Majlis 2024

އަފޫ އާއި މަރީ އެމީހުންގެ ސްޓޫޑިއޯގައި ފޮޓޯއަކަށް ހުއްޓިގެން. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

މަރީ އާއި އަފޫ، ފޫހިކަމެއް ނެތް ކުލައިގެ ދުނިޔެއެއްގައި

މަރިޔަމްގެ ހަޔާތުގައި އަފްޒަލް އަކީ އޭނާގެ އެންމެ ބޮޑު މުދައްރިސެވެ. އަފްޒަލްގެ ކުލަ ދުނިޔޭގައިވީ އެންމެ ބޮޑު ހިތްވަރަކީ މަރިޔަމް އެވެ. އަދި ދެ މީހުންގެ މި ދަތުރުގައި ކުރަހައިދެނީ މާސްޓަޕީސްއެކެވެ.
27 ޖެނުއަރީ 2023
2

"އަޅުގަނޑު ކުރަހަނީ ބޮލުގައި ހުންނަ އެއްޗެހި، ބޮލުގައި އުފެދޭ ހިޔާލުތައް. އާޓަކީ ޅެންހެދުން ކަހަލަ ކަމެއް އަޅުގަނޑަށް. ހިޔާލުގައި އުފެދޭ ބަސްތައް ގަލަމަކުން ގަނޑެއްގައި ގަތަމުން ދޯ މީހަކު ޅެމެއް ހަދާނީ. ހަމަ އެކަހަލަ ކަމެއް އަޅުގަނޑަކަށް ކުރެހުމަކީ. މިއީ ލޮލަށް ފެންނަ ބައި. ކުލަ މި ޖައްސަނީ ބޮލުން މިއަށް ނެރޭ ހިޔާލުތަކުގައި،" ސްޓޫޑިއޯގެ އެތަން މިތަނުން ފެންނަން ހުރި އެކި ވަރުވަރުގެ ކެންވަސްތަކާއި ކުރެހުންތަކަށް އިޝާރާތްކޮށް އަފްޒަލް ޝާފިއު ކިޔައިދިނީ ވަރަށް ޝައުގުވެރިކަމާ އެކުގަ އެވެ.

މަޑުމައިތިރި އަދި އެހާމެ ރައްޓެހި ރާގެއްގަ އެވެ. -- އުމުރުން 47 އަހަރުގެ މި ވިޝުއަލް އާޓިސްޓްގެ ކުލަގަދަ މި މިޒާޖާއި ފިއްސާއި ކުލައިން އޭނާ އުފައްދާފައިވާ ދުނިޔޭގައިވީ އާދަޔާހިލާފުކަން، 'އަފޫ'ގެ ގޮތުގައި އޭނާ ދަންނަ އެއްވެސް ބަޔަކަށް، ބީރައްޓެހި ސިފަތަކަކަށް ނުވާނެ އެވެ. ރާއްޖޭގެ އާޓް-ސީންގައި އެހާ ވެސް ފުރިހަމަ އަދި ތަޖުރިބާކާރު ނަމަކަށް 'އަފްޒަލް ޝާފިއު' ވީމަ އެވެ.

"އެކަމަކު އަދިވެސް ހަމަ ފަށައިގަނެގެން މި އުޅެނީ. ކޮންމެ ދުވަހަކީ ވެސް ކުރަހާ ދުވަހެއް. ކޮންމެ ދުވަހަކީ ވެސް ދަސްކުރާ ދުވަހެއް،" ހިތްތިރި، މަޑުމައިތިރި ރާގެއްގައި އަފްޒަލް އަނެއްކާވެސް ބުނެލި އެވެ.

އަހަރެމެން ތިބީ މާލޭގައި އޭނާ މިހާރު ފުލްޓައިމް އާޓިސްޓެއްގެ ގޮތުގައި މަސައްކަތްކުރާ އޭނާގެ އަމިއްލަ ކުޑަކުޑަ ސްޓޫޑިއޯ ތެރޭގަ އެވެ. މި އިންޓަވިއު އާއި ފޮޓޯ ނަގަން ދިޔައިރު އަފްޒަލް އާއި އޭނާގެ އަންހެނުން، މަރިޔަމް ހަލީމް (މަރީ) އުޅެނީ އެ މީހުންގެ މި ސްޓޫޑިއޯގެ މަސައްކަތް ރަސްމީކޮށް އަދި ފަށައިނުގަނެވި، އެތަން އެއްކޮށް އަދި ހަމައަކަށް ވެސް ނޭޅިގެންނެވެ. – މަރިޔަމް އަކީ ވެސް ވަރަށް ކުޅަދާނަ އާޓިސްޓެކެވެ.

މި ދެމަފިރިންގެ ވާހަކަ މިވަރަށް ހާއްސަކޮށްފައި، ދެ މީހުންގެ އިންޓަވިއުއަކުން ކުލަޖެއްސުމުގެ މާނައަކީ ވެސް މި އެވެ.

އަފްޒަލް އާއި މަރިޔަމް އެމީހުންގެ ސްޓޫޑިއޯގައި ފޮޓޯއަކަށް ހުއްޓިގެން. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

ކޮވިޑްގެ ލޮކްޑައުންގެ ތެރޭގައި، 2019 ވަނަ އަހަރު، ދެ މީހުންގެ ދެ ކުދިން ވެސް ގޮވައިގެން ގޮސް އިނގިރޭސިވިލާތުގައި ދިރިއުޅުމަށް ފަހު މާލެ އައީ މިދިޔަ އަހަރު ފަހުކޮޅެވެ. އާއިލާ ގޮވައިގެން އަފްޒަލް ދިޔައީ ކިޔަވާށެވެ. ފައިން އާޓްސް އިން މާސްޓާސް ފުރިހަމަކުރުމަށް ފަހު، ރަށާއި ގެއަށް އެނބުރި އައިސް މި ދެ އާޓިސްޓުން މިހާރު އެ ތިބީ ކުލަ ފިހީގެ މުޅިން އައު ތަޖުރިބާއަކާއި ދަތުރަކަށް ތައްޔާރުވެގެންނެވެ. – ދެ މީހުން އެކުގައި ކުރިން ކުރަހައި ކުލަޖެއްސި ދުނިޔެއެއް ނެތަސް އެ ދުނިޔޭގައި ދެ މީހުން އެކުގައި ފައިތިލަ ސާބިތުކުރުމަށް ތައްޔާރުވެގެންނެވެ.

"މަރީ އާއި އަފޫ ދިމާވީ ވެސް ކްރިއޭޓިވް މަސައްކަތްތަކުގެ ތެރެއިން،" އަފްޒަލް ކިޔައިދިނެވެ.

"އެކަމަކު މަރީ ބުނަނީ މަރީ އަކީ އާޓިސްޓެއް ނޫނޭ. އެކަމަކު އަޅުގަނޑު މި ބުނަނީ މަރީ އަކީ އާޓިސްޓެކޭ. މަރީ ކުރަނީ ކްރިއޭޓިވް މަސައްކަތޭ. އަދި މަރީހާ ޑިސިޕްލިންޑް މީހަކު އަހަރެން ނުދެކެން."

މާލޭގެ އާޓް-ކްރާފްޓް-ކޮމިއުނިޓީގައި މަރިޔަމް އެންމެ މަޝްހޫރުވާނީ 'ބޭގްސް ބައި މަރީ'ގެ ނަމުގައި ފަށައިގެން އޭނާ ފަހައި ގަތައި ޒުވާނުންގެ މެދުގައި މަގްބޫލުކަން ހޯދި ބްރޭންޑް، 'މަރިޔަމް ހަލީމް'ގެ އަތްދަބަސްތަކަށެވެ. އެކަމަކު އަފްޒަލް ވެސް ފާހަގަކުރި ގޮތަށް، މަރިޔަމް އަކީ އަބަދުވެސް އާޓިސްޓެކެވެ. އަދި އެކަން އެންމެ ބޮޑަށް ސާބިތުކޮށްދިނީ ފިރިމީހާ އާޓު ކިޔަވަން ގޮސް އިނގިރޭސިވިލާތުގައި ހޭދަކުރި ލޮކްޑައުންގެ ތެރޭގަ އެވެ. ލޮކްޑައުން ނިމުނުއިރު މަރިޔަމްގެ ފެންކުލައިގެ ހިތްގައިމު ކުރެހުންތައް ވަނީ އެތައް ބައެއްގެ ހިތް އަދި ޝައުގުވެރިކަން އަތުލައިފަ އެވެ.

"އެކަމަކު ބިސްމި ކިޔާފަ ވެސް އަޅުގަނޑު ވޯޓާކަލާ އިން ކުރަހަން ފެށީ ލޮކްޑައުންގެ ތެރޭގައި. އޭގެ ކުރިން ދުވަހަކު ވެސް ނުކުރަހަން ފެން ކުލައިން. އެކަމަކު ގަލަމުން ކުރަހަން. އެއީ އަޅުގަނޑު އަބަދުވެސް ބޭނުންވޭ އަޅުގަނޑުގެ ކުރެހުން ޕްރިންޓްކުރި ފޮތީގައި ދަބަސްތަކެއް ޑިޒައިންކޮށް، ތައްޔާރުކޮށްގެން ނެރެން،" މަރިޔަމް ބުންޏެވެ.

އެކަމަކު މިހައި ހިސާބުން އިތުރަށް ކުރިއަށް ނުގޮސް މި ހުނަރުވެރި ދެ އާޓިސްޓުންގެ ހަޔާތުގެ ފެށުމާ ދިމާލަށް އެނބުރިގަނެ އައު ފެށުމަކުން ފަށައިގަންނަމާ ހިނގާށެވެ. އެއީ ގާތްގަނޑަކަށް މީގެ ތިރީހަކަށް އަހަރު ކުރި އެވެ. އެ ދުވަސްތަކުގައި މިހާރަށް ވުރެ ކުލަ ފަނޑަސް، އެއީ ހަމަ އެންމެ ސަޅި ޒަމާނެވެ. – އަދި އަފްޒަލް ކިޔައިދިން ގޮތުން ނަމަ، އެއީ ހުވަފެން ހަގީގަތަކަށް ހަދައިދިން ޒަމާނެވެ.

އެންމެ ކުޑައިރުއްސުރެން ފެށިގެން ވެސް އޭނާ ބޭނުންވީ ކުރެހުންތެރިޔަކަށް ވާށެވެ. މޮޅު ކުރެހުންތެރިޔަކަށް ވާށެވެ.

އަފްޒަލް އާއި މަރިޔަމް އިންޓަވިއުގެ ތެރެއިން އެކަކު އަނެކަކާ ވާހަކަ ދައްކަނީ. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

"އުމުރުން ގާތްގަނޑަކަށް ހަތް އަހަރުގައި، އަށް އަހަރުގައި އަޅުގަނޑު ނިންމައިފިން އަޅުގަނޑު ވާނީ އާޓިސްޓަކަށް ކަމަށް. ބައްޕަ އަބަދުވެސް ކްރިއޭޓިވް އެކި ކަހަލަ މަސައްކަތް ކުރާތަން އޭރު ވެސް ފެނޭ،" މަންމަ އާއި ބައްޕަގެ ތިބި ހަ ކުދިންގެ ތެރެއިން އެންމެ ހަގަށް ހުރި އަފްޒަލް ޅަފުރައިން ހަނދާންތައް ކުލަކޮށް ކިޔައިދިނެވެ.

"އެކަމަކު އަޅުގަނޑުގެ ޝައުގުވެރިކަން ދަމައިގަތީ ސްޓޭމްޕް."

ރާއްޖޭގެ ކަނޑާއި މޫދާއި ފަޅާއި ގިރިތަކުގައިވީ ރީތިކަން ސިފަކޮށްދިން ސްޓޭމްޕަށް ބަންޑުންވި ހިތުގައި އަފްޒަލް އެންމެ ފުރަތަމަ ފޮރުވަން ފެށީ އޭނާ އަށް އެންމެ ކަމުދިޔަ ސްޓޭމްޕްތަކެވެ. ހިތްފުރެންދެން 'ސްޓޭމްޕް ކަލެކްޓްކުރުމަށް' ފަހު ދެން ބޭނުންވީ އެގޮތަށް ސްޓޭމްޕް ކުރަހާށެވެ. – އެގޮތަށް ސްޓޭމްޕް ކުރަހާ މީހަކަށް ވާށެވެ.

އެ ހުވަފެން ހަގީގަތަކަށްވީ ކިޔެވުން ނިންމާލާފައި ނުކުތްތާ މާ ގިނަ ދުވަހެއް ނުވަނީހެވެ.

"ވަރަށް ނަސީބު ރަނގަޅު ގޮތެއް ދިމާވީ އަޅުގަނޑު ސްކޫލް ނިމުނުތަނާ. ޕޯސްޓް އޮފީހުން މި ހުޅުވާލަނީ ސްޓޭމްޕް ކުރަހައި ޑިޒައިންކުރާނެ މީހަކު ބޭނުންވެގެން ވަޒީފާގެ ފުރުސަތު،" އެދިއެދި ހުރި ފުރުސަތު ފަހިވުމުން އެ ދުވަހު ލިބުނު އުފާވެރިކަން ބަޔާންކުރަން ވެސް އަފްޒަލަށް ފަސޭހައެއް ނުވި އެވެ.

ސްޓޭމްޕް ކަލެކްޓާއަކުން ފަށައިގެން ގޮސް އެންމެ ފަހުން ރާއްޖޭގެ ސްޓޭމްޕް ކުރަހާ ކުރެހުންތެރިޔަކަށް ބަދަލުވި ދުވަހަކީ އަފްޒަލްގެ މި އާދަޔާހިލާފު ކެރިއަރުގައި އޭނާ ބިންގައު އެޅި ދުވަހެވެ. އެ ބިންގައު ހާއްސަވަނީ ކިހިނަކުންކަން އެނގޭ ހެއްޔެވެ؟

އާމްދަނީއެއް ހޯދުމަށް ވުރެ ބޮޑަށް ހިތްޖެހިފައި އޮތް ކަމަކުން ފަންނުވެރިކަން މުއްސަނދިކުރުމުގެ ވިސްނުމެއް އޭނާގެ ވިސްނުމުގައި އޭރު ވެސް ހުރީމަ އެވެ. އޭގެ އެތައް އަހަރެއް ފަހުން މިއަދު ވެސް އަފްޒަލް އަށް އޭނާގެ ކުލަ އާއި ފިއްސާއި އެއިން ކުރެހި ހިތްގައިމުކަމުގެ ކުރިމަތީގައި އެންމެ މުހިންމީ އޭނާގެ ހިތުގައި އާޓަށް އޮތް އިހުތިރާމާއި ލޯތްބެވެ.

ތޭރަ އަހަރު، ސްޓޭމްޕް ޑިޒައިންކޮށް، ކުރަހަން ޕޯސްޓް އޮފީހުގައި އުޅުނުއިރު ވެސް އަދި މިހާރު ވެސް އޭނާގެ ކިބައިން އެއްވެސް ފޫހިކަމެއް ނުފެންނަ ސަބަބަކީ މި އެވެ.

"ތޭރަ އަހަރު ވަންދެން ސްޓޭމްޕް ކުރަހަން އުޅުނީ އާމްދަނީ ހޯދާ ވަޒީފާއެއްގެ ގޮތުގައި އެކަން ބަލައިގެނެއް ނޫން. އެކަން ކުރާ ހިތްޖެހިފައި ހުރި ވަރުން. އެހެންވީމަ އެކަން ނުވޭ ބުރަ ކަމަކަށް ވެސް އަދި ފޫހިވާ މަސައްކަތަކަށް ވެސް،" އަފްޒަލް ބުންޏެވެ.

އަފްޒަލް އާއި މަރިޔަމް އިންޓަވިއުގެ ތެރެއިން. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

ފޫހިކަމެއް ނެތި ކުރި އެ މަސައްކަތުގައި އިތުރު ކުރިއެއް ފަޅައިގެން ދިޔައީ ޕޯސްޓުން އޭނާ އަށް 97 ވަނަ އަހަރު ދިން ސްކޮލާޝިޕެވެ. ގްރެފިކް ޑިޒައިން ކިޔަވަން މެލޭޝިއާ އަށް ފޮނުވި އެވެ. އޭގެ ފަހުން އެނބުރި އައިސް ޕޯސްޓް އޮފީހުގައި މަސައްކަތްކުރުމަށް ފަހު ފަހުން އަފްޒަލް ފެނިގެންދިޔައީ މާލޭގެ އެޑްވަޓައިޒިން ދާއިރާ އާއި ވިޔަފާރީގެ ތެރެއިންނެވެ. ނަމަވެސް އޭނާގެ ހިތް އަބަދުވެސް އޮތީ އަދި މިހާރު ވެސް އޮތީ ކުލަތަކެއްގެ ތެރެއަށް ގެނބިފަ އެވެ. – ނޭވާލަނީ ވެސް، ކަނީ ވެސް ބޮނީ ވެސް އަދި ނިދައި ހޭލަނީ ވެސް މި ކުލަ ދުނިޔެއަށެވެ.

"އަޅުގަނޑަކީ އަބަދުވެސް ވަރަށް ޖޯއިފުލްކޮށް ހެޕީކޮށް އުޅެން ބޭނުންވާ މީހެއް. އެކަމަކު ޑިޒައިނިން އާއި އެޑްވަޓައިޒިން މަސައްކަތުގައި އުޅޭއިރު އަބަދުވެސް މި ޖެހެނީ ކޮންމެވެސް އެހެން މީހަކު ހިތްހަމަޖައްސައިގެން އުޅެން،" ފުލްޓައިމް އާޓިސްޓަކަށް ވުމުގެ ވިސްނުން އަބަދުވެސް ގެންގުޅުނު ސަބަބު އަފްޒަލް ކިޔައިދިނެވެ.

"އެހެން މީހެއްގެ ސިކުނޑީގައި ހުންނަ ހިޔާލެއް، ކުރެހުމަކަށް ނުވަތަ ޑިޒައިން މަސައްކަތެއްގެ ގޮތުގައި ދައްކުވައިވޭން ޖެހެނީ އެ ދާއިރާގައި ނުވަތަ ވަޒީފާއެއްގައި އުޅޭއިރު. އަސްލު އަމިއްލަ މީހާ ބޭނުންވާ ކަމެއް ނުވަތަ އުފަލެއް ނުލިބޭ އެ މަސައްކަތުން."

"އެކަމަކު ވަކި ހިސާބަކުން ހިތަށް އެރީ މިކަން ދެން ކުރެވިއްޖެއޭ. ފައިން އާޓަށް ގިނަ ވަގުތު ދެވޭނީ އެހެން ކަންކަމާ ސިކުނޑި މަސްހުނިނުކޮށޭ. އެހެން މަސައްކަތުން ފްރީވެގެންނޭ. ދެން އެހެން މަސައްކަތް ހުއްޓާލީ ފައިން އާޓަށް ވަގުތު ދޭން."

ރާއްޖޭގައި އަފްޒަލް އޭނާގެ އާޓް އެންމެ ފުރަތަމަ ދައްކާލީ 2001 ވަނަ އަހަރު އެސްޖެހި ގެލެރީގަ އެވެ. އަބަދުވެސް އާޓް އެގްޒިބިޓްކުރުމަކީ އޭނާގެ އެންމެ ބޮޑު އުފަލެވެ. ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ވެސް ދޭތެރެ ދޭތެރެއިން މިހާރު ވެސް އޭނާގެ މަސައްކަތްތައް ދައްކާލަ އެވެ. – އަފްޒަލް އަށް ވަނީ ވިޝުއަލް އާޓްސްގެ ދާއިރާއިން 2014 ވަނަ އަހަރު ހިތްވަރު ދިނުމުގެ ގައުމީ އިނާމު ވެސް ލިބިފަ އެވެ.

މަރިޔަމް އޭނާގެ މި ކްރިއޭޓިވް ދަތުރު ފެށީ، އަލަތު ދަރިފުޅު ލިބިގެން ގޭގައި ހުންނަން ޖެހުނު ދުވަސްވަރެވެ. އަބަދުވެސް އަމިއްލަ ކްރިއޭޓިވް މަސައްކަތެއް ކުރަން ބޭނުންވެފައި ހުރިވަރު ބޮޑުކަމުންނެވެ. އޭނާގެ އެ ހުނަރުވެރިކަން އުފަންކުރުވީ 'ބޭގްސް ބައި މަރީ' އެވެ. – އެ ދަބަސްތަކުގެ މަސައްކަތް މި ވަގުތަށް ހުއްޓިފައިވިޔަސް މަރީ ވެސް މިހާރު އެ ދަނީ މުޅިން އައު ފެށުމަކުން ފަށަން ތައްޔާރުވަމުންނެވެ.

އެކަމަކު އެންމެ ހާއްސައީ މި ފެށުމެވެ. – އަފްޒަލް އާއި މަރިޔަމް އެންމެފަހުން އެކުގައި އާޓް ސްޓޫޑިއޯއެއް ހަދައިގެން އެތަނުގެ ކުލަ އާއި އިހުސާސްތައް އާޓަށް ލޯބިކުރާ އެންމެނާ ހިއްސާކުރުމަށް ވަމުން އަންނަ ތާއްޔާރީ އެވެ. ނުވަތަ އެމީހުންގެ އާޓާއި ހިތުގެ ދަތުރުގައި ފަށާފައިވާ އައު ފެށުމެވެ.

"އަފޫ އަކީ އަޅުގަނޑާ ދިމާވި ބެސްޓް ޓީޗާ. ލޮކްޑައުން ތެރޭގައި އަޅުގަނޑު އަލަށް ވޯޓާކަލާ ކުރަން ފެށުނީ ވެސް އަފޫއާ ހެދި. އަދި އޭގެ ކުރިން ވެސް ވޯޓާކަލާ އަދި އާޓަށް އެންމެ ބޮޑަށް އިންސްޕަޔާކުރުވި މީހަކީ އަފޫ،" މަރީގެ ހިތުގައި ވެސް އޮތް އެންމެ ބޮޑު ކުރެހުން ސާފުކޮށް ކުރަހަމުން ބުނެދިނެވެ.

އަފްޒަލްގެ ހިތް ވެސް ހަމަ އެހެންނެވެ. އަދި އޭނާ ބުނަނީ ދެ މީހުންގެ ދެމެދުގައި އޮތް 'ކެމިސްޓްރީ' އަކީ ކުލަ އާއި ކުރެހުމުގެ މި ދަތުރަށް އެންމެ މުހިންމު ރިޔާ ކަމަށެވެ.

"ދެ މީހުންނަކީ ވެސް ވަރަށް ހިޔާލު އެއްގޮތް ދެ މީހުން. ދެ މީހުންނަށް ވެސް ވަރަށް ކަމުދާނެ އެކައްޗެއް، ރީތިވާނެ އެކައްޗެއް. އެހެންވީމަ ދެ މީހުންނަށް ވަރަށް ފަސޭހައިން އެނގޭނެ ދެ މީހުންގެ ޓޭސްޓް. އާޓާ ގުޅޭ ކަމެއްގައި ހިޔާލެއް ހޯދާލިޔަސް މަރީ އެ ދޭ ހިޔާލު ވެސް އަބަދުވެސް ވަރަށް ކަމުދޭ،" އަފްޒަލް ބުނެލި އެވެ.

"އެހެންވީމަ ދެ މީހުންގެ ފަރާތުން އެކަކު އަނެކަކު ވަރަށް ބޮޑަށް އިންސްޕަޔާވޭ އަބަދުވެސް."

ދެން ކުރިއަށް އޮތީ ދެ މީހުން އެކުގައި ބަލަމުން އަންނަ ބޮޑު ހުވަފެނެވެ. އޭގައި މިހާރު ވެސް ދެ މީހުން ވަނީ ނަލަ ކުލަޖައްސައިފަ އެވެ.

"މިހާރު އެންމެ ބޭނުންވަނީ ދެ މީހުން އެކުގައި އެގްޒިބިޓްކޮށް ކުރިއަށް ވުރެ ބޮޑަށް، ހުރިހާ ވަގުތެއް އާޓަށް ހުސްކޮށްގެން މިކަމުގައި ކުރިއަށް ދާން. އާޓަކީ ވަކި ހިސާބަކަށް ގޮސްފަ ނިމޭ ކަމެއް ނޫން. މިއީ ޖާނީއެއް. އެހެންވީމަ އާޓާ ގުޅޭ ކޮންމެ ކަމެއް ވެސް ފަށަނީ އެ ވިސްނުމުގައި،" އަފްޒަލް ބުނެލި އެވެ.

އެއީ ތެދެކެވެ. ދިރިއުޅުމުގެ އެންމެ މުހިންމު ސިފައަކީ ވެސް އެ އެވެ. ކޮންމެ ދުވަހަކު ވެސް އެ ދަތުރުގައި އާ ކުލައެއް ޖެއްސުމުގެ ފުރުސަތު ލިބޭތީ އެވެ. – މަރިޔަމް އާއި އަފްޒަލް މިހާރު އެ ތިބީ ފޫހިކަމެއް ނެތް ކުލައިގެ ހިތްގައިމު ދުނިޔެއެއްގަ އެވެ. އާދެ، ދެ މީހުންގެ ކުޑަކުޑަ އާޓު ސްޓޫޑިއޯގަ އެވެ. ހުވަފެނާއި ކުލައިން އަދި ލޯބިން ތަތްތެޅިގެންނެވެ.

ނޯޓު: އަފްޒަލް އާއި މަރިޔަމްގެ ކުރެހުންތައް ދެ މީހުންގެ އިންސްޓަގްރާމް ޕޭޖު 'އަފޫ ޝާފިއު' އަދި 'އެމްއެޗް މަރިޔަމް ހަލީމް' އިން ބަލައިލެވޭނެ އެވެ.

ކޮމެންޓް (2)

ހަސަނު

29 ޖެނުއަރީ 2023
ތެންކްސް ނަޑޭ! ސަޅި އެއްޗެއް މި ކިޔާލެވުނީ....
4 0

އެސްޓީ

28 ޖެނުއަރީ 2023
ނޭގޭ ވަރަށް ގިނަ ކަންތައް އިނގިއްޖެ. ކުރީކެ ލެޖެންޑުންގެ ފަރާތުން މިހާރުގެ ޒުވާނުން އިބުރަތް ހާސިލު ކުރުން ރަނގަޅު.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް