1984ގެ ޝޯއެއްގެ ތެރެއިން (ފޮޓޯ/ޕްރޯލައިޓް ސްޓޫޑިއޯ)

މިއުޒިކް

1984 ބޭންޑުގެ އާ ލަވަ 'ތަރަވެފަ' ވީޑިއޯއާ އެކު ނެރެފި

ކަންފަތަށް އަރާމު އަމިއްލަ ރާގާއި އަމިއްލަވަންތަ ޅެންވެރިކަމަށް މަގުބޫލު 1984 އިން ގިނަ ދުވަސްތަކަކަށް ފަހު ނެރުނު އާ ލަވަ ހުރިހާ ޕްލެޓްފޯމަކުން އަޑުއަހާލެވޭނެ
25 ޖެނުއަރީ 2026
2

ދިވެހި މިއުޒިކް ބޭންޑް 1984 އިން 'ތަރަވެފަ'ގެ ނަމުގައި އާ ލަވައެއް ނެރެފި އެވެ.

މިއީ އެ ބޭންޑުގެ ފޭނުންނަށް އުފާވެރި ހަބަރެކެވެ. ސަބަަބަކީ، މިއީ 1984ގެ އަމިއްލަވަންތަ ޅެންވެރިކަމާއި ލަވަތަކުގެ އަވައިގައި ޖެހިފައިވާ ފޭނުންނަށް، 2009 ވަނަ އަހަރު ނެރުނު 'އެކުއެކީ' އަލްބަމަށް ފަހު، މުޅިން އާ ލަވައެއް އިވިގެންދާ ފުރަތަމަ ފަހަރެވެ.

އެ ބޭންޑުން މީހުންގެ ސަމާލުކަން ހޯދަނީ އަހާލަން ފަސޭހަ ކަންފަތަށް އަރާމު އަމިއްލަ ރާގުގެ އިތުރުން ލަވަތަކުގައި ބޭނުން ކޮށްފައިވާ ޅެންވެރިކަމުންނެވެ. އޭގައި އަމިއްލަވަންތަކަން ހުރެ އެވެ. ބޮޑު ކްރިއޭޓިވް ޕްރޮސެސްއެއްގެ ތެރެއިން ފުރޭނިގެން އަންނަ ފުރިހަމަ އުފެއްދުމެއްކަން އަހާލުމުން އިހްސާސްކޮށްލެވެ އެވެ. ފުރަތަމަ ފަހަރަށް ލަވައިގެ ރިލީޒްއާ އެކު މިއުޒިކް ވީޑިއޯ އުފައްދާފައިވާ 'ތަރަވެފަ' އިން ވެސް މިކަން ފެނިގެންދެ އެވެ.

1984 އިން އާ ލަވައެއް މި ނެރުނީ ގިނަ ދުވަސްތަކަކަށް ފަހު

1984 ބޭންޑުގައި ހިމެނެނީ:

އަހުމަދު އައްފާން އާދިލް (އައްޕި)

އަހުމަދު ޝުއާއު (އޮބޮފިލި)

މުހައްމަދު ނަބީލް އަބްދުﷲ

މުހައްމަދު ސައިމަން ލަތީފް

މިދިޔަ ބުރާސްފަތި ދުވަހު ޖޭޒް ކެފޭގައި ބޭއްވި ހަފްލާއެއްގައި 1984 އިން ވަނީ އާ ލަވަ ސްކްރީންކޮށްފަ އެވެ.

މިހާރު ޔޫޓިއުބަށް ލާފައިވާ މި ލަވައަށް އެއް ދުވަސްތެރޭ ގާތްގަނޑަކަށް 2000 ވިއުސް ލިިބިފައިވެ އެވެ.

ބޭންޑުން ބުނީ މިއީ 2009 ވަނަ އަހަރު އުފައްދައި އެކަމަކު ބޭންޑްގެ އެކި މީހުންގެ އެކި ޒިންމާތަކާ ހެދި ރެކޯޑްނުކުރެވި އޮތް ލަވައެއް ކަމުގަ އެވެ. 

1984 ބޭންޑުގެ ޝޯއެއްގެ ތެރެއިން (އަނޫ ފޮޓޯސް)

އަނެއްކާވެސް 2023 އިން ފެށިގެން ލަވައިގެ މަސައްކަތައިގެން ކުރިއަށް ގޮސް، އެން9 ސްޓޫޑިއޯއާ އެކު ލަވަ ރެކޯޑްކުރީ އެވެ. ރެކޯޑިންގައި ގިޓާ، ލައިވް ޑްރަމްސް، ލީޑް ހާމޮނީ އަދި ވޯކަލްސްގެ މަސައްކަތް ކޮށްފައިވަނީ އައްފާން އެވެ. އިތުުރު ގިޓާ އެއީ ނަބީލްގެ މަސައްކަތެކެވެ. އަދި ބޭސް ގިޓާ ކުޅެފައިވަނީ ޝުއާއު އެވެ. އިލެކްޓްރޯނިކް ބީޓްސް ކުޅެފައިވަނީ ސައިމަން އެވެ. މި ލަވައިގެ އޯޑިއޯ މާސްޓަރިން ހަދާފައިވަނީ މިރާހު އަލީ (ޑިޖިޓަލް ފްލޮކް) އެވެ.

އާ ލަވަ 'ތަރަވެފަ' ނެރުމާ ގުޅުވައިގެން ބޭންޑުން ވަނީ ބައެއް ކަހަލަ ތަކެތި ވިއްކަން ފަށާފައި

'ތަރަވެފަ' ލަވައިގެ ވީޑިއޯ ހަދާފައިވަނީ ޝެޕާޑްއާ ގުޅިގެންނެވެ. މިއީ އަންނަ ބުދަ ދުވަހު އޮލިމްޕަހުގައި އެޅުވުމަށް ތައްޔާރުވަމުން އަންނަ 'ދޯދި' ފިލްމުގެ ޕްރޮޑިއުސަރުން ވެސް މެ އެވެ.

ބޭންޑުން ފާހަގަކުރާ ގޮތުގައި މި ލަވަ ހާއްސަ ވަނީ އެހާ ދުވަސްވަންދެން ފިކުރުކޮށް އަދި ހަދަން މަސައްކަތް ކޮށްފައިވާ ލަވަޔަކަށް ވާތީ އާއި ޝެޕާޑް އިން އެ މީހުންގެ އަމިއްލަ ޕްރޮޖެކްޓެއް ފަދައިން މިކަމަށް އަޅާލައި، އޭގެ މިއުޒިކް ވިޑިއޯ އެހާ ފުރިހަ ކުރުމުންނެވެ.

އަދި ބޭންޑުން އެން9 ސްޓޫޑިއޯ އިން ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީއަށް ކެނޑިނޭޅި ދޭ އެއްބާރުލުމަށް ޝުކުރު އަދާ ކުރެ އެވެ.

ބޭންޑުން ވަނީ މި ލަވަ ނެރުމާ ދިމާކޮށް ބައެއް ތަކެތި ވިއްކަން ފަށާފަ އެވެ. އޭގެ ތެރޭގައި ޕިން، ސްޓިކާ، ޓީޝާޓް އަދި ޕޯސްޓަރު ހިމެނެ އެވެ.

މި ލަވަ ޔޫޓިއުބްގެ އިތުރުން، އެޕަލް މިއުޒިކް އާއި ސްޕޮޓިފައި ފަދަ ހުރިހާ ޕްލެޓްފޯމަކުން ސްޓްރީމް ކުރެވޭނެ އެވެ. 

ކޮމެންޓް (2)

އަމިއްލަ ރާގު

25 ޖެނުއަރީ 2026
ވަރަށް ޅެންވެރިކަން ފުރިހަމަ ވާނެ. މިސާލަކަށް ސަންދޯއް، ކަފުން، އައިމިނައިދީ އަހައްމަދު ކޮއެ، ވަޅު ދާނި، ކުކުޅު ހާ. މިހެން ބަސްތަކެއް ކިޔާފަ ބެރެއް ޖަހާލފާ އަމުނައިގަތީމަ އެ ނިމުނީ. އެއޮތީ އަމިއްލަ ރާގެއް.
6 4

ޗަކޮއި

26 ޖެނުއަރީ 2026
@އަމިއްލަ ރާގު ޗަކޮއި ހަދާލަބަލަ ޅެމެއް ދެން.
0 3

އިތުރު އާޓިކަލް

އިތުރު އާޓިކަލް