އަބީޝޭކް އާއި އައިޝްވާރިޔާ
އަބީޝެކް އާއެކު މަސައްކަތް ނުކުރެވޭ ސަބަބު އައިޝްވާރިޔާ ބުނެފި
ފިރިމީހާ އަބީޝެކް ބައްޗަން އާއެކު ފިލްމީ މަސައްކަތެއް ކުރަން ބޭނުން ކަމަށާއި އެކަމަކު އެކަން ނުވެ އޮތީ އާއިލާ އަށް ސަމާލުކަން ދޭން ބޭނުންވާތީ ކަމަށް އައިޝްވާރިޔާ ރާއީ ބައްޗަން ބުނެފި އެވެ.
މިފަހުން ކާން އަދި އައިފާގައި ވެސް މި ދެމަފިރިން އެކުގައި ފެނުނު އިރު ފޭނުން އަނެއްކާވެސް ތިބީ މި ދެ މީހުން އެކުގައި ސްކްރީނުން ފެންނާނެ އިރަކަށް އިންތިޒާރުގަ އެވެ. އެކަމަކު އެކަން އެހާ އަވަހަށް ވާން ނެތް ކަމަށް އައިޝްވާރިޔާ ވަނީ މި ފަހުން ބުނެފަ އެވެ.
އީޓީ ޓައިމްސް އަށް ދިން އިންޓަވިއު އެއްގައި، އަބީޝެކްއާ އެކު މަސައްކަތް ކުރުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އައިޝްވާރިޔާ ބުނީ "އެކަން ވާން ޖެހޭނެ" ކަމަށާއި އެކަމަކު މިހާރު އަބީޝޭކް އާއެކު މަސައްކަތެއް ނުކުރެވެނީ އާއިލާ އަށް ވަގުތު ދޭން ބޭނުންވާތީ ކަމަށެވެ.
ހާއްސަކޮށް އެމީހުންގެ ދަރިފުޅު އަރާދިޔާ އަށް ފުރިހަމަ ސަމާލުކަން ދޭން ބޭނުންވާތީ، ދެ މީހުންނަށް އެކުގައި ފިލްމީ މަސައްކަތެއް ނުކުރެވެނީ ކަމަށް އައިޝްވާރިޔާ ބުންޏެވެ.
އައިޝްވާރިޔާ ވަނީ މި ފަހުން ތަމަޅަ ފިލްމެއްގައި މަސައްކަތް ކޮށްފަ އެވެ. ސެޕްޓެމްބަރުގައި ރިލީޒްކުރާ އެ ފިލްމުގެ މަސައްކަތް ނިންމުމަށް ވަގުތު ހުސްކުރުން ވީ ވެސް އުނދަގޫ ކަމަކަށް ކަން ފާހަގަކޮށް އައިޝްވާރިޔާ ބުނީ އެއީ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.