
މަރިޔަމް ހަލީމް އޭނާގެ މައުރަޒުގައި. (ދައުރު ފޮޓޯ/ އިބްރާހިމް އިފާޒް)
'ގަސްތަކުން': މަރިޔަމް ހަލީމްގެ ފުރަތަމަ މައުރަޒު
އާޓިސްޓު މަރިޔަމް ހަލީމް ފުރަތަމަ ފެން ކުލައިން ކުރަހަން ފެށީ މީގެ ދެ އަހަރެއް ވަރު ކުރިންނެވެ. މި މަސައްކަތް ފެށުނީ އޭރު އޭނާ ފެހި އަތްދަބަސްތަކުގައި ޑިޒައިނެއް ޖަހަން ވެގެނެވެ. އަދި ފެން ކުލައިން ކުރަހަން ދަސްކުރުމުގެ ތެރޭގައި ބޮޓެނިކަލް އާޓް މަސައްކަތްތަކެއް ގާތުން ބަލާލަން ފުރުސަތު ލިބުނެވެ.
އެ ތަޖުރިބާ އޭނާގެ ފަންނުވެރިކަމުގެ އަމާޒު މުޅިން ބަދަލު ކޮށްލި އެވެ. އާޓިސްޓެއްގެ ގޮތުގައި ތައާރަފުވެ، މަރިޔަމްގެ ފުރަތަމަ ކުރެހުމުގެ މައުރަޒު 'ގަސްތަކުން' މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އާޓް ގެލެރީ މާލެގައި ހުޅުވާލި އެވެ.


ރާއްޖޭގައި ހެއްދޭ އަދި ހައްދާ މޭވާ އާއި ތަރުކާރީގެ ބާވަތްތައް ފެން ކުލައިން ކުރަހާފައިވާ ހިތްގައިމު 22 ކުރެހުމެއް އޭނާގެ މައުރަޒުގައި ހިމެނެ އެވެ. ގިތެޔޮމިރުސް، ކަރާ، އަންނާރު އަދި ބަށި ފަދަ ބާވަތްތަކެވެ. މިއީ ދިވެހިންގެ ބަދިގެއިންނާއި ސުފުރާމަތިން އާއްމުކޮށް ފެންނަ ކާބޯތަކެއްޗެވެ.
މަރިޔަމް ބުނިގޮތުގައި ތިން އަހަރު ވަންދެން އާއިލާއާ އެކު އިނގިރޭސިވިލާތުގައި އޭނާ ދިރިއުޅުނު އިރު ދިވެހި ކާބޯތަކެތި ލިބުން ދަތިވި އެވެ. އެއީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ކަމަށް ވުމުން ހާއްސަކޮށް ދިވެހި ކާނާ ހޯދުން އުނދަގުލެވެ. މަރީ ދެން ފެށީ ދިވެހި މޭވާ އާއި ތަރުކާރީ ކުރަހާށެވެ.



މައުރަޒުގައި ދައްކާލާ ކުރެހުންތައް ތައްޔާރު ކުރަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނު ކަމަށް އޭނާ ބުންޏެވެ. އެއީ ޓޮމާޓޯއެއް، ދޮންކެޔޮވަކެއް ނުވަތަ ފިޔައެއް އޭގެ އަސްލު ނުގެއްލޭ ގޮތަށް ތަފުސީލުކޮށް ކުރެހުމަށެވެ.
މަރިޔަމް ބުނިގޮތުގައި މި މަސައްކަތުގެ ތެރެއިން ދަސްވި ކަންތައްތަކުގެ ތެރޭގައި، ތިމާ ވަށައިގެންވާ ގުދުރަތީ ރީތިކަމާއި އޭގައި އެކުލެވޭ އެކި ކުދިކުދި ކަންތައްތަކަށް އިތުރަށް ސަމާލުކަން ދިނުން ހިމެނެ އެވެ. މި މައުރަޒުން އޭނާ ދައްކައިދޭން ބޭނުންވަނީ ވެސް މިކަމެވެ. ކުރެހުންތައް ބަލާލަންދާ މީހުން ވެސް، ތިމާވެށީގެ ރީތިކަމާއި އެއިން ލިބޭ އުފަލާ މެދު އިތުރަށް ވިސްނާލަން އޭނާ އެދުނެވެ.
'ގަސްތަކުން' މައުރަޒު އާޓް ގެލެރީ މާލެގައި މި މަހު 25ގެ ނިޔަލަށް ކުރިއަށްދާނެ އެވެ.