ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން މިދިޔަ އަހަރުގެ އޮގަސްޓް މަހު ކްލާސްރޫމް ކުނިކަހަނީ. (ފޮޓޯ/ފޭސްބުކް/ދ. އަތޮޅު ތައުލީމީ މަރުކަޒު)
ފޮޅާ ސާފުކުރުން ދަރިވަރުންނަށް: އަނބުރާ ގެނެވިދާނެތަ؟
ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ކްލާސްރޫމްތައް ސާފުކުރަން މަސައްކަތު މީހުން ދެނެއް ނުވަންނާނެ އެވެ. އެކަން ކުރާނީ ދަރިވަރުންނެވެ.
ސްކޫލުގެ ޕްރިންސިޕަލް އިސްމާއީލް ސައުދުﷲ ފޭސްބުކްގައި އެ ހަބަރު ދެއްވުމާ އެކު ގިނަ ބައެއްގެ ތައުރީފް އަންނަނީ ލިބެމުންނެވެ. ދ. އަތޮޅު ތައުލީމީ މަރުކަޒުން މިދިޔަ އަހަރު، ދަރިވަރުން ކްލާސްރޫމް ސާފުކުރާ ގޮތަށް ހަމަޖައްސައި އެކަން ފެށުމުން ވެސް ބޮޑު ތަރުހީބެއް ލިބުނެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި ރާއްޖޭގެ ސްކޫލުތަކުގައި ކުރިން އާއްމުކޮށް ކުރަމުން ގެންދިޔަ މިފަދަ ކަންކަން އަނބުރާ ގެނައުމުން މުހިއްމެވެ. ހަރުދަނާ ދިރިއުޅުމަކަށް ތައްޔާރުކޮށްދޭ މުހިއްމު ހުނަރުތައް ކުދިންގެ ކިބައިގައި އަށަގަންނުވާ މަސައްކަތްތަކެވެ. އެކަމަކު ތާއީދުކުރާ މީހުން ނުތަނަވަސްކަމެއް ވެސް ފާޅުކުރެ އެވެ: ރާއްޖޭގެ ސްކޫލެއްގައި މިފަދަ ސިޔާސަތެއް ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދެވިދާނެ ހެއްޔެވެ؟ ނުވަތަ ފުޅާކޮށް ހުރިހާ ސްކޫލުތަކަކަށް މިކަން ތައާރަފްކުރެވިދާނެ ހެއްޔެވެ؟
"މިކަހަލަ ކަމެއް އަހަރެމެންގެ ރަށުގައި ކުރާ ނަމަ ފާޑުކިޔާނެ ބައިވަރު މީހުން ތިބޭނެކަން ޔަގީން،" ފޭސްބުކްގައި ހިޔާލުފާޅުކުރި މީހަކު ބުނެފައިވެ އެވެ.
"ތިކަލަ ކަމެއް ކޮށްފިއްޔާ ޓީޗަރުން، މިރުސް އަޅާ ފިހެލައިގެން ކާލަން ތައްޔާރަށް ގިނަ ބެލެނިވެރިން ތިބޭނީ،" އެ ވާހަކައަށް ތާއީދުކޮށް އެހެން މީހަކު ލިޔުނެވެ.
ތެދެކެވެ. ދަރިވަރުން ލައްވާ ސްކޫލުން މިފަދަ ކަންކަން ކުރުވުމަކީ ހުރިހާ ބެލެނިވެރިން ރުހޭ ކަމެއް ނޫނެވެ.
"'ބަލަ އަހަރެމެންގެ ކުދިންނަކީ އަމިއްލަ ކޮޓަރި ވެސް ސާފު ކުރަން ޖެހޭ ބައެއް ނޫން، މުސާރަ ދީފައި މަސައްކަތު މީހުން ބަހައްޓާފައި ތިބެއެއްނު؟' މިއީ ހަމަ ޖަވާބު އަންނާނެ ގޮތް،" އެހެން މީހަކު ފޭސްބުކްގައި ލިޔުނެވެ.
އެއީ ހަގީގަތުގައި ވެސް ބައެއް މީހުންގެ ވިސްނުން ހުރި ގޮތެވެ. ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން މިދިޔަ މަހު ކުޑަހުވަދޫ މަގުމަތީގައި ޓްރެފިކް ފުލުހުންގެ މަސައްކަތުގައި ބައިވެރިވެގެން އުޅޭ ތަން ފެންނަ ފޮޓޯތަކެއް އެ ސްކޫލުން ފޭސްބުކަށް ލުމުން އެކަމާ ދެކޮޅު ހެދި މީހަކު ފާޅުކުރީ އެފަދަ ހިޔާލެކެވެ.
"ބޮޑު މުސާރަ ނަގައިގެން ތިބެ، ސްކޫލް ކުދިން ލައްވާ ތިކުރާ މަސައްކަތް ހުއްޓާލާ،" އޭނާ ލިޔެފައިވެ އެވެ.
މީގެ ސަބަބުން ސާފުތާހިރުކަމަށް ކުދިން އަހުލިވެރިވެ ތަން ދެކެ ލޯބި އުފެދި ދިރިއުޅުމަށް ކޮންމެހެން ވެސް ބޭނުންވާ އަސާސީ ގިނަ އަގުކުރުންތަކެއް އަމަލީގޮތުން ކުދިންނަށް ދަސްވެ ހަށިގަނޑުގައި ހަރުލެއްވިގެންދާނެ.
ސްކޫލުން ދަސްވި ކަންކަމުން ދިރިއުޅުމުގެ ފެންވަރު ރަނގަޅުވި
ސްކޫލުގައި އެކި މަސައްކަތްތައް ކުރުމަކީ މިހާރު ހަރު އުމުރުގެ ގިނަ މީހުންނަށް އާ ކަމެއް ނޫނެވެ. މާލެ އާއި ރަށްރަށުގައި ވެސް ސްކޫލްތަކުގައި ކުރިން އާއްމުކޮށް އެކަން އޮވެ އެވެ. ކްލާސްރޫމާއި ސްކޫލުގެ ގޯތި ތެރެ ފޮޅާ ސާފުކޮށް ކުނިކެހުމެވެ. އަހަރުގެ ވަކި ދުވަހެއްގައި ރަށުތެރެއަށް ނުކުމެ ގޭގޭގެ މަސައްކަތްތައް ކޮށްދީގެން ސްކޫލުގެ ކަންކަމަށް ފައިސާ އެއްކުރުމެވެ. ސްކޫލުގައި ގަސް ހައްދައި ބަގީޗާ ބެލެހެއްޓުމެވެ.
އެއީ ގިނަ ބަޔަކަށް މިހާރު އުފާވެރި ހަނދާންތަކެކެވެ.
"ނޫރާނީ ސްކޫލްގައި ކިޔެވި ދުވަސްތައް މަތިން ހަނދާން އާވެއްޖެ. އަހަރެމެން އޭރު ފޮޅާ ސާފު ކުރަނީ ވެސް އިލޮށިފަތިން. އެ ވެސް ކުދިން އަމިއްލައަށް އިލޮށި މަށައިގެން،" ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ހަބަރާ އެކު އަންހެނަކު ފޭސްބުކްގައި ބުންޏެވެ.
"ހަނދާންވޭތަ ކިރު ސަރުބަތު ގިރައިގެން މުބާރާތްތަކުގެ މެހުމާނުންނަށް ދޭ ހަނދާން. ފޮނި ހަނދާންތަކެއް،" އެހެން މީހަކު ބުންޏެވެ.
"އަހަރެމެން އަދި ފާހާނާތައް ވެސް ދޮވެލާފައި ގެއަށް ދަނީ،" އިތުރު މީހަކު ލިޔެފައިވެ އެވެ.
ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ސައުދުﷲ ފާހަގަކުރެއްވިގޮތުގައި ހަމައެކަނި ފިލާވަޅުތައް ނަގައިދީފައި ދަރިވަރުން ގެއަށް ފޮނުވާލުމަކުން ކުއްޖާ ދިރިއުޅުމަށް ތައްޔާރުކޮށެއް ނުދެވެ އެވެ. އެހެންކަމުން އެ ސްކޫލުން މިހާރު ހަމަޖައްސާފައިވަނީ ކޮންމެ ދުވަހަކު ވެސް ދަރިވަރުން ގެއަށް ދިޔުމުގެ ކުރިން، ކުލާސްރޫމުގައި ހުންނަ ކުނިތައް ނަގައި ފޮޅާ ސާފުކުރާ ގޮތަށެވެ. އަދި ޖެހިގެން އަންނަ ދުވަހުގެ ކިޔެވުމަށް ކުލާސްރޫމް ތައްޔާރުކޮށްފައި ގެއަށް ދާށެވެ.
"މީގެ ސަބަބުން ސާފުތާހިރުކަމަށް ކުދިން އަހުލިވެރިވެ ތަން ދެކެ ލޯބި އުފެދި ދިރިއުޅުމަށް ކޮންމެހެން ވެސް ބޭނުންވާ އަސާސީ ގިނަ އަގުކުރުންތަކެއް އަމަލީގޮތުން ކުދިންނަށް ދަސްވެ ހަށިގަނޑުގައި ހަރުލެއްވިގެންދާނެ. އަދި ގޭތެރެއިން ދަރިވަރުން ޒިންމާކުރުވަން ބެލެނިވެރިންނަށް ފަހިވެގެންދާނެ އިންޝާ ﷲ،" އެ ސިޔާސަތު ކަނޑައެޅި ސަބަބު ކިޔައިދެއްވަމުން ސައުދުﷲ ފޭސްބުކްގައި ލިޔުއްވި އެވެ.
ގިނަ ބަޔަކު ޕްރިންސިޕަލްގެ އެ ވާހަކައަށް ތާއީދުކޮށް، ސްކޫލުގެ ނިންމުން ބަލައިގަތެވެ.
"ހުރިހާ ކުދިން އެކީގައި ބަހާލައިގެން 10 ވަރަކަށް މިނިޓް ތެރޭ ކްލާސް ތަރުތީބު ކުރެވިގެން ދާނެ. ހަރުލައްވަންވީ ރީތި އާދަތައް މިއީ،" ފޭސްބުކްގައި މީހަކު ބުންޏެވެ.
"މިއީ ހުރިހާ ސްކޫލެއްގައި ވެސް ކުރަން ވެއްޖެ ކަމެއް،" ހައްވާ ނަސީރާ ކޮމެންޓްކުރި އެވެ.
ބައެއް މީހުން މިކަމަށް ތާއީދުކުރީ އަމިއްލަ ތަޖުރިބާއިންނެވެ. ސްކޫލު ދައުރުގައި ކުޑަކުދިންގެ ގޮތުގައި އުޅެމުންދިޔަ އިރު އޭގެ ބޭނުންތެރިކަން މާ ބޮޑަށް ނަގައިނުގަނެވި އޮވެދާނެ އެވެ. އެކަމަކު، ދިރިއުޅުމަށް ތައްޔާރުކޮށްދިނީ އެ ކަންތައްތައްކަމާ މެދު ބައެއް މީހުންނަށް ޝައްކެއް ނެތެވެ.
"އަހަރެމެން ސްކޫލުގައި އުޅުނު އިރު މަސައްކަތު މީހާ ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުވާ. އޭރު ސްކޫލްތަކަށް މަސައްކަތު މީހުން ނުވެސް ލާ. އެހެންކަމުން ސްކޫލް ނިމުނު އިރު ރަށްފުށުގައި ކުރާ ހުރިހާ ކަމެއް ދަސްވި. އަދި ގޭ މަސައްކަތް އަމިއްލައަށް ކުރިން،" އަހުމަދު ރިޔާޒު ފޭސްބުކް ކޮމެންޓެއްގައި ލިޔެފައިވެ އެވެ.
"މަންމަމެން ނުޖެހޭ ކަމެއްގެ ވާހަކަ ބުނަން. އަދި ކަމެއްގެ ވާހަކަ ބުންޏަސް ވަރަށް ފަސޭހައިން ކޮށްލެވޭ. އެގޮތުގެ މަތިން އަހަރެންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވަމުން މި ދަނީ."
ހުރިހާ ކުދިން އެކީގައި ބަހާލައިގެން 10 ވަރަކަށް މިނިޓް ތެރޭ ކްލާސް ތަރުތީބު ކުރެވިގެން ދާނެ. ހަރުލައްވަންވީ ރީތި އާދަތައް މިއީ.
ބެލެނިވެރިންގެ ޕްރެޝަރު
ސްކޫލުގައި ކުދިން މަސައްކަތްތައް ކުރުމަކީ މުހިއްމު ކަމެއް ކަމަކަށް އެންމެން ގަބޫލެއްނުކުރެ އެވެ.
އެކަކު ސިފަކުރީ މިއީ "ކުދިންތައް ނަމާދާ ދުރުކުރެވޭނެ" ގޮތެއް ކަމަށެވެ.
"މީގެ ކުރީގައި ކިޔެވި ކުދިންތައް ދުނިޔޭގައި އުޅެމުން އެކިއެކި ފަންނުތަކުގައި މަސައްކަތް ކުރަމުން އެ އަންނަނީ ކްލާސްރޫމާއި ސްކޫލްގެ ފާހާނާ ސާފުކޮށްގެނެއް ނޫން،" އެ މީހާ ފާޑުކިޔަމުން ފޭސްބުކް ކޮމެންޓެއްގައި ލިޔެފައިވެ އެވެ.
އެފަދަ ދެކޮޅުހެދުންތައް ހަގީގަތުގައި ވެސް ސްކޫލްތަކުގައި ފެންމަތިވެ އެވެ. ޓީޗަރަކު، މިފަހުން ހިނގި ހާދިސާއެއް ފޭސްބުކް ކޮމެންޓެއްގައި ކިޔައިދެމުން ބުނިގޮތުގައި އޭނާ އެއްފަހަރަކު ދަރިވަރުން ހަޑިކުރި ޑެސްކު އެމީހުން ލައްވާ ސާފުކުރުވުން ވެސް ވީ މައްސަލައަކަށެވެ.
"ކުއްޖަކު ލައްވާ ޑެސްކު ސާފުކޮށްގެން ޕްރިންސިޕަލް ކައިރިއަށް ދިޔަ އަޅުގަނޑުގެ ޝަކުވާ ހިފައިގެން. ކްލާސް ޑެކަރޭޓް ކުރި އިރު [ތެރަސް] ޑެސްކަށް އެޅީމަ އަޅުގަނޑު ކުދިން ލައްވާ ސާފުކުރުވީމަ މައްސަލަ އަކަށް ވި،" އޭނާ ބުންޏެވެ.
ބެލެނިވެރިންގެ ފަރާތުން އަންނަ އެކި ކަހަލަ ދެކޮޅުހެދުންތަކުގެ ތެރެއިން ފާހަގަވާ އެއް ކަމަކީ ބައެއް ޒާތުގެ ކަންކަން ވަކި ޖިންސަކަށް އެކަށީގެންނުވާކަމުގެ ވިސްނުމެވެ.
"ސަބަބަކީ ބެލެނިވެރިންގެ ޕްރެޝަރު،" ސްކޫލްތަކަށް މިފަދަ ކަންކަން އިއާދަނުކުރެވޭ ސަބަބު ފާހަގަކުރައްވައި ކުރީގެ މިނިސްޓަރު އަދި ހޯޕް ފޯ ވިމެންގެ އެއް ބާނީ ރާޝިދާ ޔޫސުފް ފޭސްބުކްގައި ވިދާޅުވި އެވެ. "ފިރިހެންކުދިން މިކަހަލަ [ކުނިކެހުން ފަދަ] މަސައްކަތްތައް ކުރާކަށް ބެލެނިވެރިން ބޭނުމެއްނުވޭ."
އެތައް އަހަރެއް ކުރީގެ ރީތި ނަމޫނާ ދެއްކޭނީ މުދައްރިސުންނާއި ބެލެނިވެރިން އެކަތިގަނޑަކަށްވެ ނަމޫނާ ދެއްކިގެން.
ގިނަ ބަޔަކު ބުނިގޮތުގައި ސްކޫލުގެ ތެރެއިން ދިރިއުޅުމަށް ތައްޔާރުކޮށްދެމުން އައި ރަނގަޅު އެތައް ކަމެއް މިހާރު އުވިއްޖެ އެވެ. އެކަކު ފާހަގަކުރީ ސްކައުޓް ފަދަ ހަރަކާތްތައް ހިންގާ ގޮތަށް އައިސްފައިވާ ބަދަލުތަކެވެ. ކުދިން އަމިއްލައަށް ހުރިހާ ކަމެއް ކުރާ ގޮތަށް ކުރިން އޮތް އާދަކާދަ މިހާރު ވަނީ ވަޅުޖެހިފަ އެވެ.
"ކަބް ސްކައުޓް އަދި ސްކައުޓް ކޭމްޕުގައި މިހާރު ކައްކަނީ ބެލެނިވެރިން، ނޫނީ ކޮންމެވެސް ޑެލިވަރީ ސާވިސްއަކުން ކާއެއްޗެހި ޑެލިވަރީ ކުރާނީ،" އޭނާ ފޭސްބުކްގައި ލިޔުނެވެ.
ދަރިވަރުން ކްލާސްރޫމް ސާފުކުރާ މަންޒަރު މިދިޔަ އަހަރުގެ އޮގަސްޓް މަހު ދ. އަތޮޅުން އަދި މިދިޔަ ހަފްތާގައި ފުވައްމުލަކުން ފެނުމަކީ އެތައް ބަޔަކު ޝައުގުވެރިވި އަދި މުޅި ރާއްޖޭގައި އިއާދަވާން އެދުނު ކަމެކެވެ. ރަށްރަށުގެ ސްކޫލްތަކެކޭ އެއްގޮތަށް މާލޭގެ ސްކޫލްތަކަށް ވެސް މިކަން އަނބުރާ އަންނަން ގިނަ ބަޔަކު ބޭނުންވެ އެވެ.
ދެކޮޅުހެދުންތައް އަންނާނެތީ، އެކަކުގެ ހިޔާލަކީ ރުހޭ މީހުންގެ ދަރިން އެކަނި ބައިވެރިކޮށްގެން މިކަން ކުރުމެވެ.
"ސްކޫލް ކޮންސަޓް ބާއްވާ އިރު ވެސް، ބައިވެރިކުރަން ބޭނުންވޭތޯ ނުވޭތޯ ސްލިޕް ކޮޅަކުން ދަންނަވައެއް ނޫންތޯ. އެގޮތަށް، މިކަމަށް ވެސް އިއުތިރާޒުނުކުރާ ބެލެނިވެރިންގެ ދަރިން ބައިވެރިކޮށްގެން މިކަން ނުކުރެވޭނެތޯ. އަޅުގަނޑަށް ހީވަނީ މިކަން އޮމާންކޮށް ކުރިއަށް ގެންދެވިދާނެ ގޮތްތައް އެބަހުރިހެން،" އެ މީހާ ފޭސްބުކްގައި ހިޔާލު ފާޅުކުރި އެވެ.
ނަމަވެސް އެހެން ބައެއް މީހުން ދެކެނީ ހަމަޖައްސަންވާނީ އިންސާފުވެރިކޮށް، ހުރިހާ ދަރިވަރުން ވެސް ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ކަމެވެ. އަދި، ހަމައެކަނި ސްކޫލުގެ އެންގުމެއްގެ ގޮތުގައި ނުބާއްވާ، މަންހަޖުގެ ތެރޭގައި މިކަން ހިމަނަން އެކަކު ހިޔާލު ދިނެވެ.
"އެތައް އަހަރެއް ކުރީގެ ރީތި ނަމޫނާ ދެއްކޭނީ މުދައްރިސުންނާއި ބެލެނިވެރިން އެކަތިގަނޑަކަށްވެ ނަމޫނާ ދެއްކިގެން،" އެހެން މީހަކު ފޭސްބުކްގައި ލިޔުނެވެ.
ކޮމެންޓް (1)
މޯލްޑިވިއަން