ސްމާޓް ފޯނުން ގެނައި އިންގިލާބު: ފޯނަކީ މުހިންމު އެއްޗެއް އެކަމަކު މާ އަވަސްއަވަހަށް ސްކްރީން ބަދަލުކުރުމުގެ ގެއްލުން ބޮޑު

އުފާވެރި 90ގެ އަހަރުތަކުގެ އާދަ ގެނެވިދާނެތަ؟

ސޯޝަލް މީޑިއާގެ ވަސީލަތްތައް ގިނަވުމުން މާ އަވަސްއަވަހަށް ސްކްރީން ބަދަލުކުރާތީ ކަންކަމަށް ދޭ ސަމާލުކަން ކުޑަވުމުގެ ބިރު ބޮޑު
14 ފެބްރުއަރީ 2023

އެއް ދިރާސާއަކުން ދެއްކި އެވެ؛ ހަވާލުކުރާ މަސައްކަތުގެ ތެރެއަށް ވިސްނުން ދޫކޮށްލައިގެން ގިނަ މީހުންނަށް އެވްރެޖްކޮށް ހޭދަކުރެވެނީ އެންމެ ދެ މިނިޓެވެ. އެހާ ހިސާބުން ކޮމްޕިއުޓަރުން އެހެން ސައިޓްތަކަށް ވަދެ، ހާވަން ފަށަ އެވެ. މިއީ 2004ގެ ދިރާސާއެކެވެ.

އޭގެ އަށް އަހަރު ފަހުން 2012 ގައި ހަމަ އެ ދިރާސާ ހެދި އެވެ؛ ފެނުނީ އެ ވަގުތުކޮޅު 75 ސިކުންތަށް ވެއްޓުނު ތަނެވެ.

މިހާރުގެ އެވްރެޖަކީ އެންމެ 45 ސިކުންތެވެ.

ޔުނިވަސިޓީ އޮފް ކޮލިފޯނިއާގެ އިންފޮމެޓިކްސް ދާއިރާގެ ޕްރޮފެސަރެއް ކަމަށްވާ ގްލޯރިއާ މާކްއަށް އެއީ މިހާރުގެ މީހުންގެ މަސައްކަތުގެ އާދައަށް، ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން އައި ވަރަށް ބޮޑު ބަދަލެކެވެ. ސުމާޓް ފޯނާއި އެހެން ވަސީލަތްތަކާއި ސޯޝަލް މީޑިއާގެ އެކި ސައިޓްތަކުގެ ސަބަބުން އިންސާނުންގެ ސަމާލުކަން އެ މީހުންގެ ވަޒީފާގެ މަސައްކަތްތަކަށް ހުއްޓޭ މިންވަރު މި ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.

މުވާސަލާތީ ގޮތުން އޭރަށް ބަލާއިރު ރަނގަޅު ވަސީލަތްތަކެއް ލިބުނު 1990ގެ އަހަރުތަކުގެ އުފާވެރިކަން މާ ރަނގަޅުކަން އެނގެނީ މިހާ ހިސާބުންނެވެ. އޭރު އިންޓަނެޓް ލިބެ އެވެ. މޮބައިލް ފޯންގެ ގުޅުން ވެސް އޮތެވެ. ކޮމްޕިއުޓަރުގެ ފަސޭތަކާ އެކު މަސައްކަތަށް ވެސް ހަލުއިކަން އަ އެވެ. އެކަމަކު ފޭސްބުކާއި ޓްވިޓާ އާއި އިންސްޓަގްރާމާއި ޓިކްޓޮކް ފަދަ ސޯޝަލް މީޑިއާއެއް ނެތެވެ. މަސައްކަތު ގަޑީގައި އެ ސައިޓްތަކަށް ވަދެ، ވަގުތު ހޭދަނުކޮށް، އޭރު އުފަލުން ކަންކަން ކޮށް ނިންމަ އެވެ.

މިހާރު ސްކްރީނެއްގައި އެވްރެޖްކޮށް ހޭދަކުރަނީ 45 ސިކުންތު

ގްލޯރިއާ މާކް، ސައިންސްވެރިއެއް

މިއީ ތޯތޯ ވާހަކަތަކެއް ނޫނެވެ. ސޯޝަލް މީޑިއާގެ ސަބަބުން އިންސާނުން ކަންކަމަށް ދޭ ސަމާލުކަމަށް ބޮޑު ބުރުލެއް އަރާފައިވާކަން ދިރާސާތަކުން އެ ދައްކަނީ އެވެ. ތިބާގެ އަމިއްލަ ތަޖުރިބާއަށް ވިސްނާލާ އިރު ވެސް އެއީ ތެދެއްކަން އެނގޭނެ އެވެ.

ކޮމްޕިއުޓަރު ހުޅުވަނީ މަސައްކަތްކުރާށެވެ. އެތައް މަސައްކަތެއް ހުރީ ހަވާލުކޮށްފަ އެވެ. އަވަހަށް ނިންމަން ހުރި އެއްޗިއްސާއި ފަހުން ނިންމަން ހުރި އެއްޗިއްސެވެ. އެކަމަކު ސޯޝަލް މީޑިއާގައި އުޅެން ހަދައިގެން އެއިން އެއްވެސް ލަނޑުދަނޑިއެއް އަތެއްނުވެ އެވެ.

ވަކި އުމުރެއް އިސްތިސްނާވާކަށް ނެތެވެ. އެކަމަކު ޒުވާނުންގެ މެދުގައި އެ އާދަ، އުމުރުން މިހާރު 50 އަހަރަށް ވުރެ ދޮށީ މީހުންނާ އަޅާބަލާއިރު މާ މަތިވާނެ އެވެ. މަސައްކަތުގެ މާހައުލުގައި ގިނަ ޒުވާނުން 'ކަންނެތް' ވެއްޖެ ކަމަށް ފެންނަނީ އެހެންވެ އެވެ. ސޯޝަލް މީޑިއާ ޗެކްނުކޮށް، ނުވަތަ ތިމާ ބަލަން ބޭނުން، ކުޅެން ބޭނުން އެއްޗަކާ ދުރުވެލައިގެން ވިއްސަކަށް މިނިޓް ވެސް ހޭދަނުކުރެވެ އެވެ.

އަބަދު ސޯޝަލް މީޑިއާގެ ސައިޓްތަކުގެ ތެރެއަށް ވަދެ އުޅޭތީ އެއް ކަމަކަށް ސަމާލުކަން ދިނުމުގެ ބައި އިންސާނުންގެ މިހާރު ދަނީ ކުޑަވަމުން

ޓެކްނޮލޮޖީގެ ބޮޑު އިންގިލާބު އައުމުގެ ކުރިން 90ގެ އަހަރުތަކުގައި ޒުވާން އުމުރު ހޭދަކުރި މީހުންގެ ތަޖުރިބާ ވަރަށް ތަފާތުވާނެ އެވެ. އެ މީހުން ކޮމްޕިއުޓަރުގައި މަސައްކަތްކުރި އެވެ. ބޭނުން އިރަކު އެކި ތަންތަނަށް ގުޅާލެވޭނެ މަގު ތަނަވަހެވެ. އޮފީހުގެ މަސައްކަތް ނިންމާލާފައި، ގޭގައި އާއިލާއާ އެކު، ސޯޝަލް މީޑިއާގެ އުނދަގުލެއް ނެތި، ވަގުތު ހޭދަކޮށްލި އެވެ. ކާ މޭޒުމަތީގައި އެންމެން ވާހަކަ ދެއްކި އެވެ. އެ ގުޅުމުގެ މެދަށް ފޯނު ވަދެ، 'ގޮވާނުހަދަ' އެވެ.

މިއަދު ތަފާތެވެ. މިހާރު މި އޮތީ އެއްވެސް އެއްޗަކަށް، އެއްވެސް ކަމަކަށް މާ ގިނަ އިރު ސަމާލުކަން ނުދެވުމުގެ މައްސަލަ އެވެ.

"ކޮމްޕިއުޓަރާއި ސްމާޓްފޯން ބޭނުންކުރާ އިރު އަހަރެމެން ސަމާލުކަން ދެވޭ ވަގުތު ވަރަށް ބޮޑަށް --ގަބޫލުކުރަން ވެސް ދަތިހާ ވަރަށް -- މިވަނީ ކުރުވެފައި. މިހާރު ސްކްރީނެއްގައި އެވްރެޖްކޮށް ހޭދަކުރަނީ 45 ސިކުންތު،" މާކް ވިދާޅުވި އެވެ.

ކޮމްޕިއުޓަރު ހުޅުވައިގެން ނަމަވެސް، ފޯނުން ވިޔަސް، އަހަރެމެން އަވަސް އަވަހަށް އެކި ސްކްރީންތަކަށް ވަދެހަދަމު އެވެ. ފޭސްބުކަށް، ނަޒަރެއް، އިންސްޓަގްރާމްއަށް ނަޒަރެއް، ޓްވިޓާއަށް ނަޒަރެއް، މިހެން ގޮސް އެއިން ކޮންމެ ސްކްރީނަކަށް ކުޑަ ވަގުތުކޮޅެކެވެ. އަވަހަށް ބަދަލުކޮށް، ބަދަލުކުރަމު އެވެ. އޭގެ ސަބަބުން ކަންކަމަށް ސަމާލުކަން ދެވޭ ވަރު ކުޑަވެ އެވެ. ހާއްސަކޮށް ނޮޓިފިކޭޝަން އަންނަ ގޮތަށް ހަދާފައި ހުންނަ ނަމަ، އެއިން ކޮންމެ ނޮޓިފިކޭޝަކަށް ސަމާލުކަން އެނބުރެ އެވެ.

ބޮޑު ގެއްލުމަކީ އެހާ ކުއްލި ކުއްލިއަކަށް ސަމާލުކަން ބަދަލުވާތީ އަސްލު މަސައްކަތަށް ބުރޫއެރުމެވެ. މިސާލަކަށް އިމްތިހާނަކަށް ތައްޔާރުވަނީ އެވެ. އެއްޗެއް ލިޔަން ޖެހުނީ އެވެ. އެއްޗެއް ކިޔާލަން ޖެހުނީ އެވެ. ތިބާގެ ސަމާލުކަން ބޮޑަށް ބޭނުންވާ އެފަދަ ކަންކަމަށް، ގިނަ ވަގުތު ސިކުނޑި ހުއްޓައެއް ނުލެވެ އެވެ.

އުފާވެރި 90ގެ އަހަރުތަކަށް އެނބުރި ދާނީ ކިހިނެއްތޯ، އޭރުގެ އެ އުފާ ތަޖުރިބާކުރި މީހުންނާއި ސައިންސްވެރިން ސުވާލުކުރަނީ އެހެންވެ އެވެ. ބައެއް ތަޖުރިބާކާރުން ދޭ ލަފަޔަކީ، އަވަސް އަވަހަށް ސްކްރީންތައް ބަދަލުނުކޮށް ތިބެން ދަސްކުރުމެވެ. މިސާލަކަށް؛

  • ފުރަތަމަ 1 މިނިޓް ވަންދެން ފޯނަން ނުބަލާ ތިބޭށެވެ.

  • އެ ކެތްތެރިކަން ލިބުމުން 2 މިނިޓަށް އިތުރުކޮށްލާށެވެ.

  • އެގޮތަށް އިތުރު ކުރަމުން ގޮސް، މަސައްކަތަށް ބުރޫނާރާނެ ވަރަށް ކެތްކުރަން ދަސްކުރާނީ އެވެ.

އެއްބަސްވަމާ ހިނގާށެވެ. ފޭސްބުކުން، އިންސްޓަގްރާމުން، ޓްވިޓާއިން، ޔޫޓިއުބުން، ޓިކްޓޮކުން މިހެން ގޮސް، ސޯޝަލް މީޑިއާގެ ސައިޓްތަކަށް އަބަދު ވަދެ، ވަގުތު ހޭދަކުރަން އާދަވުމުގެ ގެއްލުން ބޮޑެވެ. ލޯބިވެރިންނާއި ދެމަފިރިން ބޭރަށް ކާން ގޮސް ވެސް، ފޯނުގަ އެވެ. މައިންބަފައިންނާއި ދަރިން އެކުގައި ތަނެއްގައި ތިބޭ އިރު ވެސް ފޯނުގަ އެވެ.

އެކަން ބަދަލުކޮށްގެން ނޫނީ ކުރީގެ އުފާވެރި، އެކުވެރި، އެހީތެރިކަމުގެ ގުޅުން އަނބުރާ ގެންނަން އުނދަގޫވާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް