އަލިފާން ރޯވެފައިވާ އިމާރާތަށް މީހުން ސަލާމަތް ކުރުމަށް ސޭމް ދިޔައީ އެއްވެސް ފަސްޖެހުމެއް ނެތި

އޫބާ

ދަތުރު ހުއްޓާލައި މީހުން ސަލާމަތްކުރި އޫބާ ޑްރައިވަރަކަށް އެވޯޑެއް

ނިއު ޔޯކުގެ އޫބާ ޑްރައިވަރު އެހީތެރިވީ ރޯވެފައިވާ އިމާރާތަކުން މީހުން ހުސްކުރުމަށް
24 އޯގަސްޓު 2022

މުހިންމު ނުކުތާތައް

އޫބާއިން ވަނީ ސޭމްގެ މަސައްކަތް އަގުވަޒަންކޮށް އޭނާ އަށް 'ހޯމްޓައުން ހީރޯ އެވޯޑް' ދީފައި

ރޯވަމުން ދިޔަ އިމާރާތަށް ވަދެ މީހުން ނެރުމަށް އޭނާ އެހީތެރިވީ ފަސްޖެހުމެއް ނެތި

ސޯޝަލް މީޑިއާގައި ސޭމްގެ ވާހަކަ އާއްމުކުރީ އޭނާގެ ފަސިންޖަރެއް

އެމެރިކާގެ ނިއު ޔޯކްގައި ރޯވެ އަނދަމުން ދިޔަ އެޕާޓްމަންޓް އިމާރާތަކަށް ވަދެ މީހުން ސަލާމަތް ކުރުމަށް އެހީތެރިވި އޫބާ ޑްރައިވަރެއްގެ އަގު އެ ކުންފުނިން ވަޒަންކޮށްފި އެވެ.

ހަތް އަހަރާއި 9 އަހަރުގެ ދެ ކުދިންގެ ބައްޕަ ފްރިޓްޒް ސޭމް ވަނީ މިދިޔަ ބުދަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއެއްގައި ރޯވި އެޕާޓްމަންޓަކަށް ގޮސް، އެ ތަނުން މީހުން ނެރުމުގެ މަސައްކަތްކޮށްފަ އެވެ. 

އޫބާ އިން ބުނިގޮތުގައި ސޭމް ފަދަ، އެހެން މީހުންނާ ދޭތެރޭ ވިސްނާ ހިތްވަރުގަދަ މީހެއް އެ ކުންފުނީގައި މަސައްކަތް ކުރުމަކީ ފަހުރެކެވެ. އެކަމުގެ އަގުވަަަޒަން ކުރުމުގެ ގޮތުން އޫބާ އިން ވަނީ ސޭމް އަށް އެއް އަހަރުގެ ކުލި ހިލޭކޮށް، ޓެސްލާ ކާރެއް ދިނުމަށް ނިންމާފަ އެވެ.

މީގެ އިތުރުން ސޭމް އަށް 'ހޯމްޓައުން ހީރޯ އެވޯޑް' ދީ، އާދަޔާހިލާފު ހިތްވަރު ދައްކާފައިވާ އެހެން ޑްރައިވަރުންނާ އެކު އޫބާގެ އަހަރީ ފޮތުގައި ސޭމް ހިމެނުމަށް އެ ކުންފުނިން ވަނީ ނިންމާފަ އެވެ.

އޫބާ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރާތާ ހަތް އަހަރު ވެފައިވާ ސޭމް

އޫބާ ކުންފުނީގެ ސީއީއޯ ވަނީ ސޭމް ދެއްކި އާދަޔާހިލާފު ހިތްވަރަށްޓަކައި ޝުކުރު އަދާކޮށް މަރުހަބާ ކިޔުމަށް ފޯނުން ގުޅާފަ އެވެ.

އޫބާ ޑްރައިވަރެއްގެ ގޮތުގައި މީގެ ހަތް އަހަރު ކުރިން މަސައްކަތް ފެށި 54 އަަހަރުގެ ސޭމް ވަނީ ހާދިސާ ހިނގި ގޮތް ދަ ވޮޝިންގްޓަން ޕޯސްޓަށް ކިޔައިދީފަ އެވެ.

އެއީ އޭނާ އަށް އާދައިގެ ދުވަހެކެވެ. އޭނާގެ ދުވަސް ބަދަލުވީ ދެވަނަ ކަސްޓަމަރު ނެގި ތަަނުންނެވެ.

 ހެނދުނު 8 ޖެހި ބްރޫކްލިން އިން ފަސިންޖަރަކު ނަގައިގެން އޭނާ ދަތުރުކުރަމުން ގެންދިޔައީ ލަގުއާޑިއާ އެއާޕޯޓަށް ދިއުމަށެވެ.

ދަތުރުގައި ފަސް މިނިޓު ހޭދަވިތަނާ ކުއްލިއަކަށް ފެނުނީ އިމާރަތެއްގައި ކޮންމެވެސް ކަންތައްގަނޑެއް ހިނގައިގެން އުޅޭ ތަނެވެ. އިމާރާތެއްގެ ދެވަނަ ފަންގިފިލާގައި ރޯވެ އަނދަމުންދާތަން ފެނުމުން އޭނާގެ ފަސިންޖަރު ޖެމައިމާ ޖޭމްސްގެ ހުއްދަ ހޯދީ އެ ތަނަށް މަޑުކޮށްލުމަށެވެ.

އިމާރާތުގައި ތިބި މީހުންނަށް އެހީތެރިވާން މަޑުކުރުމަށް ޖެމައިމާ، ސޭމް އަށް ހުއްދަ ދިނެވެ.

ސޭމް (ކ) އޭނާގެ އަންހެނުން އަދި ދެ ކުދިންނާ އެކު

"އަހަރެމެންނަށް ފެނުނީ އިމާރާތުގައި ވަރަށް ބޮޑަށް ރޯވެފައިވާ ތަން. މުޅި ތަނުގައި އޮތީ ފުނޑުފުނޑުވެފައިވާ ބިއްލޫރި،" ޖެމައިމާ ބުންޏެވެ.

ސޭމް ބުނިގޮތުގައި އޭނާ އަށް އިމާރާތް ބޭރުން ފެނުނީ ބިރުވެރި އަދި ވަރަށް ނުރައްކާތެރި ގޮތަކަށެވެ. އެތެރޭގެ އެޕާޓްމަންޓްތަކުގައި ތިބޭނެ މީހުންނާ މެދު އޭނާ ކަންބޮޑުވި އެވެ.

އެވަ ގުތު އެ ސަރަހައްދަށް މީހުން ވަނީ އެއްވާން ފަށާފަ އެވެ. އިމާރާތުން ބޭރަށް ވެސް މީހުން ދިޔައީ ނުކުންނަމުންނެވެ. އެންމެންގެ މޫނުމަތިން ވެސް ފެންނަން ހުރީ ހާސްކަމާއި ނުތަނަވަސްކަމެވެ.

އިމާރާތުގައި ހުޅުހިފާފައި ހުރި އިރު އެ ސަރަހައްދުގެ ބިންމަތީގައި އޮތީ ތަޅައިގެން ގޮސްފައިވާ ބިއްލޫރި އެވެ.

"އިމާރާތުގެ ބޭރަށް ލިބިފައިވާ ގެއްލުން ފެނުމުން އެޕާޓްމަންޓްގެ އެތެރެ އޮންނާނެ ގޮތެއް، މީހުންގެ ހާލަަތު އަހަންނަށް ހިޔާލަށް ގެންނަން ވެސް ނޭނގުނު،" ސޭމް ބުންޏެވެ.

ސޭމްގެ މަގްސަދަކަށްވީ އިމާރާތުން ނުކުތް މީހުންނާ ވާހަކަ ދައްކައި އެއްވެސް ބަޔަކު އިމާރާތުގެ އެތެރޭގައި ތިބިތޯ ބެލުމެވެ. ވާހަކަ ދެއްކި މީހުންނަށް، މީހަކު ނެތް ކަމަށް ޔަގީންކޮށް ބުނަން ނޭނގުމުން ސޭމް ނިންމީ އެ ވަގުތު އިމާރާތުގެ ތެރެއަށް ވަދެ މީހަކު ނެތްކަން ޔަގީން ކުރާށެވެ.

"އަހަންނަށް އިހްސާސް ކުރެވުނީ އެއީ އަަހަރެންގެ ޒިންމާއެއް ކަމުގައި. އިމާރާތުގައި މީހުން ނެތްކަން ޔަގީންކޮށްފައި ނޫނީ އެތަން ދޫކޮށް އަހަރެން ދާކަށް ބޭނުމެއް ނުވި. އެހީތެރިވާން އެ ވަގުތު ކޮންމެވެސް ކަމެއް ކުރަން ބޭނުންވީ. އެއީ އަހަރެންގެ އާއިލާ ދިރިއުޅޭ އެޕާޓްމަންޓް ނޫން ކަމުގައިވިޔަސް އަހަރެން ނެތް ތާކު، އަހަރެންގެ އާއިލާ ދިރިއުޅޭ އެޕާޓްމަންޓެއްގައި ރޯވެއްޖެ ނަމަ މީހަކު ގޮސް ފުރަތަމަ މީހުން ސަލަމާތް ކުރެވޭތޯ ބަލަން އަހަރެން ވެސް ބޭނުން ވާނެ،" ސޭމް ބުންޏެވެ.

ސޭމްގެ ފަސިންޖަރު ޖެމައިމާ އަށް މަންޒަރު ބަލަން ހުރެވުނީ ހުއްޓުން އަރާފަ އެވެ.

"އެއްވެސް ފަސްޖެހުމެއް ނެތި އޭނާ އިމާރާތަށް ގޮސް މީހުން ތިބިތޯ ބެލީ. އަހަރެންނަަށް ހުރެވުނީ ހައިރާންވެފައި. އަހަންނަށް އޭނާ ސިފަވީ ވަރަށް ހިތްވަރު ގަދަ މީހެއްގެ ގޮތުގައި،" ޖެމައިމާ ބުންޏެވެ.

ނުވެސް ދަންނަ މީހެއްގެ އަތަށް އޭނާގެ ފޯނު ދީފައި، އަލިފާން ރޯވެއްޖެ ކަމަށް އަދި އެންމެން އިމާރާތުން ނުކުތުމަށް ހަރު އަޑުން ސޭމް ދިޔައީ ގޮވަމުންނެވެ.

އިމާރާތުގެ އެތެރެއިން ސޭމް އަށް ފެނުނީ މަތީގައި އަލިފާން ރޯވާތީ މަތީ ފަންގިފިލާއަކަށް އެއްޗެއް ބަލާ ދާން މަސައްކަތް ކުރަމުން ދިޔަ ފިިރިހެނަކާއި އަލިފާން ރޯވުމާ އެކު ޝޮކެއް ޖެހި، ސިޑިމަތީ ހުއްޓުން އަރައި ބޭރަށް ނުކުންނަން ނޭނގިފައި ހުރި އަންހެނެކެވެ.

އަލިފާން ރޯވެފައިވާ ކަމަށް ބުނެ އިމާރާތުން ބޭރަށް ނުކުތުމަށް އެދުމުން ވެސް އަންހެން މީހާ އިންކާރު ކުރި ކަމަށް ސޭމް ބުންޏެވެ. 

ސޭމް އެ އިމާރާތުގެ ކައިރިއަށް ދިޔަތާ ހަ މިނެޓު ތެރޭގައި ފުލުހުންނާއި ފަޔާފައިޓަރުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފެށި އެވެ. އިމާރާތުން އެންމެން ހުސްކޮށް، ރޯވެފައިވާ އަލިފާންގަނޑު ވަނީ ނިއްވާލާފަ އެވެ. އަލިފާނުގައި އެއްވެސް މީހަަކަށް ގެއްލުންވެފައެއް ނުވެ އެވެ. އަލިފާން ރޯވާން މެދުވެރިވި ސަބަބު ހޯދުމަށް ތަހުގީގް ދަނީ ކުރިއަށެވެ.

ކަމާބެހޭ ފަރާތްތައް އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފެށުމާ އެކު ސޭމް ވަނީ އޭނާގެ ފަސިންޖަރު ގޮވައިގެން އަލުން ދަތުރު ފަށާފަ އެވެ. 

ވާމަންޓަށް ލިޔުންތެރިކަމުގެ ކޮންފަރެންސަކަށް ދިއުމުގެ މަގުމަތީގައި ކުރެވުނު މި ތަޖުރިބާ ޖެމައިމާ ވަނީ ޓުވިޓާގައި ކިޔައިދީފަ އެވެ. އޭނާގެ ޓުވީޓް ވައިރަލްވެ އެތައް ބަޔަކު ސޭމްގެ ހިތްވަރަށް ސާބަސް ދިނެވެ.

އެހެން މީހުންގެ ތައުރީފު ސޭމް ބަލައިގަތީ ހިތްތިރިކަމާ އެކު އެވެ. 

"ކޮންމެ މީހަކަށް ވެސް އަނެކާއަށް އެހީތެރިވެވިދާނެ،" ސޭމް ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް