ކަންގަނާ: އޭނާ އާއި އޭކްތާއަކީ ގާތް އެކުވެރިން

އޭކްތާގެ ރިއަލިޓީ ޝޯގެ ހޯސްޓަކީ ކަންގަނާ؟

މިއީ 'ބިގް ބޮސް'ގެ ކޮންސެޕްޓާ އެއްގޮތްވާނެ ޝޯއެއް ކަމަށްވޭ
2 ފެބްރުއަރީ 2022

އޭކްތާ ކަޕޫރު އުފައްދާ ރިއަލިޓީ ޝޯގެ ހޮސްޓަކަށް ކަންގަނާ ރަނާވަތު ހަމަޖައްސާފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.

އޭކްތާ އޭނާގެ ރިއަލިޓީ ޝޯ ސިފަކުރަނީ "އެންމެ ބިރުކުޑަ ރިއަލިޓީ ޝޯ"ގެ ގޮތުގަ އެވެ. އޭކްތާގެ ގާތް އެކުވެރިޔާ ކަންގަނާ މި ޝޯގެ ހޯސްޓަކަށް ހަމަޖައްސައިފި ކަމަށް ރިޕޯޓުކޮށްފައިވާއިރު، އެކަން ހާމަކޮށް ކަންގަނާ އިންސްޓަގްރާމުގައި ކުރި ޕޯސްޓު ފަހުން އޭނާ ވަނީ ޑިލީޓުކޮށްފަ އެވެ.

މިއީ ބިގްބޮސްގެ ކޮންސެޕްޓާ ވަރަށް އެއްގޮތް ޝޯއަކަށް ވާނެ އެވެ.

ބާލާޖީގެ އޯޓީޓީ ޕްލެޓްފޯމުގައި ދައްކާނެ މި ޝޯގައި ބައިވެރިވާ މީހުން، އެއް ތަނެއްގައި ދެތިން ހަތަރުމަސް ހޭދަކޮށް، ޑެއާތަކާއި ޓާސްކުތައް ފުރިހަމަ ކުރަން ޖެހޭނެ އެވެ.

ރިޕޯޓުތައް ބުނާގޮތުން މި ވާނީ 24 ގަޑިއިރުގެ ލައިވް ޝޯ އަކަށެވެ.

ޝޯގެ ހޮސްޓަކަށް ކަންގަނާ ހަމަޖެއްސި ކަމަށް ބުނާއިރު، އޭކްތާ ވަނީ ބޮލީވުޑުގެ މަގުބޫލު އެހެން ބައެއް ތަރިންނާ ވެސް ވާހަކަ ދައްކައިފަ އެވެ. އެގޮތުން ދީޕިކާ ޕަދުކޯން، ޝިލްޕާ ޝެޓީ އަދި ކަރީނާ ކަޕޫރު ހާން ފަދަ ތަރިންނަށް މި ޝޯ ހުށަހެޅި ކަމަށްވެ އެވެ.

މި ޝޯގެ ނަމެއް، އަދި ބައިވެރިވާނީ ކޮން ބައެއް ކަމެއް މިހާތަނަކަށް ހާމައެއް ނުކުރެ އެވެ. އެކަމަކު އޭކްތާ އެ ތަފްސީލުތައް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށްވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް