ތިމާގެ އަގު މަތިވެ އެވެ.

6. އިންޑަސްޓްރީގެ އިވެންޓްތަކުގައި ބައިވެރިވުން

މަސައްކަތް ކުރާ ދާއިރާއާ ގުޅޭ އެހެނިހެން ކަންކަން، މިސާލަކަށް ސެމިނާ، ކޮންފަރެންސް އަދި އިވެންޓްތަކުގައި ބައިވެރިވެ މައުލޫމާތު ހޯދާށެވެ. މިފަދަ އިވެންޓްތަކުގައި ވާހަކަ ދައްކަން ފުރުސަތު ލިބޭ ނަމަ އެ ފުރުސަތުތައް ބޭނުންކޮށް އިންޑަސްޓްރީއާ އޮންނަ ގުޅުން ބަދަހި ކުރާށެވެ. އިންޑަސްޓްރީގެ ތަޖުރިބާ އަކީ މުހިއްމު އެއްޗެކެވެ.

އިންޑަސްޓްރީތަކުގައި މަސައްކަތް ކުރާ މީހުންގެ ތަޖުރިބާގެ އަލީގައި އިންޑަސްޓްރީ ތަރައްގީވުމަށް އެހީތެރިވެ އެވެ. މިގޮތަށް މަސައްކަތް ކުރުމުން، އަމިއްލަ ބްރޭންޑެއް އުފެދުމަށް މަގުފަހިވުމަށް ފަސޭހަވެ އެވެ.

މަސައްކަތުގައި ކުރިއެރުން ހޯދަން، ދާއިރާއާ ގުޅޭ އިވެންޓްތަކުގައި ބައިވެރިވުން މުހިއްމު

7. މުޖުތަމައު އަށް އަނބުރާ ދިނުން

އިޖްތިމާއީ ކަންކަމުގައި ވީހާ ވެސް ގިނައިން ބައިވެރިވާށެވެ. މިކަމުގެ ސަބަބުން ތިމާގެ ވަޒީފާއަށް ނުވަތަ މަސައްކަތަށް ސީދާ ފައިދާއެއް ނުކޮށްފާނެ ހެން ހީވެދާނެ އެވެ. ނަމަވެސް މިއީ މުޖުތަމައު އަށް ފައިދާ ހުރި ކަމަކަށް ވެފައި ތިމާގެ ބައިވެރިވުން ތަމްސީލު ކުރަނީ މަސައްކަތް ކުރާ ތަނެވެ. 

އިޖުތިމާއީ ހަރަކާތްތަކުގައި ބައިވެރިވުމުން އެކި ދައިރާތަކުގައި މަސައްކަތް ކުރާ ތަފާތު ގިނަ މީހުންނާ ބައްދަލުވެ ގުޅުންތައް އުފެދުމުގެ ފުރުސަތު ލިބެ އެވެ. އަދި މުސްތަގުބަލުގައި ވަޒީފާ އަށް އެކަމުގެ ފައިދާ ކުރާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް