
ހުޅުމާލޭ ޓްރެކް ދަނޑުގައި މެޗު ބައްލަވަން ނައިބު ރައީސް ފައިސަލް ނަސީމް (ފޮޓޯ/އެޗްޑީސީ)
ހުޅުމާލޭގެ މާ ސްކްރީންތަކުން ފުޓްބޯޅަ ފޯރިއަށް އިތުރު މަންޒަރެއް
ވޯލްޑް ކަޕް ފޯރިގައި ޖެހިގެން އެންމެން އުޅޭ މި ދުވަސްވަރު އެއްބަޔަކު މެޗުތަކަށް ތައްޔާރުވަނީ ސަޕޯޓްކުރާ ޓީމުތަކުގެ ޖާޒީ ލައިގެންނެވެ. އަނެއް ބަޔަކު މެޗް ގަޑިއަށް ޕިއްޒާ އޯޑަރު ކުރަނީ އެވެ. ޕިއްޒާއަކީ ފުޓުބޯޅައާ ވަކިން ގުޅުން ބޮޑު އެއްޗެކެވެ. އެ ވާހަކަ ބާއްވާށެވެ؛ މިހާރު އޮތް ސުވާލަކީ ވޯލްޑް ކަޕްގެ މެޗްތައް ތި ބަލަނީ ކޮން ތާކު ހުރެގެން ހެއްޔެވެ؟
އެއްބަޔަކު ގޭގެ ސިޓިންގް ރޫމްގަ އެވެ. އަނެއް ބަޔަކު އަތުގައި އޮންނަ ފޯނުންނެވެ. އޮފީސްތަކުގައި ވެސް މެޗު ބެލޭނެ އިންތިޒާމް އޮތީ ހަމަޖައްސައިފަ އެވެ. އެކަން ގޯހެއް ވެސް ނޫނެވެ. އަދި އެންމެ ރަނގަޅެއް ވެސް ނޫނެވެ.
އިއްޔެ ހުޅުމާލޭގެ ސިންތަޓިކް ޓްރެކަަށް ވަދެލީ، އެތަނުގައި މާ ބޮޑު ސްކްރީނެއް ބަހައްޓާ ވާހަކަ އިވިގެންނެވެ. މާލޭގައި ސޯޝަލް ސެންޓަރުގަ އާއި އާޓިފިޝަލް ބީޗުގައި ވެސް ބޮޑެތި ސްކްރީންތައް ހުރެ އެވެ.
ހުޅުމާލޭ ޓްރެކް ދަނޑުގައި ބޮޑު ސްކްރީން ބެހެއްޓީ އެޗުޑީސީ އާއި ސްޓެލްކޯ ގުޅިގެންނެވެ. ހުޅުވިފައި އޮންނަ އެކަހަލަ މާހައުލެއްގައި މެޗު ބަލައިލަން ތިބުން ހަމަ ސަޅި އެވެ. ރޭ ޑެންމާކް އާއި ޓިއުނީޝިއާ މެޗް ބަލަން އާއިލާތައް އެކުގައި ވެސް ގޮސް ތިއްބެވެ. ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ދުވަހުގެ ބުރަ މަސައްކަތަށް ފަހު ހަށިފޮޅައި، ހަމަޖެހިލައިގެން ނޭވާއެއްލާން ވެސް އެ ގޮނޑިތަކުގައި އިށީދެ، މެޗަށް ގެއްލުނެވެ.
މިއީ 20 ފޫޓު 40 ފޫޓުގެ ލެޑް ސްކްރީނެކެވެ. އެ މާހައުލުގައި އަދި އެފަދަ ބޮޑު ސްކްރީނެއްގައި ވޯލްޑް ކަޕް މެޗެއް ބަލައިލަން، 10 އިން ދޭނީ ކިހާ ވަރެއްތޯ އަހައިފި ނަމަ، އަހަރެންގެ ޖަވާބަކަށް ވާނީ ދަށް ވެގެން އަށެކެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުގައި ވެސް އެވަރުގެ ބޮޑު ސްކްރީނެއް ހުއްޓެވެ. މެޗު ހިނގަމުން ދިޔަ އިރު ލުއި ކާބޯތަކެތި ވިއްކަން ވޭނެއް ވެސް އޮތެވެ. ސައިކަލެއްގައި އެކި ބާވާތުގެ ކާތަކެތި ވިއްކަން އުޅުނު ބަޔަކު ވެސް ފެނުނެވެ.

ދެ މެޗު ދޭތެރޭ ލިބުނު ހުސް ވަގުތުގައި ސަރުކާރު ޕްރޮމޯޓް ކުރަން ކޮންމެވެސް ލޯނު ސްކީމެއްގެ ވީޑިއޯ ވެސް އާދެ އެވެ. މިކަހަލަ ބޮޑު ސްކްރީންތައް ބަހައްޓައި ދިނުމުގެ ފަހަތުގައި ވެސް ސިޔާސީ މަގުސަދު އޮތުމަކީ ހަގީގަތެކެވެ. މެޗުތައް ބަލަން ދާ މީހުންގެ ޝަކުވާއެއް އޮންނާނެ ކަމަކަށެއް ނުފެނެ އެވެ.

އެކަމަކު ސްކްރީން ކައިރީގައި ހުންނަ ފްލެޓްތަކުގައި ދިރިއުޅޭ ބައެއް މީހުންގެ ހިތްހަމަނުޖެހުން އެބަ އޮތެވެ. ބައެއް މީހުން ބުނަނީ އެ ސްކްރީންގެ ސަބަބުން އުނދަގޫވާ ކަމަށެވެ. ދަރިންގެ ޓެސްޓް ދުވަސްވަރު އައިސް ޖެހުނީ ކަމަށް ބުނެ، އެފަދަ އެއްވުންތަކުން އަސަރުކުރާކަމަށް، ބައެއް މީހުން ބުންޏެވެ.
ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ކިތައްމެ ފޯރި ގަދަ ވިޔަސް އެންމެން ފުޓްބޯޅަ ނުބަލާނެ ކަމެވެ.
ކޮމެންޓް (2)
ޝަންނަ
ބޯޅަދައިތަ