ނިކް ޖޯނަސް
ބައްޕައަކަށް ވުމާ ގުޅޭގޮތުން ނިކް ވާހަކަ ދައްކައިފި
ނިކް ޖޯނަސް އާއި ޕްރިޔަންކާ ޗޯޕްރާގެ އަލަތު ދަރިފުޅު މާލްތީ މޭރީ ޖޯނަސް އުފަންވުމަށް ފަހު ދިރިއުޅުމަށް އައި ބަދަލާ ގުޅޭގޮތުން ނިކް ވާހަކަ ދައްކައިފި އެވެ.
ނިކް އާއި ޕްރިޔަންކާ އަށް ސަރޮގެސީ މެދުވެރިކޮށް ދަރިއަކު ލިބުނުކަން އިއުލާނު ކުރީ ޖެނުއަރީ 15 ވަނަ ދުވަހު އެވެ. ދުވަސް ނުފުރާ އުފަންވި އެ ކުއްޖާ 100 އަށް ވުރެ ގިނަ ދުވަހު އެންއައިސީޔޫގައި ބޭއްވުމަށް ފަހު މެއި މަހުގެ ތެރޭގައި ވަނީ ގެއަށް ދޫކޮށްލައިފަ އެވެ.
ދަރިއަކު ލިބުމާ ގުޅޭގޮތުން ނިކް ބުނީ އެއީ ތަފާތު އިހުސާސެއް ކަމަށާއި ބޮޑު ޒިންމާއެއްކަން އިހުސާސްވާ ކަމަށެވެ. އަދި އޭނާ ބުނީ މާލްތީގެ ބައްޕައެއްގެ ރޯލު އަދާކުރަން ލިބުމަކީ އުފާވެރި އިހުސާސެއް ކަމަށެވެ.
މާލްތީ އާއެކު ހޭދަކުރާ ވަގުތަކީ އަގުނުކުރެވޭ އެއްޗެއް ކަމަށާއި ގޭގައި މާލްތީ އޮތުމަކީ ވެސް ނަސީބެއް ކަމަށް ގަބޫލު ކުރާ ކަމަށް ނިކް ބުންޏެވެ.
މި އަހަރުގެ މަންމައިންގެ ދުވަހާ ދިމާކޮށް ޕްރިޔަންކާ ވަނީ ދަރިފުޅުގެ ފޮޓޯއެއް ފުރަތަމަ ފަހަރަށް އާންމުކޮށްފަ އެވެ. ފޮޓޯ އާންމު ކުރި ނަމަވެސް އެ ކުއްޖާގެ މޫނެއް ނުފެނެ އެވެ.
ޕްރިޔަންކާ އާއި ނިކް ކައިވެނި ކުރީ 2018 ވަނަ އަހަރު އެވެ.