ވާހަކަ: މެންދަން ވީމާ ހިމޭން

ވާހަކަ

ވާހަކަ: މެންދަން ވީމާ ހިމޭން

ސައިކަލު ފަހަތަށް އެރުވީ ނިޝާއެވެ. ނަމަވެސް އަހަރެންގެ ޚަބަރު ބަލަން މެސެޖް އެ ކުރީ ވެސް ނިޝާއެވެ. ކިހިނެއް ވާނެ ކަމެއް ހެއްޔެވެ؟ ކުރިން ފޮނުވާފައި އޮތް މެސެޖެއްގެ ޑެލިވެރީ ލަސްވީ ނޫންބާވައެވެ؟ ވަހުމްތައް ހިތަށް ވަދެ ބިރުގަތް ވަރުން، ސައިކަލު ދޫކޮށްލާފައި ދުއްވައިގަންނަން ވެސް ހިތަށް އެރިއެވެ.
14 ޖުލައި 2022

އެޕިސޯޑް 5

"މިރޭ މާ ލަސް ވީމަ މި ނިދަނީ އިނގޭ. ގުޑްނައިޓް. ލަވް ޔޫ." އެއީ ނިޝާގެ މެސެޖެކެވެ. އަހަރެން ތުރުތުރުއަޅަން ފެށިއެވެ. ފަހަތް ބަލާލާކަށް ނުކެރުނެވެ.

ދެން ހަދާނީ ކިހިނެއްބާވައޭ ހިތަށް އެރިއެވެ. ފަހަތުގައި އިނީ ނިޝާ ނޫންކަން އެނގުމުން އެއީ އިންސާނެއް ނޫންކަން ވެސް އެނގުނެވެ. ސައިކަލުގައި ހުރި ލޯގަނޑުން އޭނަ ފެންނަން ނެތުމުންނެވެ. އަހަރެން ސައިކަލު ދުއްވާލީމެވެ. މީހާ މަޑުމަޑުން ދާހިއްލަންފެށިއެވެ. އަހަރެން ބިރުގެންފައި އިންކަން ދައްކާކަށް ބޭނުމެއް ނުވިއެވެ. އެއްވެސް އެއްޗެއް ނުބުނަމެވެ. ފަހަތުގައި އިން މަހުލޫގު ވެސް އަނގައަކުން ނުބުނެއެވެ. އަހަރެންގެ މިސްރާބު ބަދަލުކޮށްލީ އަހަރެންގެ ގެއާ ދިމާލަށެވެ. ދުއްވުނު އެންމެ ބާރަށް ސައިކަލު ދުއްވީމެވެ. ގެއާ ހިސާބަށް ދެވުމުން ސައިކަލުން ފައިބައިގެން ގޮސް ގެއަށް ވަނީމެވެ. އެންމެ ހިނދުކޮޅަކަށް ވެސް ހިނގުން ނުހުއްޓަމެވެ. ދިޔަ ގޮތަށް ގޮސް އެނދަށް އަރާ އޮތީމެވެ. އޭރު ވެސް މުޅި މީހާ ތުރުތުރުއަޅައެވެ. އަހަރެންނަށް މިހެން ވަނީ ކީއްވެގެން ހެއްޔެވެ؟ އެ އެއްޗެއް އަހަރެންގެ ކިބައިން ނެއްޓެން ނޭނގިގެން އެ އުޅެނީ ކީއްވެގެން ހެއްޔެވެ؟

އަނެއް ދުވަހު އަހަރެން އޮފީހަކަށް ނުނުކުންނަމެވެ. ކޮޓަރިން ނުނުކުމެ އޮތީ ގެންފައިވާ ބިރެއްގެ ބޮޑުކަމުންނެވެ. ކާ ހިތެއް ނުވެއެވެ. މެންދުރު ބާރަ ޖެހިއިރު ވެސް އަހަރެން ނުނުކުންނަމެވެ. އެނދުގައި އޮތީއެވެ. ފޯނަށް މީހުން ގުޅާތީ ފޯނު ނިއްވައިލީމެވެ. އިރުކޮޅަކުން މީހަކު ދޮރުގައި ޓަކި ޖެހިއެވެ. ޓަކި ޖެހީ ވަރަށް ބާރަށެވެ. އަހަރެން ސިއްސައިގެން ދިޔައެވެ.

"ކަ... ކާކު؟" އަހަރެން ތުރުތުރުއަޅަމުން އެހީމެވެ. ޖަވާބެއް ނައެވެ. އަހަރެން އިނީ ދޮރާ ދިމާލަށް ބަލަހައްޓައިގެންނެވެ. ދޮރުގެ ތިރިން ހިޔަނި ފެންނަން ހުއްޓެވެ. އެތަނުގައި މީހަކު ހުރިކަން ޔަގީންވިއެވެ. އަނެއްކާވެސް ޓަކި ޖެހިއެވެ. އަހަރެން އަނގައިންނެއް ނުބުނަމެވެ. ދޮރެއް ވެސް ނުހުޅުވަމެވެ. ބާލީހެއް އުނގަށް ލައިގެން ދޮރާ ދިމާލަށް ބަލަހައްޓައިގެން އެނދުމަތީ އިނީއެވެ.

"ދަރިފުޅާ!" މަންމަގެ އަޑު އިވުނެވެ. ހިފަހައްޓައިގެން އިން ނޭވާ ބޭރު ކޮށްލެވުނެވެ. އަހަރެން ދޮރު ހުޅުވާލުމުން މަންމަ ކޮޓަރިއަށް ވަނެވެ.

"ދަރިފުޅު ކީއްވެތަ އޮފީހަށް ނުދިޔައީ؟ ދަރިފުޅު ހޯދަން އައިސް އެބަ ހުރި އެތަނުގައި އުޅޭ ކުއްޖަކު،" މަންމަ އެނދުގައި އިށީންނަމުން ބުންޏެވެ.

"ބުނޭ އަހަރެން ނިދާފައޭ،' ފަރުވާ ކުޑަ ގޮތަކަށް ބުނެފައި އެނދު މައްޗަށް ވެއްޓިގަތީމެވެ. އޭރު ވެސް ކޮޓަރި ދޮރު ހުރީ ހުޅުވާފައެވެ.

"އާނ. އޮފީހަށް ދާނެ ކަމެއް ނެތް. ކައިކައިގެން ނިދީމަ ހުންނާނީ ވަޒީފާ އަދާ ކުރެވިފައި. ވަޒީފާއަށް ނުދަންޏާ ކީއްކުރަން ހެދި ތަމްރީނު ޕްރޮގްރާމްތަކެއް؟" ރުންކުރުވެފައި ހުރި ބައްޕަ އެހެން ބުނީ ކޮޓަރި ދޮރުމައްޗަށް އަރާފައެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނަމެވެ.

ބައްޕަ އަކީ ދުވަހަކު ވެސް އަހަރެންނާ ދިމާލަށް ހެޔޮ ބަހެއް ބުނި މީހެއް ނޫނެވެ. ބައްޕައަށް ކަމުދާ ގޮތަކަށް އެންމެ ފިޔަވަޅެއް ވެސް ނޭޅެއެވެ. އެއްވެސް ކަމަކަށް ހިތްވަރެއް ވެސް ނުދެއެވެ. ނަސޭހަތެއް ވެސް ނުދެއެވެ. އަބަދުވެސް ކަމަކީ މަންމައާ ޒުވާބު ކުރުމެވެ. ދިރިއުޅުމުގައި ކޮންމެ ކަމެއް ގޯސް ވިޔަސް އެއީ މަންމަގެ ސަބަބުންނެވެ. ދަރިންގެ ކިޔެވުމުގެ ނަތީޖާ ދަށް ވަނީ މަންމަ އެކަމަށް ދޭން ޖެހޭ ސަމާލުކަން ނުދިނުމުންނެވެ. އަތްމަތި ދަތިވެގެން ދަނީ މަންމަ ބޭކާރު ހަރަދު ކުރާތީއެވެ. ދިރިއުޅުން ކުރިއަށް ނުދަނީ މަންމަގެ ސުންޕާކަމުންނެވެ. ބައްޕަގެ އެއްވެސް މައްސަލައެއް ނޯވެއެވެ. ބައްޕަ އަނގައަށް ވުރެ ކުރިން އަތް އިސްކުރެއެވެ. ދަރިންނަށްޓަކައި އަދާ ކުރަން ޖެހޭ ވާޖިބުތަކާއި ޒިންމާތަކެއް ނެތެވެ. ފިރިއެއްގެ ފަރާތުން އަތްނބަކަށް ދޭން ޖެހޭ ހިމާޔަތާއި ރައްކާތެރިކަމެއް ނުދެވެއެވެ. އާމްދަނީ ހޯދުމަށް އެއްވެސް މަސައްކަތެއް ނުކުރެއެވެ. ދިރިއުޅުމުގެ ހަރަދުތައް ބަލަހައްޓަމުން ދިޔައީ ތިއްތިބެއެވެ. އަހަރެން ހުރީ އެއްޗެއް ނުބުނާށެވެ. މަންމައަށް އަތް އިސްކުރި ދުވަހު އަހަރެން ބުނީ އެންމެ އެއްޗެކެވެ. މަންމައަށް ތިހެން ނުހަދާށެވެ. އެ ދުވަހު އަހަރެންނަށް ނުހިނގޭ ވަރަށް އަނިޔާ ކުރިއެވެ. އެ ދުވަހަށް ފަހު އަހަރެން ބައްޕައާ ވާހަކައެއް ނުދައްކަމެވެ.

އަހަރެން އޮތީ ޕޮލިސް ސްޓޭޝަން ހުންނަ އިމާރާތުގެ ގޯތިތެރޭގައި އޮތް އުނދޯއްޔެއްގައެވެ. އެއީ ހިތި ގަހެއްގެ ގޮފިގަނޑެއްގައި އެލުވާފައިއޮތް އުނދޯއްޔެކެވެ. އަހަރެން އޮތް ދިމާލުން ސްޓޭޝަނުގެ ބޭރު ފެންނަން ހުއްޓެވެ. ބޭރުން ފެންނަމުން ދިޔައީ ކުރިމަތީ ހުރި ގެއެއްގައި އުޅޭ ކުއްޖަކު ބޯޅަ ކުޅެން އުޅޭ މަންޒަރެވެ. އެއީ އުމުރުން ހަތަރު ވަރަކަށް އަހަރުގެ ކުއްޖެކެވެ. އަހަރެންގެ ހިތަށް އެރިއެވެ. އެ ކުދިން ވިސްނަން އޮންނާނީ ކޮން ކަމެއް ހެއްޔެވެ؟ އެއްވެސް ޒިންމާއެއް ނޯންނާނެއެވެ. އަދާ ކުރަން ޖެހޭ ވާޖިބުތަކެއް ނޯންނާނެއެވެ.

ކުއްލިއަކަށް ބޯޅަ ކުޅުން ހުއްޓާލިއެވެ. އެ ކުއްޖާ ހުރީ މައްޗަށް ބަލަހައްޓައިގެންނެވެ. ކުއްޖާ ކުޅެން ހުރީ ރުކެއްގެ ދަށުގައެވެ. އަހަރެން އުނދޯލިން ތެދުވީމެވެ. އަދި ވަރަށް ފަރުވާތެރިކަމާއެކު ރުކާ ދިމާލުން މައްޗަށް ބަލާލީމެވެ. އެ ވަގުތު ކުރުނބާ އިހަލެއް ވެއްޓޭތަން ފެނުނެވެ. ރުކުގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އަހަރެން ވަރަށް ބާރަށް ދުއްވައިގަތީމެވެ. ނަމަވެސް އަހަރެން ދާން ވާ އިރަށް ކުރުނބާ އިހާ ވެއްޓުނެވެ. ކުއްޖާ ހުރި ދިމާލަށެވެ. ނަމަވެސް އޭރު އެ ކުއްޖާއެއް ނެތެވެ. ކުޅެން ގެންގުޅުނު ބޯޅަ އޮތެވެ. އަހަރެން މަގުމައްޗަށް ނުކުމެފައި ބޭރު ހޯދީމެވެ. އެކަމަކު ކުއްޖާއެއް ނުފެނުނެވެ. އަހަރެން އިސްޖަހައިގެން ހުރެ ދޮރޯށިން ވަންނަން ހިނގައިގަތީމެވެ. އެ ވަގުތު ލޮލުގައި އަޅައިގަތީ ކުއްޖާ ހުރި ދިމާލުގައި ހުރި ފިޔަވަޅުތަކެވެ. އެއީ ދަންނަ ގޮތަކަށް ހުރި ފިޔަވަޅުތަކެކެވެ. ހަނދާންވިއެވެ. ތަމްރީނުގައި އަހަރެން އުޅުނު އިރު ހޭޅިއާ ދިމާލަށް ގޮސް ހުރީ އޭގެ ފިޔަވަޅުތަކެކެވެ.

"އޭތް. ކޯއްޗެއް ތި ހޯދަނީ؟" ފަހަތުން މީހެއްގެ އަޑު އިވުމުން ބަލާލި އިރު ތިބީ އެކުގައި މަސައްކަތް ކުރާ ދެ މީހެކެވެ. ސަމީރާއި މިސްބާހެވެ. އަހަރެން އެއްޗެއް ނުބުނެ ހިނިތުންވެލީމެވެ. އެ މީހުންނާއެކު އޮފީހަށް ވަދެ އަހަރެން އިންނަ ކެބިންއަށް ދިޔައީމެވެ. ދާދި ދެންމެ ހިނގާ ދިޔަ ކަންތައް ހިތުގައި ހުއްޓެވެ.

ކޮމްޕިއުޓަރު ހުޅުވާލާފައި އެއްޗެއް ލިޔެލީމެވެ. ޖިންނި ޝައިތޯނުންނާ ބެހޭ މައުލޫމާތު ކިޔަން ފެށީމެވެ. ނޭނގޭ، ވަރަށް ގިނަ މައުލޫމާތު އެނގުނެވެ. އެކަމަކު ގަބޫލުކުރަން ދަތިވި އެއްޗެހި ވެސް ހުއްޓެވެ. އަހަރެންނަށް އެންމެ ގިނައިން ބޭރުގައި އުޅެވުނީ އުޅެން ނުވާ ގަޑިތަކުގައި ކަން އެނގުނެވެ. ޖިންނިންގެ ތެރޭގައި ކަނޑާއި އެއްގަމުގެ އަހުލުވެރިން އުޅޭކަން ވެސް އެނގުނެވެ. ގިނަ އެއްޗެހި ކީ ވަރަކަށް ބިރުގަންނަން ފެށިއެވެ. ވުމާއެކު ކޮމްޕިއުޓަރު ނިއްވާލީމެވެ. އަދި މޭޒުމަތީގައި އަތް ބާއްވާލައިގެން އޮށޯވެލީމެވެ.

ނިޝާ ބޭނުންވީ އަވަހަށް ކައިވެނި ކުރާށެވެ. ނަމަވެސް އަހަރެން ބޭނުމެއް ނުވެއެވެ. ސަބަބަކަށް ދެއްކީ ކައިވެނި ކުރުމުން ޒުވާބުކުރުން ގިނަ ވެދާނެތީ ކަމުގައެވެ. އަހަރެންގެ މައިންބަފައިން އުޅޭ ގޮތް އަހަރެންނަށް ފެނެއެވެ. އެންމެ ދުވަހެއް ވެސް ހަމަޖެހިގެން ނުދެއެވެ. ކޮންމެ ދުވަހެއްގެ އިރު އަރާ އޮއްސެނީ ޒުވާބުންނެވެ. އެ ގޮތަށް އަހަރެން ވާން ބޭނުން ނޫން ކަމުގައި ބުނީމެވެ.

"އެކަމަކު ތިއީ އެއްވެސް މާނައެއް ނެތް ސަބަބެއް. ގަބޫލު ކުރަން ވެސް އުނދަގޫ." އަހަރެންނާއި ނިޝާ ތިބީ ރަށުގެ ތުނޑީގައެވެ. އޭރު ގަޑިން މެންދަމު އެކެއް ޖަހާ ފަސް މިނެޓެވެ. ނިޝާއަށް ގަބޫލު ކުރަން އުނދަގޫ ވާނެކަން އެނގެއެވެ. ހަގީގަތުގައި އެއީ އަސްލު ސަބަބެއް ވެސް ނޫނެވެ.

- ނުނިމޭ -

އެހެން ބައެއް ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް