ބިއުޓީ

މި އަހަރު ފެންނާނެ 6 ބިއުޓީ ޓްރެންޑު

މި އަހަރުގެ ސްޓައިލްތައް ތަފާތުވެފައި އެކި މުނާސަބަތުތަކަށް އެކަށީގެންވާ ލުކްސް ހިމެނޭ
2 ފެބްރުއަރީ 2023

މޭކަޕް އަދި ހެއާސްޓައިލަކީ ވަރަށް ބާރުގަދަ އެއްޗެކެވެ. އެމީހަކު ސިފަކޮށްދޭން ބޭނުންވާ މިޒާޖެއް ނުވަތަ ޝަހުސިއްޔަތެއް ރަނގަޅަށް ދައްކާލަން ބޭނުން ކުރެވިދާނެ މޮޅު ވަސީލަތެކެވެ. ލާ ހެދުމެއް ސްޓައިލު ކޮށްލުމަށް ފަހު މޭކަޕް އަދި ހެއާސްޓައިލްގެ ޒަރިއްޔާއިން މުޅި ލުކް ފުރިހަމަކޮށްލެވިދާނެ އެވެ. 

މިފަހުގެ މޭކަޕް އަދި ހެއާސްޓައިލް ޓްރެންޑުތަކަކީ ވަކި ޒަމާނަކުން ހިޔާލު ހޯދައިގެން އަދި އެއް ތައްގަނޑަކަށް ހުންނަ ވައްތަރެއް ނޫނެވެ. މިހާރުގެ ބިއުޓީ ޓްރެންޑުތަކަކީ ކޮންމެ މީހެއްގެ އަމިއްލަ ސްޓައިލަކަށް ބައްޓަން ކޮށްލައިގެން ބޭނުން ކުރެވޭނެ އެކި ޒާތުގެ ޓްރެންޑުތަކެވެ. އެގޮތުން މިހާރު މަގުބޫލުވަމުން އަންނަ ހަ ޓްރެންޑަކަށް ބަލައިލާނަމެވެ.

ލޯ ޖަރީ ކުރުން

މިއީ 2020 ވަނަ އަހަރު ފެށިގެން މަގުބޫލުވަމުން އައި ޓްރެންޑެކެވެ. މި ޓްރެންޑުގެ ފަހަތުގައިވާ މައިގަނޑު އެއް ކަމަކީ ޑްރާމާ ޝޯ 'ޔޫފޯރިއާ' އެވެ. އެ ޝޯގައި ތަރިންގެ ލޯ ހުރީ ވިދާ މިނާ އަދި ޑިސްކޯ ބޭނުން ކޮށްގެން ޖަރީ ކޮށްފަ އެވެ. 

މިއީ ކޮންމެ މީހަކަށް ވެސް ފަސޭހައިން ކޮށްލެވޭނެ ރީތި މޭކަޕަކަށް ވި އެވެ. އަދި ކިތަންމެ އާދައިގެ ހެދުމެއް ލައިގެން ވެސް މިކަހަލަ ސްޓައިލަކަށް ލޮލުގެ މޭކަޕު ކޮށްލުމުން މުޅި ލުކް ތަފާތު ކޮށްލަ އެވެ.

މި އަހަރު ވެސް، ބައިނަލްއަގްވާމީ ރެޑް ކާޕެޓް އިވެންޓުތަކުން ފެށިގެން، ފެޝަން ޝޯ އަދި ވެޑިން ޕާޓީތަކުން ވެސް މި ސްޓައިލު ފާހަގަވި އެވެ. 

މެޓް ފައުންޑޭޝަން

ލުޕީޓާ ނިޔޮންގޯ ފަދަ މަގުބޫލު ސެލެބްރިޓީއިންގެ މޭކަޕް އާޓިސްޓު ނިކް ބަރޮސް ބުނިގޮތުގައި "ފްރެޝް، ގްލޯވިން" މޭކަޕް އަކީ އަބަދަށް ފެހި ސްޓައިލެކެވެ. އެކަމަކު މިފަހުގެ ރަންވޭ އަދި ރެޑް ކާޕެޓް އިވެންޓުތަކުން އާއްމުކޮށް ފެންނަ ތަފާތު ލުކްތަކަށް މެޓް ފައުންޑޭޝަން މޫނުގައި ޖެއްސުން އެކަށީގެންވެ އެވެ.

ނަމަވެސް މެޓްގެ މާނަ އަކީ އެއްވެސް ޒާތެއްގެ 'ގްލޯ'އެއް ނެތިފައި 'ޑްރައި ލުކް'އެއް ގޮތަށް ޖެއްސުމެއް ނޫނެވެ. މިފަހުގެ 'މެޓް ފިނިޝް' އަކީ ވަރަށް އުޖާލާ އަދި މަހުމާ ސްޓައިލަކަށް ފައުންޑޭޝަން ޖެއްސުމެވެ. މާ 'ޑްރައި' އަދި 'އޯޕޭކް'ކޮށް ފައުންޑޭޝަން ޖެއްސުމަކީ އިހުގެ ސްޓައިލެކެވެ.

އިސްތަށިގަނޑުގައި ޖައްސާލެވޭނެ ކުލަތައް

ސެލޯން ވިޔަފާރިގެ މާހިރެއް ކަމަށްވާ ސިޑް ޝެރިސް އަކީ އިސްތަށިގަނޑުގައި ޖައްސާ ކުލަތަކުގެ ޓްރެންޑު ދިރާސާކުރާ މީހެކެވެ. ޝެރިސް ބުނި ގޮތުގައި 'މަޝްރޫމް ބްރޮންޑު' އަކީ މި އަހަރު މަގުބޫލު ވަމުން އަންނަ ކުލަ އެކެވެ. މިއީ ނިއުޓްރަލް ކުލައެއްގައި، ގަދަ ބްލޮންޑު އަދި މަޑު މުށި ކުލަތަކެއް ހިމެނޭ ކުލަ އެކެވެ. 

ދެވަނައަށް މަގުބޫލުވަމުން އަންނަ ކުލަ އަކީ 'ޗެރީ ކޯލާ' އެވެ. މިއީ ގަދަ ރަތް ކުލަ އެކެވެ. މިފަހުގެ ގިނަ ސެލެބްރިޓީއިން ވަނީ މި ކުލައަށް އެމީހުންގެ އިސްތަށިގަނޑުގެ ކުލަ ބަދަލު ކޮށްލާފަ އެވެ. ގަދަ ރަތް ކުލަ އަކީ މިފަހުގެ 'ވައިޓޫކޭ' ފެޝަން ޓްރެންޑާ އެކު މަގުބޫލުވި ކުލަ އެކެވެ.

ގްރަންޖު މުލެޓު

ތަފާތު އިސްތަށިގަނޑު ސްޓައިލެއްގެ އަޖުމަ ބަލާލަން ބޭނުން ނަމަ މިފަހުގެ 'ގްރަންޖު މުލެޓު' އަކީ އެކަށީގެންވާ ވައްތަރެކެވެ.

މިއީ މިހާރު މަގުބޫލުވަމުން އަންނަ ގްރަންޖު ފެޝަން ޓްރެންޑުގެ ސަބަބުން ވުޖޫދަށް އައި ސްޓައިލެކެވެ. މި ވައްތަރުގެ ހެދުން އަޅަން ބޭނުންވާ މީހުންނަށް އިސްތަށިގަނޑުގެ މި ސްޓައިލު ވަރަށް ގުޅޭނެ އެވެ.

ދިގު ލޭޔާޒްއާ އެކު ކާޓަން ބޭންގްސް

ގިނަ އަދަދެއްގެ ސެލެބްރިޓީއިންގެ އިސްތަށިގަނޑު ސްޓައިލު ކޮށްދޭ ސްޓައިލިސްޓު ކްރިސްޓިން އެސް ބުނިގޮތުގައި މިފަހުގެ ޓްރެންޑަކީ ދިގު ލޭޔާޒްއަށް އިސްތަށިގަނޑު ކޮށާފައި ކާޓަން ބޭންގްސް ބެހެއްޓުމެވެ. މިއީ ގިނަ ބަޔަކު މިހާރު ބޭނުންވާ ސްޓައިލެކެވެ. އަދި ފަސޭހައިން ރީތިކޮށް ގެންގުޅެވޭނެ ސްޓައިލެކެވެ.

ނިޔަފަތީގެ ކުލަ: އެއާބްރަޝް، ވެލްވެޓް އަދި ކްރޯމް 

ނިޔަފަތީގައި ޖައްސާ ކުލަތަކަކީ މިހާރު ގިނަގިނައިން ބަދަލުވަމުން އަންނަ ޓްރެންޑެކެވެ. މިފަހުގެ ނެއިލް އާޓްގައި މުހިއްމުވަނީ ކުލަ ޖައްސާފައި ހުންނަ ތަފާތު ގޮތްގޮތެވެ. 

އެއާބްރަޝް ނެއިލްސް އަކީ ދެ ކުލައެއް ބޭނުން ކޮށްގެން، ފަނޑުވެފައި ހުންނަ ގޮތަށް ޖައްސާ ވައްތަރެކެވެ. 

މަގުބޫލުވަމުން އަންނަ ވެލްވެޓް ނެއިލްސް އަކީ މަހުމާ ފޮތިގަނޑެއް ގޮތަށް ފަރުމާކޮށްފައިވާ ވައްތަރެކެވެ. މިގޮތަށް ކުލަ ޖައްސާފައި މަތި ވެސް އޮފުކޮށް ނެއިލް ޕޮލިޝް ޖައްސަ އެވެ. 

މި ޓްރެންޑާ ގުޅޭ އަނެއް ވައްތަރަކީ ކްރޯމް ނެއިލްސް އެވެ.

ވިދާ ރިހި ކުލަ އަކީ ވެސް މިފަހުގެ ފެޝަން ތަރިން ގިނައިން ބޭނުންކުރާ ކުލަ އެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް