'ދޭވްދާސް'ގެ މަންޒަރެއްގައި ޝާހު (ވ) އަދި އައިޝްވާރިޔާ

ބޮލީވުޑް

'ދޭވްދާސް' އުފައްދަން ކުރީ އުނދަގޫ މަސައްކަތެއް: ބާންސާލީ

ޓައިމް މަޖައްލާ އިން ހޮވި އަހަރުގެ އެެންމެ މޮޅު 10 ފިލްމުގެ ތެރޭ 'ދޭވްދާސް' ހިމެނުނު
13 ޖުލައި 2022

މީގެ 20 އަހަރު ކުރިން ރިލީޒްކުރި ކާމިޔާބު ފިލްމު 'ދޭވްދާސް' އުފައްދަން ކުރީ އުނދަގޫ މަސައްކަތެއް ކަމަށް ފިލްމުގެ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީ ބުނެފި އެވެ.

ޝާހްރުކް ހާން، މަދޫރީ ޑިކްޝިޓް އަދި އައިޝްވާރިޔާ ރާއީ މުހިއްމު ރޯލުތަކުން ފެނުނު އެ ފިލްމު ރިލީޒްކުރީ 2002 ވަނަ އަހަރު އެވެ. ޓައިމް މަޖައްލާ އިން ހޮވި އަހަރުގެ އެެންމެ މޮޅު 10 ފިލްމުގެ ތެރޭ 'ދޭވްދާސް' ހިމެނުނެވެ. އެ އަހަރު އިންޑިއާގެ ފިލްމަކަށް އެ ލިސްޓުގައި ހިމެނުނީ ވެސް 'ދޭވްދާސް' އެކަންޏެވެ. ކާން ފިލްމު ފެސްޓިވަލުގައި ވެސް އެ ފިލްމު ދެއްކި އެވެ.

ބާންސާލީ ބުނީ އެ ފިލްމު ކާންގައި ދައްކަން ދައުވަތު ލިބުމަކީ އޭނާ އަށް ލިބުނު ކުރިއެރުމެއް ކަމަށާއި ފިލްމު ފުރިހަމައަށް ނިންމަން އޭނާގެ އަސްލު ސްޕީޑަށް ވުރެ ދެ ގުނަ ހަލުވިކޮށް މަސައްކަތް ކުރިއަށް ގެންދަން ޖެހުނު ކަމަށެވެ.

ކާންގެ ޖޫރީ ޕެނަލުން ފިލްމަށް ކުރި ތައުރީފު ފާހަގަކޮށް ބަންސާލީ ބުނީ ކާންގައި ފިލްމަށް ލިބުނީ އޭނާ އަށް ކުރިއަށް ދާން ހިތްވަރު ލިބުނު ތައުރީފު ކަމަށެވެ.

އެކަމަކު އިންޑިއާގައި އެ ފިލްމު އެޅުވުމުން ގިނަ ބެލުންތެރިންގެ ފަރާތުން ލިބުނު ފާޑުކިޔުމާ އެކު ހިތްމަރުވާ ކަހަލަ ވާހަކަތައް ވެސް އިވުނު ކަމަށް އޭނާ ބުންޏެވެ.

ބޮކްސް އޮފީހުގައި އެ ފިލްމަށް 1.68 ބިލިއަން ރުފިޔާގެ އާމްދަނީ ލިބުނެވެ. އެއީ ސާރަތު ޗަންދުރާ ހަމަ އެ ނަމުގައި ލިޔެފައިވާ ވާހަކައެއް އަސްލަކަށް ބަލައިގެން އުފައްދާފައިވާ ލޯބީގެ އަސަރުގަދަ ފިލްމެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް